ކޮންމެ އިންސާނަކީވެސް މިދުނިޔޭގައި މަދު ވަގުތުކޮޅެއްގެ މެހެމާނެކެވެ. ދުނިޔޭގެ މި ޙަޔާތަކީ ދަތުރެކެވެ. ކީރިތ ރަސޫލާ صلى الله عليه وسلم ވަނީ މި ޙަޔާތުގެ ޙަޤީޤަތް ބަޔާންކޮށްދެއްވާފައެވެ. ޢަބްދު ﷲ ބުނު މަސްޢޫދު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެއްފަހަރަކު ކީރިތި ރަސޫލާ صلى الله عليه وسلم ކުނަލެއްގެ މަތީގައި އަވަހާރަފުޅު ލެއްޕެވިއެވެ. އެކަލޭގެފާނު ހޭފުޅުލެއްވި އިރު، އެ އެކަލޭގެފާނުގެ އަރިކަށިފުޅުގައި އެކުނަލުގެ އަސަރުތަށް ފާޅުވެ، ވަރުނަގައިފައި ހުއްޓެވެ. އެހިނދު ތިމަން ދެންނެވީމެވެ. ކަލޭގެފާނު އަވަހާރަފުޅު ލެއްޕެވުމަށް އަޅުގަނޑުމެން ތަންމަތިކޮޅެއް ފަތުރައިދިނުން ކީއްތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. "ތިމަންކަލޭގެފާނާއި މިދުނިޔެއާ ހުރީ ކޮން ގުޅުމެއް ހެއްޔެވެ؟ ދުނިޔޭގައި ތިމަންކަލޭގެފާނުގެ މިސާލަކީ ދަތުރު ކުރަމުންދިޔަ އަސްވާރަކު، ވަރުބަލިވެގެން ގަހެއްގެ ހިޔަލުގައި މަޑުކޮށްލުމަށްފަހު، އޭނާގެ މަންޒިލަށް ދިޔުމަށްޓަކައި ދަތުރުފެށި މީހެއްގެ މިސާލެވެ." (ރިވާކުރެއްވީ އަލްއިމާމުއް ތިރުމިޒީއެވެ.)
މުއުމިނު އަޅުތަކުން މިދުނިޔޭގައި ކުރިޔަށްދާންވީ މަގުވަނީ ދީނުގައި ބަޔާޏްކޮށްދެއްވާފައެވެ. އެއީ ކީރިތިވަންތަ ﷲ ގެ ރުއްސެވުން ލިބޭނޭ މަގެވެ. އެއިލާހަށް ކިމަންގަނެ، އެއިލާހު ނަހީކުރެއްވި ކަންކަމުން އެއްކިބާވުމުގެ މަގެވެ. ތިމާއަކީ މާތް ﷲ ގެ އަޅުތަކުންކުރެ އަޅެއްކަން ޔަޤީންކުރާ ޙާލު، އެއިލާހަށް ފުރިހަމައަށް އަޅުކަން އަދާކުރުމަށް އޭނާ މަސައްކަތްކުރެއެވެ. ކޮންމެ މުސްލިމަކުވެސް މިޙަޔާތުގައި ދަތުރު ކުރަނީ އޭނާގެ ވެރިރަސްކަލާނގެ މަޢުރިފާކޮށް ދެނެގަތުމުގެ މަގުންނެވެ. އޭނާގެ ދިރިހުރުމާއި މަރުވުމާއި އަދި ދުނިޔޭގައި ކުރާ ހުރިހާ ޢަމަލުތަކެއްވެސް މިލްކުވެގެންވަނީ މާތް ﷲ އަށްކަން އޭނާ ޤަބޫލުކުރާ ޙާލުގައެވެ.
މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿ قُلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّهِ رَبِّ الْعَالَمِينَ (162) لَا شَرِيكَ لَهُ وَبِذَلِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ ﴾ (الأنعام:162-163) މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުންގެ ނަމާދާއި، ތިމަންކަލޭގެފާނުގެ އެހެނިހެން އަޅުކަންތަކާއި، ތިމަންކަލޭގެފާނުގެ ދިރިހުންނެވުމާއި، ތިމަންކަލޭގެފާނުގެ އަވަހާރަވުންވަނީ، ޢާލަމުތަކުގެ ވެރި ﷲ އަށެވެ. * އެކަލާނގެއަށް އެއްވެސް ޝަރީކަކު ނުވެއެވެ. އަދި ތިމަންކަލޭގެފާނަށް އަމުރު ކުރައްވާފައިވަނީ އެގޮތަށެވެ. އަދި ތިމަންކަލޭގެފާނީ (މި އުއްމަތުގެ) މުސްލިމުންކުރެ، އެންމެ ފުރަތަމަ މީހާއެވެ."
މުއުމިނު އަޅާގެ މިދަތުރު ފެށެނީ އޭނާ ދުނިޔެއަށް އަންނަ ހިސާބުންނެވެ. އުފަންވާ ކޮންމެ ކުއްޖަކުވެސް އުފަންވަނީ ފިޠުރަތުގެ މަތީގައި ކަމަށާއި، އެ ކުއްޖާ ޔަހޫދީއަކަށް، ނުވަތަ ނަޞާރާއަކަށް ނުވަތަ މަޖޫސީއަކަށް ހަނދަނީ އޭނާގެ މައިންބަފައިންކަމުގައި ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ޙަދީޘް ކުރައްވާފައެވެ. މި ޙަދީޘުން އެނގޭގޮތުގައި ކޮންމެ ކުއްޖަކުވެސް އުފަންވަނީ ފިޠުރަތުގެ މަތީގައެވެ. އެބަހީ އެއްކައުވަންތަ ކަމުގެ ޢަޤީދާގެ މަތީގައެވެ. ދެން އޭނާގެ ޢަޤިދާ ބަދަލުވަގެންދަނީ އޭނާއަށް ލިބޭ ތަރުބިއްޔަތެއްގެ ސަބަބުންނެވެ.
މުއުމިނު އަޅާ ދުނިޔޭގައި ކުރަމުންދާ ދަތުރުގެ ނިމުމަކީ އޭނާ މި ދުނެޔެއާ ވަކިވެގެންދާ ހިސާބުންނެނެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿ وَاعْبُدْ رَبَّكَ حَتَّى يَأْتِيَكَ الْيَقِينُ ﴾ (الحجر:99) މާނައީ: "އަދި ކަލޭގެފާނުގެ އަރިހަށް ޔަޤީންވެގެންވާ ކަންތައް (އެބަހީ: މަރު) އަތުވެއްޖައުމަށް ދާނދެން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް އަޅުކަން ކުރައްވާށެވެ!"
އިންސާނާގެ މިދަތުރުގައި އޭނާގެ މަގަށް ހުރަސްއަޅާނޭ މަގުފޭރޭ ފަރާތްތަކެއް ވެއެވެ. އަދި އޭނާއާ ދެކޮޅުވެރިވެފައިވާ ޢަދާވާތްތެރިއަކުވެސް ވެއެވެ. މާތް ﷲ ގެ ދަރުބާރުން ބޭރުކޮށްލެވުނު ހިނދު އިބިލީސްވަނީ، އިންސާނުން މަގުފަރައްދާނޭ ކަމުގައި ބުނެފައެވެ. އޭނާގެ ބަސްތައް އަންގަވައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿قَالَ فَبِمَا أَغْوَيْتَنِي لأَقْعُدَنَّ لَهُمْ صِرَاطَكَ الْمُسْتَقِيمَ (16) ثُمَّ لآتِيَنَّهُم مِّن بَيْنِ أَيْدِيهِمْ وَمِنْ خَلْفِهِمْ وَعَنْ أَيْمَانِهِمْ وَعَن شَمَآئِلِهِمْ وَلاَ تَجِدُ أَكْثَرَهُمْ شَاكِرِينَ﴾ (الأعراف 16-17) މާނައީ: "އެކަލޭގެ ދެންނެވިއެވެ. އިބަރަސްކަލާނގެ ތިމަންނާ ތެދުމަގުން އެއްކިބާ ކުރައްވައި، ލެހެއްޓެވިކަމުގެ ސަބަބުން، ހަމަކަށަވަރުން، އެއުރެން އިބަރަސްކަލާނގެ ތެދުމަގަށް ވާޞިލުވުމަށް ހުރަސް އަޅާހުށީމެވެ. * ދެން އެއުރެންގެ ކުރިމަތިންނާއި، ފަހަތުންނާއި، އެއުރެންގެ ކަނާތްފަރާތުންނާއި ވާތްފަރާތުން (ވަސްވާސްދިނުމަށް) އެއުރެންގެ ގާތަށް ތިމަން އަންނަ ހުށީމެވެ. އަދި އޭގެ ގިނަމީހުންނަކީ، ޝުކުރުކުރާ މީހުން ކަމުގައި އިބަރަސްކަލާނގެ ދެކެވޮޑިއެއް ނުގަންނަވާނޫއެވެ."
ނަމަވެސް މުއުމިނު އަޅުތަކުންގެ މައްޗަށް އިބިލީހަކަށް އެއްވެސް ބާރެއް ނުފޯރުވޭނޭކަމުގައި މާތް ﷲ ވަނީ އަންގަވާފައެވެ. ﴿ إِنَّ عِبَادِي لَيْسَ لَكَ عَلَيْهِمْ سُلْطَانٌ إِلاَّ مَنِ اتَّبَعَكَ مِنَ الْغَاوِينَ ﴾ (الحجر 42) މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އަޅުންގެ މައްޗަށް ކަލޭގެއަކަށް ބާރު ލިބިގެނެއްނުވެއެވެ. މަގުފުރެދިގެންވާ މީހުންގެތެރެއިން ކަލޭގެއަށް ތަބާވާ މީހުން މެނުވީއެވެ."
ވީމާ، ޝައިޠާނާގެ މަގަށް ތަބާ ނުވުމަށް މާތް ﷲ ވަނީ އަންގަވާފައެވެ. އެ ޝައިޠާނާ އަމުރުކުރާކަން ކަށަވަރީ، ފާހިޝް ޢަމަލުތަކާއި މުންކަރާތްތަކަށެވެ. އެޝައިޠާނާގެ މަގަށް ތަބާވެއްޖެ މީހަކަށް އާޚިރަތުގައި ހުރީ މާތް ﷲ ގެ ނުރުއްސެވުމާއި، ގަދަފަވެގެންވާ އަޒާބެވެ.
ރަމަޟާންމަސް ނިމުމާއެކު ކަސްތޮޅު އެޅުވިފައިވާ ޖިންނި ޝައިޠާނުންތައް ވީއްލިގެންދެއެވެ. އެއާއެކު ތިމާގެ އަމިއްލަށް ނަފްސުގެ އެދުންތަކާއި ޝައިޠާނާއަށް ތަބާވެއްޖެ މީހަކީ މާތް ﷲގެ މަގުން އެއްކިބާވެ މަގުފުރެދިގެންވާ މީހެކެވެ. ވީމާ، ހެޔޮ ޢަމަލުތަކުގެ މަތީގައި ދެމިތިބުމަށް ހަނދާންކޮށްދެމެވެ. މި މާތް މައްސަރުގައި ހެޔޮ ޢަމަލުތަކުގެ މަތީގައި ދެމިތިބިފަދައިން އަހަރުގެ ބާކީ އޮތް ދުވަސްތަކުގައިވެސް ހެޔޮ ޢަމަލުކުރުން މަތީގައި ދެމިތިބުމަށް ހަނދާންކޮށްދެމެވެ.