ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކޮވިޑް ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒު ކުރެއްވުމަށް ރައީސް އަންގަވައިފި

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކޮށް އެ ފިޔަވަޅުތަކަށް އަމަލުކުރާކަން ކަށަވަރު ކުރުމަށް ދިވެހި ފުލުހުންގެ ހިދުމާތާއި ގައުމީ ދިފާއު ބާރު ގުޅިގެން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަންގަވައިފި އެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވަމުންދާތީ ފިޔަވަޅުތައް މިއަދު ވަނީ ހަރުކަށި ކޮށްފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ ކޮވިޑް-19 ގެ ހާލަތުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން މާދަމާއިން ފެށިގެން މާލެ ސަރަހައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ހަވީރު ހަތަރަކުން ފަތިހު ހަތަރަކާ ދެމެދު ބޭރަށް ނިކުމެ އުޅުން މަނާކ ކޮށްފައިވާ ކަމަށެވެ. މިއީ ހަފްތާއެއްގެ މުއްދަތަށް އޮތް އެންގުމެކެވެ.

އިތުރު ފިޔަވަޅުތަކެއްވެސް ވަނީ އަޅާފައެވެ. އެގޮތުން މާދަމާއިން ފެށިގެން މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމަށްވެސް ވަނީ އަންގާފައެވެ. އެހެން ކަމުން ޖަމާއަތުގައި އީދު ނަމާދު ކުރުން ނޯންނާނެ އެވެ.

އަދި މާދަމާއިން ފެށިގެން މެއި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިން ބުއިމުގެ ހިދުމަތް ދިނުން ހުއްޓާލުމަށްވެސް އަންގާފައިވެއެވެ. ނަމަވެސް ޕޮލިސް ޕާމިޓާއެކު މެންދަމު 12 އާއި ހަމައަށް ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށެވެ. އެޗްޕީއޭއިން ބުނީ ޑައިޑްލއިންއާ ހިލާފުވާ ވިޔަފާރިތައް 24 ގަޑިއިރަށް ބަންދު ކުރާނެ ކަމަށެވެ.

ބުރާސްފަތި ދުވަހުން ފެށިގެން ދެކުނު އޭޝިޔާގެ ގައުމުތަކުގެ ޓޫރިސްޓުންނަށް ޓުއަރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލަން ނިންމާފައިވާ ކަމަށްވެސް މިއަދުގެ އެންގުމުގައި ބުނެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ދެންމެ ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ އާ ފިޔަވަޅުތައް ތަންފީޒުކޮށް އެ ފިޔަވަޅުތަކަށް އަމަލުކުރާކަން ކަށަވަރު ކުރުމަށް ދިވެހި ފުލުހުންގެ ހިދުމާތާއި ގައުމީ ދިފާއު ބާރު ގުޅިގެން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަންގަވާފައިވާ ކަމަށެވެ.

ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 11،629 މީހުންނެވެ. މިހާތަނަށް 26،795 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 247 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް މަރުވީ 87 މީހަކު މަރުވެފައިވެއެވެ. އިއްޔެވެސް ތިން މީހަކު މަރުވެފައިވެއެވެ. މިދިޔަ ހަތް ދުވަހަކީ ޕޮޒިޓިވް ކޭސްތަކާއި މަރުތަކުގައި ވެސް ރެކޯޑެކެވެ. އެއް ދުވަހު ހަތް މީހަކު މަރުވި އެވެ. އެއީ ބުރާސްފަތި ދުވަހުއެވެ. ހުކުރު ދުވަހު ހަތަރު މީހުން މަރުވިއެވެ.