2019 ވަނަ އަހަރުވީ ސިޔާސީ މަސްރަހު ބަދަލުވެ، ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ދާއިރާގައި ބޮޑެތި ނިންމުންތަކެއް ނިންމި އަހަރަކަށެވެ. އަދި އަލިފާނުގެ ބޮޑެތި ހާދިސާތައް ހިނގައި ބޮޑެތި އެތައް ގެއްލުމެއް ވުމާއެކު، މީހެއްގެ ފުރާނަ ގެއްލުނެވެ. އަހަރު ނިމިގެން ދިޔައީ ނުރައްކާތެރި ހަރުކަށި ފިކުރެއްގެ ކުރި ފަޅައި، އޭގެ ހަލަބޮލިކަމުގެ ތެރޭގަ އެވެ.
ހޮވާލެވޭ ލިޔުންތައް
އެވޯޑު ލިބުނު ނޫސްވެރިން
ޝަރުއީ އަދި ގާނޫނީ ދާއިރާ

ނާޒިމް ހަސަން

ވިޔަފާރިއާއި އިގްތިސޯދީ ދާއިރާ

މުހައްމަދު އަފްރާހު

ނިއުސްމޭކާސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މިއީ ފުރަތަމަ އަހަރެވެ. އެމަނިކުފާނު މި އަހަރު ފާހަގަކުރައްވަނީ މިނިވަންކަމުގެ އަހަރެއްގެ ގޮތުގަ އެވެ. މި އަހަރުގެ ތެރޭގައި ރައީސް ސޯލިހު ވަނީ މުހިންމު ނިންމުންތަކެއް ނިންމައި ބަދަލުތަކެއް ގެންނަވާފަ އެވެ. ފުރަތަމަ ރިޔާސީ ބަޔާނާއެކު އުއްމީދުތައް ގެނުވި އެވެ. އދ. އަށް ވަޑައިގެން ތަގުރީރު ކުރެއްވި އެވެ. ބޮޑެތި މަރުތަކުގެ ތަހުގީގު ހިންގެވި އެވެ. ހައްދު ފަހަނަ އަޅައިދިޔުމާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުއްވި އެވެ. ރަސްމީ މަސައްކަތްޕުޅުގެ އިތުރުން ކުޅިވަރުގެ ކަންކަމަށް އިސްކަން ދެއްވި އެވެ.

ރައީސް މުހައްމަދު ނަޝީދު

އެމްޑީޕީ ކޯލިޝަންގެ ސަރުކާރު އައުމާއެކު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ މަސައްކަތްޕުޅު ބާރަށް ފެއްޓެވި އެވެ. ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރައްވައި، ކުރީގެ ރައީސްއަކު ފުރަތަމަ ފަހަރަށް މަޖިލިސް މެންބަރަކަށް ވެވަޑައިގެންނެވި އެވެ. އެމަނިކުފާނުގެ ވަރުގަދަ ކެމްޕެއިނާއެކު އެމްޑީޕީއަށް މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބުނެވެ. އެ މަޖިލީހުގެ ރައީސްއަކަށް ވެސް ވަޑައިގެންނެވީ ރައީސް ނަޝީދެވެ. އެއަށްފަހު މަޖިލިސް ވަރަށް ތަފާތު ގޮތަކަށް ރައީސް ނަޝީދު ހިންގަވަން ފެއްޓެވި އެވެ. ބައެއް ކަންކަމުގައި ރައީސް ނަޝީދު ފާޅު ކުރައްވައި މިނިވަން ހިޔާލުފުޅުތަކާއެކު ހޫނު ފެނަށް ވެސް ވެއްޓިގެން ދިޔަ އެވެ. ހާއްސަކޮށް ޗައިނާ މައްސަލާގައި އެމަނިކުފާނު ދައްކަވާ ވާހަކަފުޅުތައް ފާހަގަކޮށްލެވުނެވެ.

ރައީސް އަބްދުﷲ ޔާމީން

މި އަހަރު ފެށިގެން ދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް މަނީ ލޯންޑްރިންގެ ތުހުމަތުކޮށް ފުލުހަށް ހާޒިރުކުރުމާއެކު އެވެ. ފުލުހަށް ހާޒިރުކޮށް ތަހުގީގު ހިންގައި ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލި އެވެ. ހައްޔަރުކޮށް ދޫވެސްކޮށްލި އެވެ. އެއަށްފަހު އެމަނިކުފާނުގެ ޝަރީއަތް ލައިވްކޮށް ފެއްޓި އެވެ. ޝަރީއަތް ހިނގަމުންދިޔަ މުއްދަތުގައި ވެސް ރެލީތައް ބާއްވައި ރައީސް ޔާމީން ގެންދެވީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެންމެފަހުން އެމަނިކުފާނުގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އައީ އެވެ. މިހާރު ހުންނެވީ ޖަލުގަ އެވެ. ނަމަވެސް އިދިކޮޅުން އަދިވެސް އެމަނިކުފާނުގެ ހަބަރުތައް ފޯރުކޮށްދެ އެވެ.

ޑރ. އަހުމަދު އަބްދުﷲ ދީދީ

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވެގެން ދިޔައީ މި އަހަރު އެ ބޭފުޅެއްގެ ހަބަރުތައް އެންމެ ގިނައިން ފެނިގެން ދިޔަ އެއް ބޭފުޅަކަށެވެ. ޝަރުއީ ދާއިރާ އިސްލާހު ކުރެއްވުމަށް އަމިއްލަ އިސް ނެންގެވުމާއެކު މަސައްކަތް ފައްޓަވައި މަގުޗާޓެއް ނެރުއްވި އެވެ. އަދި ސުޕްރީމް ކޯޓާއި ޝަރުއީ ދާއިރާ ސިޔާސީ މީހުންގެ ނުފޫޒުން އެއްކިބާވާން ޖެހޭ ކަމަށް ވިދާޅުވަމުން ގެންދެވި އެވެ. އެމަނިކުފާނު އެ މަސައްކަތް ކުރައްވަމުން ގެންދެވިއިރު ޖޭއެސްސީއިން އެމަނިކުފާނުގެ މައްސަލަތައް ބަލަން ފެށި އެވެ. ޖޭއެސްސީއަށް ފާޑު ވިދާޅުވެ ބޮޑެތި ބަޔާންތައް ނެރުއްވި އެވެ. ޖޭއެސްސީއަށް ހާޒިރުވާން ވެސް ދެކޮޅު ހެއްދެވި އެވެ. ގިނަ ތުހުމަތުތަކެއްކޮށް އެންމެފަހުން ފަނޑިޔާރު ކަމުން ވަކި ކުރީ އެވެ.

އަހަރުގެ އުސްއަލިތައް
6 January 2019
ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކޮށް، ފުލުހަށް ހާޒިރުކުރުން
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތާއި އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލާގައި ދޮގު މައުލޫމާތު ދެއްވި ކަމުގެ ތުހުމަތުގައި ފުލުހަށް ހާޒިރުކޮށް އެކި ފަހަރު މަތިން ސުވާލުކޮށްފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. ރައީސް ޔާމީން ވަނީ ފުލުހަށް ހާޒިރުވެވަޑައިގެން ތަހުގީގަށް އެއްބާރުލުން ދެއްވާފަ އެވެ. މިކަމާ ގުޅިގެން އިދިކޮޅުން މަގު މައްޗަށް މުޒާހަރާއަށް ވެސް ނުކުތެވެ.
26 January 2019
އެމްޑީޕީގެ ޖުޑިޝަރީ ރިފޯމް
އެމްޑީޕީއިިން މަޖިލީހުގެ ތެރެއިން ޝަރުއީ ދާއިރާއަށް ގެންނަން ބޭނުންވާ އިސްލާހުތައް ހާމަކުރީ ޖެނުއަރީ މަސް ތެރޭގަ އެވެ. އެ އިސްލާހުތަކުގެ ތެރެއިން އެންމެ ފާހަގަވީ ސުޕްރީމް ކޯޓުގެ ގިނަ ބޮޑެތި ބާރުތަކެއް ނަގަން ގެންނަ އިސްލާހުތަކެވެ.
27 January 2019
އެކެއް ފެބުރުއަރީގެ ދައުވާތައް ނެގުން
2018 ވަނަ އަހަރުގެ ފެބުރުއަރީ އެންމެން ސިއްސުވާލި އެކެއް ފެބުރުއަރީގެ އަމުރާ ގުޅިގެން ޕީޖީއިން ދައުވާ އުފުލި ސިޔާސީ އިސް ބޭފުޅުންގެ ދައުވާތައް އަނބުރާ ނަގާފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އޭގެ ތެރޭގައި ރައީސް މައުމޫނާއި ފާރިސް މައުމޫނާއި އޭރުގެ މެންބަރުންނާއި ކުރީގެ ސީޕީ އަރީފާއި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ފަނޑިޔާރު އަލީ ހަމީދު ހިމެނެ އެވެ.
31 January 2019
ރައީސް ޔާމީންގެ ބެކަޕް ޕާޓީ
ޕީޕީއެމް ހޯދުމަށް ރައީސް މައުމޫން ކޯޓުތައް މެދުވެެރިކޮށް މަސައްކަތް ފެއްޓެވެމުން ޕީޕީއެމް ބީވެދާނެ ކަމުގެ ބިރަށް ރައީސް ޔާމީން ވަނީ އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފަ އެވެ. ކޮންގްރެސް ޕާޓީގެ ނަމުގައި އުފެއްދި އެ ޕާޓީ މިހާރު ހިނގަމުން ދަނީ ޕީޕީއެމްގެ ގޮއްޕެއްގެ ސިފައިގަ އެވެ. ދެ ޕާޓީގެ އިސް ބޭފުޅަކީ ރައީސް ޔާމީނެވެ.
5 February 2019
ޕީޕީއެމް މައުމޫނަށް ގެއްލުން
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއަށް ޕީޕީއެމްގެ ހިންގުން ހަވާލުކޮށް ދިނުމަށް އެދި އަމިއްލަ ދެ މީހަކު ސިވިލް ކޯޓަށް ހުށަހެޅި ދެ މައްސަލާގެ ދައުވާ ފޯމް ސުޕްރީމް ކޯޓުން ބާތިލް ކުރީ ފެބުރުއަރީ މަސް ތެރޭގަ އެވެ. އެ ހުކުމް ކުރިއިރު ރައީސް އަބްދުﷲ ޔާމީން ވަނީ އާ ޕާޓީއެއް ވެސް އުފައްދަވާފަ އެވެ. އެ ހުކުމާއެކު މައުމޫން ވަނީ ޕީޕީއެމް ހޯދުމަށް ދެކެމުން އައި ހުވަފެން ދޫކޮށްލައްވާފަ އެވެ.
7 February 2019
ރައީސް ސޯލިހުގެ ފުރަތަމަ ރިޔާސީ ބަޔާން
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފެބުރުއަރީ ހަތްވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަޑައިގެންނެވީ އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވެވުމަށެވެ. އެންމެން ވެސް އިންތިޒާރު ކޮށްގެން ތިބީ، 25 އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހިދުމަތް ކުރެއްވި އަދި މައިނޯރިޓީ ލީޑަރުކަން ކުރެއްވި، ރައީސް ސޯލިހުގެ ރިޔާސީ ބަޔާނަށެވެ. ރައީސް ސޯލިހު އިއްވެވި ރިޔާސީ ބަޔާންވީ، ރާއްޖޭގައި ހުރި ކަންބޮޑުވުންތަކާއި ޝަކުވާތަކަށް އަލި އަޅުވާލެއްވެވި އުއްމީދީ ބަޔާނަކަށެވެ.
13 February 2019
ރައީސް ޔާމީނަށް ދައުވާކުރުން
އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވެ އެ ބޭނުން ކުރައްވައި އެ ފައިސާތައް އޮޅުވާލައި އޭސީސީއަށް އެހެން ފައިސާތަކެއް ދިން މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑިންގެ ދައުވާ އުފުލައި އެ މައްސަލާގެ އިޖުރާއީ ކަންކަން ފެށިގެން ދިޔައީ ފެބުރުއަރީ މަހުގެ ތެރޭގަ އެވެ.
14 February 2019
އެމްއެމްޕީއާރްސީގެ ރިޕޯޓާއެކު މިނިސްޓަރު މަހުލޫފު ގެއަށް
އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފްގެ ކުންފުނީގެ އެކައުންޓުން ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ އަމިއްލަފުޅު އެކައުންޓަށް 33،000 ޑޮލަރު ޖަމާކޮށްފައިވާކަން އޭސީސީއިން އާންމު ކުރި ރިޕޯޓުން ހާމަވުމާ ގުޅިގެން އޭނާ ގޭގައި މަޑުކުރުމަށް ރައީސް ސޯލިހު އެންގެވި އެވެ.
15 February 2019
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއެކު ކޯލިޝަނުގައި ގަނޑުބަނޑު
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއެކު ރިޔާސީ އިންތިހާބަށް އެކުވި ޕާޓީތަކުގެ މެދުގައި ހިޔާލު ތަފާތުވި އެވެ. އެ ހިޔާލު ތަފާތުވުންތައް އައީ ކޯލިޝަން އެއްބަސްވީ ގޮތަށް ގޮނޑިތައް ޕާޓީތަކުގެ މެދުގައި ބެހުމަށް އެމްޑީޕީއިން ދެކޮޅު ހެދުމުންނެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވީ އެމްޑީޕީ ހުރިހާ ދާއިރާއަކަށް ކުރިމަތިލާށެވެ. ނަމަވެސް ފަހުން ދެ ދާއިރާއަށް އަދާލަތު ޕާޓީއަށް ދޫކޮށްލި އެވެ. އެމްޑީޕީއާ މިކަމުގައި އެންމެ ބޮޑަށް ޖެހުނީ ޖުމްހޫރީ ޕާޓީ އެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ނަޝީދަށް ފާޑުވިދާޅުވެފަ އެވެ. އަދި ނުރަސްމީ ސިފައެއްގައި އިދިކޮޅު ކުރީގެ ރައީސް ޔާމީންއާއެކު އެއްބަސްވުމަކަށް އައިސް، ޕީޕީއެމްގެ ބައެއް ކެންޑިޑޭޓުންނަށް ތާއިދު ކުރައްވާފަ އެވެ. ޕީޕީއެމްއިން ވެސް ޖުމްހޫރީ ޕާޓީގެ ބައެއް ކެންޑިޑޭޓުންނަށް ތާއިދުކުރި އެވެ. މިކަމުގައި ރައީސް ސޯލިހު ސީދާ ވަކި ސްޑޭންޓެއް ނުނަންގަވާ ހުންނެވި ނަމަވެސް އެމަނިކުފާނު ވަޑައިގެންނެވީ ހަމައެކަނި އެމްޑީޕީ ކެންޑިޑޭޓުންގެ ކެމްޕެއިންތަކަކަށެވެ. ނަމަވެސް ކޯލިޝަން ދަމަހައްޓާނެ ކަމަށް ވިދާޅުވަމުން އެމްޑީޕީއަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންނެވި އެވެ.
18 February 2019
ރައީސް ޔާމީން ހައްޔަރުކުރުން
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީލޯންޑްރިންގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ހައްޔަރުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރާ އެއްގޮތަށް އެމަނިކުފާނު ހައްޔަރުކޮށް މާފުށީ ޖަލަށް ގެންދިޔަ އެވެ. ޔާމީން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ފެބުރުއަރީ މަސް ތެރޭ އަމުރު ކުރީ، ޝަރީއަތަށް ހުށަހެޅިފައިވާ މައްސަލައިގެ ހެކިންނަށް ރައީސް ޔާމީން ނުފޫޒު ފޯރުވަފާނެ ކަމަށް ގަބޫލު ކުރެވޭތީ ޕްރޮސިކިއުޓާ ޖެނަރަލް، ޕީޖީއިން އެގޮތަށް އެދިގެންނެވެ. ފަހުން ހައިކޯޓުން އަމުރުކޮށްގެން ރައީސް ޔާމީން ވަނީ މާޗް މަހުގެ ތެރޭގައި ދޫކޮށްލާފަ އެެވެ.
19 February 2019
ޖުޑިޝަރީ އިސްލާހު ކުރަން ސުޕްރީމް ކޯޓު ނުކުތުން
ރިޔާސީ އިންތިހާބުގައި ސަރުކާރު ބަދަލުވުމާއެކު ސުޕްރީމް ކޯޓުން ވަނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް އިސް ނަގާފަ އެވެ. އެ މަސައްކަތް ސުޕްރީމް ކޯޓުން ފެށީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރި އެމްޑީޕީއިން ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ވަރުގަދަ މެނިފެސްޓޯއެއް އިއުލާނު ކުރުމާއެކު އޭގައިވާ ބައެއް ކަންކަމަށް ނުރުހުންވެ އެވެ. ސުޕްރީމް ކޯޓުން ވަނީ ކޮންފަރެންސްއެއް ބާއްވައި އޭގައި ކުރެވުނު މަޝްވަރާތަކުގެ މައްޗަށް މަގު ޗާޓެއް އެކުލަވާލާފަ އެވެ.
22 February 2019
ޝިމާ ގެއްލުން
ލ. ކައްދޫން މާމެންދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި 19 އަހަރުގެ އައިމިނަތު ޝިމާ ނާފިޒު ގެއްލިފައިވަނީ ފެބުރުއަރީ މަސް ތެރޭގަ އެވެ. އެ މައްސަލާގައި ބޮޑެތި ތުހުމަތުތަކެއް ކުރެވޭއިރު އަދިވެސް ޝިމާ ފެނިފައިނުވެ އެވެ. އޭނާ ހޯދުމަށް ކަނޑާއި އެއްގަމު ވަނީ ބަލާފަ އެވެ. އެ މައްސަލާގައި ޝިމާގެ އިތުރުން ޑިންގީގައި އިން ފަޒީލަށް ބޮޑެތި ތުހުމަތުތައް ކުރެވެ އެވެ.
25 February 2019
ޕްރައިމަރީއިން ބަލިވާ މީހުންނަށް އިންތިހާބުގައި ވާދަކުރެވުން
ޕާޓީތަކުގެ ޕްރައިމަރީއިން ބަލިވާ ފަރާތްތަކަށް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަކުނުކުރެވޭނެ ކަމަށް އިންތިހާބުތަކާ ބެހޭ ގާނޫނުގައި އޮންނަ މާއްދާ ބާތިލްކޮށް އެފަދަ ފަރާތްތަކަށް މަޖިލިސް އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރި އެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ އެމްޑީޕީގެ ޕްރައިމަރީގައި، ނާކާމިޔާބުވި މަޝްހޫރު ވިޔަފާރިވެރިޔާ އަދި ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރެވެ.
27 February 2019
ރައުޝަންގެ މަރުގެ މައްސަލާގައި ދައުވާކުރުން
ހަދަމުންދިޔަ އިމާރާތަކުން ކުއްޖެއްގެ ބޮލަށް ސިމިންތި ބަސްތާއެއް ވެއްޓި ލިބުނު އަނިޔާއަށް ފަރުވާ ދެމުން ދަނިކޮށް އެ ކުއްޖާ މަރުވި މައްސަލައިގައި ހަ މީހަކަށް ދައުވާކޮށް، ކުރިމިނަލް ކޯޓަށް ފޮނުވީ ފެބުރުއަރީ މަސް ތެރޭގަ އެވެ. ދައުވާ އުފުލީ މަސައްކަތުގައި އުޅުނު ހަތަރު ބިދޭސީންނާއި ކޮންސްޓްރަކްޝަން ކުންފުނީގެ އެމްޑީ އާއި ސައިޓް ސްޕަވައިޒަރުގެ މައްޗަށެވެ.
7 April 2019
މައުމޫންގެ ތާއިދު ނެތި ގައްސާން މަޖިލީހަށް
ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ ހަގު ދަރިކަލުން ގައްސާން މައުމޫން ވަނީ ޕީޕީއެމްގެ ޓިކެޓްގައި ރައީސް އަބްދުﷲ ޔާމީިންގެ ތާއިދާއެކު މަޖިލީހަށް ކުރިމަތިލައްވައި ކާމިޔާބު ކުރައްވާފަ އެވެ. ގައްސާން ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ރައީސް މައުމޫންގެ ތާއިދާއެކު ނުކުންނެވި ކެންޑިޑޭޓާއި އެމްޑީޕީގެ ކެންޑިޑޭޓް ބަލި ކުރައްވާފަ އެވެ.
7 April 2019
އެމްޑީޕީއަށް ތާރީހީ މޮޅެއް
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 86 ދާއިރާއަކަށް ވާދަކޮށް 65 ގޮނޑި ކާމިޔާބުކޮށް އެމްޑީޕީ ވަނީ ތާރީހީ މޮޅެއް ހޯދާފަ އެވެ. އެމްޑީޕީއަށް ސުޕަ މެޖޯރިޓީ ލިބުނީ އޭރު މަޖިލީހުގައި ތިއްބެވި ނުފޫޒުގަދަ އެތައް މެންބަރުންތަކެއް ބަލިކުރުމަށްފަހު އެވެ. އެމްޑީޕީއިން މަޖިލީހަށް ހޮވުނު މެންބަރުންގެ ތެރޭގައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވެސް ހިމެނެ އެވެ.
18 April 2019
މަޖިލީހުގެ ރައީސްގެ ބަހުސް، އެމްޑީޕީ ދެ ކަފި
ރައްޔިތުންގެ މަޖިލީހުގެ އާ ރައީސް ހޮވުމުގެ ބަހުސް ފެށުމާއެކު އެމްޑީޕީގެ ހިޔާލު ދެ ކަފިގެން ދިޔަ އެވެ. ދެ ފެކްޝަނެއް ފާޅުގައި ފެންނަން ފެށި އެވެ. އެއީ ރައީސް ނަޝީދުގެ ފެކްޝަނަކާއި ރައީސް ސޯލިހުގެ ފެކްޝަނެކެވެ. ރައީސް ސޯލިހުގެ ފެކްޝަނުން ކުރިއަށް ނެރެނު ނަމަކީ ވިލުފުށީ ދާއިރާގެ މެންބަރު ކަމަށް އިންތިހާބުވެ ވަޑައިގެންފައިވާ ކުރީގެ ހޯމް މިނިސްޓަރު ހަސަން އަފީފެވެ. ރައީސް ނަޝީދުގެ ފެކްޝަނުން ކުރިއަށް ނެރުނީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްގެ ނަމެވެ.
18 April 2019
ދީބާޖާގެ ބަދަލު ބޮޑުވުން
ދިބާޖާ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ކުރީގެ ސަރުކާރު އުވާލި މައްސާލަގައި ބޮޑު ބަދަލެއް ދޭން ސުޕްރީމް ކޯޓުން ހުކުމް ކުރި މައްސަލަ ބޮޑުވި އެވެ. އެ ބަދަލު ދިނުމަށް ސަރުކާރުން ވެސް ބޭނުން ނުވެ ސެޓަލްމެންޓް އެއްބަސްވުމަކަށް ދިޔުމަށް މަސައްކަތް ކުރި އެވެ. ސިވިލް ކޯޓުން ވެސް ވަނީ ދީބާޖާއަށް ބަދަލު ދިނުމަށް ސަރުކާރަށް އަންގާފަ އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން ވަނީ ދީބާޖާ މައްސަލަ ސުޕްރީމް ކޯޓުން އަލުން ރިވިއު ކުރުމަށް ހުށަހަޅަން ބަންޑާރަ ނައިބަށް ލަފާ އަރުވާފަ އެވެ.
28 May 2019
އާ މަޖިލިސް ހުވާކުރުން
ނަވާރަވަނަ ރައްޔިތުން މަޖިލީހަށް އިންތިހާބު ވެވަޑައިގަތް މެންބަރުން ހުވާ ކުރައްވާފައިވަނީ މެއި މަހުގެ ތެރޭގަ އެވެ. އަދި އެ މަހުގެ ތެރޭގައި އެ މަޖިލީހުގެ މަސައްކަތް ފެށި އެވެ.
28 May 2019
މަޖިލީހުގެ ރައީސް ކަމަށް ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އެމްޑީޕީގެ ތެރޭގައި ބަހުސް ބޮޑުވެ، ޕާޓީ ދެބައިވާން ފެށުމުން އެ ޕާޓީއިން ވަނީ ރައީސް ނަޝީދުގެ ނަން ކުރިއަށް ނެރެފަ އެވެ. އެމްޑީޕީގެ ޕީޖީ ގުރޫޕްގެ އިއްތިފާގުން ރައީސް ނަޝީދުގެ ނަން މަޖިލީހުގެ ރައީސް ކަމަށް ފާސްކުރި އެވެ. މަޖިލީހުގައި ރައީސް ނަޝީދާ އެ މަގާމަށް ވާދަ ކުރެއްވީ އޭގެ ކުރިން މަޖިލީހުގެ ރައީސްކަން ކުރެއްވި ގާސިމް އިބްރާހިމެވެ. ރައީސް ނަޝީދު ގާސިމް ބަލި ކުރައްވައި އެ މަގާމަށް ވަޑައިގެންނެވީ ބޮޑު އަގުލަބިއްޔަތާއެކު އެވެ.
8 June 2019
މޯދީއަށް އެންމެ މަތީ އިއްޒަތް
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. މޯދީގެ ދަތުރުފުޅުގައި ސަރުކާރުން ވަނީ އެމަނިކުފާނަށް ރާއްޖޭގެ އެންމެ މަތީ ލަގަބު ކަމަށްވާ ދައުލަތުގެ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވާފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި މޯދީ ވަނީ ތަގުރީރު ކުރައްވާފަ އެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދު އެއްބަސްވުންތަކެއް ވެސް ބަދަލުކުރެވުނެވެ.
9 July 2019
ބާޣީ ލުތުފީ ރާއްޖެ ގެނައުން
ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތެރި ބާޣީ އަބްދުﷲ ލުތުފީ ޖަލުން ފިލައިގެން އުޅޭތާ ދުވަސްތަކެއް ފަހުން އޭނާގެ ހަބަރެއް ވަނީ ވެފަ އެވެ. އޭނާ ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ވަދެ ހިމާޔަތް ހޯދި އެވެ. އެއީ ލަންކާގައި ދިން ހަމަލާތަކަށްފަހު އެވެ. އެކަން ސަރުކާރުން ހާމަނުކޮށް އުޅެނިކޮށް ފަޅާއެރި އެވެ. އެއާއެކު ގިނަ ފާޑުކިޔުންތަކާއި ޕްރެޝަރުތައް ސަރުކާރަށް އަޔަ އެވެ. އެންމެފަހުން ލުތުފީ ރާއްޖެ ގެނެސް ޖަލަށް ގެންދިޔައީ އެވެ.
21 July 2019
ޓީވީއިން ލައިވްކޮށް ޔާމީންގެ ޝަރީއަތް ފެށުން
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑިން ދައުވާގެ ޝަރީއަތް ކުރިމިނަލް ކޯޓުން ކުރިއަށް ގެންދަން ނިންމީ ޓީވީއިން ލައިވްކޮށްގެންނެވެ. މިއީ ރާއްޖޭގެ ތާރީހުގައި ޓީވީއިން ލައިވްކުރި ފުރަތަމަ ޝަރީއަތެވެ. މި ޝަރީއަތް ލައިވްކުރަން ނިންމެވީ އޭރުގެ ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމެވެ. އެގޮތަށް ގާޒީ ނިންމެވީ ރައީސް ޔާމީން ވެސް ދައުލަތުން ވެސް އެކަމަށް އެދިފައިނުވަނީހެވެ.
29 July 2019
ރާއްޖެއަށް ރަންވަނަތަކެއް
އިންޑިއަން އޯޝަން ގޭމްސްގައި ރާއްޖެއަށް މި އަހަރު ވަނީ ފަހުރުވެރި ވަނަތަކެއް ލިބިފަ އެވެ. ގޭމްސްގައި ރާއްޖޭގެ ކާމިޔާބުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީ އުމުރުން 11 އަހަރުގެ ފާތިމަތު ދީމަ އަލީ އެވެ. ޓީޓީއިން ރާއްޖެއަށް ވަނީ ގޯލްޑް މެޑަލްތައް ލިބިފަ އެވެ.
1 August 2019
އަދީބު ފިލަން، ދައުލަތް އެއްބަސްވުމަކަށް
އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލާގައި އެންމެ ބޮޑު ތުހުމަތެއް ކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ދައުލަތާއެކު އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް ހެދުމުގެ މަރުހަލާގެ ތެރެއިން އޭނާ ވަނީ ފިލައިގެން އިންޑިއާއަށް ދާން މަސައްކަތް ކޮށްފަ އެވެ. ޓަގު ބޯޓެއްގައި އަދީބު އިންޑިއާއަށް ވަންނަނިކޮށް ހުއްޓުވައި އަނބުރާ ރާއްޖެ ފޮނުވާލި އެވެ. އެ މައްސަލާގައި އަދީބަށް ދައުވާ ވެސް ކުރި އެވެ. ފަހުން އަދީބު ވަނީ އެކަމަށް މާފަށް އެދިފަ އެވެ. އަދި ދައުލަތާއެކު ކުށަށް އިއުތިރާފުވުމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ކުށަށް އިއުރިރާފުވުމުން ދައުލަތުން ވަނީ އޭނާގެ މައްޗަށް ކުރިން އުފުލާފައިވާ ހުރިހާ ދައުވާއެއް އަނބުރާ ނަގާފަ އެވެ. އަދި އާ ދައުވާތަކެއް އުފުލާފަ އެވެ. އެ މައްސަލަތަކަށް އަދީބު އިއުތިރާފުވެފައިވާތީ އަންނާނީ ކުޑަ އަދަބެކެވެ.
29 August 2019
ލޯންޗު ބަންޑުން ޖަހާލައި ގެއްލުނު ފަސް ފުރާނަ
މި އަހަރުގެ ތެރޭގައި ހިނގައިދިޔަ އެންމެ ހިތާމަވެރި ހާދިސާއަކީ ހދ. ނޮޅިވަރަމްފަރުން ފުރައިގެން އެ އަތޮޅު ހަނިމާދޫއަށް ދިޔަ ލޯންޗެއް ހަނިމާދޫ ކައިރިއަށް ބަންޑުން ޖަހާލައި ހިނގި ހާދިސާ އެވެ. މި ހާދިސާގައި ފަސް މީހަކު މަރުވި އެވެ. 10 މީހުން ތިބި އެ ލޯންޗުން ސަލާމަތްވީ ފަސް މީހެކެވެ. މި ހާދިސާއިން މުޅި ރާއްޖެ ސިއްސުވާލި އެވެ. މަރުވެދިޔަ ފަސް މީހުންގެ ތެރެއިން ހަތަރު މީހުންނަކީ އެއް އާއިލާއެއްގެ ހަތަރު މީހުންނެވެ. އޭގެ ތެރޭގައި ކުޑަ ކުއްޖެއް ވެސް ހިމެނެ އެވެ. މި ހިތާމައިން އަދިވެސް އަރައިނުގަނެވެ.
3 September 2019
ރިލްވާންއަށް ހެދި ގޮތް ސާފުވުން
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލިތާ އަހަރުތަކެއް ފަހުން އޭނާ މިހާރު ދުނިޔޭގައި ޔަގީން ވެގެން ދިޔައީ ރިޔާސީ ކޮމިޝަންގެ ތަހުގީގަށް ފަހު ނެރުނު ރިޕޯޓުންނެވެ. އެކި ގޮތްގޮތުން ހޯދާފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ރިޕޯޓްގައި ބުނެފައިވަނީ ރިލްވާންގެ ބޯ ބުރިކޮށް އޭނާ ކަނޑައަށް ފައްތާފައިވާ ކަމަށެވެ. މިކަމަކީ ހަރުކަށި ފިކުރުގެ ބައެއްގެ އަމަލެއް ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ. މި ރިޕޯޓް އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހުން އާންމުކުރުމާ ގުޅިގެން ވެސް މައްސަލަ ހޫނުވެގެން ދިޔަ އެވެ. ރައީސް ސޯލިހު ރިޕޯޓް އާންމު ނުކުރައްވަނީސް އެގޮތަށް ކަންތައް ވެގެން ދިޔުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް އެމަނިކުފާނު ވެސް ވިދާޅުވެފައިވެ އެވެ. ރިޕޯޓް ނެރުމަށްފަހު އޭގައި ތުހުމަތު ކުރެވޭ ބައެއް މީހުންގެ ގެތައް ފުލުހުން ފާސްކުރި އެވެ. އެކަމަކު މީހަކު ހައްޔަރެއް ނުކުރެ އެވެ.
4 September 2019
ސުޕްރީމް ކޯޓަށް އަންހެން ދެ ބޭފުޅުން
ހިޔާލު ތަފާތުވެފައިވެ އޮތްވާ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވަނީ ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ސުޕްރީމް ކޯޓަށް އަންހެން ދެ ފަނޑިޔާރަކު އައްޔަން ކުރައްވާފަ އެވެ. އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އާއިޝާ ޝުޖޫން އެވެ. އެ ދެ ބޭފުޅުންނަށް ޖޭއެސްސީއިން ވެސް ތާއިދު ދިނެވެ. ހަމައެހެންމެ ރައްޔިތުންގެ މަޖިލީހުން ވެސް ބޮޑު މެޖޯރިޓީއެއްގެ ތާއިދު ދެ ބޭފުޅުންނަށް ލިބިގެން ދިޔަ އެވެ.
7 September 2019
ހަ އަހަރު ފަސް: ރައީސް އދ. އަށް
އދ. ގެ އާންމު މަޖިލީހުގައި ރާއްޖެ ތަމްސީލު ކުރެއްވުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ތަގުރީރު ނުކުރައްވާތާ ހަ އަހަރު ވެއްޖެ އެވެ. މިދިޔަ ހަ އަހަރު ރައްޖޭގެ ރައީސަކު އދ. ގައި ތަގުރީރު ކުރައްވާފައި ނުވާއިރު، މި އަހަރުގެ އދ. އާންމު މަޖިލީހުގައި ރާއްޖޭގެ ހަތް ވަނަ ރައީސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ތަގުރީރު ކުރައްވާފަ އެވެ. އެއީ މިދިޔަ ފާހަގަވެގެން ދިޔަ ކަމެކެވެ. އެ ތަގުރީރުގައި ރާއްޖޭގެ ހާލަތު ބަޔާންކޮށް ދެއްވައި މުސްތަގުބަލަށް ކުރާ އުއްމީދުތައް ރައީސް ވިދާޅުވި އެވެ. އަދި ބައިނަލްއަގްވާމީ އެ މައިދާނުގައި އިދިކޮޅަށް ހަމަލާއެއް ވެސް ދެއްވި އެވެ.
23 September 2019
ބޮޑު އަލިފާން: އެކަކު މަރުވެ، އިމާރާތްތައް އަނދާ ހުލި
މާލޭގެ ކެމިކަލް ގުދަނެއްގައި ރޯވި އަލިފާންގަނޑު ފެތުރިގެން ގޮސް ހަތް އިމާރާތަކަށް އަލިފާނުގެ އަސަރުކޮށް ބޮޑު ހާދިސާއެއް ހިނގީ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ. މި ހާދިސާގައި އޭގެ ތެރެއިން އެއް އިމާރާތުގައި ދިރިއުޅުމެންދިޔަ އަންހެނަކު ވަނީ މަރުވެފަ އެވެ. އެ އަންހެންމީހާގެ ހަށިގަނޑު ފެނުނީ އަނދާ ހުލިވެފައިވާ އިމާރާތުގެ ތެރެއިންނެވެ. އޭނާގެ އެންމެ ފަހު ފޯނު ކޯލްގައި ވެސް އެ އިމާރާތުގެ ތެރެއިން ނުކުމެވޭނެ ގޮތެއް ނެތް ކަމަށް ބުނެ ސަލާމަތްކޮށް ދިނުމަށް އެދިފައިވެ އެވެ. ހާދިސާގައި އެތައް ބައެއްގެ ގެދޮރު ގެއްލުނުއިރު އަދިވެސް ބައެއް މީހުން ތިބީ ވަގުތީ ހިޔާތަކުގަ އެވެ. މިއީ މިފަހުން ހިނގައިދިޔަ އެންމެ ބޮޑު އަލިފާނުގެ ހާދިސާ އެވެ.
30 September 2019
ތެޔޮ ބައުޒަރެއްގައި ރޯވެ ހަތް މީހަކު ފިހުން
ބޮޑު އަލިފާނަށް ހަތް ދުވަސްވީ ތަނާ ޓީ-ޖެޓީ ސަރަަހައްދުގައި އޮތް ލޯންޗަކާއި ތިން ތެޔޮ ބައުޒަރެއްގައި ރޯވެ ހަތް މީހަކު ފިހިފައިވެ އެވެ. މި ހާދިސާ ވެގެން ދިޔައީ އަނެއްކާވެސް އެގޮތަށް ތެޔޮ ބައުޒަރުތައް ޖެޓީ ދޮށުގައި ބަހައްޓާފައި ހުރުމުގެ ނުރައްކާތެރިކަން ވިސްނިގެން ދިޔަ ހާދިސާއަކަށެވެ. މި ހާދިސާގައި ލޯންޗެއް ވެސް އަނދާ ހުލިވި އެވެ.
3 October 2019
އެމްޑީއެން ހޫނު ފެނަށް
ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ، މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާ، މާތް ރަސޫލަށް ނިސްބަތްކޮށް ފުރައްސާރަކޮށްފައި ވާތީ ގިނަ ބަޔަކު އެކަމާ ކަންބޮޑުވުން ފާޅުކުރި އެވެ. އެ ކަންބޮޑުވުންތަކާއި ޕްރެޝަރުތައް އިތުރުވެގެން ގޮސް އެތައް ރަށެއްގައި އެމްޑީއެންއާ ދެކޮޅަށް އަޑު އުފުލި އެވެ. ކައުންސިލްތަކުން ބަޔާންތައް ނެރުނެވެ. ޔޫތް މިނިސްޓްރީއިން އެމްޑީއެން ސަސްޕެންޑްކުރި އެވެ. އެންމެ ފަހުން ފުލުހުން އެ މައްސަލަ ތަހުގީގުކުރި އެވެ. އެމްޑީއެންގެ އިސް މީހުން ފުލުހަށް ހާޒިރުވާން ޗިޓް ވެސް ފޮނުވި އެވެ. އެމީހުން ހާޒިރެއް ނުވެ އެވެ. އެ ތަހުގީގަށް ބަލައި ޔޫތް މިނިސްޓްރީއިން އެމްޑީއެން އުވާލަން ނިންމި އެވެ. މިއީ މި އަހަރު އެންމެ ހޫނުވެގެން ދިޔަ އެއް މައްސަލަ އެވެ.
9 October 2019
ސުޕްރީމް ކޯޓު އެއްކޮށް "ސާފު"
ޝަރުއީ ދާއިރާ އިސްލާހު ކުރުމަކީ އެމްޑީޕީގެ އެޖެންޑާ19ގެ އެންމެ މުހިންމު ކަމެވެ. އެކަމުގެ މަތިން އެމްޑީޕީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުމާއެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތައް ބަލަން ފެށި އެވެ. ސުޕްރީމް ކޯޓުން ގާނޫނު އަސާސީއާ ހިލާފަށް ހިންގާފައިވާ ކަންކަން ހިމެނޭ ރިޕޯޓެއް ހެދުމަށް ޖޭއެސްސީއަށް މަޖިލީހުން އެންގި އެވެ. ޖޭއެސްސީއިން ހެދި އެ ރިޕޯޓްގައި 15 ކަމެއް ފާހަގަކުރި އެވެ. އެ 15 ކަމުގެ ތެރޭގައި ބައިވެރިވި ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރެއްގެ މައްސަލަ ބެލި އެވެ. އަދި އޭރުގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުލްގަނީ މުހައްމަދާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދުގެ ސުލޫކީ މައްސަލަ ބެލި އެވެ. އޭގެ ތެރެއިން އަރީފް ފިޔަވައި އެހެން ފަނޑިޔާރުން ވަކި ކުރަން މަޖިލީހުން ނިންމި އެވެ. މައްސަލަތައް ބަލަނިކޮށް އަރީފް ރިޓަޔާ ކުރެއްވީ އެވެ. އޭގެ ކުރިން ފަނޑިޔާރު އަބްދުﷲ ދީދީގެ ރިޝްވަތުގެ މައްސަލައެއް ފެންމަތިވެ އޭނާ ވަނީ މަގާމުން ވަކިކޮށްފަ އެވެ. އެއާއެކު ސުޕްރީމް ކޯޓުގައި މި ސަރުކާރު އައި ތިއްބެވި ހުރިހާ ފަނޑިޔާރުން ވެސް ވަކިވެ ސުޕްރީމް ކޯޓުން އެއްކޮށް ބަދަލުވީ އެވެ.
17 November 2019
އަފްރާޝީމްގެ މަރުގެ ރިޕޯޓް ނެރުން
އުނގޫފާެރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅޭ ތަހުގީގު ރައީސް އުފެއްދެވި ރިޔާސީ ކޮމިޝަނުންކޮށް ތަހުގީގު ރިޕޯޓް އާންމުކޮށްފައިވަނީ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އެ ރިޕޯޓާއެކު ބޮޑެތި ބަހުސްތައް ފެންމަތިވެގެން ދިޔަ އެވެ. އަފްރާޝީމްގެ މަރަކީ ހަރުކަށި ފިކުރުގެ ބައެއް ހިންގާފައިވާ ޖަރީމާއެއް ކަމަށް ރިޕޯޓްގައި ވަނީ ބުނެފަ އެވެ. އޭގެ އިތުރަށް އެ ތަހުގީގަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ދޮގު މައުލޫމާތު ދެއްވިކަން ވެސް ރިޕޯޓްގައި ބުނެ އެވެ. އެކަމާ ގުޅިގެން ސިޔާސީ މަޝްރަހު ވެސް ހޫނުވެގެން ދިޔަ އެވެ. ޑރ. ޝަހީމަށް ދައުވާ ކުރުމަށް ވެސް މިހާރު ވަނީ ފޮނުވާފަ އެވެ.
20 November 2019
މައުމޫން އާ ޕާޓީއެއް
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަތްޕުޅުން ޕީޕީއެމް ބީވުމާއެކު އާ ޕާޓީއެއްގެ މަސައްކަތް ފެއްޓެވި އެވެ. އެ މަސައްކަތް ފެއްޓެވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ބޯމަތިވެފައިވަނިކޮށް ރިޔާސީ އިންތިހާބުގައި ރައީސް މައުމޫންގެ ސަޕޯޓަރުން ހަރަކާތްތެރިވި، "އެމްއާރްއެމް"ގެ ނަމުގަ އެވެ. އެ ޕާޓީ ރަޖިސްޓްރީވެގެން ދިޔައީ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.
23 November 2019
އެމްޑީޕީގެ ހިންގުން ނަޝީދާއި ޝިފާޒަށް
އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބާއްވައި ރައީސް އާއި ނައިބު ރައީސް ވަނީ ހޮވާފަ އެވެ. ރައީސް ކަމަށް ވާދަ ކުރެއްވީ ކުރިން ވެސް އެ މަގާމުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދެވެ. އެމަނިކުފާނަށް އެ މަގާމު ކަށަވަރުވީއިރު ވާދަވެރި ކެމްޕެއިނަކަށްފަހު ނައިބު ރައީސްގެ މަގާމު އަނެއްކާވެސް ކާމިޔާބު ކުރެއްވީ އެ މަގާމުގައި ހުންނެވި މުހައްމަދު ޝިފާޒެވެ. އޭނާއާ ވާދަ ކުރެއްވީ މުހައްމަދު އަސްލަމެވެ.
26 November 2019
ޑިންގީގެ މާރާމާރީއާއެކު ހަރުކަށި ފިކުރުގެ ނުރައްކާ
ރ. މަޑުއްވަރީގެ ޑިންގީއެއްގެ ތެރޭގައި ހިނގައިދިޔަ ހަމަނުޖެހުމެއްގެ ތެރެއިން ހަރުކަށި ފިކުރު ފެތެރެމުންދާ މިންވަރު ހާމަވެގެން ދިޔަ އެވެ. އެ ޑިންގީއަކީ ފޭރުމާއި ވައްކަންކޮށް އުޅޭ ބައެއްގެ ޑިންގީއެކެވެ. އެމީހުންނަށް ބައެއް މީހުން މުދާ ވަނީ ޣަނީމާ މުދަލަށެވެ. ޑިންގީގެ އެކަކަށް ހަމަލާދީ މަރުގެ އަދަބު އިއްވީ އެމީހުންނާ ބައިއަތު ނުހިފުމުންނެވެ. ހަމަލާ އަމާޒުވި މީހާއަކީ ވެސް 13 އަހަރުގެ ކުއްޖާ ކޯޓުން ބޭރުން "ކައިވެންޏެއް"ކޮށް އުޅޭ މީހެކެވެ. އެމީހާ އާއި އެމީހާއަށް ހަމަލާދިން މީހާ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އަދި 13 އަހަރުގެ ކުއްޖާ އާއި އޭނާގެ އެހެން ކޮއްކޮމެން ވަނީ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. 13 އަހަރުގެ ކުއްޖާގެ މައިންބަފައިން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުން ވަނީ އޭގެ ފަހުން މަޑުއްވަރީގައި ހާއްސަ އޮޕަރޭޝަނެއް ހިންގައި ބަޔަކު ހައްޔަރުކޮށްފަ އެވެ.
28 November 2019
ރައީސް ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ. އެ ހުކުމް އިއްވީ އެ މައްސަލަ ބައްލަވަމުން ގެންދެވީ ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑްކޮށްފައިވާތީ އާ ބެންޗެއް ނަގައިގެންނެވެ. ރައީސް ޔާމީނަށް ހުކުމް އިއްވެވީ ކުރިމިނަލް ކޯޓު މިހާރު ހިންގުމާ ހަވާލުވެ ހުންނެވީ ގާޒީ އަލީ ރަޝީދުގެ ރިޔާސާތުގައި ފަސް ގާޒީންގެ އިއްތިފާގުންނެވެ. ފަސް އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން ފަސް މިލިއަން ޑޮލަރު ވަނީ ޖޫރިމަނާ ވެސް ކޮށްފަ އެވެ. އެ ހުކުމާއެކު ރައީސް ވަނީ މާފުށީ ޖަލަށް ގެންގޮސްފަ އެވެ.
3 December 2019
ގާޒީ ހައިލަމްގެ ނިމުން
ކުރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމަށް ވަރަށް ކުރު ޖުއްދަތެއްގެ ތެރޭގައި ވަޑައިގެން ބޮޑެތި، ސިޔާސީ މައްސަލަތަކެއް ބައްލަވަމުން ގެންދެވި ގާޒީ އަހުމަދު ހައިލަމް ވަނީ ގާޒީ ކަމުން އިސްތިއުފާ ދެއްވާފަ އެވެ. އޭނާ އިސްތިއުފާ ދެއްވީ ޖޭއެސްސީއިން އޭނާ ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުންނެވެ. އޭރު ގާޒީ ހައިލަމް ހުންނެވީ ސަސްޕެންޝަންގަ އެވެ. ގާޒީ ހައިލަމް ސަސްޕެންޑްކުރީ އޭރު އޭނާ ބައްލަވަމުން ގެންދެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލާގައި ހުކުމް އިއްވުމަށް އޮތް ދުވަހު އެވެ. ސަސްޕެންޑްކުރީ ނަސްރުގެ ދުވަހު ކުރިމިނަލް ކޯޓުގެ އަމިއްލަ ވައިބާ ގުރޫޕަކަށް ފޮނުއްވި ތަހުނިޔާގެ މެސެޖްގައިވާ ފޮޓޯއަކާ ގުޅިގެންނެވެ. އެ ފޮޓޯގައިވާ ކުރެހުމުގައި ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ކަރުގައި ޗޭނު އަޅާފައިވެ އެވެ. އެކަމަށް ގާޒީ ހައިލަމް މާފަށް ވެސް އެދިވަޑައިގެންނެވި އެވެ. އެ ކުރެހުމުގައި ދެ ރައީސުން ތިއްބެވިކަން އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ. އޭގެ ފަހުން ގާޒީ ހައިލަމަށް އަލްހާން ފަހުމީ ފައިސާތަކެއް ދިން މައްސަލައެއް ވެސް ފެންމަތިވި އެވެ.
4 December 2019
ޓެކްސީ ޑްރައިވަރަކަށް ރަހުމުކުޑަ މަރެއް
މި އަހަރު ހިނގައިދިޔަ އެންމެ ބިރުވެރި މާރާމާރީއަކީ ޑިސެމްބަރު މަހުގެ ތެރޭގައި ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ޓެކްސީ ޑްރައިވަރަކު މަރާލި ހާދިސާ އެވެ. މަރާލާފައިވަނީ 59 އަހަރުގެ ހަސަން ގާސިމް ކިޔާ ދިވެހި ފިރިހެނެކެވެ. އޭނާ މަރާލާފައިވަނީ ފޭރެން އުޅުމުން އަޑުގަދަ ކުރަން އުޅުމުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އޭނާއަށް ހަމަލާދިން މީހާ ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އޭނާ ވަނީ އެކަމަށް އެއްބަސްވެފަ އެވެ. ނަމަވެސް އޭނާ ބުނަނީ ގާސިމަށް ހަމަލާދިނީ މަރާލުމުގެ ނިޔަތުގައި ނޫން ކަމަށެވެ. ގާސިމްގެ ކަރަށް ވަރަށް ފުން ޒަހަމްތަކެއް ލިބިފައި ހުއްޓެވެ.
7 December 2019
ބިޝާމް އިސްތިއުފާ ދެއްވައި ޝަމީމް ޕީޖީ ކަމަށް
ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ކަމުގައި ހުންނެވި އައިޝަތު ބިޝާމަށް އެތައް ފާޑުކިޔުމެއް އަމާޒުވެ ތުހުމަތުތަކެއްގެ ތެރޭގައި އުޅުއްވަނިކޮށް އޭނާގެ މައްސަލަތައް ރައްޔިތުންގެ މަޖިލީހުން އެތައް ދުވަހަކު ދިގު ދެންމުމަށްފަހު ބަލަން ފެށި އެވެ. އެ މައްސަލަތައް ބަލަން ފަށައި ކޮމިޓީއަށް ހާޒިރުވާން އެންގުމުން ބިޝާމް އިސްތިއުފާ ދެއްވި އެވެ. ބިޝާމް އިސްތިއުފާ ދެއްވުމުން އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމެވެ.
8 December 2019
އާ އުއްތަމަ ފަނޑިޔާރަކާއި އާ ފަނޑިޔާރުން
ސުޕްރީމް ކޯޓުގައި ކުރިން ތިއްބެވި ފަނޑިޔާރުން ވަކިކޮށް މުޅިން އާ ބެންޗެއް ވަނީ އެކުލަވާލާފަ އެވެ. އޭގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފުރަތަމަ އަންހެން ދެ ފަނޑިޔާރުން ކަމަށް ޑރ. އަޒްމިރަލްދާ ޒާހިރާއި އައިޝާ ސުޖޫން ހިމެނެ އެވެ. އޭގެ އިތުރުން ދެން ސުޕްރީމް ކޯޓަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދާ ވާދަކޮށް މަޖިލީހުގެ ރުހުން ލިބިގެން ވަޑައިގެންނެވީ ޑްރަގު ކޯޓުގެ ކުރީގެ ގާޒީ މަހާޒު އަލީ އެވެ. އާ އުއްތަމަ ފަނޑިޔާރެއް ވެސް ވަނީ އައްޔަން ކުރައްވާފަ އެވެ. އެއީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނެވެ. އޭނާއާއެކު ސުޕްރީމް ކޯޓު ފަނޑިޔާރު ކަމަށް ހުސްނުއް ސުއޫދު ވެސް އައްޔަން ކުރެއްވި އެވެ.
15 December 2019
ކައުންސިލްތައް ބާރުވެރިވުން
ކައުންސިލްތަކަށް ބާރުތައް ދިނުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އެ ވައުދުގެ މަތިން ގާނޫނު އަސާސީއަށް ވަނީ އިސްލާހު ގެނެސްފަ އެވެ. ކައުންސިލްގެ ދައުރު ފަސް އަހަރަށް ދިގުކޮށް ކައުންސިލްތަކަށް މާލީ ބާރުވެރިކަން ވަނީ ދީފަ އެވެ. އޭގެ އިތުރުން ކައުންސިލްގެ އިންތިހާބަށް ބަދަލުތައް ގެނެސް، އަންހެނުންނަށް ހާއްސަ ގޮނޑިތަކެއް ކަނޑައެޅި އެވެ.
ވަކިވެ ދިޔަ ޝަހުސިއްޔަތުން
AVAS WISHES EVERYONE A
HAPPY NEW YEAR