ބަންގްލަދޭޝް

ދެ ކުއްޖަކު މަރާލި ހަ މީހަކު މަރަން ބަންގްލަދޭޝް އިން ހުކުން ކޮށްފި

Nov 9, 2015

ޑާކާ، (ބީބީސީ) - ތޭރަ އަހަރުގެ ދެ ފިރިހެން ކުއްޖަކު މަރާލުމުގެ ވަކި ދެ މައްސަލައެއްގައި ހަ މީހަކު މެރުމަށް ބަންގްލަދޭޝް ގައި ހުކުން ކޮށްފިއެވެ.

އެއް މައްސަލައަކީ ރިކްޝޯ ބައިސްކަލެއް ވަގަށް ނަގަން އުޅުނު ކަމަށް ބުނެ އަލާމް ރާޖަންގެ ގައިގާ ތަޅާ މަރާލި މައްސަލައެވެ. މި މައްސަލައިގާ ހަތަރު މީހެއްގެ މައްޗަށް މަރުގެ ހުކުން އިއްވިއެވެ. އިތުރު ހަ މީހަކު ވަނީ ޖަލަށް ލުމަށް ހުކުން ކޮށްފައެވެ.

މި ކުއްޖާ މަރާލުމުގަކއި ބައިވެރިވި މީހުންގެ ތެރޭން އެކަކު އެ ކުއްޖާ މަރާލިތަން އޭނާގެ ފޯނުން ރެކޯޑު ކުރިއިރު، މި ވީޑިއޯ ފެތުރި އާންމުންގެ މެދުގައި މި ހާދިސާއަށް ބޮޑު ސަމާލުކަމެއް ލިބި ގާތިލުންނާއި މެދު ރުޅިވެރިކަން އުފެދުނެވެ. ރާޖަންގެ މަރާއި ގުޅިގެން އިންސާފު ހޯދައިދިނުމަށް ގޮވާލައި ބަންގްލަދޭޝްގައި އެތައް މުޒާހަރާއެއް ކުރިއެވެ.

ދެވަނަ މައްސަލައިގާ ކާރު މެކޭނިކުންގެ ދެމީހަކު ވަނީ އެމީހުން ކައިރީގައި މަސައްކަތް ކުރަން އުޅުނު ކުއްޖަކު ވަޒީފާ ދޫކޮށްލުމުން އައި ރުޅީގައި އަނިޔާކޮށް މަރާލާފައެވެ. ވައްކަމުގެ މައްސަލަތައް ޕޮލިހަށް ރިޕޯޓް ކުރުމުގެ ބަދަލުގައި އާންމުންގެ ތެރޭން މީހުން ނުކުމެ ވައްކަން ކުރި ކަމަށް ޝައްކު ކުރެވޭ މީހުންނަށް "އަދަބު" ދިނުމަކީ ބަންގްލަދޭޝްގައި އާންމު ކަމެކެވެ.