ރޯދަ މަސް

ރޯދަމަހުން އިބްރަތް ލިބިގަންނާށެވެ

އިސްލާމީ ޝަރީޢަތުގެ އެންގެވުންތަކުގައި ނިމުމެއްނުވާ ސިއްރުތަކެއްވެއެވެ. ވިސްނާ ފިކުރުކޮށްފި ކޮންމެ މީހަކަށް ފުދޭނޭ ނަސޭހަތާއި އިރުޝާތުތަކެއްވެއެވެ. އެފަދަ ކަންކަމުގެ ތެރެއިން ރަމަޟާންމަހަކީވެސް ނަފްސު އިޞްލާޙު ކުރުމަށްޓަކައި ލައްވާފައިވާ މަތިވެރި ފުރުޞަޠެކެވެ. އެ މައްސަރަކީ ދަރުސްތަކާއި ފިލާވަޅުތަކުން ފުރިފައިވާ މައްސަރެކެވެ. ތެދުވެރި އިޚްލާޞްތެރި އަޅުތަކުންނަށް އެ މައްސަރުގެ ޢިބްރަތްކާއި، ހަނދާންކޮށްދިނުންތަކަކީ އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ހެޔޮކަމުގެ މަތީގައި ދެމިހުރުމަށް ލިބޭ ތަމްރީނެކެވެ. އެ މައްސަރު ނިމިދިޔުމުގެ ކުރީން ކޮންމެ މުސްލިމަކުވެސް އޭނާގެ ނަފްސު އިޞްލާޙުކޮށް، ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނާންޖެހޭނެއެވެ.

ރަމާޟާންމަސް އަޅުގަނޑުމެންނާ ވަކިވުމުގެ ވަގުތު ކުޑަތަންވެފައިވާއިރު، އެމައްސަރުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފާފައިވާ މީހުންނަށް އުފާވެރިކަން ހުއްޓެވެ. ރަމަޟާންމަހާ ބައްދަލުވެ، އެ މައްސަރުގެ ހެޔޮކަމަށް ފުރަގަސްދީފި މީހާއަކަށްވުރެ ބޮޑު އަބާއްޖަވެރިއަކު ނުވެއެވެ. ހެޔޮކަމުން މަޙުރޫމުވެފައިވާ މީހަކު މެނުވީ، އެމައްސަރާ ބައްދަލުވެ، އޭނާގެ ޢަމަލުތައް އިޞްލާޙު ނުކޮށްހުރެ މަސް ނިގިން ދިޔަ ނުދޭނެއެވެ.
އިންސާނާގެ ޢުމުރަކީ އެފަދަ އެއްޗެކެވެ. ރޯދަމަސް އައިސް އަޅުގަނޑުމެންނާ ބައްދަލުކޮށްފައި ދާފަދައިން، އުމުރުވެސް ފާއިތުވެގެން ހިނގައިދާނެކަން ހަނދާން ކުރާށެވެ.

ކޮންމެ މަހެއް ފެށޭކަން އިޢުލާނު ކުރަމުން އަންނަ ހުޅަވިހަނދު ދައްކައިދެނީ އެފަދަ މިސާލެކެވެ. ކުޑަކުޑަ ރޮދިފަށެއް ފަދައިން އުޑުމަތީގައި ހުންނަ ހަނދު، ބޮޑުވަމުންގޮސް، އޭގެ އަލިކަން ފުރިހަމަވެސް މުޅި އުޑު ދިއްލާއި، ސާދަވިލޭރޭގެ ހަނދެއްގެ އަލިކަން ދިނުމަށްފަހު، އުނިވަމުން، ކުޑަވަމުން ގޮސް، ކަޅުފޮއެ ގރޭތަކެއްގެ އަނދިރިމަށް ބަދަލުވެގެން ދެއެވެ. އިންސާނާ މިދުނިޔޭގައި ހޭދަކުރާ ވަގުތުތަކަކީވެސް އެފަދައިން ނިމިގެންދާ ދުވަސްތަކެކެވެ. ޅަފަތުގެ އާރެއް ބާރެއް ނެތް ތުއްތު ކުއްޖެ ކަމުގައިވެފައި، ޒުވާންކަމުގެ ޖޯޝާއި ބާރުޖެހިފައިވާ ދުވަސަތަކަށްފަހު، ދެން އަންނެއްކާވެސް، މުސްކުޅިވެ ގައިބާރުނެތި، އެހެންމީހުންގެ އެހީއަށް ޖެހިފައިވާ ދުވަސްތަކެއް ދެކެއެވެ.

އުމުރު ފާއިތުވެގެން ދިޔުމާއި، ދުވަސްތައް ހަފްތާތަކަށް ބަދަލުވެ، ހަފްތާތައް މައްސަރުތަކަށް ބަދަލުވެ، މަސްތައް އަހަރުތަކަށް ބަދަލުވެގެން ފާއިތުވަމުން ދިޔުމަކީ ދުނިޔޭގެ ކަން ހިނގާ ގޮތެވެ. މަސް ފެށޭ ދުވަސް ނުވަތަ ނިމޭ ދުވަސް އެނގުމަކުން ފައިދާއެއް ނެތެވެ. ފައިދާއެއް އޮތީ، ދުވަސްތަކާއި ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފައިފި މީހަކަށް އެކަންޏެވެ.

ދުނިޔޭގެ ވަގުތުތައް ޣާފިލުކަމުގައި ނަގާލައި، އުރެދުނު މީހުން، މާތް ﷲ ގެ ޢަޒާބާ ބައްދަލުވާހިނދު، ހެޔޮ ޢަމަލު ކުރުމަށް އަލުން ދުނިޔެއަށް ފޮނުވުން އެދި ގޮވާނޭކަމުގައި ކީރިތު ޤުރްއާނުގައި ވަނީ ޚަބަރު ދެއްވާފައެވެ. އެމީހުންނަށް ޖަވާބު ދެއްވައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿ أَوَلَمْ نُعَمِّرْكُمْ مَا يَتَذَكَّرُ فِيهِ مَنْ تَذَكَّرَ وَجَاءَكُمُ النَّذِيرُ ﴾ (فاطر 37) މާނައީ: "ހަނދުމަކުރާނެ މީހަކު އެދުވަސްތަކުގައި ހަނދުމަކުރާހާ ދުވަހު، ތިމަންއިލާހު ތިޔަބައިމީހުންގެ ޢުމުރު ނުދަންމަވަމު ހެއްޔެވެ؟ އަދި އިންޒާރު ކުރައްވާ ބޭކަލަކު ތިޔަބައިމީހުންގެ ގާތަށް ވަޑައިގަތެވެ."

އަދިވެސް ވަޙީކުރައްވާފައިވެއެވެ. ﴿ يَوْمَئِذٍ يَتَذَكَّرُ الْإِنْسَانُ وَأَنَّى لَهُ الذِّكْرَى * يَقُولُ يَا لَيْتَنِي قَدَّمْتُ لِحَيَاتِي ﴾ (الفجر 23 – 24) މާނައީ: "އެދުވަހުން އިންސާނާ ހަނދުމަކުރާނެތެވެ. އެ ހަނދާންކުރުމަކުން އޭނާޔަށް ފައިދާއެއްކުރާނީ ކޮންފަދައަކުން ހެއްޔެވެ؟ * އެދުވަހުން އޭނާ ބުނާނެތެވެ. އޭ ސަހަރޯއެވެ! ތިމަންގެ އާޚިރަތުގެ ޙަޔާތަށްޓަކައި ހެޔޮ ޢަމަލެއް ކުރެވުނުނަމަ ކިހާރަނގަޅުވީސް ހެއްޔެވެ؟"
ހެޔޮ ޢަލުތަކެއް ކޮށްފައި ނުވާނަމަ، އިންސާނާގެ ޢުމުރުގެ އެއްވެސް ފައިދާއެއް ނެތެވެ. ޤިޔާމަތް ދުވަހުގައި ހެޔޮކަމުގެ ތިލަފަތް ބަރުވެއްޖެ މީހާއަކީ ކާމިޔާބުވެއްޖެ މީހެކެވެ. އަދި އެމީހެއްގެ ހެޔޮކަމުގެ ތިލަފަތް ލުއިވެއްޖެ މީހއަކީ ގެއްލެނިވެ ހަލާކުވެއްޖެ މީހެކެވެ. މާތް ﷲ އަށް ކިޔަމަންގަނެ، ތަޤުވާވެރިވީ މީސްތަކުންނަށް ހަނދުމަކޮށްދެއްވަމުން މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿ يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَلْتَنْظُرْ نَفْسٌ مَا قَدَّمَتْ لِغَدٍ وَاتَّقُوا اللَّهَ إِنَّ اللَّهَ خَبِيرٌ بِمَا تَعْمَلُونَ ﴾ (الحشر 18) މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲއަށް ތަޤުވާވެރިވާށެވެ! އަދި ކޮންމެ ނަފްސެއްމެ، މާދަމައަށްޓަކައި ކޮށްފައިވާ ޢަމަލެއް ބަލައިފާހުށިކަމެވެ! އަދި ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! ހަމަކަށަވަރުން، ﷲ އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

މީހަކު އައިސް ކީރިތި ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި ދެންނެވިއެވެ. "އޭ ﷲ ގެ ރަސޫލާއެވެ! އެންމެ ހެޔޮވެގެންވާ މީހަކީ ކޮބައިހެއްޔެވެ؟" ޙަދީޘްކުރެއްވިއެވެ. «مَنْ طَالَ عُمُرُهُ، وَحَسُنَ عَمَلُهُ» "އެމީހަކަށް ދިގު އުމުރެއް ދެއްވުމުން، ހެޔޮ ޢަމަލުތަކެއް ކޮށްފައިވާ މީހާއެވެ." އެހިނދު އޭނާ ދެންނެވިއެވެ. "މީސްތަކުންގެ ތެރެއިން އެންމެ ނުބައި މީހަކީ ކޮބައިހެއްޔެވެ؟" ޙަދީޘް ކުރެއްވިއެވެ. «مَنْ طَالَ عُمُرُهُ وَسَاءَ عَمَلُهُ» "އެމީހަކަށް ދިގު އުމުރެއް ދެއްވުމުން، ނުބައި ޢަމަލުތަކެއް ކޮށްފައިވާ މީހާއެވެ." (ރިވާކުރެއްވީ އަލްއިމާމުއް ތިރްމިޒީއެވެ.)

ރަމަޟާންމަހަކީވެސް އަހަރުގެ މައްސަރުތަކުގެ ތެރެއިން މައްސަރެކެވެ. އެހެން މަސްތަކެކޭ އެއްފަދައިން އެ މަސްވެސް ފެށިފައި ނިމިގެންދެއެވެ. މީސްތަކުންވަނީ ދެބަޔަކަށެވެ. އެމައްސަރުގައި ހެޔޮ ޢަމަލުތައް ކުޅަ މީހުންނަނާއި، އެމައްސަރުގެ މާތް ދުވަސްތަކާމެދު ޣާފިލުވެ، ނުބައި ޢަމަލުތަކުގެ މަތީގައި ދެމިތިބި މީހުންނެވެ. އާޚިރަތުގައި ހެޔޮ ޢަމަލުތައް ކޮށްފައިވާ މީހާއަށް ހެޔޮ ޖަޒާ ލިބޭނެއެވެ. އަދި ނުބައި ޢަމަލުތައް ކޮށްފައިވާ މީހާގެ ނުބައިކަމާއި ގެއްލިނަކަންހުރީ ހަމަ އޭނާގެ ނަފްސަށެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿ يَوْمَ تَجِدُ كُلُّ نَفْسٍ مَا عَمِلَتْ مِنْ خَيْرٍ مُحْضَرًا وَمَا عَمِلَتْ مِنْ سُوءٍ تَوَدُّ لَوْ أَنَّ بَيْنَهَا وَبَيْنَهُ أَمَدًا بَعِيدًا وَيُحَذِّرُكُمُ اللَّهُ نَفْسَهُ وَاللَّهُ رَءُوفٌ بِالْعِبَادِ ﴾ (آل عمران 30) މާނައީ: "ކޮންމެ ނަފްސެއްމެ، ހެޔޮކަމުގެ ތެރެއިން، އެ ނަފްސެއް ކުޅަކަމަކާއި، ނުބައިކަމުގެ ތެރެއިން، އެ ނަފްސެއް ކުޅަކަމެއް ހާޒިރު ކުރައްވާފައިވާތީ ދެކޭނޭ ދުވަސް ހަނދުމަކުރާށެވެ! އެދުވަހުން އެ ނަފްސެއް ކުޅަ ނުބައިކަމަކާއި، އެ ނަފްސަކާ ދެމެދު އެތަކެއް ދުރުމިނެއް ހުންނާނެނަމައޭ އުއްމީދުކޮށް އެކަމަށް އެދޭނެތެވެ. ﷲ، އެކަލާނގެ ޢުޤޫބާތަށް ތިޔަބައިމީހުން ބިރުވެރިތިކުރައްވަތެވެ. ﷲއީ، އަޅުތަކުންނަށް ނުހަނު އޯގާވަންތަ ރަސްކަލާނގެއެވެ."

ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޙަދީޘެއްގެ މާނައިގައިވެއެވެ. "ދުނިޔޭގައި އެންމެ ބޮޑު ތަނަވަސްކަމާއި އުފަލާއި އަރާމުގައި ދިރިއުޅުނު، ނަރަކަވަންތަވެރީންގެ ތެރެއިން މީހަކު، ޤިޔާމަތް ދުވަހު ގެނެވޭހުއްޓެވެ. ދެން އޭނާ ނަރަކައިގެ ތެރެއަށް ކުޑަހިނދުކޮޅަކަށް ގަންބަވައިލެއްވޭހުއްޓެވެ. އެއަށްފަހު އޭނާއަށް ބުނެވޭނެތެވެ. "އޭ އާދަމުގެ ދަރިޔާއެވެ! ކަލޭ ދުނިޔޭގައި އެއްވެސް އުފަލެއް އަރާމެއް ދުށީމު ހެއްޔެވެ؟ ކަލެއަށް އެއްވެސް ނިޢުމަތެއް ލިބުނުހެއްޔެވެ؟" އޭނާ ދަންނަވާހުއްޓެވެ. "ނޫނެކެވެ. ﷲ ގަންދީ ދަންނަވަމެވެ."

ދެން ދުނިޔޭގައި އެންމެ ދަތި އުނދަގޫ ހާލުގައި ދިރިއުޅުނު، ސުވަރުގެވަންތަވެރީންގެ ތެރެއިން މީހަކު ޤިޔާމަތް ދުވަހުގައި ގެނެވޭ ހުއްޓެވެ. އަދި އޭނާ ސުވަރުގެއަށް ކުޑަހިނދުކޮޅަކަށް ވެއްދެވޭހުއްޓެވެ. އެއަށްފަހު އޭނާއަށް ބުނެވޭނެތެވެ. "އޭ އާދަމުގެ ދަރިޔާއެވެ! ތިބާ ދުނިޔޭގައި އެއްވެސް ދަތިކަމެއް އުނދަގުލެއް ދުށީމުހެއްޔެވެ؟ ތިބާއަށް އެއްވެސް ނުތަނަވަސްކަމެއް ކުރިމަތިވި ހެއްޔެވެ؟" އޭނާ ދަންނަވާނެއެވެ. "ﷲ ގަންދީ ދަންނަވަމެވެ. މިއަޅާއަށް އެއްވެސް ދަތިކަމެއް ކުރިމައްޗެއް ނުވެއެވެ. އަދި މިއަޅާ އުނދަގުލެއް ދެކިފައިވެސް ނުވަމުއެވެ." (ރިވާކުރެއްވީ އަލްއިމާމު މުސްލިމުއެވެ.)

މިޙަދީޘްގެ ޝަރަޙައަކީ، ދުނިޔޭގައި ޣާފިލުކަމުގައި، ދުނިޔޭގެ އުފަލާއި އަރާމުގައި ކިތަންމެ ދުހަކު އުޅުނު ކަމުގައިވިޔަސް، މާތް ﷲ އަށް އުރެދިފައިވާނަމަ، އަދި އެއިލާހު ނަހީކުރެއްވި ކަންތައްތަކުގައި އުމުރު ހޭދަކޮށްލާފައިވާނަމަ، ނަރަކައިގެ އެންމެ ހިނދުކޮޅެއްވެސް މުޅި ދުނިޔޭގެ ނިޢްމަތްތަކަށްވެރު މާނުބައިވެގެންވެއެވެ. ހަމައެފަދައިން، މި ދުނިޔޭގައި ކިތަންމެ ދަތިޙާލުގައި، ކިތަންމެ ބުރައެއްގައި އުޅެފައިވީނަމަވެސް، މާތް ﷲ އަށް އުރެދިފައި ނުވާނަމަ، ސުވަރުގޭގެ ނިޢްމަތްތަކުން ކުޑަ ހިނދުކޮޅަކީވެސް އޭނާ އުފުލި ބުރައާއި ދަތިޙާލަތު އެއްކޮށް ހަނދާން ނައްތުވައިލާވަރުގެ ނިޢްމަތްތަކެކެވެ.

ވީމާ، ދުނިޔޭގެ މަދު ވަގުތުކޮޅަކަށްޓައި، އާޚިރަތުގެ އަބާއްޖަވެރިކަމާއި، މާތް ﷲ ގެ ކޯފާއަށް ވަންނަޖެހޭފަދަ ނުބައި ޢަމަލުތަކުން އެއްކިބާވާށެވެ. ދުނިޔޭގެ މި ޙަޔާތުގައި އާޚިރަތަށްޓަކައި ކުރި ހެޔޮ ޢަމަލަކުން މެނުވީ ފައިދާއެއް ނެތެވެ.