Each Dot Represents 100 Covid Cases in Maldives
ހިތްދަތި އަހަރެއް
ނިމިގެން މިދިއަ 2020 ވަނަ އަހަރަކީ ދުނިޔޭގެ ހުރިހާ ގައުމުތަކަކުންވެސް މުހިންމު ލަނޑުދަނޑިތަކެއް ހާސިލްކޮށް ނިންމަން އަޒުމު ކަނޑައެޅި އަހަރެކެވެ. ދެހާސް ވަނަ އަހަރު ދުނިޔޭގެ ފެންވަރުގައި، ސަރަހައްދުގެ ފެންވަރުގައި އަދި ގައުމީ ފެންވަރުގައި އެކި އަމާޒުތައް ކަނޑައަޅައި 2020 ގެ ނިޔަލަށް އެކަންކަން ހާސިލުކުރުމުގެ މަސައްކަތް ފެށިއެވެ. ރާއްޖެއިން ވެސް ވިހިވިހީގެ ތަސައްވުރެއް އެކުލަވާލާ އެ މަސައްކަތް ފަށާފައި ވެއެވެ. ނަމަވެސް އަމާޒަށް ވާސިލްވުމަށް ކަނޑައެޅި 2020 ވެގެން ދިޔައީ މިފަހުން ދުނިޔެ ދުށް އެންމެ ބޮޑު ބަލިމަޑުކަމާއި ކުރިމަތިވި އަހަރަށެވެ. މުޅި އަހަރު ނިމިގެން ދިޔައީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން އެތަށް ދުވަހެއް ވަންދެން ގައުމުތައް ބަންދުވެފައި އޮތް ހާލަތުގައެވެ. އިންސާނުންގެ ފަހި ދިރުއުޅުމަށް ދަތިކޮށް އުނދަގޫކުރި ދުވަސްތަކަކާއެކުގަ އެވެ.
އަހަރު ފެށިއިރު ރާއްޖެ ހިމަބިހީގެ ބިރުވެރި ކަމުގައި

ވިހި ވިއްސަށް ރާއްޖޭން މަރުހަބާ ކިޔާފައި ވަނީ ހިމަބިހީގެ ބަލަމަޑުކަމުގެ ތެރެއިންނެވެ. މީގެ ގާތްގަނޑަކަށް ތިން އަހަރު ކުރިން ނައްތާލެވިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯއިން ސެޓްފިކެޓް ދީފައިވާ މި ބަލި، އަހަރުގެ ފުރަތަމަ މަހުގެ ތެރޭގައި ކުޑަކުދިންތަކަކަށްޖެހި ސިއްހީ އިދާރާތަކަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހުނެވެ. އަދި އެ މަހުގެ 13 ވަނަ ދުވަހު ރާއްޖޭގައި ހިމަބިހި ފެތުރެމުންދާ ކަމަށް ހެލްތު މިނިސްޓްރީން ރަސްމީކޮށް އިއުލާނުކުރި އެވެ. އެއާއެކު، 1979 ވަނަ އަހަރު ރާއްޖޭގައި ދޭން ފެށި ހިމަބިހީގެ ވެކްސިން ޕްރޮގްރާމް އަލުން ފެއްޓި އެވެ. ޖެހިގެން އައި މަހާ ހަމައަށް ހިމަބިހި ޖެހިގެން ރިޕޯޓުކުރި އަދަދު ނުވަޔަކަށް އެރި އެވެ. ވެކްސިން ނުދީ ތިބި ކުދިން ދެނެގަނެ، އެ ކުދިންނަށް ވެކްސިން ޖަހައި އެ ބަލި އިތުރަށް ފެތުރުން ހުއްޓުވުނު ނަމަވެސް، އޭރު މުޅި ދުނިޔެއާއެކު ރާއްޖެއަށް މާ ބިރުވެރި ބަލިމަޑުކަމެއް އޮތީ މިސްރާބު ޖަހައިފަ އެވެ.

ކޮވިޑް ފާޅުވެ މުޅި ދުނިޔެއަށް

ޗައިނާގެ ހޫބޭ ޕްރޮވިންސްގެ އާބާދީ އެންމެ ބޮޑު ވޫހާން ސިޓީގައި ހުންނަ ސީފުޑް މާކެޓެއްގެ ތެރެއިން އުފަންވި، ލޮލަށްވެސް ނުފެންނަ ވައިރަހަކަށް މުޅި ދުނިޔެ ކުޑަކަކޫ މައްޗަށް ތިރިކޮށްލެވިދާނެކަމަށް ސިކުނޑިއަށް އޭރު ގަބޫލެއް ނުކުރެވޭނެ އެވެ. އަހަރު ފެށުމުގެ އެއް މަސް ކުރިން އެ ސިޓީން ޖެހުނުކަމަށް ބެލެވޭ ކޮވިޑް-19 ވައިރަސް، ކަފަދަނޑެއްގައި ރޯކޮށްލި ފަދައިން، މުޅި ދުނިޔެއަށް ފެތުރިގެން ދިއަ އެވެ. މައިގަނޑު ގޮތެއްގައި ނޭވާލާ ނިޒާމަށް ހަމަލާދޭ، ފަރުވާއެއްނެތް އެ ބަލީގައި މުޅި ދުނިޔެ ހުއްޓުމަކަށް ގެނަ އެވެ. ގުޅިލާމެހިފައިއޮތް ގައުމުތަކުގެ ބޯޑަރުތައް ބަންދުކުރަން މަޖުބޫރުކޮށް، އެކަނިވެރިކޮށްލި އެވެ. ބަލި ފެތުރުން ކޮންޓްރޯލް ނުކުރެވިގެން މުޅި ދުނިޔެ ގޭގައި ގައިދުކުރުވީ އެވެ. ދުނިޔޭގެ އިގުތިސޯދު އެކީގައިގެން ހުއްޓި، އެތައް ބަޔަކު ބިކަކޮށްލީ އެވެ. ހޮސްޕިޓަލުތައް ފުރި ބަންޑުންވެ، މިލިއަނަކަށް ވުރެ ގިނަ މީހުން އެ ބަލީގެ ޝިކާރައަކަށްވެ، ބިރުވެރިކަމާއި، ނާމާންކަމުގެ ތެރެއަށް މުޅި ދުނިޔެ ގެނބިގެންދިޔަ އެވެ.

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު

ކޮވިޑް-19 ބައްޔަކީ "ޕެންޑެމިކް" އެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ކަނޑައެޅުމާ ގުޅިގެން ރާއްޖޭގައި އާންމު ސިއްހީ ކުއްލި ނުރައްކަތުގެ ހާލަތު ސަރުކާރުން އިއުލާންކުރި އެވެ. ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރިއިރު، އޭރު ދުނިޔޭގައި ހަލުއިމިނުގައި ފެތުރެމުންދިއަ ބަލި ރާއްޖެއާ ހަމައަށްވެސް ވަނީ ފޯރައިފަ އެވެ. އޭގެ ފަސް ދުވަސް ކުރިން، ރާއްޖެ އައި ފަތުރުވެރިއެއްގެ ކިބައިން އެ ބަލި ފެނުމުން، ރާއްޖޭގެ އެލާޓް ލެވަލް ވަނީ ވައިޓް އެލާޓުން ރީނދޫ އެލާޓަށް މަތިކޮށްފަ އެވެ. ސިއްހީ ކުއްލި ހާލަތު އިއުލާނު ކުރުމާއެކު ސަރުކާރުން ވަނީ އެ ބަލި ފެތުރުން ހުއްޓުވަން ފިޔަވަޅުތައް ވަރުގަދަކޮށްފައި އެވެ. އަދި އެ ދުވަހު، ޖެހިގެން އައި މަހު ބާއްވަން ތާވަލުކޮށްފައިއޮތް ލޯކަލް ކައުންސިލްގެ އިންތިހާބުވެސް ވަނީ ފަސްކޮށްފައި އެވެ.

ދިވެހި ރާއްޖޭގެ ބޯޑަރު ލައްޕައިލުން

ފަތުރުވެރިއެއްގެ ކިބައިން، ކޮވިޑް-19 ގެ ބަލި ރާއްޖޭން ފެނުމާއެކު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ފިޔަވަޅުތައް ވަރުގަދަ ކުރަމުން ދިއަ އިރުވެސް، ބޭރުން މީހުން އައުން ހުއްޓުވަން ސަރުކާރަށް ގޮވާލަމުންދިއަ އަޑުތައް އޮތީ އިންތިހާއަށް ގަދަވެފަ އެވެ. ބަލި އެންމެ ބޮޑަށް ފެތުރޭ ގައުމުތަކުން އަންނަ ފްލައިޓުތައް މަނާކުރަމުން އައިސް، އޭރު ފްލައިޓް އޮޕަރޭޝަންތައް ހިމަފޮދަކަށްވީއިރުވެސް ރާއްޖޭގެ މައި އެއާޕޯޓް ބަންދުކުރަން ސަރުކާރު އޮތީ ނުކެރިފަ އެވެ. މުޅި އިގުތިސޯދު ބަރޯސާވާ ޓޫރިޒަމް ހުއްޓާލަންޖެހޭތީ އެވެ. އާމްދަނީ ވަންނަންއޮތް ހަމައެކަނި ދޮރުގައި ތަޅުއަޅުވަން އޮތް ޖެހިލުންވުމެވެ. ނަމަވެސް، ގިނަ ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށް، ދުނިޔޭގެ ދަތުރުފަތުރުގެ ނިޒާމް އެކީގައިހެން ގްރައުންޑުވުމާ ގުޅިގެން، މާޗް މަހުގެ 27 ވަނަ ދުވަހު ރާއްޖޭން ވަނީ އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލައި، ދުނިޔެއަށް ވެލާނާ އެއާޕޯޓް ބަންދުކޮށްފައި އެވެ.

ރާއްޖޭގެ ފުރަތަމަ ކޮވިޑް ކޭހާއި ސިހުން

އޭޕްރީލް މަހުގެ 15 ވަނަ ދުވަހު، މާލެއިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި ހަބަރާއެކު މުޅި ގައުމަށް ލިބުނީ ކުއްލި ސިހުމެކެވެ. އެ ބިރުވެރިކަމާއި ހާސްކަން އިތުރުވެގެންދިޔައީ، އެ ބަލި ޖެހުނު އަންހެންމީހާއަކީ ބޭރު ގައުމަކަށް ދަތުރުކޮށްފައިނުވާ މީހެއް ކަން ރަސްމީކޮށް ކަށަވަރުވުމާއެކު އެވެ. މުޖުތަމައު ތެރޭގައި އެ ބަލި ފެތުރިއްޖެކަން ޔަގީންވެ، މުޅި ގައުމު ރެޑް އެލާޓަށް މަތިކުރި އެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެތެރޭގެ އުދުހުންތައް ވެސް ހުއްޓުމަކަށް ގެނައި އެވެ. މުޅި ގައުމުގެ ނާރެސްކަމަށްވާ މާލެ ސަރަހައްދަށް އަރައިފޭބުން މަނާކުރި އެވެ. އާބާދީގެ ތިން ބައި ކުޅަ ދެ ބަޔަށް ވުރެ ގިނަ މީހުންނަށް ދިނީ ތިން ގަޑިއިރެހާ އިރެވެ. ބަލި ފެތުރިފައި އޮތް މިންވަރު ދެނެގަނެ، ކޮންޓްރޯލްކުރަން އެންމެން ގެއަށް ވަންނަން އަންގައި، މާލެ ސަރަހައްދު ލޮކްޑައުންކުރަން މަޖުބޫރުވީ އެވެ.

ރާއްޖެއަށް ލޮކްޑައުން އާއި ކާފިއު

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ވަރުގަދަކުރި ފިޔަވަޅުތަކުގެ ތެރެއިން، މާލެ ސަރަހައްދަށް ތިން ގަޑިއިރުގެ ކާފިއު އެއް އިއުލާނުކުރި އެވެ. ކޮންމެ ދުވަހެއްގެ ހަވީރު 5:00 ރޭގަނޑު 8:00 އަށް އޭޕްރީލް މަހުގެ ދެ ވަނަ ދުވަހުން ފެށިގެން ކާފިއު އިއުލާނުކުރީ މުޖުތަމައުގެ ތެރޭގައި ބަލި ފެތުރިއްޖެނަމަ ކުރިމަތިވެދާނެ ހާލަތަކަށް ތައްޔާރުވުމަށެވެ. ނަމަވެސް، އޭގެ 13 ދުވަސް ފަހުން، މާލޭން ފެނުނު ފުރަތަމަ ޕޮޒިޓިވް ކޭހާއެކު މުޅި މާލެ ސަރަހައްދު ލޮކްޑައުން ކުރުމާއެކު ވެރިވެގެން ދިޔައީ ހާސްކަމާއި ބިރުވެރިކަމެވެ. ގެއަށް ވަންނަން ދިން ވަގުތުކޮޅުގެ ތެރޭގައި ފިހާރަތައް ދޮށުގައި މީހުން ތޮއްޖެހުނެވެ. އެކި ކޮޅު ކޮޅަށް މީހުން ދުވަނީ އެވެ. ނަމަވެސް، އެ ދުވަހު 24 ގަޑިއިރަށް އިއުލާނުކުރި ލޮކްޑައުންގެ ހާލަތު ދެ މަސް ދުވަހަށް ދެމިގެންދާނެކަމަށް އެކަކަށްވެސް ތަސައްވަރު ނުކުރެވޭނެ އެވެ. ކުރިމަތިވާނެ އެކަނިވެރިކަމާއި، މާޔޫސްކަމާއި ހިތްދަތިކަމަށް އެއްވެސް މީހަކަށް ތައްޔާރެއް ނުވެވުނެވެ.

އުނދަގުލާއި ތުރާލުގެ ތެރޭގައި މަޖިލިސް

ރައްޔިތުން ކުރި އުއްމީދުތަކާ ފައި ހަމަވާ ފަދަ އޮއްޓަރެއް ހުރި ހަރުދަނާ މަސައްކަތެއް ނުކުރެވޭ ކަމުގެ ތުހުމަތުގެ ހިޔަނީގައި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހިތްވަރާމެދު ސުވާލު އުފެއްދޭނެ ޖާގަ ކުޑަ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގައުމުތައް ހުއްޓި ރައްޔިތުން ގޭ ބަންދު ވާން މަޖުބޫރުވި ހާލަތުގައި ވެސް ހިވާގި މުވައްޒަފުންގެ އެހީތެރިކަމާއެކު މަޖިލީހުން ހިތްވަރު ނެރެ، އޮންލައިންކޮށް ޖަލްސާ ބާއްވައިގެން ދުނިޔޭގެ ހުރިހާ މަޖިލީހަކަށް ނަމޫނާ ދެއްކި އެވެ. ދަތި އުނދަގޫ އަހަރު ނިންމާލީ، އެއްވެސް މަޖިލީހެއްގައި ނުކުރާ މިންވަރަށް މަސައްކަތް ކޮށްފަ އެވެ. މިހާރު އަމަލުކުރާ ގާނޫނު އަސާސީއަށް އަމަލު ކުރަން ފެށި ފަހުން މަޖިލިސް ރިސެސްއަށް ނުގޮސް އެންމެ ގިނަ ޖަލްސާ ބޭއްވުމުގެ ރެކޯޑު ގާއިމުކުރި އެވެ. ތިން ދައުރުގެ ތެރޭގައި ފަންސާއެއްހާ ގާނޫނެއް ފާސްކުރި އެވެ. އިންތިހާބީ ވައުދުތަކާ އެއް ގޮތަށް، ރައްޔިތުންނާ ސީދާ ގުޅުންހުރި، ގިނަ ގާނޫނުތަކެއް ހިމެނޭ ގޮތަށެވެ. ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީގެ ސާފު އަގުލަބިއްޔަތު އޮތް ނަމަވެސް، ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ފަހަތަށް ނުޖެހެ އެވެ.

އިގްތިސޯދު ހުއްޓި، ކަންކަން ސުމަކާ ހަމައަށް

ވިހިވިހި ވަނަ އަހަރު ރާއްޖޭގެ އިގްތިސޯދު 7.5 ޕަސެންޓަށް ކުރިއަރާނެ ކަމަށް ކުރިން އަންދާޒާ ކުރި އެވެ. ނަމަވެސް ކޮވިޑް-19 ގެ ބަލި ރާއްޖޭން ފެށުމާއެކު ރާއްޖޭގެ ބޯޑަރު ބަންދުކުރީ މާޗް 15 ވަނަ ދުވަހު އެވެ. ޓޫރިޒަމްއެއްކޮށް ހުއްޓި، މުޅި އަހަރު ޓޫރިޒަމް 68.2 ޕަސެންޓަށް ދަށްވި އެވެ. ކޮވިޑް-19 އިގްތިސޯދީ ގެއްލުމާއެކު ގައުމީ އުފެއްދުންތެރިކަން 29 ޕަސެންޓު ދަށްވެ، ދައުލަތުގެ އާމްދަނީ އާމްދަނީ 50 ޕަސެންޓް ދަށްވި އެވެ. އެހެންވެ، އިގްތިސޯދީ ކުރިއަރުވަން އާއްމުންނާއި ވިޔަފާރިތަކަށް ލިބިފައިވާ ގެއްލުމަށް ލުޔެއް ހޯދުމުގެ ގޮތުން "2.5 ބިލިއަން ރުފިޔާ" ގެ އިގްތިސޯދީ ޕެކޭޖެއް ސަރުކާރުން ނެރުނެވެ. މި ޕެކޭޖުގައި ކަރަންޓު ބިލާއި ފެން ބިލުން ދޭ ޑިސްކައުންޓާއި ލޯނު ފަސްކޮށް ދިނުން އަދި އިންކަމް ސަޕޯޓް އަދި ލޯނުތައް ފަސްކޮށްދިނެވެ. މީގެ އިތުރުން ބީއެމްއެލް އިން ބޮޑެތި ލޯނުތައް ފަސްކޮށް ދިނެވެ. ނަމަވެސް ޖުލައި 15 ވަނަ ދުވަހު އަލުން ބޯޑަރު ހުޅުވުމާއެކު ޓޫރިސްޓުން އަންނަ އަދަދު އިތުރު ވެގެން ދިޔަ އެވެ.

ރާއްޖޭގެ ކޮވިޑް ނަންބަރުތައް

ރާއްޖެއިން ފުރަތަމަ ކޮވިޑް ކޭހެއް ފެނިފައިވަނީ މާޗް މަހުގެ ހަތްވަނަ ދުވަހުއެވެ. އެއީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓްގެ ދެ މުވައްޒަފެކެވެ. އޭގެ ފަހުން އޭޕްރީލް މަހުގެ 15 ވަނަ ދުވަހު މާލެއިން ފުރަތަމަ ފަހަރަށް ކޮވިޑްގެ ބަލި މީހަކު ފެނުނެއެވެ. އަދި އެ ދުވަހު ދެވަނަ މީހަކުވެސް ޕޮޒިޓިވްވިއެވެ. އެއީ އަންހެނަކާއި އޭނާގެ ކުޑަ ދަރިފުޅެވެ. އެ ކޭހާއި ގުޅިގެން މާލެ ސިޓީ ސައުވީސް ގަޑިއިރަށް ލޮކްޑައުން ކޮށް ބަލި ޖެހިފައިވާ އިތުރު ބަޔަކު ތިބިތޯ ބެލުމުގެ މަސައްކަތް ފެށިއެވެ. ޖެހިގެން އައި ދުވަހުވެސް އިތުުރު ބަޔަކު ބައްޔަށް ޕޮޒިޓިވްވެ ލޮކްޑައުން ދަންމާލިއެވެ. ކޮވިޑްގައި ދިވެހިން 299 ދުވަސް ދިވެހިން ހޭދަކުރި މިހާތަނަށް 13،738 މީހަކަށް ބަލި ޖެހިއްޖެ އެވެ. އަދި 13،125 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ހިތްވަރު ގަދަ މައިމޫނާ އާ ވަރުގަދަ އެޗްޕީއޭ

ކޮވިޑްގެ ބަލިމަޑުކަން ދުނިޔޭގައި ފެތުރެން ފެށުމާއެކު ރާއްޖެއިން ވަނީ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފަށާފައެވެ. ބަލިމަޑުކަން ކޮންޓްރޯލްކޮށް އެ ބައްޔަށް ހޭލުންތެރި ކުރުވުމުގެ މަސައްކަތުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. މި ބަލިމަޑުކަމުގެ ކުރިން މާބޮޑަށް ފާހަގަކުރެވިފައި ނެތް އެ އިދާރާ ވެގެންދިޔައީ ކޮވިޑްގެ ބަލިމަޑުކަމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަން ޖެހުނު މުއައްސަސާއަށެވެ. މުހިންމު ނިންމުންތައް ނިންމުމާއި ފިޔަވަޅުތައް ވަރުގަދަކޮށް ހަރުދަނާ ކުރުމުގެ ބޮޑު ޒިންމާ އޮތީ އެ އިދާރާގައެވެ. ހާއްސަކޮށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް ގެންދެވީ ހާލަތާއި ގުޅޭގޮތުން މުހިންމު ނިންމުންތައް ނިންމަވާ އެތައް ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. ޑީޖީގެ މަގާމުގައި ހުންނެވީ މައިމޫނާއި އަބޫބަކުރެވެ. ކޮވިޑާ ގުޅިގެން ލޮކްޑައުން ކުރުމާއި ކާފިއު ހިންގުމާއި އެކި ނިންމުންތައް ނިންމާ އެ ނިންމުންތައް އާންމު ކުރައްވަނީ އެކަމަނާއެވެ.

ވަރުބަލިވުމެއް ނެތް ވޮލަންޓިއަރުން

ކޮވިޑްގެ ބަލިމަޑުކަމުގައި ވޮލަންޓިއަރުން އަދާކުރި ދައުރަކީ ވަރަށް މުހިންމު ދައުރެކެވެ. ދަރުބާރުގޭގައި ހިންގަމުންދިޔަ ކޮވިޑް-19 އިގެ މައި ސެންޓަރުގައި ގިނަ މަސައްކަތްތަކުގައި ހަރަކާތްތެރިވީ ވޮލަންޓިއަރުންނެވެ. ރެޑްކްރެސެންޓާއި އެ ނޫން ދަރުމައަށް މަސައްކަތްކުރާ އެކި ޖަމިއްޔާތަކުން އެތަށް ސަތޭކަ ވޮލަންޓިއަރުން ވަނީ އެތަށް މަސްތަކެއް ވަންދެން އެ ސެންޓަރުގައި މަސައްކަތް ކޮށްފައެވެ. އާންމުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމާއި އާންމުންގެ ފޯން ކޯލްތަކަށް ޖަވާބުދީ ހެދުމުގައިވެސް އިސް ދައުރެއް އަދާކުރީ ވޮލަންޓިއަރުންނެވެ.

ކޮވިޑްުގެ ތެރެއިން ކޮރަޕްޝަން

ކޮވިޑްގެ ބަލިމަޑުކަމުގައި ގިނަ ބަޔަކަށް ލިބުނު އެންމެ ބޮޑު ހައިރާން ކަމަކީ ކޮރަޕްޝަނާއި ފަސާދައިގެ އެތަށް އަމަލެއް ހިނގާ ދިއުމެވެ. އެންމެ ބޮޑު ކަމަކީ ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ހޯދަން މަސައްކަތް ކުރި ވެންޓިލޭޓަރު ގެނައުމަށް ކުންފުނިތައް ހޮވުމުގައި ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތަކެވެ. ހާއްސަކޮށް ދުބާއީ ކުންފުންޏަކަށް ވެންޓިލޭޓަރު ޑީލް ދިނުމުގައި ހެދި ގޯސްތަކެވެ. އެކަން ފަޅާއަރުވަލީ އޮޑިޓް ރިޕޯޓުންނެވެ. އެ މައްސަލަ ހޫނުވެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މަގާމުން އިސްތިއުފާދެއްވަންވެސް ޖެހިވަޑައިގެންނެވިއެވެ. އެ މައްސަލަތައް ބަލާ ދައުވާކޮށް ދިނުމަށް އެދި 8 މީހެއްގެ މައްސަލަ ޕީޖީއަށް ފޮނުވިއެވެ. މީގެ އިތުރުން ކަރަންޓީންވާ މީހުންނަށް ކާންދިނުމަށް ބޮޑު އަގުގައި ކާބޯތަކެތި ގަތުމަކީވެސް ހިންގި ވަރަށް ބޮޑު ކޮރަޕްޝަންގެ އަމަލެކެވެ. ދެތިން ރުފިޔާއަށްދޭ ކާޑުގެ ބާވަތްތައް އޭގެ އެތަށް ގުނައެއް ބޮޑުކޮށް ގަނެފައިވެއެވެ. އަދި ބައެއް ކަރަންޓީން ފެސިލިޓީތަކަށް ބޮޑު ހޭދައެއް ކޮށްފައިވުމަކީވެސް މި ބަލިމަޑުކަމުގައި ހިންގި ކޮރަޕްޝަންގެ އަމަލެކެވެ.

ދިވެހި ރާއްޖޭގެ ހުރިހާ ކަމެއް އެކޮޅުކޮޅުން

ކޮވިޑް-19 އާ ގުޅިގެން ދިވެހިންގެ އާންމު ދިރިއުޅުން މުޅީން ބަދަލުވިއެވެ. ރާއްޖޭގެ ހުރިހާ ކަމެހެއް ބަދަލުވިއެވެ. އެތެރޭގެ ދަތުރުފަތުރު މުޅީން ހުއްޓި ރަށްތައް ބަންދުވިއެވެ. މާލޭގައި ކާފިއު ހިންގިއެވެ. މާލެ ލޮކްޑައުންކޮށް އަރާ ފޭބުން މަނާކުރިއެވެ. މިސްކިތުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލިއެވެ. އެ ފަހުން މިސްކިތްތައް ބަންދުކުރިއެވެ. ގޭގައި ނަމާދު ކުރުމަށް ގޮވާލާ ބަންގި ގޮވަން ފެށިއެވެ. ސަރުކާރާއި އަމިއްލަ އޮފީސްތައް ބަންދުކުރިއެވެ. އާންމު ހިދުމަތްދޭ ހުރިހާ ތަނެއް ބަންދުކުރިއެވެ. ރާއްޖޭގެ ބޯޑަރު ބަންދުކޮށް ޓޫރިޒަމް ހުއްޓާލިއެވެ. މާސްކު އެޅުން މަޖުބޫރުކުރި އެވެ.

އަޅުކަމަށް ބުރޫއަރައި ތަފާތު ރޯދަމަހެއް

ކޮވިޑްގެ ބަލިމަޑުކަމުގެ އެންމެ އުނދަގޫ ދުވަސްތަކަކީ އޮގަސްޓް މަހުގެ ދުވަސްތައް ނަމަވެސް ބަލިމަޑުކަން ފެށިގެން އައި ދުވަސްތަކަކީ ނުރައްކާތެރިކަން ބޮޑު ދުވަސްތަކެކެވެ. މާލެއިން ކޮވިޑް ކޭހެއް ފެނުނުތާ 8 ވަނަ ވީ ދުވަހަކީ މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހެވެ. މިއަހަރުގެ ރޯދަ މަހަކީ މި ފަހުން ދިވެހިން ތަޖުރިބާކުރި އެންމެ ތަފާތު ރޯދަ މަހެވެ. މި ރޯދަ މަސް ފެށުނުއިރު މިސްކިތުގެ ޖަމާއަތް ވަނީ މެދުކަނޑާލާފައެވެ. އެހެން ކަމުން ތަރާވީހު ނަމާދު ކުރުން އޮތީ ގޭގައެވެ. ރޯދަ މަހު އެންމެ ހާއްސަ ކަންކަމުގެ ތެރޭގައި މިސްކިތުގައި ރޯދަ ވީއްލުމާއި ތަރާވީހު ނަމާދު އަދި ދަމު ނަމާދު ކުރުން އޮންނަ އިރު މިފަހަރުގެ ރޯދަ މަސް ނިމިގެންދިޔައީ ޖަމާއަތުގައި އެކަން ކުރުމުގެ ފުރުސަތު ނުލިބިއެވެ. މީގެ އިތުރުން އާއިލީ ރޯދަ ވީއްލުންތަކާއި ތަރާވީސްތައް ނެތް އަހަރެއްގެ ގޮތުގައެވެ.

ކުޅިވަރު ނެތް ވިހިވިއްސެއް

ގައުމީ އަދި ބައިނަަލްއަގްވާމީ މައިދާނުގައިވެސް، 2020 ވަނަ އަހަރު ފާހަގަ ކުރަން އޮތީ ސާސްކަފުގެ ލަނޑުދަނޑިތައް ހާސިލުވި ކަމުގެ މުނާސަބު އަހަރެއްގެ ގޮތުގަ އެވެ. ނަމަވެސް ޗައިނާގެ ވުހާން އިން ފެނުނު ކޮވިޑް-19، މުޅި ދުނިޔެއަށް ފެތުރި ހުރިހާ ކަމެއް ހުއްޓިގެން ދިޔަ އެވެ. ކުޅިވަރުގެ ދާއިރާއަށްވެސް ޖެހުނު ހާލަކީ އެއީ އެވެ. ޖަޕާންގައި ބާއްވަން އޮތް ކުޅިވަރުގެ އެންމެ ބޮޑު އީދު، އޮލިމްޕިކް ގޭމްސް ފަސް ކުރަން ޖެހުނީ އެވެ. ބައްރުތަކުގެ އެންމެ ފޯރިގަދަ ފުޓްބޯޅަ މުބާރާތް ޔޫރޯ ފަސްކޮށް އަންނަ އަހަރަށް ލަސް ކުރަން ޖެހުނީ އެވެ. ދެކުނު އެމެރިކާގެ ފުޓްބޯޅަ މުބާރާތްވެސް އެކަމުން އިސްތިސްނާއެއް ނުވި އެވެ. ރާއްޖޭގެ ގައުމީ ޓީމު ވާދަ ކުރަން އޮތް ސާފެ ޗެމްޕިއަންޝިޕްވެސް އަންނަ އަހަރަށް ވަނީ ފަސް ކޮށްފަ އެވެ. އެތުލީޓުންގެ ޓްރެއިނިން އާއި ހައި ޕޯފޯމަންސް ކޭމްޕްތައް ފަސްވެގެން ދިޔައީ އެވެ. އަހަރުގެ ކުރީކޮޅު ފިޔަވައި ޑޮމެސްޓިކް މުބާރާތެއް ނެތެވެ. ކޮވިޑާއެކު ކުޅިވަރުގެ ހުރިހާ ހަރަކާތެއްވެސް ހިނދިގެން ދިޔައީ އެވެ.

އަހަރުގެ ފޮޓޯތައް
2020 އަށް އަވަސް ކަޅިއެއް
އެވޯޑު ލިބުނު ނޫސްވެރިން
އަވަހާރަވި ޝަހްސިއްޔަތުން ގިނަ އަހަރެއް