16 Dec 1887
ދިވެހި ރާއްޖޭގެ ސިޔާސީ މަސްރަހަށް އައި ބޮޑެތި ބަދަލުތަކުގެ ތެރޭގައި ދިވެހި ރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ އުނގަށް ދިޔަ
05 April 1942
ސިލޯނުގެ ކޮޅުބަށާއި ޓްރިންކޮމަލީއަށް ޖަޕާނު ސިފައިން ބޮން އެޅިއިރު، އިނގިރޭސި ގިނަ މަނަވަރުތަކެއް ފިލަން އައްޑޫ އަތޮޅަށް ވަނެވެ.
23 April 1948
ރާއްޖޭގެ ދާހިލީ މިނިވަން ކަމުގެ އެގްރިމެންޓްގައި ރާއްޖެ އާއި އިނގިރޭސި ވިލާތުން ސޮއި ކުރި
01 Jan 1953
ދިވެހި ޖުމްހޫރިއްޔާ އަކަށް ބަދަލުވުމާ ގުޅިގެން، އެތައް ޤައުމެއްގެ ވެރިން ދިވެހި ސަރުކާރަށް ތަހުނިޔާގެ މެސެޖްތައް ފޮނުވި އެވެ. ޕާކިސްތާނާއި ސިލޯނުގެ ވެރިންނާއި އިނގިރޭސި ރާނީ ކްއީން އެލިޒަބަތު ހިމެނިވަޑައިގަންނަވައެވެ. އަދި އެމެރިކާގެ ރައީސް، ޓްރޫމަން ވެސް މެސެޖް ފޮނުއްވި އެވެ.
25 Dec 1955
އައްޑޫގެ އިނގިރޭސީ އަސްކަރީ މަރުކަޒު ހެދުމަށް އަމަލީގޮތުން މަސައްކަތް ފެށި އެވެ.
15 Dec 1956
އައްޑޫން 110 އޭކަރު ބިން، 100 އަހަރަށް، އަހަރަކު 2000 ޕައުންޑްގެ މަގުން ކުއްޔަށް ދޭ އެގްރިމެންޓުގައި ސޮއި ކުރިއެވެ.
01 April 1956
އިނގިރޭސިންގެ އަސްކަރީ މަރުކަޒެއް އައްޑު އަތޮޅުގައި ގާއިމްކުރުމާ ދެކޮޅަށް ދުނިޔޭގެ ތާއީދު ހޯދަން ދިވެހި ސަރުކާރުން މަސައްކަތް ފަށައި ދުނިޔެ ސިއްސުވާލި. ކޮލަމްބޯގައި ނޫސް ކޮންފަރެންސެއް ބާއްވާ، ރާއްޖޭގެ ތައުލީމާ ބެހޭ ވަޒީރު އިބްރާހިމް ޝިހާބު އިންޑިއާ އަދި ސިލޯނު ސަރުކާރަށް ގޮވާލެއްވީ އިނގިރޭސިންގެ އަސްކަރީ މަޝްރޫއަށް ފާޅުގައި ދެކޮޅު ހެދުމަށް.
01 Jan 1959
އިނގިރޭސީންގެ މަދަދާއި ބާރުގައި އައްޑޫ، ފުވައްމުލައް އަދި ހުވަދު އަތޮޅު ގުޅިގެން ވަކި ސަރުކާރެއް އަބްދުﷲ އަފީފު އިއުލާން ކުރެއްވި. ދެކުނުގެ އެ ބަޣާވާތުން އިނގިރޭސިވިލާތާއި ރާއްޖޭގެ ގުޅުމުގެ ހުޅު ރޯވެ، މިނިވަންވުމުގެ މަސައްކަތުގެ ސީދާ ހަރަކާތް ފެށިއްޖެ ކަމަށް ނާސިރު އިއުލާން ކުރެއްވި
09 Feb 1959
ކޮލަމްބޯގައި ހުންނަވާ ރާއްޖޭގެ ރެޕްރެޒެންޓެޓިވް އަބްދުއް ސައްތާރު މޫސާ ދީސީ ބަޔާނެއް ނެރުއްވައި ރާއްޖެ އަށް މިނިވަންކަން ލިބިފައިވާ ކަމުގެ ގަރާރެއް ރަސްމީކޮށް އިއުލާން ކުރުމަށް އިނގިރޭސި ސަރުކާރަށް ހުށަހަޅައިފި ކަމަށް ވިދާޅުވި.
13 Feb 1959
ކުރިން އޮތް 1953 ގެ އެއްބަސްވުމަށް ބަލާއިރު، ރާއްޖެ އަށް ރަސްމީކޮށް މިނިވަންކަން ދިނުމުގެ ގަރާރެއް ނުވަތަ އެއްބަސްވުމެއް އެކުލަވާލުމަކީ އިނގިރޭސި ސަރުކާރަށް ވަރަށް ދަތިކަމަކަށް ވާނެ ކަމަށް އިނގިރޭސި ހައިކޮމިޝަނަރު އޭއެފް. މޯލީ ވިދާޅުވި
July 1959
މިނިވަންކަން ހޯދަން ފަށާ މަސައްކަތް އިއުލާންކޮށް ނާސިރުގެ މޭސްތިރިކަމުގެ ދަށުގައި ހުވަދު އަތޮޅާއި ފުވައްމުލަކު ދިވެހި ދައުލަތުގެ ބާރުގެ ދަށަށް ގެނައުމަށް އަސްކަރީ ބާރުގެ ބޭނުންކުރި
July 1959
ހުވަދު އަތޮޅު ދިވެހި ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމަށް ސިފައިންނާއެކު ނާސިރު "މޯލްޑިވް ސްޓާ" ގައި ވަޑައިގެން އެޅުއްވި ފިޔަވަޅުތަކުގައި ބަޑިޖެހުމުގެ ސަބަބަބުން މީހުން މަރުވުމާ ގުޅިގެން އިނގިރޭސިވިލާތުން އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށް ދިވެހި ސަރުކާރަށް ހަރުކަށި އިންޒާރު ދިން.
07 Aug 1959
ސިލޯނުގައި ހުންނަ އިނގިރޭސި ހައިކޮމިޝަނުން ބަޔާނެއް ނެރެ، ހުވަދު އަތޮޅުގައި ދިވެހި ސަރުކާރުގެ ބާރުގެ ދަށުން ހަތިޔާރު ބޭނުންކޮށްގެން ހިންގި ހަރަކާތުގައި މީހުން މަރުވެފައި ވާތީ އިނގިރޭސި ސަރުކާރުން އެކަން ވަރަށް ބޮޑަށް ކުށްވެރިކުރާކަން އިއުލާން ކުރި.
10 Aug 1959
ހުވަދޫ ހާދިސާ އަށް ފަހު ތަފާތު ބަހުރުވައިން ދިވެހި ސަރުކާރަށް އިންޒާރު ދިނުމުގެ އިތުރަށް ސިންގަޕޫރުގައި ތިބި އިނގިރޭސި ސިފައިން ހަތިޔާރާ އެކު ގަމަށް ފޮނުވި. އިތުރު ފައުޖެއް ތައްޔާރީ ހާލަތަށް ގެނައި -- ރޮއިޓާސް
17 Aug 1959
ފުރަތަމަ ފޮނުވި ހަތިޔާރު އެޅި 100 ސިފައިން އަނބުރާ ގެންދިޔަ. ގެންދިޔައީ ދިވެހި ސަރުކާރުން އެކަމާ ވަރަށް ބޮޑަށް ދެކޮޅުހަދާ ނުރުހުން ފާޅުކުރުމުން. އިނގިރޭސި ސިފައިންނާ ހަވާލާދީ ރޮއިޓާސް އިން ބުނެފައި ވަނީ އެއީ "ވައިގެ ހަރަކާތްތެރިކަން ވަޒަންކުރުމުގެ ގޮތުން ހިންގި ތަމްރީނެއް" ކަމަށް
September 1959
އިނގިރޭސިންނާ އޮތް ގުޅުން ހީނަރުވެ އަދި ދެކުނުގެ ތިން އަތޮޅުގައި ސިޔާސީ ހަމަނުޖެހުން އުފެދުމާއެކު އަވަށްޓެރި އަދި އިސްލާމީ ގައުމުތަކުގެ ތާއީދު ހޯއްދެވުމަށް ނާސިރު މަސައްކަތް ފެއްޓެވި. އަދި މިސުރުގެ ރައީސް ޖަމާލް އަބްދުއް ނާސިރާ ބައްދަލު ކުރެއްވުމަށް އިބްރާހިމް ޝިހާބު ފޮނުއްވައި އެހެން ވަފުދުތައް ޕާކިސްތާނާއި އިންޑިއާ އަށް ފޮނުއްވި
18 Oct 1959
ދިވެހި ސަރުކާރުން، އިނގިރޭސިވިލާތާ މެދު ދެކޭ ގޮތް ބަދަލުވެ ނިޔަތް ގޯސްވީ ސުއޭސް ކެނެލްގެ ހާދިސާ އަށް ފަހުގައި. ދިވެހިންގެ ބޮޑު ވަޒީރު ހުރީ އިނގިރޭސީން ބަލި ކުރަން ބޭނުންވެފައި. -- ނިއުޔޯކް ޓައިމްސް
November 1959
އިނގިރޭސީންނާ ދިވެހިން ފާޅުގައި ދެކޮޅު ހަދައި ސީދާ ހަރަކާތް ހިނގުމުގެ އެލީޓް ގްރޫޕެއް މާލޭގައި އުފެދުނު. މި އެލީޓް ގްރޫޕުން ވަނީ ރާއްޖޭގައި ތިބި އިނގިރޭސީންނަށް ހުރަސް އަޅައި. ތަފާތު ހަރަކާތްތައް ހިންގާފައި.
03 Feb 1960
މިނިވަން ކަމުގެ ދަތުރު ފަށަން މަޖުބޫރު ކުރުވި ބޮޑު ސަބަބު ކަމަށްވާ އައްޑޫ ބަޣާވާތް ނިމުމަކަށް އައިކަން އިއުލާން ކުރި. އެކަން އިއުލާން ކުރީ އިނގިރޭސި ވިލާތާއެކުވި އެއްބަސްވުމުގެ ދަށުން.
29 Sep 1963
ބާޣީ ސަރުކާރުގެ ވެރިޔާ، ޢަފީފު ސޭޝެލްސްއަށް އިނގިރޭސީން ގެންދިޔަ
14 Feb 1960
އޯލްޕޯޓް އެގްރިމެންޓްގައި ދެ ގައުމުން ސޮއި ކުރި އެވެ. އެގްރީމަންޓްގެ ދަށުން، 100 އަހަރަށް އޮތް މުއްދަތު 30 އަހަރަށް ކުރުވުމާއި އެކު، 850 ހާސް ޕައުންޑް އެކި ކަންތައްތަކަށް ދިވެހިރާއްޖެއަށް ދިނުމަށް ނިންމުނެވެ. އަދި ބަޣާވަތް ސަރުކާރު ބަލައިނުގަތުމަށް ވެސް އެއްބަސް ވެފައި ވެއެވެ.
01 Aug 1962
ރާއްޖެއަށް ފުރިހަމަ އިގްތިސާދީ މިނިވަންކަން ހޯދަން ކުރި މަސައްކަތުގައި ދިވެހިން ކާމިޔާބު ހޯދި. 105 އަހަރު ވަންދެން ރާއްޖޭގައި ތިބި ވޯރާ ވިޔަފާރިވެރިން ރާއްޖޭގެ ވިޔަފާރި ކުރުން ބޮޑުވަޒީރު ނާސިރު އެ ދުވަހު މަނާ ކުރެއްވި.
28 Sep 1963
ބްރިޓިޝް ކޮލޯނިއަލް ސެކްރެޓަރީ ޑަންކަން ސެންޑީސް އަށް ބޮޑުވަޒީރު އިބްރާހިމް ނާސިރު ނޯޓެއް ލިޔުއްވައި ރާއްޖެ ވަރަށް އަވަހަށް ފުރިހަމަ މިނިވަންކަން ލިބިގެންވާ ގައުމަކަށް ވާނޭ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި. އަދި ދިވެހި ސަރުކާރުން މިނިވަން ކަމަށް އެދި ހުށަހަޅާ ހުށަހެޅުން އިނގިރޭސިވިލާތުން ގަބޫލުކުރުމަށް ވެސް ނާސިރު އެދި ވަޑައިގެންނެވި.
06 April 1964
އިނގިރޭސީ ރެޕްރެޒެންޓިޓިވް އާތިންޓަން ޑޭވީއާ ދިމާއަށް މާލެ ތެރެއިން ބަތް ޕާރުސަލް އުކި
23 June 1964
ރާއްޖެ އަށް މިނިވަންކަން ދިނުމާބެހޭ ގޮތުން ދެ ގައުމުގެ ދެމެދު ލަންޑަނުގައި މަޝްވަރާ ފެށިކަން ކޮމަންވެލްތު ސެކްރެޓަރީ ޑަންކަން ސެންޑީސް ފުރަތަމަ ފަހަރަށް އިއުލާން ކުރެއްވި.
February 1965
ރާއްޖެއިން ސިލޯނުގެ ލޯ ފާމެއްގެ އެހީތެރިކަން ހޯދި. ނަމަވެސް ވަކި ހިސާބަކުން ލޯފާމުގެ އެހީ ދޫކޮށްލައި ބޮޑު ވަޒީރު ނާސިރުގެ ލަފާފުޅާ އެއްގޮތަށް ހުރިހާ ވާހަކަތަކެއް ބަދަލު ކުރި.
March 1965
މިނިވަން ވުމުގެ އެގްރިމެންޓް މުޅިން ފައިނަލްވި.
26 July 1965
ސިލޯނުގައި ހެނދުނު 10:00 ޖެހިއިރު މިނިވަންކަމުގެ އެގްރިމެންޓުގައި ބޮޑުވަޒީރު އިބްރާހިމް ނާސިރު ސިލޯނުގައި ސޮއިކުރެއްވި.
26 July 1965
ދިވެހި ރާއްޖެ މިނިވަންވެއްޖެ. އަދި އެދުވަހު އިނގިރޭސީ ޕާލަމެންޓްގެ ހައުސް އޮފް ލޯޑްގައި އެކަމަށް ބަހުސްކޮށް ”މަގޭ ސާހިބުންނޭވެ. އިނގިރޭސި ވިލާތަކަށް މި ޖަޒީރާތައް، ދިވެހި ރާއްޖެ އެއްވެސް އިރަކު މިލްކުވެގެން ނުވެއެވެ. އެ ރަށްތަކަކީ، ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރަށް މިލްކުވެގެންވާ، އެ ފަރާތްތަކުގެ ތަކެއްޗެވެ. އެރަށްތައް ވީ ޙިމާޔަތް ކުރެވިގެންވާ ދައުލަތެއްގެ ޙާލަތުގައެވެ." ބުނެ ބަހުސް ނިންމި އެވެ.
28 July 1965
ދިވެހި ސަރުކާރާއި އިނގިރޭސި ސަރުކާރާ ދެމެދު އާ އެގްރިމެންޓެއް ކުރެވުނު ވާހަކައަކީ އުފާވެރި ހަބަރެކެވެ. ރާއްޖެއަކީ އިނގިރޭސި ވިލާތާ ވަރަށް ދުރުން ސިލޯނުގެ 400 ވަރަކަށް މޭލު ދުރުގައި އިންޑިޔާ ކަނޑުގައި އޮތް ގައުމެއް ނަމަވެސް އެތާނގެ ކުދިކުދި ޖަޒީރާތަކުގައި އުޅޭ 90 ހާހެއްހަށްވުރެ އިތުރު ނޫން އާބާދީގެ މިނިވަން ކަމުގެ މައްސަލަ އިނ ގިރޭސި ވިލާތަށް ވީ ފުނުން ވިސްނަން ޖެހުނު ބޮޑުވެގެންވާ މައްސަލައަކަށެވެ. -- ބީބީސީ
28 July 1965
ބޮޑު ވަޒީރު އިބްރާހިމް ނާސިރަށް ރައްޔިތުންގެ މަޖިލީހުގައި ޝުކުރުގެ ވޯޓެއް ފާސްކޮށް އިއްތިފާގުން ނިޝާން ޣާޒީގެ އިތްޒަތް އެރުވަން ފާސްކުރި
09 Aug 1965
ބޮޑު ވަޒީރު އިބްރާހިމް ނާސިރަށް ރަންނަ ބަނޑޭރި ކަމަށް ކޮލިލެވުނު
26 Aug 1965
ރާއްޖެ އދ. ގައި ބައިވެރިވާން ރަސްމީ ލިޔުން ފޮނުވި
21 Sep 1965
އިންޑިޔާ ކަނޑުގައިވާ ކުޑަކުޑަ ޖަޒީރާ ގައުމު، ދިވެހި ރާއްޖެ އިނގިރޭސީންގެ ހިމާޔަތުން މިނިވަންވެ އދ. މެންބަރަކަށް ވެއްޖެ. -- މި ތާރީހުގައި ރާއްޖެ ބަލައި ގަތީ އދ. ގެ ސެކިއުރިޓީ ކައުންސިލުންނެވެ. ރަސްމީ މެންބަރެއް ކަމަށް ފާސް ކުރީ 22 ވަނަ ދުވަހު އެވެ. ވޮއިސް އޮފް އެމެރިކާ ބްރޭކިން
11 June 1966
ބަނދުގައި ތިބި ގިނަ އަދަދެއްގެ މީހުންނަށް ބޮޑު ވަޒީރު ނާސިރު ދެވަނަ ފުރުސަތު ގެ އަފޫއާންމު ދެއްވާ މިނިވަން ކުރި. އަދި ދިވެހިން ފުރިހަމަ މިނިވަން ޖައްވެއްގައި އާ ގައުމީ ހަޔާތް ފެށި
29 March 1976
އިނގިރޭސީން އެމީހުންގެ އަސްކަރީ މަރުކަޒު ދިވެހި ސަރުކާރާ ހަވާލުކޮށް ރާއްޖެ ދޫކޮށްދިޔަ.
April 1976
ރާއްޖޭގެ މިނިވަން ދުވަހަކީ އިނގިރޭސީ ފައިބައިގެން ދިޔަ ދުވަސް ކަމުގައި ނާސިރު ނިންމެވި. މާރޗް މަހުގެ 29 ވަނަ ދުވަސް މިނިވަން ދުވަހުގެ ގޮތުގައި ފާހަގަ ކުރެވުނީ އެއް އަހަރު އެވެ. އެއީ 1978 ވަނަ އަހަރު އެވެ.
1978
ރައީސް މައުމޫނަށް ވެރިކަން ލިބި ވަޑައިގެންނެވުމުން މިނިވަން ދުވަސް ޖުލައި 26 އަށް ބަދަލު ކުރެއްވި
26 July 2015
ދިވެރާއްޖެ މިނިވަންވިތާ 50 އަހަރު ފުރިއްޖެ
(ޓައިމް) ހަގީގަތުގައި 1963 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން އެގްރިމެންޓްގެ ވާހަކަތައް އޮތީ ފެށިފަ އެވެ. ވާހަކަތަކުގެ ބޮޑުބައި ދެކެވުނީ ޔޫކޭ ހައިކޮމިޝަނަރާއި ކޮޅުނބުގައި ހުންނަ ދިވެހި ރާއްޖޭގެ ރެޕްރެޒެންޓެޓިވްއާ ދެމެދުގަ އެވެ. އިނގިރޭސީން އިސްވެ ތިބެ އެކުލަވާލި ދެލި ކަރުދާހާބެހޭ ގޮތުން ދެ ސަރުކާރުން ބަހުސްތައް ކުރަމުން ދިޔައީ ސިލޯނުގައި ހުންނަވާ ބްރިޓިޝް ހައިކޮމިޝަނަރުގެ އޮފީހުގަ އެވެ. ރާއްޖެ އަށް ފުރިހަމަ މިނިވަންކަން ދިނުމާ މެދު އެކި ފަހަރު މަތިން ބައްދަލުވުންތައް ބޭއްވުނު އަދަދު ވަރަށް ގިނަ އެވެ. ވާހަކަތަކުގެ ބޮޑުބައި ހިނގީ 1964 ވަނަ އަހަރުގައެވެ. މުޅި އެ އަހަރުގައި ވެސް ބައްދަލުވުންތައް ބޭއްވި އެވެ.
ފުރިހަމަ މިނިވަންކަން ދޭން ނާސިރު އަބަދު އެދިވަޑައިގަންނަވާ. އަހަރެމެންގެ ޝަރުތުތަކަކީ އައްޑު އަތޮޅުގައި ގާއިމްކޮށްފައިވާ އަސްކަރީ މަރުކަޒު ދެމެހެއްޓުމުގެ ހައްގު ދިނުމާއި އެހެން ގައުމަކަށް ރާއްޖޭގައި އަސްކަރީ މަރުކަޒެއް ހެދުމުގެ ފުރުސަތު ނުދިނުން – ސޭންޑީސް
(ނިއުޔޯކް ޓައިމްސް) މިނިވަންވުމުގެ އެގްރިމެންޓް އެކުލަވާލައި އިނގިރޭސި އޮފިޝަލުންނާ އެކު ދޮޅު އަހަރު ދުވަހު "މިނިވަން ބަހުސެއް" ރާއްޖޭގެ ޑިޕްލޮމޭޓުންނަށް ކުރަންޖެހި ވަޑައިގެންނެވި އެވެ. އިސްކޮށް ހުންނެވީ ސަރުކާރުން ސިލޯނަށް ކަނޑައަޅުއްވާފައިވާ ހާއްސަ ރެޕްރެޒެންޓެޓިވް އަބްދުއް ސައްތާރު މޫސާ ދީދީ އެވެ. ހޫނު ގަދަ މިބަހުސްތަކުގެ ބައެއް ބައްދަލުވުންތަކުގައި އިނގިރޭސި ޑިޕްލޮމޭޓުން ވޯކްއައުޓް ކުރި އެވެ. އެ ހޫނުގަނޑުގައި އޭރު ރާއްޖޭގައި ހުރި އިނގިރޭސި ސަފީރު އާތިންޓަން ޑޭވީއާ ދެކޮޅުހެދުމުގެ ގޮތުން މާލޭގެ އަންހެނުން މުޒާހަރާއެއް ކޮށް އިނގިރޭސި ދިދަ ބިންމައްޗަށް އުކާ ހެދި އެވެ. އަދި ހުޅުލޭގައި އިނގިރޭސީން ހެދި އެއާޕޯޓް ސުންނާފަތިކޮށް އެ މީހުންގެ ބައެއް މުދަލަށް ގެއްލުންދިނެވެ.
ހިޔާލު ތަފާތުވެ ހޫނުވީ އައްޑު އަތޮޅުގައި އޮންނަން ޖެހޭ އެއްބަސްވެވޭ ސަރަހައްދު ނުވަތަ 'އެގްރީޑް އޭރިއާ' އާއި ރާއްޖޭގެ ކަނޑުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް ދަތުރުކުރާ އިނގިރޭސި ބޯޓު ފަހަރު ނުވަތަ 'އިނޮސެންޓް ޕެސެޖް'ގެ ވާހަކަ ބަޔާން ކުރާ މާއްދާއަށް – އަބްދުއް ސައްތާރު މޫސާ ދީދީ
ދިވެހި ރާއްޖެއަކީ ހުރިހާ ރަށްތަކެއް ހިމެނޭ ގޮތުން ފުރިހަމަ މިނިވަންކަމަކާއި އަމިއްލަ ވެރިކަމެއްގެ ބާރު ލިބިގެންވާ ގައުމެއްގެ ގޮތުގައި ގަބޫލު ކުރަން އިނގިރޭސި ސަރުކާރުން ފަސް ޖެހުނު. - ޑެއިލީ ޓެލެގްރާފް
ފުރިހަމަ މިނިވަންކަމެއް ހޯދަން އެގްރިމެންޓެއްގެ ދެލިކަރުދާހެއް އެކުލަވާލައި، ކޮލަމްބޯގައި ބަހުސްކުރަމުން ދިޔައިރު އެ ބަހުސްތަކުގެ ހޫނުން އުފެދުނު އާވި ރާއްޖޭގައި އަރައަރާ ހުރި - އިބުރާހިމް ޝިހާބު
(ހަވީރު) ރާއްޖެ އަށް މިނިވަންކަން ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމުން އެކަމާ އިނގިރޭސިވިލާތުގެ ބައެއް ނޫސްތަކުން ވަނީ ފާޑުކިއެވެ. އެގޮތުން ޖުލައި ،27 1965 ގެ "ދަ ގާޑިއަން" ނޫސް ބުނާ ގޮތުން މިނިވަންކަން ދިން އެއްބަސްވުމުގެ ނަތީޖާ އަކީ ސުއޭސް ކެނެލްގެ އިރުމަތީގައިވާ އިނގިރޭސިންގެ ދިފާއީ ބާރު ނިކަމެތިވުމެވެ.
މިނިވަންކަމުގެ އެގްރިމެންޓްގެ މަސައްކަތް ކުރެވުނު ދުވަސްވަރާއި ކުރެވުނު މަސައްކަތަށް އަމިއްލަ ޒަމީރުން ވިސްނާލާއިރު މިހާރު ހިތަށް އަރާ، އެ ދަނޑިވަޅުގައި އެކަން ނުކުރެވުނު ނަމަ މިނިވަންވާން އެއަށް ވުރެ އުނދަގޫ ނުވީސްބާވައޭ. އަޅުގަނޑު މި ދެންނެވީ ވަރަށް ބޮޑު ތެދެއް! އެ ދަނޑިވަޅުގައި އެކަން ނުކުރެވުނު ނަމަ އޭގެ ފަސް އަހަރު ފަހުން މިނިވަންކަން ހޯދަން ވަރަށް އުނދަގޫވީސް - އަބްދުއްސައްތާރު މޫސާ ދީދީ
Research by: Mundoo Adam Haleem