ޖުލައި 26، 1999 ގައި ރާއްޖޭގެ 34 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ 2020 ވަނަ އަހަރަށް ރާއްޖެއިން ހާސިލު ކުރަން ކަނޑައަޅާފައިވާ ތަސައްވުރެއް ރައްޔިތުންނާ ހިއްސާ ކުރައްވައިފަ އެވެ. އަދި ހާއްސަ ކޮމިޓީއެއް އެކުލަވާލައްވައި އެކަމާ ގުޅޭ ވަރަށް ތަފްސީލީ ފޮތެއް "ދާއިރާތަކުގެ މާރެސް" މި ނަމުގައި ނެރުއްވި އެވެ. އަވަސްގެ މި އެޑިޝަންގައި ބަލާލައިފައިވާނީ 2020 އަށް ކަނޑައަޅާފައިވާ އަމާޒުތައް ހާސިލް ކުރެވުނު މިންވަރަށެވެ.
70%
ހާސިލްވެފަ
ދިވެހި ގައުމިއްޔަތު

މިނިވަންކަމާއި ސިޔާދަތު

މިނިވަން ކަމުގެ ރޫހާއި ގައުމިއްޔަތު ދިރުވުން.
ދިވެހި ރާއްޖެއަކީ ފުރިހަމަ މިނިވަންކަމާއި، ސިޔާދަތު ދަމަހައްޓާ، އަދި އެކަން ރައްކާތެރިކޮށް ހިމާޔަތް ކުރުމުގެ ގާބިލިއްޔަތުކަން ލިބިފައިވާ ގައުމަކަށް ވާނެ ކަމަށް 2020 ގެ ތަސައްވަރުގައި ވަނީ ހިމަނާފަ އެވެ. މީގެ އިތުރުން ރާއްޖޭގެ ރައްޔިތުންނަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުގެ އަގުވަޒަންކުރާ އަދި އެކަންކަމަށް ކުރިމަތިވެދާނޭ ނުރައްކާތެރި ކަންކަމާމެދު ހޭލުންތެރިވެފައިވާ އަދި އެކަން ރައްކާތެރިކޮށް ދެމެހެއްޓުމުގެ ކުޅަދާނަކަން ލިބިފައިވާ ބައެއް ކަމުގައި ވާނެ ކަމަށާއި، ކޮންމެ ދިވެހި ދަރިއަކީވެސް ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމަށްޓަކައި ކެރިގެން ކުރިމަތިލާ ފަރުދަކަށް ވާނެކަމަށް ތަސައްވަރުގައި ވަނީ ހިމަނާފަ އެވެ. އަދި ގައުމުގެ ދިފާއުގައި ރައްޔިތުންގެ އައްޑަނައެއްގެ ގޮތުގައި ހަރަކާތްތެރިވާ ހަރުދަނާ، ގާބިލު ސިފައިންގެ ބާރެއް އޮންނާނެކަމަށްވެސް ވަނީ ކަނޑައަޅާފަ އެވެ. ތަސައްވަރު ހާސިލް ކުރުމަށްޓަކައި މިނިވަން ކަމުގެ ރޫހާއި ގައުމިއްޔަތު ދިރުވުމާއި، ދިފާއީ އޮނިގަނޑު ހަރުދަނާ ކުރުމުގެ އިތުރުން، ކުދި ގައުމުތަކުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުން ވަނީ ހިމަނާފަ އެވެ. އެހެން ނަމަވެސް ގައުމިއްޔަތު ދިރުވުމަށް މިހާތަނަށް އައި އިރުވެސް، މާ ބޮޑެތި މަސައްކަތްތަކެއް ނުކުރެވެއެވެ.
ދިފާއީ އޮނިގަނޑު ހަރުދަނާ ކުރުން.
މިއަދާ ހަމަޔަށް އައި އިރު، ރައީސް މައުމޫން އެކުލަވާލެއްވި ތަސައްވަރުގައި ވާފަދައިން ދިވެހި ރާއްޖެއަކީ ފުރިހަމަ މިނިވަންކަމާއި، ސިޔާދަތު ދަމަަހައްޓާ އެކަން ރައްކާތެރިކޮށް ދެމެހެއްޓުމުގެ ގާބިލިއްޔަތުކަން ލިބިފައިވާ ގައުމެކެވެ. 2020 ގެ ތަސައްވަރުގައި ހިމަނާފައިވާގޮތަށް ގައުމާއި، ރައްޔިތުންގެ ދިފާއުގައި އައްޑަނައެއްގެ ގޮތުގައި ހަރަކާތްތެރިވާ ހަރުދަނާ ގާބިލު ސިފައިންގެ ބާރެއް ރާއްޖޭގައި އެބަ އޮތެވެ. އެހެން ނަމަވެސް، ކޮންމެ ދިވެހި ދަރިއަކީ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމަށްޓަކައި ކެރިގެން ކުރިމަތިލާ ފަރުދަކަށް ހެދުމަށް މާގިނަ މަސައްކަތްތަކެއް ކުރެވިފައެއް ނުވެއެވެ.

އިސްލާމްދީން

ދީނީ ހޭލުންތެރިކަން އިތުރުކުރުން
ހުރިހާ ދިވެހިންނަކީ އިސްލާމްދީނުގެ މާތް އުސޫލުތަކާއި، އެއްގޮތްވާގޮތުގެ މަތިން، އަގީދާއާއި، އަމަލާއި، އަހުލާގު ހަރުދަނާ ބައެއްގެ ގޮތުގައި ދެމިތިބޭ ބަޔަކަށްވާނެ ކަމަށާއި، ދިވެހިންނަކީ އެއްދީނެއްގެ އަހުލުވެރި، އެއްބަހަކުން ވާހަކަދައްކާ، އެއްބައިވަންތަ މުޖުތަމައުއެއްގެ ގޮތުގައި ދެމިތިބޭ ބަޔަކަށް ވާނެ ކަމަށް ތަސައްވަރުގައި ހިމަނާފައިވެއެވެ. ތަސައްވަރުގައި އެކަން ހިމަނާފައިވާ ގޮތަށް އަޅުގަނޑުމެން މިއަދުވެސް މިތިބީ އިސްލާމްދީނުގެ ހިދާޔަތުގަ އެވެ. އެހެން ނަމަވެސް، ދީނީ ސައްހަ މައުލޫމާތު ނުލިބުމުގެ ސަބަބުން ހައްދުފަހަނޭޅުމާއި ކަންކަން ރާއްޖޭގައި މިހާރު ފެތުރިގެންގޮސްފައިވެ އެވެ.
މިސްކިތްތަކުގެ ދައުރު ފުޅާކުރުން
އެ ތަސައްވަރު ހާސިލްކުރުމަށްޓަކައި، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ބޭނުންވާ ސައްހަ މައުލޫމާތު ރައްޔިތުންނަށް ފޯރުވައިދިނުމާއި، މިސްކިތްތަކުގެ ދައުރު ފުޅާ ކުރުމާއި، މީހުން ބުނާ ކުރުމާއި، ދީނީ ފޮތްތައް ދިވެހިބަހުން ލިޔެ އާންމުކުރުމާއި، ދީނީ އެއްްބައިވަންތަކަން ދެމެހެއްޓުމާއި، އިސްލާމީ ކަންތައްތައް ހިންގުމުގެ ދާއިރާ ހަރުދަނާ ކުރުމާއި، ކީރިތި ގުރުއާނުގެ މަރުކަޒެއް ގާއިމް ކުރުމުގެ އިތުރުން ސިވެހިންގެ އިސްލާމީ ސަހުސިއްޔަތު ހަރުދަނާ ކުރުމަށް ވަނީ ނިންމާފަ އެވެ. މިކަންތައްތަކުގެ ތެރެއިން ބޮޑު ބައެއް ހާސިލްކޮށްފައިވާ އިރު، މިސްކިތްތަކުގައި ދީނީ ދަރުސްދިނުމާއި، ގުރުއާން ކްލާސްތައް ހިންގުން ފަދަ ކަންކަން ކުރަމުން ގެންދެ އެވެ.

ދިވެހި ބަހާއި ތާރީހާއި ސަގާފަތް

ދިވެހި ބަހުގެ އަދަބިއްޔާތު ކުރިއެރުވުން.
ދިވެހިންނަކީ އެއްދީނެއްގެ އަހުލުވެރި، އެއްބަހަކުން ވާހަކަދައްކާ، އެއްބައިވަންތަ މުޖުތަމައުއެއްގެ ގޮތުގައި ދެމިތިބޭ ބަޔަކަށް ވާނެ ކަމަށާއި، ދިވެހި ބަހަށް ލޯބިކުރާ، އަދި ފުހުރުވެރިކަމާއެކު، ދިވެހި ސަގާފަތާއި އާދަކާދަ ދަމަހައްޓާ ބަޔަކަށް ދިވެހިން ވާނެ ކަމަށާއި، އަމިއްލަ ދިރިއުޅުމުގައްޔާއި މަސައްކަތުގައި ހަމަ ގަބޫލު ކުރާ، އަދި މަސްއޫލިއްޔަތު އުފުލާ ޒިންމާދާރު ބައެއްގެ ގޮތުގައި ދިވެހިން ދެމިތިބޭނެ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. ދިވެހި ބަސް ކުރި އެރުވުމަށް ނުވަތަ އެ ބަސް މުއްސަނދި ކުރުމަށް މިހާތަނަށް ކުރިއެރުންތައް ހޯދާފައިވެ އެވެ.
ތާރީހުގެ ރޮނގުން ދިރާސާ ކުރުން
ދިވެހި ތާރީހަކީ ފުރިހަމައަށް ދިރާސާކުރެވިފައިވާ އަދި އޭގެ ސަބަބުން ދިވެހިންގެ ސަގާފަތާއި އާދަކާދަތައް އަންގައިދޭ އަދި ކުރިމަގު ބިނާކުރުމަށްޓަކައި ފަސްމަގުގެ ތަޖުރިބާތައް ހާމަކޮށްދޭ އެއްޗަކަށްވާނެ ކަމަށްވެސް ބުނެފައިވެ އެވެ. މީގެ އިތުރުން، ދިވެހިބަހާއި އަދަބިއްޔާތު ކުރިއަރުވައި، ދިވެހި ތާރީހާބެހޭ މައުލޫމާތު އެއްކޮށް ދިރާސާކުރާ އަދި ތާރީހީ ތަންތަނާއި ތަކެތި ހޯދައި ރައްކާތެރިކޮށް ބަލަހައްޓައި، އަދި ބަހާއި ތާރީހާ ގުޅޭގޮތުން އިތުބާރުކުރެވޭ މައުލޫމާތުދޭ، ދުނިޔެ ގަބޫލުކުރާ ފެންވަރުގެ މަރުކަޒެއް ގާއިމުކުރެވިފައި ހުންނާނެކަމަށްވެސް ވަނީ ބަޔާންކޮށްފަ އެވެ. މީގެ އިތުރުންވެސް ހަދާނީ މަރުކަޒުތަކާއި ކުތުބުހާނާ އާއި، އާދަކާދަ ހިފެހެއްޓުމާއި، ސަގާފީ ކުޅިވަރު ދިރުވާއާލާ ކުރުމާއި، މަސައްކަތްތެރިކަން ދިރުވުންވެސް ވަނީ އޭގެ ތެރޭގައި ހިމަނާފަ އެވެ. މިކަންކަމުގެ ތެރެއިން މަދު ކަމެއް ފިޔަވާ ދެން ހުރި ހުރިހާ ކަމެއް ހާސިލް ކުރެވިފަ އެވެ. އަދި މިހާރު ތާރީހާ ބެހޭ ހާއްސަ ވުޒާރާއެއްގެ ދަށުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

ދުނިޔޭގައި ދިވެހިރާއްޖެ

ބޭރުގެ ގައުމުތަކާއި ގުޅުން ބަދަހި ކުރުން
ދިވެހިންގެ މިނިވަންކަމާއި، ސިޔާދަތު ރައްކާތެރިކޮށް، ރާއްޖެ ގަބޫލު ކުރާ އުސޫލުތަކާއި، ބައިނަލްއަގުވާމީ މިންގަނޑުތަކާއި އެއްގޮތްވާގޮތުގެ މަތިން ގައުމަށް އެންމެ ފައިދާހުރި ގޮތެއްގައި ދުނިޔޭގެ މަޝްރަހުގައި ހަރަކާތްތެރިވަމުންދާ ގައުމެއްގެ ގޮތުގައި ރާއްޖެވާނެ ކަމަށް އެ ތަސައްވަރުގައި ވަނީ ހިމަނާފަ އެވެ. އަދި ރާއްޖެއަކީ ކުދި ގައުމުތަކަށް ދިމާވާ މައްސަލަތަކަށް ބައިނަލްއަގުވާމީ މުޖްތަމައު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބާރުއެޅުމުގައި އިސްރޯލެއް އަދާކުރާ ގައުމަކަށް ވާނެ ކަމަށާއި ތަރައްގީގެ މަގުގައި ކުރިއަށް ދިއުމަށްޓަކައި ބައިނަލްއަގުވާމީ މައިދާނުންނާއި ހާރިޖީ ދާއިރާއިން ލިބެންހުރި އެކި ފުރުސަތުތަކާއި މަދަދު ފުޅާކުރުމަކީވެސް ކުރަމުންގެންދާނޭ ކަމެއްކަމަށް ހިމަނާފައިވެ އެވެ. 2020 ގެ ތަސައްވަރުގައި ހިމަނާފައިވާ ގޮތަށް ބޭރު ދުނިޔޭގައި ރާއްޖެ ބޮޑެތި ކުރިއެރުންތައް ހޯދި އެވެ. ގިނަ އެމްބަސީތައް އަޅާ އާ ގައުމުތަކާ ގުޅުން ބަދަހިކޮށްފައިވެސް ވެއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި ފަލަސްތީނުގެ މައްސަލަ ފަދަ އެތައް ކަމެއްގައި ރާއްޖެ ބަސް ބުނެ އިސް ނަގާފައިވެ އެވެ.
56%
ހާސިލްވެފަ
އިޖުތިމާއީ ދާއިރާ

އާއިލީ ގުޅުމާއި އޯގާތެރި މުޖުތަމައު

އާއިލީ ހަމަތަކާއި ކުޑަކުދިންގެ ހައްގުތައް ހޯދައިދިނުން
ދިވެހި މުޖުތަމައުއަކީ މިިހާރަަށްވުރެ ބޮޑަށް އާއިލީ ގުޅުންތައް ބަދަހި، އޯގާތެރި މުޖުތަމައުއަކަށް ވާނެ ކަމަށް 2020ގެ ތަސައްވުރުގައި ވަނީ ހިިމަނާފަ އެވެ. ކުދިން ބޮޑުވަމުން އަންނަ މާހައުލަކީ އޯގާތެރި މާހައުލަކަށްވެ، އުމުރުން ދުވަސްވީ މީހުންްނަށް އާއިލާގެ ގަދަރާއި ލޯބި ލިބޭނެ ކަމަށް ވެ އެވެ. މިއަދާ ހަމައަށް އައި އިރު ރާއްޖޭގައި ކައިވެނީގެ ނިސްބަތް އިތުރުވުމާއެކު ވަރީގެ ނިސްބަތްވެސް ދިޔައީ އިތުރުވަމުންނެވެ. އެންމެ ފަހުގެ ބޯހިމެނުމުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އުމުރުން 30 އަހަރު ވާ އިރު އަންހެނުންގެ 20 ޕަސެންޓް އަދި ފިރިހެނުންގެ 14 ޕަސެންޓް، އެއް ކައިވެންޏަށް ވުރެ ގިނަ ކައިވެނިކުރެ އެވެ. އަދި އުމުރުން 20 އަހަރާއި 24 އަހަރާ ދެމެދުގެ އަންހެނުންގެ ތިންބައިކުޅަ އެއްބައި މީހުން ތިބެނީ ވިހައިފަ އެވެ. މީގެ އިތުރަށް، ވަރީގެ ނިސްބަތުން އަންހެނުން ކުރީގައި އުޅޭކަން ފާހަގަ ކުރެވެ އެވެ. މިއާއެކު، ވޭތުވެދިިޔަ އަހަރުތަކުގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް މަސައްކަތްތަކެއް ވަނީ ފަށާފަ އެވެ. 1991ގެ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިި ކުރުމުގެ ގާނޫނަށް ބަދަލު ގެނެސް ރާއްޖޭގައި ދިރިއުޅޭ ކޮންމެ ކުއްޖަކަށްވެސް އެއްވެސް ތަފާތުކުރުމެއް ނެތި އުނގެނުމުގެ ހައްގު ލިބޭނެ ގޮތް ވަނީ ހަދާފަ އެވެ.
ހާއްސަ އެހީގެ ހަައްގުތަކާއި އާއިލީ ރައްކާތެރި ކަމުގެ ނިޒާމެއް
ދެމިގެންދާ އާއިލާތައް މަދުވުމާއި ހަރަދު ބެލެހެއްޓުމަށް ދެމަފިރިން މަސައްކަތް ކުރަން ޖެހުމާއެކު އާއިލާތައް ވަކިން ދިރިއުޅެން ޖެހޭނެ ކަމަށް 2020ގެ ތަސައްވުރުގައި ވަނީ ހިމަނާފަ އެވެ. މީގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާނެ ފަރާތްތައް މުޖުތަމައުގައި އެކަހެރި ނުކޮށް ހިދުމަތްތައް ފޯރުކޮށްދިނުމުގައި ވަސީލަތްތައް ތަނަވަސްކުރުން ހިމެނެ އެވެ. ހަމަ އެއާއެކު ހެލްތު އިިންޝުއަރެންސް އާއި ޕެންޝަން ސްކީމް ތައާރަފުކޮށް ފަންޑުތަކުގައި ހުރި ފައިސާ ކެޕިޓަލް މާކެޓުގައި ހިއްސާ ކުރާނެ ކަމަށް ވެ އެވެ. ހާއްސަ އެހީއަށް ބޭނުންވާ ކުދިން މުޖުތަމައުގައި ބާކީ ނުކުރުމުގެ ގޮތުން 2015 ވަނަ އަހަރު ވަނީ 10 ކުއްޖަކަށް ސަރުކާރުން ވަޒީފާ ހަމަޖައްސައިދީފަ އެވެ. މީގެ އިތުރުން، ސްޕެޝަލް އެޑިއުކޭޝަން ތައާރަފުކޮށް 2017 ވަނަ އަހަރު ކިޔަވައިދޭ ހުރިހާ ސްކޫލަކަށް ސެން ޓީޗަރުން ހަމަޖެއްސިި އެވެ. އިޖުތިމާއީ ރައްކާތެރި ކަމުގެ ނިޒާމެއް ގާއިމް ކުރުމުގެ ގޮތުން 2009 ވަނަ އަހަރުގެ ޕެންޝަން ގާނޫނަށް ބަދަލު ގެނެސް ވަޒީފާ އަދާ ކުރާ މުވައްޒަފުން ރިޓަޔަމަންޓު ޕެންޝަން ސްކީމުގައި ބައިވެރި ކުރަން ވަނީ އަންގާފަ އެވެ.

އަަންހެނުންނާއި ފިރިހެނުންގެ ހަމަހަމަަ ކަން

ސިޔާސީ މައިދާނުގައި އަންހެނުންގެ ހަރަކާތްތެރިކަން
އަންހެނުން ސިޔާސީ މައިދާނުގައި ހަރަކާތްތެރި ވުމަށް މަގުފަހި ކުރުމުގެ ގޮތުން ކަންކަން ރޭވުމާއި ނިންމުމުގެ ގާބިލްކަން އަންހެނުންގެ ކިބައިގައި އުފެއްދުމަށް ތައުލީމާއި ތަމްރީނު ދިނުމަށް 2020ގެ ތަސައްވުރުގައި ވެ އެވެ. އަދި އަަންހެނުން ސިޔާސީ ގޮތުން ހަރަކާތްްތެރި ވުމުގެ މުހިއްމު ކަމާމެދު ދެ ޖިންސަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް އަމިއްލަ ޖަމާއަތްތަކާ ގުޅިިގެން ހިންގާނެ ކަމަށް ވެ އެވެ. ސިޔާސީ މައިދާނުގައި އަންހެނުން ބާރުވެރި ކުރުވުމުގެ ގޮތުން މި އަހަރު ވަނީ، ލޯކަލް ކައުންސިލް އިންތިހާބުގައި ސިޓީ ކައުންސިލްތަކުން އަންހެނުންނަށް ހާއްސަކޮށް 12 ގޮނޑި ހަމަޖައްސާފަ އެވެ. މީގެ އިތުރުން، 2008 ގެ ގާނޫނު އަސާސީއިން އެކުލަވާލައި ހަތް ފިރިހެނުންނާއެކު ހިންގި ސުޕްރީމް ކޯޓުގެ ބެންޗަށް ފުރަތަމަ ފަހަރަށް ދެ އަންހެން ފަނޑިޔާރުންވެސް އައްޔަން ކުރީ މި އަހަރު އެވެ.
އަަންހެނުންނާ މެދު ކުރާ ނޭދެވޭ އަމަލުތައް ނައްތާލުން
އަންހެނުންނާމެދު ކުރެވޭ ނޭދެވޭ އަމަލުތައް ރިޕޯޓު ކުރުމާއި ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް ހަރުދަނާ ނިޒާމެއް ގާއިމްކޮށް ތަންފީޒު ކުރުމަށް 2020ގެ ތަސަައްވުރުގައި ވަނީ ހިމަނާފަ އެވެ. ނޭދެވޭ އަމަލުތަކުން ރައްކާތެރި ވުމަށާއި ލިބޭ އަނިޔާތަކުން ފަރުވާ ހޯދުމަށް ބޭނުންވާ ކައުންސިލިން އާއި ސިއްހީ ހިދުމަތް ހަމަޖެއްސުމާއި އަނިޔާ ލިބޭ މާހައުލުން ދުރުކޮށް ވަގުތީ ހިޔާތައް ދިނުން ފަދަ ތަންތަން ހަމަޖެއްސުންވެސް ހިމެނެ އެވެ. މީގެ އިތުރުން، މި ކަންކަމާމެދު ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގާ ހާއްސަ ތަމްރީނުތައް ދިނުންވެސް ހިމެނެ އެވެ. އަންހެނުންނާމެދު ކުރާ ނޭދެވޭ އަމަލުތައް ރިޕޯޓު ކޮށް އެ ވާޙަކަތައް ދައްކާ ހައްލު ހޯދުމަށް މަސައްކަތް ކުރި މިންވަރު މިހާރު ވަނީ އިތުރުވެފަ އެވެ. 2016 ވަނަ އަހަރު ވަނީ ޖިންސީ ގޯނާގެ ކުށް ސާބިތު ކުރުމަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން، ވީޑިއޯ ރެކޯޑުތަކުން ލިބޭ ހެކިވެސް ކޯޓުގައި ބަލައިގަންނާނެ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. މީގެ އިތުރުން، ޖިންސީ ކުށުގެ ޝީކާރައަށްވާ މީހުންނަށް ހިލޭ ކައުންސިލިން ދިނުމުގެ ޕްރޮގްރާމްތައް ހިންގުމާއި ތަފާތު އެކިކަހަލަ ޖިންސީ ކުށް ކޮށްގެން ހުކުމް ކޮށްފައިވާ ފަރާތަތަކުގެ މައުލޫމާތު ހިމެނޭ ދަފްތަރެއް ފެމިލީ ޕްރެޓްކަޝަން އޮތޯރިޓީ (އެފްޕީއޭ) އިން މި އަހަރު ވަނީ ނިންމާފަ އެވެ.

ތައުލީމާއި ތަމްރީން

ތައުލީމުގެ ފެންވަރު މަތި ކުރުން
2020ގެ ތަސައްވުރުގައި ރާޢްޖޭގައި ކިޔަވައިދޭ ސްކޫލްތަކުގެ ޖާގަ ތަނަވަސްކޮށް އުނގަންނަނައި ދިނުމުގެ ވަސީލަތްތައް އިތުރު ކުރަން ޖެހޭނެ ކަމަށް ތަސައްވުރުގައި ލަފާ ކޮށްފައި ވެ އެވެ. ކިޔައިވައިދޭ ޓީޗަރުންނަކީ އާއްމު ތައުލީމުގެ ފެންވަރު މަތި މުދައްރިސް ކަމުގެ ތަމްރީނު ލިބިފައިވާ ބަޔަކަށް ހެދުމާއި ކިޔަވައިދިނުމުގައި ބޭނުންކުރާ ވަސީލަތްތަކަކީ ިއިންޓަނެޓް ފަދަ ޒަމާނީ ވަސީލަތްތަކަށް ހެދުމަކީ މުހިއްމު ކަމެއް ކަމަށް ތަސައްވުރުގައި ވެ އެވެ މީގެ އިތުތުން، ކޮންމެ ސްކޫލަކީ އެއްދަންފަޅި އަށް ކިޔަވައިދޭ ސްކޫލަކަށް ހެދުމަށް ވަނީ ތަސައްވުރުގައި ހިމަނާފަ އެވެ. ހަމައެއާއެކު މަންހަޖު ހަރުދަނާ ކުރުމުގެ ގޮތުން ގައުމީ މަންހަޖެއް އެކުލަވާލުން ހިމެނެ އެވެ. ރާއްޖޭގެ ތައުލީމީ ފެންވަރަށް ބަލާއިރު، ރާއްޖޭގައި ކިޔަވައިދިނުމުގެ ފެންވަރު މަތި ކުރުމުގެ ގޮތުން، ބައެއް ސްކޫލްތަކުގައި ކިޔަވައިދިނުމަށް މަލްޓިމީޑިއާ ކްލާސްތައް ފެށި އެވެ. 2016 ވަނަ އަހަރު ވަނީ ހަތަރު އަހަރު ތެރޭ ސްކޫލްތަކުގައި ކިޔަވައިދޭ ހުރިހާ ޓީޗަރުން ޑިގްރީ ފެންވަރަށް ކިޔެވުމަށް ބޮޑު މަޝްރޫއެއް ކަނޑައަޅާފަ އެވެ. ސްކޫލްތަކުގައި އެއް ދަންފަޅިއަށް ކިޔަވައިދޭން ފެށުމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ތައާރަފު ކުރެއްވި ސިޔާސަތަކެވެ. މިހާރުގެ ސަރުކާރުން ވަނީ މި ސިޔާސަތުގެ ދަށުން އެއް ދަންފަޅި އަށް ސްކޫލްތައް ބަދަލު ކުރަން ނިންމާފަ އެވެ. ކިޔަވައިދިނުމުގެ އާ ގައުމީ މަންހަޖެއް ތައާރަފުކޮށް ފިޔަވަހިތަކަށް ބަހާލައިގެން މަސައްކަތް ކުރަން ފެށީ 2015 ވަނަ އަހަރު އެވެ. އެއަށްފަހު، މި އަހަރު ވަނީ އެ މަންހަޖު އިސްލާހު ކުރުމުގެ މަސައްކަތް ފަށާފަ އެވެ.
ލާމަރުކަޒީ އުސޫލުން ހިންގުމާއި ތައުލީމު ދޭ ވަސީލަތްތައް އިތުރުކުރުން
ތައުލީމީ ހިންގުން ހަމަޖެހިގެންދާނީ ލާ މަރުކަޒީ އުސޫލުން ކުރިއަށްގެންދާ ގޮތަށް ކަމަށް 2020ގެ ތަސައްވަރުގައި ވެ އެވެ. ދިރާސާގެ މައްޗަށް ރޭވުންތައް ރާވައިގެން ތައުލީމީ ކަންކަން އަމިއްލަ އަށް ރާވައި ހިންގުމުގެ ކުޅަދާނަކަން އަތޮޅާއި ރަށާއި އުނގަންނައިދޭ ތަންތާނގެ ފެނަވަރުގައި ލިބޭނެ ގޮތް ހެދުމަށް ހިމަނާފައި ވެ އެވެ. މީގެ އިތުރުން، ތައުލީމީ ދާއިރާގައި އަމިއްލަ ފަރާތްތަކުގެ ހިއްސާ އިތުރުކޮށް އެކި ދާއިރާތަކުން މީހުން ބިނާ ކުރުމަށް ފުރުސަތުތައް ދިނުން ހިމެނެ އެވެ. މިކަމަށް އެހީވުމަށް، މަތީ ތައުލީމަށް ލޯން ސްކީމު ހަމަޖެއްސުން ހިމެނެ އެވެ. ރާއްޖޭގައި ހިންގާ ސްކޫލްތައް ކައުންސިލްތަކަށް ހިންގުމުގެ ވިސްނުން 2018 ވަނަ އަހަރު އެޑިއުކޭޝަނުން ގެންގުޅުއްވި ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. އެހެންނަމަވެސް، އެ އުސޫލު ކަނޑައެއް ނާޅައި ސްކޫލުތަކުން ހިންގުން އެޑިއުކޭޝަނުގެ ދަށުން ކުރިއަށް ގެންދިޔަ އެވެ. މަތީ ތައުލީމުގައި ރާއްޖޭގައި އެމްކިޔުއޭގެ ހުއްދަ އާއެކު އަމިއްލަ ފަރާތްތަކުން ހިންގާ 8 ކޮލެޖު އެބަ ހުއްޓެވެ. މީގެ ތެރެއިން ބައެއް ކޮލެޖުތަކަކީ އަތޮޅުތަކުގައިވެސް ކޯސްތައް ހިންގާ ތަންތަނެވެ. ހަމައެއާއެކު، ދެ ޔުނިވާސިޓީ އެއް މާލޭގައި ހިންގާ އިރު އެ ޔުނިވާސިޓީގެ ކޯސްތައްވެސް އަތޮޅުތެރޭގައި ހިންގަ އެވެ. މީގެ އިތުރުން، މަތީ ތައުލީމު ލޯން ސްކީމްތައް ތައާރަފުކޮށް ކޮންމެ އަހަރަކު ރާއްޖޭން ބޭރަށް 100 އަށް ވުރެ ގިނަ ދަރިވަރުން ފޮނުވަ އެވެ.

ސިއްހަތު

ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހިފެހެއްޓުން
ސިއްހީ ދާއިރާއިން ދެމުންދާ ހިދުމަތްތައް ފުޅާވާއިރު ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ފެންވަރު ބަލާ މޮނިޓާ ކޮށް ހަރުދަނާ ނިޒާމެއް ތަންޒފީޒު ކުރާނެ ކަމަށް 2020 ގެ ތަސައްވުރުގައި ވެ އެވެ. އެއީ ޒަމާނާ ގުޅޭ، އިތުބާރާއި ފެންވަރުހުރި ނިޒާމަކަށް ވާން ވާނެ އެވެ. ރާއްޖޭގައި މީހުން އުޅޭ ކޮންމެ ރަށެއްގައިވެސް އެ ރަށެއްގައި މީހުން ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އަސާސީ ސިއްހީ ފަރުވާ ލިބޭނެ ކަމަށްވެ އެވެ. އަދި، އަތޮޅު ފެންވަރުގައި ހިދުމަތްދޭ ހޮސްޕިޓާ ތަކުގައި އޮޕަރޭޝަން ކުރުމާއި ލެބޯޓަރީ ޓެސްޓުތައް ހެދުމާއި ސްޕެޝަލިސްޓުން އިތުރު ކުރުން ހިމެނެ އެވެ. ކޮމަންވެލްތުގެ ހެލްތު ރެކޯޑުތަކުން ދައްކާ ގޮތުން ރާޢްޖޭގައި 13 އަތޮޅު ހޮސްޕިޓަލަކާއި، 87 ހެލްތު ސެންޓަރުގެ އިތުރުން 37 ހެލްތު ޕޯސްޓު އަތޮޅު ތެރޭގައި މިހާރު ހުރެ އެވެ. މީގެ އިތުރުން، ޓާޝަރީ ފެންވަރަށް 10 ހޮސްޕިޓަލް ރާއްޖޭގައި ތަރައްގީ ކުރުމުގެ މަސައްކަތް 800 މިލިއަން ރުފިޔާގެ ބަޖެޓަކުން ފަށާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ. ހާއްސަ ގޮތެއްގައި އާބާދީ ބޮޑު ސަރަހައްދުތައް ކަމަށްވާ، ކުޅުދުއްފުއްޓާއި ގަން އަދި ތިނަދޫ އާއި ހިތަދޫ ރީޖަނަލް ހޮސްޕިޓާތައް ޓާޝަރީ ފެންވަރުގައި ތަރައްގީ ކުރުމަށް ވަނީ ނިންމާފަ އެވެ.
ސިއްހީ ހިދުމަތުގެ ހަރަދު ލުއިފަސޭހަ ކުރުން
ރާއްޖޭގައި ދިރިއުޅޭ އެންމެނަށްވެސް ދެވޭ ސިއްހީ ހިދުމަތުގެ ހަރަދު ލުއިފަސޭހަ ކުރުމަށް ހެލްތު އިންޝޫރަންސްގެ ނިޒާމެއް ގާއިމް ކުރާނެ ކަމަށް 2020ގެ ތަސައްވުރުގައި ވެ އެވެ. ވަޒީފާ ދޭ ތަންތަނުން ހެލްތު އިންޝޫރަންސް ޕެކޭޖެއް ގާޢިމްކޮށް ވަޒީފާ ދޭއިރު އެ ޕެކޭޖުގައި ހިމެނުމުގެ އުސޫލު ކަނޑައަޅާނެ އެވެ. ސިއްހީ ހިދުމަތަށް ދިވެހިން ކުރާ ހަރަދު ލުއި ކުރުމުގެ ގޮތުން ރާއްޖޭގައި އެންމެ ބޮޑު މަޝްރޫއަކަށް ކުރިއަށްގެންދިޔައީ އާސަންދަ ކުންފުންޏެއް އުފައްދާ، ސިއްހީ ފަރުވާ އާއި ބޭސް ހިލޭ ކުރުމެވެ. އާސަންދަ ކުންފުނި އުފައްދާ އެ އުސޫލުގެ ދަށުން ހިދުމަތް ދޭން ފެށީ ރައީސް ނަޝީދުގެ ސަރުކާރުގަ އެވެ. އެއަށްފަހު 2017 ވަނަ އަހަރު ހުސްނުވާ އާސަންދައިގެ ނަމުގައި އެ އުސޫލަށް ބަދަލު ގެނެސް މި ހިދުމަތް އަމިއްލަ ހޮސްޕިޓާ ތަކުންވެސް ދެމުން ދެ އެވެ.

ޒުވާނުން

ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ފުޅާކޮށް ވަޒީފާ ހޯދާނެ މަގު ފަހި ކުރުން
މުޖުތަމައުގައި އެކަހެރިކޮށް އުޅެންޖެހިފައިވާ ޒުވާނުންނަށާއި މަދަރުސީ ދައުރު ފުރިހަމަ ނުކޮށް ވަކިވާ ޒުވާނުންނަށާއި ވަޒީފާ ލިބިފައި ނުވާ ޒުވާޏުންނަށް އެ ފުރުސަތުތައް ހޯދައިދިނުމަށް 2020ގެ ތަސައްވުރުގައި ވަނީ ހިމަނާފަ އެވެ. މީގެ އިތުރުން، ވަޒީފާގެ ހިދުމަތުގައި ތިބޭ އިރު ޓްރޭނިން ކޯސްތައް ހިންގުމާއި މަސައްކަތު ތަޖުރިބާގެ ކޯސްތައް ހިންގުން ހިމެނެ އެވެ. އެންމެ ފަހުގެ ބޯހިމެނުން ދައްކާ ގޮތުގައި ރާއްޖޭގައި މަސައްކަތެއް ލިބިފައި ނުވާ މީހުން ނުވަތަ "އަންއެޕްލްލޮއިމަންޓް" ނިސްބަތް 2006 އަހަރުން 2014 އަށް ބަލާއިރު ވަނީ ދަށަށް ގޮސްފަ އެވެ. ނަމަވެސް 2014 ވަނަ އަހަރު އެ އަދަދު ވަނީ އިތުރު ވެފަ އެވެ. ވަޒީފާ ހޯދަން ބޭނުންވާ ޒުވާނުންނަށް އިކޮނޮމިކް މިނިސްޓްރީން މި އަހަރު ވަނީ ޖޮބް ސެންޓަރެއް ހުޅުވާފަ އެވެ. އެ ސެންޓަރު މެދުވެރިކޮށް ވަޒީފާ ދޭ މީހުންނާއި ހޯދާ މީހުންނަށް ޒަމާނީ ވަސީލަތްތަކުގެ އެހީގައި ފުރުސަތުތައް ފުޅާވެގެންދެ އެވެ. މީގެ އިތުރުން، ވަޒީފާގައި އުޅޭ ޒުވާނުންނަށް ތަމްރީނު ދިނުމަށް ސިވިލް ސާވަންޓުންނަށް ސަރުކާރުން ވަކި ކޯސްތަކެއް ކޮންމެ އަހަރަކުވެސް ހިންގަ އެވެ.
25%
ހާސިލްވެފަ
އިގްތިސޯދީ ދާއިރާ

ބަޖެޓުގެ ދަރަނި ކުޑަ ކުރުން

ޓެކްސް ނިޒާމު ތައާރަފު ކުރުން
ދައުލަތަށް ލިބޭ ޓެކްސްއާ ބެހޭ އާމްދަނީ އިތުރު ކުރެން ހުރި ގޮތްތައް ހޯދައި ދިރާސާ ކުރެވޭނެ އެވެ. އަދި އެ ދިރާސާގެ އަލީގައި ދައުލަތަށް ލިބޭ ޓެކްސްއާ ބެހޭ އާމްދަނީގެ ބިންގާ ފުޅާކޮށް ހަރުދަނާ އަދި ޓެކްސް ދައްކާ ފަރާތް ތަކަށް ލުއި ފަސޭހަ، އިތުބާރުހުރި ޓެކްސްގެ ނިޒާމެއް ގާއިމް ކުރެވޭނެ އެވެ. މިގޮތުން ޓެކްސްއާ ބެހޭ އާމްދަނީ އިތުރުކުރުމުގައި އިގްތިސާދުގެ ވަކި ދާއިރާ އަކަށް ނުވަތަ ވަކި ބަޔަކަށް ބުރަނުވެ، ހަމަހަމަ ގޮތެއްގައި އާމްދަނީ އިތުރު ކުރެވޭނެ އެވެ. ރައީސް މައުމޫނުގެ ތަސައްވުރުގައި ބުނެފައިވާ ގޮތަށް، ރާއްޖެއަށް ޓެކްސް ނިޒާމު ތައާރަފުވެފައިވަނީ 2009 ވަނަ އަހަރު އެވެ. މިހާރު ދައުލަތަށް ލިބޭ އާމްދަނީގެ 30 ޕަސެންޓަށްވުރެ ބޮޑު ބަޔަކީ ޓެކްސްއިން ލިބޭ އާމްދަނީ އެވެ.
ސަރުކާރުން ވިޔަފާރި ނުކުރުން
ވިހި ވިހީގެ ތަސައްވުރުގައި ސަރުކާރުން ވިޔަފާރިއާ ދުރަށް ދާނެ ކަމަށް ބުނެފައިވެ އެވެ. ވިޔަފާރި ކުންފުނިތައް ވިޔަފާރި އުސޫލުން ހިންގުމާއި އަމިއްލަ ފަރާތްތަކުން މުޖުތަމައުއާއި އިގްތިސާދަށް ފައިދާކުރާނެ ގޮތަށް ކުރެވެންހުރި ވިޔަފާރިތައް ހިންގުމުން ސަރުކާރު އެއްކިބާވެ، އަމިއްލަ ފަރާތްތަކަށް އެ ފުރުސަތު ދޫކޮށްލުން ހިމެނެ އެވެ. ނަމަވެސް މިއަދުގެ ހާލަތަށް ބަލާއިރު، ސަރުކާރު ހިއްސާވާ 21 ކުންފުނި ރާއްޖޭގައި އެބައޮތެވެ. އެ ކުންފުނިތަކުން ދަނީ މެދުފަންތީގެ ގިނަ ވިޔަފާރިތަކުގައި ހަރަކާތްތެރިވަމުންނެވެ.
ދެކޮޅު ނުޖެހޭ ހަރަދާއި ބޭރުގެ ލުއި ލޯނު
ސަރުކާރުގެ ހަރަދު ކުޑަ ކުރުމުގައި ރާއްޖެއަށް ލިބޭ އާމްދަނީއާ ދެކޮޅު ޖެހޭ ވަރަށްވުރެ އިތުރަށް ކުރަން ޖެހޭ ހަރަދުތައް ބޭރުގެ ލުއި ފަސޭހަ ލޯނު އެހީ އިން ދެކޮޅު ޖެހޭ ވަރަށް ހަމަޖެއްސުމަށް ތަސައްވުރުކޮށްފައިވެ އެވެ. އަދި ލުއި ފަސޭހަ ދިގު މުއްދަތުގެ ލޯނު ހޯދައި، ރާއްޖޭން އެކްސްޕޯޓު ކުރާ މުދަލާއި ހިދުމަތުގެ އަގުގެ ނިސްބަތުން، ވީހާ ދަށް، އަދަދެއްގައި ރާއްޖޭގެ ބޭރުގެ ދަރަނި ބެހެއްޓުމަކީ މުހިންމު ކަމެއްގެ ގޮތުގައި ތަަސައްވުރު ކޮށްފައިވެ އެވެ. އެކަމަކު މިހާރުގެ ހާލަތަށް ބަލާއިރު ބޭރުގެ ދަރަނި ވަނީ ބަޖެޓުގެ ބޮޑު ޕަސެންޓެއް މަތިވެފަ އެވެ. އަދި ބޭރުގެ ލޯނުތައް އިންތިހާއަށް ވަނީ މަތިވެގެން ގޮސްފަ އެވެ.
އިންފްލޭޝަން ކުޑަ ކުރުން
ސަރުކާރު ބަޖެޓު އަހަނިކޮށް، ވޭތުވެދިޔަ އަހަރުތަކުގެ ސަރުކާރުގެ ބަޖެޓް ދަރަނި ހަމަޖެއްސުމަށްޓަކައި މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ނަގާފައިވާ ދަރަނީގެ އަނބުރާ ދެއްކުން ހިމެނެ އެވެ. އަދި ބަޖެޓުގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި ޓީ-ބިލް ފަދަ އިންފްލޭޝަން އަށް އަސަރުކުރާ އަލާތްތައް ތައާރަފު ކުރުމާއި ޑެފިސިޓް ފައިނޭންސް ކުޑަކުރާނަމަ ތަރައްގީގެ މަޝްރޫއުތަކަށް އިސްކަން ދެވޭނެ އެވެ. ވިހިވިހީގެ ތަސައްވުރުގައި ބުނެފައިވާ ގޮތަށް ޓީ-ބީލް ދަނީ ވިއްކަމުންނެވެ. ނަމަވެސް އެމްއެމްއޭއިން ދައުލަތުން ނަގާ ދަރަނި ކުޑަ ކުރުރުމުގައި ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ.
ޕެންޝަން ސްކީމް ތައާރަފު ކުރުން
ވިހިވިހީގެ ތަސައްވުރުގައި ސަރުކާރުގެ މުވައްޒަފުންގެ ޕްރޮވިޑެންޓް ފަންޑު، ގައުމީ ޕްރޮވިޑެންޓް ފަންޑަށް ބަދަލުކޮށް، މި ފަންޑަކީ ޒަމާނާ އެއްގޮތަށް ހިންގާ ފަންޑަކަށް ހަދަން ހިމަނާފައިވެ އެވެ. މުވައްޒަފުން ވަޒީފާއިން ވަކިވާ ދުވަހު ދިރިއުޅުން ހަމަޖެއްސުމަށްޓަކައި އަސާސީ އާމްދަނީއެއް ލިބޭނެ ގޮތް ހަމަޖެއްސުމަށްޓަކައި އަމިއްލަ ފަރާތްތަކުން ވެސް މި ފަންޑުގައި ބައިވެރިކޮށް، ޕެންޝަން ސްކީމެއް ތައާރަފު ކުރަން ހުށަހަޅާފައިވެ އެވެ. ވިހިވިހީގެ ތަސައްވުރުގައި ބުނެފައިވާ ގޮތަށް ޕެންޝަން ސްކީމު ވަނީ ތައާރަފުވެފަ އެވެ. އަދި މިހާރު އެ ސްކީމުގައި އެތަށް ބިލިއަން ރުފިޔާއެއް ޖަމާވެފައިވެ އެވެ. މި ފަންޑުން ހައްޖަށް ދެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފަ އެވެ.

2020 ގައި ޓޫރިޒަމް: ކުރެހި މަންޒަރާ ވައްތަރު!

ގައުމީ އެއާލައިން ޓޫރިޒަމްގެ ބާރަކަށް
މި ދާއިރާ އަށް އަންނާނެ ކަމަށް ލަފާކޮށްފައިވާ އަނެއް ބަދަލަކީ ރާއްޖެއަކީ މެދު އަދި މަތީ ފަންތީގެ މަންޒިލަކަށްވުމެވެ. އަދި ވިހިވިހީގައި ރާއްޖޭގެ ޓޫރިޒަމް އޮންނާނީ ތިމާވެއްޓާ ނިހާޔަތަށް ރައްޓެހި ދާއިރާއެއްގެ ގޮތުގައި ކަމަށް ލިޔެފައިވެ އެވެ. މިހާރު ޓޫރިޒަމް އިޝްތިހާރު ކުރަމުންވެސް ދަނީ މިއީ މައިގަނޑު އަސާސެއްގެ ގޮތުގައި ބަލައިގެންނެވެ. ޓޫރިޒަމް ތަރައްގީ ވުމުގައި ދަތުރުފަތުރުގެ މުހިންމުކަން ބޮޑެވެ. ވިހިވިހި އަންނަން ވާއިރަށް ގައުމީ އެއާލައިންއަކީ ޓޫރިސްޓުން ގެންދިއުމުގައި މައިގަނޑު އެއް އެއާލައިން އަށް ވެގެންދާނެ ކަމަށް ތަަސައްވުރުކޮށްފައިވެ އެވެ. މި ތަސައްވުރު ކާމިޔާބުނެ ރާއްޖޭގެ އެތެރޭގައި ޓޫރިސްޓުން ގެންގޮސް ގެނެސް ދިނުމުގައި މައިގަނޑު ރޯލެއް ގައުމީ އެއާލައިން "މޯލްޑިވިއަން" ދަނީ ކުރަމުންނެވެ.
ޓޫރިޒަމް އޮތީ ދިވެހިންގެ އަތްމަތީގައި ތަ؟
ވިހިވިހީގެ ތަސައްވުރުގައި 2020 އަންނަންއިރު ޓޫރިޒަމްގެ ވިޔަފާރިއަކީ ދިވެހިންގެ އަތްމަތީގައި އޮންނާނެ ވިޔަފާރިއެއް ކަމަށް ބުނެފައިވެ އެވެ. ރާއްޖޭގެ ރިސޯޓް އަދި ހޮޓާތަކުގެ ތެރެއިން ގިނަ ތަންތަނަކީ ދިވެހިންގެ ހިއްސާ ބޮޑު ތަންތަން ކަމަށް ބުނެފައިވެ އެވެ. 2020 އަށް ދާއިރު އެ ސިނާއަތު ކުރިއަރައިގެން ދިޔަނަމަވެސް ޓޫރިޒަމް ސިނާއަތާ ގުޅޭ ޝެއާ މާކެޓެއް ގާއިމް ކުރުން ފަދަ ކަންތައްތައް ކުރެވިފައެއް ނުވެ އެވެ. އަދި ޓޫރިޒަމަށް އައިސްފައިވާ ބޮޑު ބަދަލާއެކު މެނޭޖުމަންޓް ދޫކޮށްލުމާއި އޯނާޝިޕް ވިއްކާލުމުގެ ވިޔަފާރީގެ ސަބަބުން މިހާރު ޓޫރިޒަމްގެ ބޮޑުބައި އޮތީ ދިވެހިންގެ ނޫނެވެ.

2020 ގެ ބޮޑު އިހުމާލު: މަސްވެރިކަން

މީހުން ބިނާ ކުރުން: ސުމެއް
މަސްވެރިކަމަށް ބޭނުންވާ މީހުން ބިނާ ކުރުމަކީ ބޮޑު ތަސައްވުރެކެވެ. އެކަމަކު މިކަމަށް އެކަށީގެންވާ މީހުން ތަމްރީން ކުރެވިފައެއް ނުވެ އެވެ. ޓޫރިޒަމް ސިނާއަތަށް މީހުން ބިނާ ކުރަން ފެށިނަމަވެސް މަސްވެރިކަމަށް ބޭނުންވާ މީހުން ބިނާ ކުރަމުން ގޮސްފައެއް ނުވެ އެވެ. ރާއްޖޭގެ މަތީ ތައުލީމުގެ ނިޒާމުގެ ތެރެއިން ރާއްޖޭގެ ކަނޑުތަކުގެ ވަސީލަތް ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމުގެ ދާއިރާއަށް ބޭނުންވާނެ ފަންނީ މީހުން ބިނާ ކުރަން ފަށާނެ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް މި ތަސައްވުރު އެއްގޮތަކަށްވެސްހ ހާސިލްވެފައެއް ނުވެ އެވެ. ނަތީޖާއަކީ މި ދާއިރާއަށް ނުކުންނަ ދިވެހިން މަދު ވެގެން ދިއުމެވެ.
ތަފާތު މަސްވެރިކަން ތައާރަފެއް ނުވި!
ވިހިވިހި އަންނަން ވާއިރަށް ރާއްޖޭގައި ތަފާތު މަސްވެރިކަމުގެ ސިނާއަތްތައް އުފެދޭނެ ކަމަށް ތަސައްވުރު ކުރެވިފައިވެ އެވެ. ހާއްސަކޮށް މެރިކަލްޗާގެ މަސައްކަތުގައި ދިވެހިންގެ ހުރިހާ ފެންވަރެއްގެ މީހުން ބައިވެރިކޮށް، މި މަސްވެރިކަން ތައާރަފު ވާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. މީގެ އިތުރުން 2020 އަންނަން ވާއިރަށް މަސްވެރިކަމުގެ ސިނާއަތްތަނުގައި ދިވެހިންގެ ބައިބވެރިވުން އިތުރުކުރުމަށްޓަކައި ފޮރިން އިންވެސްޓްމަންޓާއި ޗޮއިންޓް ވެންޗާ އިންވެސްޓްމަންޓްތައް ފުރުސަތުތައް ރާއްޖެ އާއި ރާއްޖޭން ބޭރުން އާއްމު ކުރެވޭނެ ކަމަށް ތަސައްވުރު ކޮށްފައިބެ އެވެ.އެކަމަކު މަސްވެރިކަމުގެ ދާއިރާވެފައިވަނީ އިންވެސްޓަރުން ހޯދުން އެންމެ ދަތި އެއް ދާއިރާ އަށެވެ.
މަސްވެރިންނަށް ސްކީމްތަކެއް ނެތް!
މަސްވެރިކަމުގެ ދާއިރާގައި އުޅޭ މީހުންގެ އިތުބާރު ގާއިމް ކުރުމަށްޓަކައި ތަފާތު ސްކީމްތައް ގާއިމް ކުރެވިގެންދާނެ ކަމަށް ތަސައްވުރު ކުރެވިފައިވެ އެވެ. އިންޝުއަރެންސް ސްކީމާއި ޕެމްޝަން ސްކީމް ގާއިމް ކުރެވޭނެ ކަމަށް ބުނެފައިވެ އެވެ. އެކަމަކު 2020 އާ ހަމައަށްވެސް މިކަން ކާމިޔާބުވެފައެއް ނުވެ އެވެ. މަސްވެރިކަން މަހަށް ގޮސްގެން އާމްދަނީ ހޯދިނަމަވެސް، މި އިން ސްކީމެއްގައި ބައިވެރިވެވޭނެ ގައުމީ ފެންވަރުގެ ނިޒާމެއް ނެތެވެ. "ބެޔަސް ނުބެޔަސް" އާއި މިނޫންވެސް ސްކީމްތައް ތައާރަފު ކުރަން މަސައްކަތް ކުރިނަމަވެސް އެކަންތައް އެންމެ ފަހު ވަގުތު ދިޔައީ ފަނު ފުލުންނެވެ. މީގެ އިތުރުން މަސްވެރިކަން ފުޅާ ކުރުމަށްތަކައި ލުއި ފަސޭހަކަމާއެކު އިންވެސްޓްމަންޓް ފައިސާ ލިބޭނެ ގޮތެއްވެސް މިހާތަނަށް ލިބިފައެއް ނުވެ އެވެ.
ދިރާސާ ކުރުން: ނުކުރެވުނު ކަމެއް؟
މަސްވެރިކަން ކުރިއަރައިގެން ނުދިއުމުގައި މި ދާއިރާގައި ހުރި މައްސަލަތައް ބަދަލައި އެކަށީގެންވާ ދިރާސާތައް ހެދިފައި ނެތުން ހިމެނެ އެވެ. ވިވިހީގެ ތަސައްވުރުގައި ރާއްޖޭގެ މަސް ކަނޑުތަކާއި އެކަނޑުތަކުގެ ވަސީލަތް ހިޔާމަތް ކުރުމަށްޓަކައި ދިރާސާ ކުރާނެ ކަމަށް ބުނެފައިވެ އެވެ. އަދި ދިރާސާ ކުރުމަށް ބޭނުންވާނެ އިންރާސްޓްރަކްޗާ ގާއިމް ކުރެވޭނެ ކަމަށް ވިހި ވިއްސަށް ތަސައްވަރު ކޮށްފައިވެ އެވެ. ވިހި އަހަރު ނިމިގެންދާއިރު މި ދިރާސާ ކުރެވެމުން ދަނީ ކިހާ ވަރަކަށް ހެއްޔެވެ؟ ސުވާލަކީ މި އެވެ. މި ތަސައްވުރު ހާސިލްވެފައިވޭ ހެއްޔެވެ؟
މަސްވެރިކަން މާކެޓެއް ނުކުރެވުނު!
ދުނިޔޭގެ އެހެން ގައުމުތަކުގައި މަހުގެ އަގު ބޮޑެތި އުފެއްދުންތަކެއް އުފައްދަ އެވެ. އަދި ހާއްސަ ބާޒާރު ތަކަކަށް އެ ބޭރުކޮށްގެން ގައުމަށް ބޮޑު އާމްދަނީއެއް ހޯދަ އެވެ. ރާއްޖޭގައިވެސް އެކަން ކުރެވޭނެ ކަމަށް "2020 ގެ ތަސައްވުރު" ގައިވެ އެވެ. މަހާއި މަހުގެ އުފެެއްދުންތަކުގެ ފެންވަރާއި ރައްކާތެރިކަމުގެ ގައުމީ މިންގަނޑުތަކެއްގެ ދަށުން އުފައްދާ މޮޅު އުފެއްދުންތަކެއް ހެދޭނެ ކަމަށް ބުނެފައިވެ އެވެ. އަދި މިއާއެކު އަގު ބޮޑެތި ތަކެތި އުފެއްދުމުގައި މަގު ދައްކައިދޭނެ "ޕްރޮޑަކްޓް ރިސާޗް އެންޑް ޑިވްލޮޕްމަންޓް" ގައުމީ މައުރަޒު ގާއިމް ކުރަން ކަނޑައަޅާފައިވެ އެވެ. މީގެ އިތުރުން އެންމެ ހާއްސަ އަނެއް ކަމަކީ ރާއްޖޭގެ ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން ފިޝަރީޒް މާކެޓިން ބޯޑެއް އުފެއްދުމެވެ. ނިމިދިޔަ ސަރުކާރުން އެފަދަ ބޯޑެއް އުފެއްދި އެވެ. ނަމަވެސް އެ ބޯޑު އެކަށީގެންވާ ގޮތެއްގައި ފަންގްޝަން ނުކޮށް އުވިގެން ދިޔައީ އެވެ.
ދިވެހިންގެ އަތްމަތިން މަސްވެރިކަން ބީވުމުގެ ބިރު!
ކާބައިންގެ ޒަމާނުންފެށިގެންވެސް މަސްވެރިކަން ވެފައިވަނީ 100 ޕަސެންޓް ދިވެހިންގެ ކޮންޓްރޯލް އޮތް ދާއިރާ އަކަށެވެ. އެހެންވެ ވިހިވިހީގެ ތަސައްވުރުގައިވެސް މި ދާއިރާ އޮންނާނެ ގޮތުގައި ހިޔާލީ ގިނަ ކުރެހުންތަކެއް ގެނެސްދީފައިވެ އެވެ. މިގޮތުން މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމާއި މި ދާއިރާއިން ލިބޭ މަންފާ އެންމެންނަށް ލިބައިދޭނެ ކަމަށް ބުނެފައިވެ އެވެ. އެކަމަކު މީގެ ގިނަ ކަންތައް ނުކުރެވި މިހާތަނަށް އޮތީ ފެއިލް ވެފަ އެވެ. އަދި ރާއްޖޭގައި ދިވެހިން އާއްމުކޮށް މަސްވެރިކަން ކުރާ ސަރަހައްދު ފުޅާކޮށް، އީއީޒެޑްގަޔާއި ބައިނަލްއަގުވާމީ ކަނޑުގައި މަސްވެރިކަން ކުރަން ހިތްވަރު ދީ އެކަން ފުޅާ ކުރެވޭނެ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް މިކަން މިއަދާ ހަމައަށްވެސް އޮތީ ހިޔާލެއްގެ ގޮތުގަ އެވެ. މި ބާވަތުގެ މަސްވެރިކަން ދިވެހިންގެ ބައިވެރިވުމާއެކު ފުޅާ ކުރާނެ ގޮތުގެ ގައުމީ އެއްވެސް ޕްލޭނެއް ނެތެވެ. މަސްވެރިކަން އަމިއްލަ "ރިސްކު" ނައިގެން ބޭރު ކަނޑަށް ނުކުތުން ނޫން ކަމެއް މި ދާއިރާއަކުން ނުވެ އެވެ.
67%
ހާސިލްވެފަ
އުމްރާނީ ތަރައްގީ އާއި ތިމާވެށި

ރަށްވެހިކަން

އެއްފަސް ކުރުމުގެ ސިޔާސަތު
ގައުމުގެ ތަނަވަސްކަން ހުރި މިންވަރުން ހުރިހާ ރަށެއް އެއްފަހަރާ ތަރައްގީ ކުރުމަށް އުނދަގޫވާނެތީ 2020 ގެ ތަސައްވުރަކީ ދިރިއުޅުމުގެ ފަސޭހަތައް ލިބެން ހުރި، ބިން ބޮޑު، ފަޅު ބޮޑު ރަށްތަކަށް އަމާޒުކޮށްގެން އެއްފަސް ކުރުމުގެ ސިޔާސަތެއްގެ ދަށުން ތަރައްގީ ކުރުމެވެ. އެގޮތަށް ތަރައްގީ ކުރާނެ ސަރަހައްދުތައް ފާހަގަކޮށް ހާއްސަ ސްޓްރެޓީޖިކް ޕްލޭނެއް އެކުލަވައިލަން ޖެހޭނެ އެވެ. މިއަދާ ހަމަޔަށް އައިއިރު ސަރުކާރުތަކުން ތަރައްގީ ޕްލޭން ކުރަމުން އަންނަނީ އޭރު ތަސައްވުރު ކުރެވުނު ގޮތަށް އެއްފަސް ކުރުމުގެ ސިޔާސަތެއްގެ މައްޗަށެވެ. އެގޮތުން 2008 އަކުން 2012 ދެމެދުގައި ހދ. ނޮޅިވަރަމްފަރާއި ހަނިމާދޫއަށް އެ ސަރަހައްދުގައި ހުރި ކުދި ރަށްތަކުގައި ދިރިއުޅޭ މީހުން ބަދަލު ކުރި އެވެ. އަދި 2015 ވަނަ އަހަރު ލ. ގާދޫ ހުސްކޮށް ފޮނަދޫއަށް މީހުން ބަދަލު ކުރި އެވެ. މިހާރު އެކުލަވާލާފައިވާ ސްޓްރެޓީޖިކް ޕްލޭންގައި އޮތީ ފަސް ރަށެއް ކަނޑައަޅައި، އެ ފަސް ރަށް ވަށައިގެން 20 މޭލުގައި ހުންނަ ރަށްތަކަކީ ސަބް ރީޖަންގެ ގޮތުގައި ތަރައްގީ ކުރަން ނިންމައިފަ އެވެ.
އަސާސީ ހިދުމަތްތައް
ރާއްޖޭގެ ހުރިހާ ރަށެއްގައި އަސާސީ ހިދުމަތްތައް ގާއިމް ކުރުމަކީ 2020 އަށް ކަނޑައަޅާފައިވާ އަމާޒެކެވެ. އޭގެ ތެރޭގައި ރަށްރަށުގައި ފެނާއި ނަރުދަމާ އަދި ތިމާވެއްޓާ ރައްޓެހި ކަރަންޓުގެ ހިދުމަތް ތައާރަފް ކުރުން ހިމެނެ އެވެ. އޭގެ އިތުރުން ތައުލީމާއި ބޭސްފަރުވާ ފަދަ ހިދުމަތްތައް ހިލޭ ލިބޭނެ އިންތިޒާމް ހަމަޖައްސައި، އަންހެނުންނާއި، ކުޑަކުދިންނާއި، މުސްކުޅިންނާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވެސް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް އޮތީ ރާވައިފަ އެވެ. އިޖްތިމާއީ ސިއްހީ އިންޝޫރަންސްގެ ގައުމީ ނިޒާމެއް އެކުލަވާލައި 2011 ވަނަ އަހަރު ބޭސްފަރުވާ ހިލޭ ކުރި އެވެ. އަދި އޭރު ދަރިވަރުންނަށް ބޭނުންވާ ފޮތްލިސްޓު ފަދަ ތަކެތި ވެސް ހިލޭ ލިބޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސައިދިނެވެ. އެހެން ނަމަވެސް 2020 އަށް އަޅާއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި އަސާސީ ހިދުމަތްތައް ފުރިހަމަކޮށް ނުދެވުނެވެ. ސަރުކާރުން ހަމަ ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް ނަރުދަމާ ނިޒާމްގެ ހިދުމަތް ލިބެމުން އަންނަނީ އާބާދީގެ 57 ޕަސަންޓަށެވެ. ފެނުގެ ނިޒާމް ނެތް ނަމަވެސް ވާރޭ ފެން ނެގޭނެ ޕްލާންޓުތައް ގާއިމްކޮށްފައި ހުރެ އެވެ.
ކޮންމެ އާއިލާއަކަށް އެކަށީގެންވާ ހިޔާވެއްސެއް
ގައުމު ތަރައްގީގެ ރޭވުން އޮންނަން ޖެހޭނީ 2020 އާ ހަމަޔަށް ދާންވާއިރަށް ކޮންމެ އާއިލާއަކަށް ހިޔާވެއްސެއް ފޯރުކޮށްދެވޭނެ ގޮތަށް ކަމަށް އޭރު ކަނޑައެޅި އެވެ. އެކަމަށް މަގުފަހި ކުރަން ހަރަދު ކުޑަކޮށް ގެދޮރު އެޅޭނެ ގޮތްތަކާއި، ފަސޭހައިން ގެދޮރު ލިބޭނެ ގޮތްތަކާއި އަދި ފަސޭހައިން ކުއްޔަށް އުޅެން ލިބޭނެ ގޮތް ހަމަޖައްސަން ޖެހެ އެވެ. އަދި މާލީ ވަސީލަތްތައް ލިބިދެވޭނެ އެކަށީގެންވާ ނިޒާމެއް ސަރުކާރާއި އަމިއްލަ ފަރާތްތަކާ ގުޅިގެން ގާއިމް ކުރުން ވެސް ހިމެނެ އެވެ. މިއަދާ ހަމަޔަށް އައިއިރު ވެސް ބޯހިޔާވެހިކަމަކީ ގައުމުގެ އެންމެ ބޮޑު މައްސަލައެވެ. އަދި ސަރުކާރުތަކުން ވަމުން އަންނަ އެންމެ ބޮޑު ވައުދެވެ. ނަމަވެސް މިހާތަނަށް ފުއްދާ ނުދެވެ އެވެ. އެގޮތުން 2020 އަށް އަޅާއިރު ގެދޮރުގެ ކުލި އިންތިހާއަށް ބޮޑުވެފައިވާ އިރު، ގެދޮރު އެޅުމަށް ދޫކުރާ ލޯނުތަކުގެ އިންޓްރަސްޓު ބޮޑުވެ، ހަރަދުތައް ހުރީ އަތް ފޯރާފަށުގައެއް ނޫނެވެ. އެ މައްސަލަ ހައްލު ކުރަން ގާނޫނުތަކަށް އެކަށީގެންވާ ބަދަލުތަކެއް ގެނެސްފައި ނުވާއިރު އެކަށީގެންވާ މިންވަރަށް ފްލެޓު އަޅާ ރައްޔިތުންނަށް ފޯރުކޮށްދެވިފައެއް ނެތެވެ.

ތިމާވެށި

ތިމާވެށި ހިމާޔަތް ކުރަން ދިރާސާތަކާއި މަޝްވަރާ
ތިމާވެށި ދާއިރާއަށް 2020 އަށް ކޮށްފައިވާ ތަސައްވުރަކީ ރާއްޖެއަށް ލިބިފައިވާ ގުދުރަތީ ރީތިކަމާއި މުއްސަނދިކަން ދެމެހެއްޓިފައިވާ ދިރިއުޅުމަށް ހިތްފަސޭހަ، ސިއްހަތަށް ރަނގަޅު ރައްކާތެރި މާހައުލެއް ގާއިމް ކުރުމެވެ. އެގޮތުން ރައްޔިތުން ހޭލުންތެރި ކުރުވުމަށް ސްކޫލުތަކުގައި ތިމާވެށީގެ އިލްމު ކިޔަވާ ދިނުމާއި އެ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރެވޭނެ މަގު ފަހުކޮށްދެވެން ޖެހެ އެވެ. އަދި އެންމެނަށް ބައިވެރިވެވޭ ފަދަ ކެމްޕެއިންތައް ހިންގާ ގައުމަކަށް ވެސް ރާއްޖެ ވާނެ އެވެ. މިދިޔަ 20 އަހަރު ތެރޭގައި މޫސުމަށް އައި ބަދަލުތަކާއި އެކަމާ ގުޅޭ ކަންބޮޑުވުންތަކަށް ގިނަ ދިވެހިން ވަނީ ވަރަށް ބޮޑަށް އަހުލުވެރި ކުރެވިފަ އެވެ. ސްކޫލުތަކުގައި އެންވާރަމަންޓަލް ސްޓަޑީސް ކިޔަވާދޭއިރު ޔުނިވާސިޓީތަކުގައި އެ ދާއިރާއާ ގުޅޭ ފެކަލްޓީތައް ހުރެ އެވެ. އަދި ކޮންމެ އަހަރަކު ތިމާވެއްޓާ ބެހޭ އެތަށް ކެމްޕެއިންއެއް ކުރާއިރު ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުގައި ވެސް ރާއްޖެ ވަނީ އަޑު އުފުލައި އެ ދާއިރާއިން ކުރިއެރުންތަކެއް ހޯދައިފަ އެވެ.
ތިމާވެއްޓާއި ޓެކްނޮލޮޖީ
ތިމާވެށި ހިމާޔަތް ކުރުމުގައި ޒަމާނީ ވަސީލަތްތައް ފުރިހަމަ ގޮތުގައި ބޭނުން ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ވަނީ އަމާޒު ހިފައިފަ އެވެ. އެގޮތުން އަލަށް މަޝްރޫއެއް ފަށާއިރު ތިމާވެއްޓަށް ފޯރާނެ އަސަރު ދެނެގަނެވޭނެ ރިޕޯޓު ހެދުމާއި، ކުނި ރީސައިކަލް ކުރެވޭނެ ގޮތްތަކެއް ހޯދުމާއި އިރުގެ އަލިންނާއި އެ ނޫންވެސް ގޮތްގޮތަށް ހަކަތަ އުފެއްދުން ހިމެނެ އެވެ. މިއަދާ ހަމަޔަށް އައިއިރު ރާއްޖޭގެ ގިނަ ރިސޯޓުތަކާއި ސަފާރީތަކާއި އަދި ގިނަ ރަށްތަކުގައި ވެސް އަވިން ހަކަތަ އުފައްދައިގެން ބޭނުން ކުރެ އެވެ. އޭގެ އިތުރުން މިދިޔަ އަހަރު ވަނީ ކަނޑުގެ ރާޅުން ކަރަންޓު އުފެއްދޭނެ ގޮތްތައް ހޯދުމަށް ބޭރު ބަޔަކާ ގުޅިގެން ބޮޑު ދިރާސާއެއް ފަށައިފަ އެވެ. އަދި ކުނި ރީސައިކަލް ކުރުމަށް ވޭސްޓް މެނޭޖްމަންޓް ސެންޓަރުތަކެއް ރަށްރަށުގައި ގާއިމްކޮށްފައިވާ އިރު މަޝްރޫއުތައް ފެށުމުގެ ކުރިން އީއައިއޭ ރިޕޯޓެއް ހެދުން ވަނީ ލާޒިމްކޮށްފަ އެވެ.

ދަތުރުފަތުރު

ކަނޑާއި ވައިގެ މަގުން ރަށްތައް ގުޅާލުމާއި ބްރިޖު އެޅުން
ފުރިހަމަ ދަތުރުފަތުރުގެ ނިޒާމެއް ގާއިމްކޮށް 2020 ވަނަ އަހަރަށް ދާއިރު މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދުރުނޫން ހިސާބަކުން ވައިގެ ދަތުރުގެ ހިދުމަތް ލިބޭނެ ގޮތް ހަމަޖެއްސުމާއި ކަނޑުމަގުން ރާއްޖޭގެ ހުރިހާ ރަށަކަށް ދެވޭނެ ގޮތް ހަދަން އޮތީ ކަނޑައަޅައިފަ އެވެ. އަދި ހުޅުމާލެ އާއި މާލެއާ ދެމެދު ދަތުރުފަތުރު ކުރުމަށް ޒަމާނީ ފުރިހަމަ ނިޒާމެއް ގާއިމް ކުރުން ވެސް ހިމެނެ އެވެ. މިއަދާ ހަމަޔަށް އައިއިރު މީހުން ދިރިއުޅޭ ހުރިހާ ރަށަކާ ދުރު ނޫން ހިސާބަކަށް ވައިގެ މަގުން ދަތުރު ކުރެވޭ މިންވަރަށް ގުޅާލެވިފައެއް ނެތެވެ. ރާއްޖޭގެ ބޮޑެތި ސަރަހައްދުތައް ހިމެނޭ ގޮތަށް އަޅާފައި ވަނީ 12 އެއާޕޯޓެވެ. އިތުރު އެއާޕޯޓު ތަރައްގީ ކުރެވެމުންދާއިރު ސަރުކާރުން ބުނެފައި ވަނީ އެ ލަނޑުދަނޑި ހާސިލް ކުރުމަށް އަދި އިތުރު ހަ އެއާޕޯޓު ބޭނުންވާނެ އެވެ. ނަމަވެސް ކަނޑުމަގުން ދަތުރުފަތުރުގެ ނިޒާމް އޮތީ ގުޅާލައިފަ އެވެ. ފެރީ އާއި ބޯޓު ފަހަރުން ހުރިހާ ދިމާލަކަށް ވެސް ދެވެ އެވެ. އަދި މާލެ އާއި ހުޅުލެ އަދި ހުޅުމާލެ ގުޅުވައިދޭ ބްރިޖު ވެސް ވަނީ އަޅައިފަ އެވެ.
45%
ހާސިލްވެފަ
ހިންގުމުގެ ދާއިރާ

އަދްލުއިންސާފާއި ސުލްހަ މަސްލަސްކަން

ކޯޓުތަކުގެ އިދާރީ ހިންގުން ހަރުދަނާ ކުރުން
ޝަރުއީ ދާއިރާ އިސްލާހު ކުރުމަކީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ. މީގެ 20 އަހަރު ކުރިން ރައީސް މައުމޫން އަބްދުލްގައްޔޫމް އެކުލަވާލެއްވި 2020ގެ ތައްސަވަރުގައި ވެސް އެކަން ހިމަނާފައިވެ އެވެ. ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ކުރާނެ ލަނޑުދަނޑިތަކެއް އެބަވެ އެވެ. އޭރު ޝަރުއީ ދާއިރާގެ އިސް ފަރާތަކީ ވެސް ރައިސުލްޖުމްހޫރިއްޔާ އެވެ. އެކަން ބަދަލު ކުރުމުގެ ވިސްނުމެއް އެ ތައްސަވަރުން ވެސް ނުފެނެ އެވެ. ތަސައްވަރުގައި ބޮޑަށް ހިމަނާފައިވަނީ ކޯޓުތަކުގެ އިދާރީ އިސްލާހުތަކެވެ. ކޮމްޕިއުޓަރުން ކޯޓުތައް ގުޅާލުމާއި އަވަހަށް ޝަރީއަތްތައް ހިންގޭނެ އިސްލާހުތަކެވެ. ވިހި އަހަރަށް ފައްކާކުރި އެ ތައްސަވަރުގައި ވަޒަން ނުކުރާވަރަށް ޝަރުއީ ދާއިރާގެ މިނިވަންކަން މިހާރު ރާއްޖޭގައި ވަނީ ކުރިއަރާފަ އެވެ. ސުޕްރީމް ކޯޓު އުފައްދައި، ޝަރުއީ ދާއިރާ ވަނީ ވެރިކަން ހިންގުމުގެ ބާރުގެ ތެރެއިން މުޅިން ނެރެފަ އެވެ. އެކަން ކުރީ 2008 ވަނަ އަހަރު ގެނައި ފެހި ގާނޫނު އަސާސީއިންނެވެ. އެކަމަކު، އޭރުގެ އިސްލާހީ އެޖެންޑާގައި އާއި މިހާރުގެ އެޖެންޑާގައި ވެސް އެއް ވާހަކަތައް އެބަ އޮތެވެ. މިހާ ދިގު މުއްދަތަކުން ވެސް ހާސިލުނުވި ކަންކަން އެބަވެ އެވެ.
ޝަރުއީ ދާއިރާ މުސްތަގިއްލު ކުރުން
އެގޮތުން ޝަރުއީ މައްސަލަތައް ބެލުން އަވަސްކުރުމާއި ފެންވަރު ރަނގަޅު މުވައްޒަފުން ހޯދުމާއި ޝަރުއީ ނިޒާމްގެ އޮނިގަނޑު ހަރުދަނާ ކުރުމާއި ހައިކޯޓު އަތޮޅުތަކަށް ފުޅާކުރުމާއި ވަކީލުން ހަރުދަނާ ކުރުމާއި ފުލުހުންގެ ހިދުމަތް ތަރައްގީ ކުރުމާއި ކުށްކުރުން މަދުކުރަން ގުޅިގެން މަސައްކަތް ކުރުމަކީ ބައެއް ލަނޑުދަނޑިތަކެވެ. މިކަންކަން މިހާރަށް ވެސް އެންމެ ފުރިހަމައަށް ހާސިލު ނުވާއިރު، މިކަންކަން ހަރުދަނާ ކުރުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރަމުންނެވެ. މި ދާއިރާގެ އެންމެ ބޮޑު ލަނޑުދަނޑިއެއްގެ ގޮތުގައި އޮތީ ޝަރުއީ ދާއިރާ މުސްތަގިއްލު ދާއިރާއެއްގެ ގޮތުގައި ދެމެހެއްޓުމެވެ. ފެހި ގާނޫނު އާސާސީއިން ޝަރުއީ ދާއިރާ ވަކި ބާރަކަށްވީ ނަމަވެސް ސިޔާސީ ނުފޫޒު އެ ދާއިރާއަށް އޮތް ކަމަކީ ފެންނަން އޮތް ހަގީގަތެކެވެ. ފަނޑިޔާރުންގެ ނާގާބިލްކަމާއި ނުފޫޒާއެކު މަސައްކަތް ކުރުމާއި ކޮރަޕްޝަންގެ ތުހުމަތުތައް ވަރަށް ބޮޑެވެ. އެކަން އިސްލާހު ކުރުމަކީ މި ސަރުކާރުގެ ވެސް ވަރަށް ބޮޑު ވައުދެކެވެ. އޭގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. އެހެންކަމުން ބޮޑު މަންޒަރަކީ 2020 އަށް ކަނޑައެޅި ތަސައްވަރުގައިވާ މި ބޮޑު ލަނޑުދަނޑިއާ ހަމައަށް އަދިވެސް ވާސިލު ނުވެވޭ ކަމެވެ.

ވެރިކަން ހިންގުން

ރައްޔިތުންނަށްދޭ ހިދުމަތުގެ ފެންވަރު މަތިކުރުން
ސަރުކާރުން ރައްޔިތުންނަށްދޭ ހިދުމަތްތަކާބެހޭ ތަފްސީލީ މައުލޫމާތު، ޑޭޓާބޭސްއެއްގެ ތެރެއިން ހަމަޖެއްސުމަށް މީގެ 20 އަހަރު ކުރިން ކަނޑައެޅުނެވެ. އޭގެ އިތުރުން، ސަރުކާރުގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި މުޅި ސަރުކާރު އެކުލެވޭ އޮނިގަނޑެއް އެކުލަވާލެވި، ސްޓްރެޓީޖިކް ޕްލޭނެއްގެ ދަށުން ހުރިހާ އޮފީސްތައް އެ މަގުސަދުތައް ހާސިލްކުރުމަށް ހިންގާ ގޮތަށް ރޭވުނެވެ. އެހެނަސް، މިއަދާ ހަމައަށް ސަރުކާރުގެ އެކި އިދާރާތަކުން ރައްޔިތުންނަށްދޭ ހިދުމަތްތަކާމެދު އޮންނަ ޝަކުވާ ބޮޑެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނެއް 2014 ވުޖޫދަށް އައި ނަމަވެސް، ސަރުކާރުގެ ތެރޭގައި އަދިވެސް އޮތީ މައުލޫމާތު ހިފެހެއްޓުމުގެ ސަގާފަތެކެވެ.
ސަރުކާރު ހިންގުމުގެ ނިޒާމް ގާއިމުކުރުން
ލާމަރުކަޒީ އުސޫލުން ސަރުކާރުގެ ހިންގުމުގެ ނިޒާމް ގާއިމުކޮށް، ކޮރަޕްޝަނުން އެއްކިބާވެފައިވާ ހިންގުމުގެ ނިޒާމެއްގެ ތެރެއިން ދެވޭ ހިދުމަތްތަކުގެ ފައިދާ އާއި ނަތީޖާ ހާސިލްކުރެވޭ މިންވަރު ދެނެގަތުމަކީ 2020 ވަނަ އަހަރަށް ކަނޑައެޅި އަމާޒެވެ. ނަމަވެސް، ލާމަރުކަޒީ އުސޫލުން ސަރުކާރު ހިންގުމުގެ ވިސްނުން ވަރަށް ފަހަކާ ޖެހެންދެން ދިޔައީ ފަހަތަށެވެ. ނަމަވެސް، ލާމަރުކަޒީ ގާނޫނަށް ދާދި ފަހުން ގެނައި އިސްލާހާއެކު 2020 ވަނަ އަހަރުގެ ކުރިން ހިފި އަމާޒަށް ވާސިލްވުމުގެ އުއްމީދީ މަލަމަތި މިހާރު ވަނީ ފެންނަން ފަށައިފަ އެވެ. އެމްއެމްޕީއާރުސީގެ ތެރެއިން ހިންގި ތިން ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ހިޔާނާތާއެކު، އެކި ސަރުކާރުތަކުގައި ދައުލަތުގެ ފައިސާއަށް ހިޔާނާތްވުން އަށަގެންފައިވާ މިންވަރު ވަރަށް ބޮޑަށް ހާމަވެގެން ގޮސްފައިވެ އެވެ.

ތަރައްގީއަށް ރޭވުން

ނޭޝަނަލް ވެލްތު މުއްސަނދިކުރުން
ދިވެހި ރައްޔިތުންނަށް ފަހަށް ރައްކާކުރެވޭނެ ރައުސުލްމާލެއްގެގޮތުން، ނޭޝަނަލް ވެލްތު ހަރުދަނާކޮށް މުއްސަނދި ކުރުމަކީ ކޮންމެހެން ކުރަންޖެހޭކަމެއްގެ ގޮތުގައި އޭރު ބަޔާން ކުރެވުނެވެ. އަދި އެކަން ކުރުމަށްޓަކައި އާމްދަނީ އިތުރުކުރެވޭނެ މަޝްރޫއުތައް ރާވައި ހިންގުމުގެ އިތުރުން އެ ފިޔަވަޅުތަކަށް ރައްޔިތުން ހޭލުންތެރިކުރުމުގެ ވިސްނުމެއް އުފަންކުރި އެވެ. އެހެނަސް، އެކި ސަރުކާރުތަކުގެ އިހުމާލާއެކު މި އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 67.9 ބިލިއަން ރުފިޔާއަށް އަރަނެކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި ދައުލަތުގެ ރިޒާވް ވެސް ދުވަހުން ދުވަހަށް ދަނީ ދަށްވަމުންނެވެ.

މީޑިޔާ

އިލެކްޓްރޯނިކް މީޑިޔާ
ރާއްޖޭގައި ބްރޯޑްކާސްޓްކުރުމާއި، ޓެލެކާސްޓްކުރުމާއި އަދި އެހެނިހެން ގޮތްގޮތުން މައުލޫމާތު ފެތުރުމާބެހޭ ކަންތައްތައް ޒަމާނާ އެއްގޮތަށް ތަރައްގީ ކުރުމަކީ 2020 ވަނަ އަހަރަށް ކަނޑައެޅުނު އަމާޒެކެވެ. ފާއިތުވި 20 އަހަރު ދުވަހުގެ ތެރޭގައި، ދިވެހި ނޫސްވެރިކަން ވަނީ ވަރަށް ބޮޑުތަނުން ކުރިއަރައިފަ އެވެ. އިންޓަނެޓުގެ އިންގިލާބާއެކު ރާއްޖޭގައި ނެރޭ ގިނަ ނޫސްތައް، އިންފޮމޭޝަން ޓެކްނޮލޮޖީ ބޭނުންކޮށްގެން ޑިޖިޓަލްވެފައިވާ ނޫސްވެރިކަމެއްގެ ތެރެއިން ހަބަރާއި މައުލޫމާތު ފޯރުކޮށްދިނުމުގެ ޒަމާނީ ނިޒާމެއް ވަނީ ގާއިމުކޮށްފަ އެވެ.
މީހުން ބިނާކުރުން
ރާއްޖޭގައި ބްރޯޑްކާސްޓްކުރުމާއި، ޓެލެކާސްޓްކުރުމާއި އަދި މުނިފޫހިފިލުވުމުގެ ތަފާތު ރޮނގުތަކުން މީހުން ބިނާކޮށް ތަމްރީނުދިނުމުގެ ނިޒާމެއްގެ ތަސައްވުރެއް ކަނޑައެޅުނެވެ. އަދި މުނިފޫހިފިލުވުމުގެ ދާއިރާއަކީ އަމިއްލަ ފަރާތްތައް އިސްނަގައިގެން ކުރިއަރުވާ ދާއިރަކަށްވާންވާނެކަމަށް އޭރު ވިސްނުނެވެ. ދިވެހި ނޫސްވެރިކަމަށް ފާއިތުވި އަހަރުތަކުގެ ތެރޭގައި ބޮޑެތި ކުރިއެރުންތައް ހޯދިފައިވީނަމަވެސް، އެކަށީގެންވާ މިންވަރަކަށް އެ ދާއިރާއަށް ބޭނުންވާ މީހުން ބިނާނުކުރެވޭކަމީ މިހާރުވެސް އިވޭ ޝަކުވާއެކެވެ. ނޫސްވެރިން ތަމްރީންކުރުމުގެ ފުރުސަތުތައް ސަރުކާރުގެ ތެރެއިން ފަހިކޮށްނުދެވުމަކީވެސް ބޭނުންވާ ދުވެލީގައި އެ ދާއިރާ ކުރިއެރުމަށް އޮތް ހުރަހެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެ އެވެ.

ޓެކްނޮލޮޖީ

މުވާސަލާތީ ގުޅުމުގެ ހިދުމަތް
މުވާސަލާތީ ހިދުމަތްތައް އިންތިޒާމުކޮށް، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފޯނުގެ ހިދުމަތް ލިބޭނެ އިންތިޒާމް ފަހިކުރުމަށްޓަކައި ވާދަވެރި މިނިވަން މާހައުލެއްގައި ގިނަ އޮޕަރޭޓަރުން ތައާރަފުކުރުމުގެ ތަސައްވަރު އުފަންކުރެވުނެވެ. މުޅި ދުނިޔޭގައިވެސް އެންމެ ބޮޑަށް ކުރިއެރި މުވާސަލާތީ ހިދުމަތުގެ ފޮނިކަން ދިވެހި ރައްޔިތުންނަށްވެސް ވަނީ ލިބިފަ އެވެ. އޭރު ވިސްނުންހުރި ގޮތަށް ވާދަވެރި މާހައުލެއްގެ ތެރެއިން ހަރަކާތްތެރިވާ ކުންފުނިތަކަކާއެކު، މޯބައިލް ފޯނާއި އިންޓަނެޓްގެ ހިދުމަތް އެންމެ ފުޅާ މިނުގައި، ރާއްޖޭގެ އެކި ކަންކަކޮޅުތަކުގައި ދަނީ ލިބެމުންނެވެ.
ޓެކްނޮލޮޖީން ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުން
ދުނިޔެއަށް ތައާރަފްވާ އާ ޓެކްނޮލޮޖީގެ ބޭނުން ރައްޔިތުންނަށް ފޯރުކޮށްދޭ އެކި ހިދުމަތްތަކުގައި ހިފުމަކީ މީގެ 20 ކުރީގެ ތަސައްވުރެކެވެ. އެގޮތުން، ސިއްހީ، އިގުތިސޯދީ، ތައުލީމީ، އަދި މުވާސަލާތީ ގުޅުމުގައި ވެސް ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ދަނީ ހިފަމުންނެވެ. ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައި ރާއްޖޭގެ ކުރިއެރުމާއި، ރައްޔިތުންނަށް ލުއިފަސޭހަކަން ގެނައުމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީ ދަނީ ވަރަށް މުހިންމު ދައުރެއް އަދާކުރަމުންނެވެ. އަދި މިދިޔަ އަހަރު ވުޖޫދުވި އާ ސަރުކާރުގައި ސައިންސާއި ޓެކްނޮލޮޖީ ކުރިއެރުވުމުގެ މުހިއްމުކަމުގެ ވިސްނުމުގެ ތެރެއިން، އެ ދާއިރާއަށް ހާއްސަ މިނިސްޓްރީއަށް އުފެދިގެން ދިޔުމަކީ މުސްތަގުބަލުގައި އިތުރު ކުރިއެރުންތައް ލިބިގެންދާނެ ހެޔޮ ފާލެކެވެ.
ކާމިޔާބީ ހާސިލުކުރަމުންދާ ކޮންމެ ބަޔަކީ، އެ ބަޔެއްގެ ކުރިމަގާމެދު ފޮނި އުންމީދުތަކެއް ކުރާނެ ބަޔެއް. އަޅުގަނޑުމެން އަމާޒުކުރަންވީ، އަޅުގަނޑުމެންގެ ދަރިން، އެ ކުދިންގެ އުންމީދުތަކުގެ ފިހިގަނޑުން ކުރަހާލާ އުފާވެރި މަންޒަރުތަކަށް އަމަލީ ސިފަ ގެނައުމުގެ މަގު، އެ ކުދިންނަށް ފަހިކޮށްދިނުމަށް. ކޮންމެ ކުއްޖަކުވެސް ކޮންމެ ޒުވާނަކުވެސް، ދެކެމުންދާ ފޮނި ހުވަފެންތައް ހަގީގަތަކަށް ހެދުމުގެ ފުރުސަތު ހޯދައިދިނުމަށް.
ރައީސް މައުމޫން