ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މިއަދުވެސް 238 ކުއްޖަކު ކޮވިޑަށް ޕޮޒިޓިވް

މިދިޔަ ސައުވީސް ގަޑިއިރުތެރޭ 238 ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ނޫސްވެރިންގެ ބައްދަލްވުންތައް މިވަގުތު ޗެއާ ކުރައްވާ ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ މިއަދު ޕޮޒިޓިވްވީ 1،204 މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނޭ ކަމަށެވެ. އެގޮތުން 238 ކުދިން ހިމެނޭ ކަމަށް ވިދާޅުވިއެވެ.

އަދި ދޮށީ އުމުރުގެ 36 މީހަކު ހިމެނޭ ކަމަށް ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު މި ފަހުން ކޮންމެ ދުވަހަކު 70 އާއި 80 އާ ދެމެދުގެ އަދަދަކަށް ކުޑަކުދިން ކޮވިޑަށް ޕޮޒިޓިވްވަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެެޗްޕީއޭ) އިން ވަނީ ބުނެފައެވެ.

ކުޑަކުދިންނަށް ކޮވިޑް-19 ޖެހުމުން ފެންނާނެ އަލާމާތްތަކެއް ވެއެވެ. ކުޑަކުދިންގެ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް ވަނީ އެފަދަ ބައެއް ނުރައްކާތެރި އަލާމާތްތައް ވިދާޅުވެ ދެއްވާފަ އެވެ.

ކުޑަކުދިނަށް ކޮވިޑު ޖެހުމުން ފެންނާނެ ނުރައްކާތެރި އަލާމާތްތަކުގެ ތެރޭގައި ނޭވާ ކުރުވުމާއި ‏މެއަށް ތަދުވުމާއި ފެން މަދުވެ ހަ ގަޑިއިރު ވާއިރު ވެސް ހީސް ނުލުން ފަދަ ކަންކަމާއި ބިހި ނެގުމާއި ދޮންފޫޑުވުމާއި ލޯ ރަތްވުމާއި ‏އާދަޔާ ހިލާފަށް ވަރުބަލިވުން ވެސް ހިމެނެ އެވެ.

މީގެ އިތުރުން ކުދިންނަަށް ‏ވާނުވާނޭގުމާއި ‏ގިނައިން ނިދުމަކީ ވެސް ކޮވިޑް ޖެހިފައިވާކަން ދެނެގަނެވިދާނެ އަލާމަތެކެވެ.
އެހެން އުމުރުފުރާތައް ފަދައިން ގުނަވަނެއް ޓުރާންސްޕުލާންޓްކޮށްފައި ހުރުމާއި ‏ނޭވާހިއްލުން ކޮންޓްރޯލް ނުވެ ހުރުމާއި ‏ހަކުރު ބައްޔާއި ‏ހިތުގެ ބަލި އަދި ‏ބަރުދަން މަތިވުމުގެ މައްސަލަ ހުންނަ ކުދިންނަށް ކޮވިޑް ޖެހިއްޖެ ނަމަ ނުރައްކާ ބޮޑެވެ.