ތިމާވެށި

ރާއްޖެއިން ބޭރުކުރާ ވިހަ ގޭހުގެ މިންވަރެއް ކަނޑައަޅަން މަޖުބޫރުވެއްޖެ

May 18, 2021

ކްލައިމެޓް އިމަޖަންސީ ބިލް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން މި ބިލް ފާސްކުރީ މިދިޔަ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު އެވެ. މިބިލް ތަސްދީގު ކުރެއްވުމާ އެކު ތިމާވެށީގެ ދާއިރާ އިން ގިނަ ކަންތައްތަކެއް ކުރަން ލާޒިމްވެގެންދާނެ އެވެ.

ކްލައިމެޓް އިމަޖަންސީ ގާނޫނަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ނުރައްކާވެފައިވާތީ ރާއްޖެ ރައްކާތެރިކޮށް ހިމާޔަތްކުރުމަށްޓަކައި ތަންފީޒުކުރަންޖެހޭ ސިޔާސަތުތައް އެކުލަވާލުމަށާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބޭނުންވާ ގާނޫނީ އަދި އިދާރީ އޮނިގަނޑު އެކުލަވާލުމުގެ ގޮތުން އެކުލަވާލި ގާނޫނެކެވެ.

މި ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔެއަށް ލިބޭ ގެއްލުންތަކަށް ދުނިޔެ ހޭލުންތެރިކުރުމަށް އިސްނަގައި ވަކާލާތުކުރާ ބަޔަކަށް ރާއްޖެ ހެދުމަށް ބާރުއެޅުމަށާއި، ރާއްޖެއަކީ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަނެ، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށްޓަކައި ބޭނުންވާ ގާބިލުކަން އިތުރުކުރުމާއި އެކަންކަމާބެހޭ އުސޫލުތައް ބަޔާންކުރުން ހިމެނެ އެވެ.

މިގާނޫނަށް އަމަލުކުރަން ފެށުމާ އެކު 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް މަގުފަހިކުރުމާއި، ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްކުރުމަށްޓަކައި ކޮންމެ މީލާދީ އަހަރަކަށް ބޭރުކުރެވޭނެ ކަމަށް ލަފާކުރެވޭ ކާބަންގެ މިންވަރު އެކުލެވޭ ކާބަން ބަޖެޓެއް މިނިސްޓަރު އެކުލަވާލައްވައި ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ޖެހެ އެވެ. ކޮންމެ މީލާދީ އަހަރެއް ނިމުމުގެ ތިންމަސް ދުވަހުގެ ކުރިން ކާބަން ބަޖެޓް ފާސްކުރަން މަޖިލީހަށް ހުށަހަޅަން ވެސް ޖެހެ އެވެ.

މީގެ އިތުރުން މި ގާނޫނުގައި ވަނީ މޫސުމާ ގުޅޭގޮތުން ގައުމީ ފެންވަރުގައާއި ބައިނަލްއަގްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގައި ދިވެހިރާއްޖޭގެ ފަރާތުން ކުރަންޖެހޭ ކަންކަން އިސްވެ ކުރުމަށް ކްލައިމެޓް ޗޭންޖް ޑައިރެކްޓަރޭޓްގެ އިދާރާއެއް މިނިސްޓްރީގެ ދަށުން އުފެއްދުމަށް ލާޒިމްކޮށްފަ އެވެ.

ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ބައިނަލްއަގްވާމީ މައިދާނުގައި ދިވެހިރާއްޖެ ތަމްސީލުކޮށް މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދިވެހި ދައުލަތުގެ ސިޔާސަތުތައް ހާމަކުރުމުގެ އިސްދައުރު އަދާކުރުމަށް "ސްޕެޝަލް އެންވޯއީ ފޯ ކްލައިމެޓް ޗޭންޖް"ގެ ނަމުގައި ސަފީރު ފެންވަރުގައި މަގާމެއް އުފައްދައި، އެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅެއް އައްޔަންކުރަންވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ކްލައިމެޓް އިމަޖަންސީ ބިލް، ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގު ކުރެއްވުމާ ގުޅިގެން މިއަދު ވަނީ ގާނޫނަށް އަމަލުކުރަން ފަށާފަ އެވެ.