އަވަސް އޮންލައިންގެ ސުލޫކީ އަސާސްތައް

އަވަސް އޮންލައިންގެ ނޫސްވެރިންނާއި އެހެނިހެން އިދާރީ މުވައްޒަފުންނާއި މި ނޫހުގެ އެންމެހާ އެކުވި ނިޒާމްތައް ބިނާވާނީ މާތް ވެގެންވާ އިސްލާމް ދީނާއި ޖިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާއި އެއް ގޮތަށް އަގު ކުރެވޭ ކަންތައްތަކެއް އަދި ސިކުނޑި އާއި ބުއްދިއަށް ގަބޫލު ކުރެވޭ ހަމަތަކެއްގެ މައްޗަށެވެ.

އަވަސް އޮންލައިންގެ އެކުވި ހުރިހާ ނިޒާމްތަކެއް ހިންގާނީ ޒާތީ ގޮތުންނާއި މަސައްކަތުގެ ގޮތުން ބަލަންވީ މިންގަނޑުތަކެއްގެ މަތީގަ އެވެ. އެ ހުރިހާ ކަމެއްމެ، ބިނާވާނީ ތެދަށް ވާސިލުވުމުގެ އަޒުމާއި ތެދު ހަގީގަތް ހޯދުމުގެ އަޒުމާއި އިންސާފުވެރި ވުމަށާއި ހަމަހަމަ ވުމުގެ އަޒުމަށާއި އިޝްތިހާރު ކުރުމާއި ނޫސްވެރި ކަމާ ދެމެދު ތަފާތެއް ގެންގުޅުމުގެ އަޒުމަށާއި ސުލޫކު ހުރި ނޫސްވެރިން ބިނާ ކުރުމުގެ އަޒުމުގެ މައްޗަށެވެ.

އަވަސް އޮންލައިންގެ މައިގަނޑު ތަރުތީބު އޮންނާނީ އިސްލާމް ދީނު ތަރަހައިގެ ތެރެއިން ތެދު ހޯދާއި ތެދު ރިޕޯޓް ކުރުމުގެ ތެރޭގަ އެވެ. އަދި އެ ތަރުތީބުގެ ރޫހަކީ އެންމެނަކީ އިހުތިރާމް ލިބުން ހައްގު ބައެއް ކަމުގައި ދުށުމާއި ރައްޔިތުންނަށް ކަންކަން އެންގުން ފިޔަވައި އިތުރު މަސްލަހަތެއް ނެތުމާއި ނޫހުގެ ކިޔުންތެރިން، ވީޑިއޯ އޯޑިއޯ ހިމެނޭ ގޮތުން ބެލުންތެރިން، އެހުންތެރިން ކުރިމަތީގައި ޒިންމާވުމެވެ. މައިގަނޑު ތަރުތީބު ބިންގަލަކީ އަންނަނިވި ކަންކަމެވެ.

  • މައުލޫމާތު އީޖާދެއް ނުކުރާނެ
  • ހަބަރަކާ ގުޅިގެން ފައިސާ، ހަދިޔާ ގަބޫލު ނުކުރާނެ
  • ހަބަރުގެ ގޮތުގައި އިޝްތިހާރު ނުކުރާނެ
  • ނުދާ ތަންތަނަށް ދިޔަ ކަމަކަށް ނުހަދާނެ
  • ނުފެންނަ ކަންކަން ފެނުނު ކަމަކަށް ނުހަދާނެ
  • އަނެކާގެ އަނގަޔަށް ބަސް ލައިދީ ނުހަދާނެ
  • މީހުންގެ މަސައްކަތް އަމިއްލައެއް ނުކުރާނެ

ނޫސްވެރި ކަމުގެ ޕްރޮފެޝަނާއި މިނިވަންކަން ހިމާޔާތްކޮށް، ދެމެހެއްޓުމަށްޓަކައި އަވަސް އޮންލައިންގެ ނޫސްވެރިން އަބަދުވެސް މަސައްކަތް ކުރާނީ މާތް ވެގެންވާ އިސްލާމް ދީނާއި ރާއްޖޭގެ ގާނޫނު އަސާސީއަށް ހުރުމަތްތެރިކޮށް ހިތުމާއެކު އަންނަނިވި މައިގަނޑު ތިން އަސާސަށް އިސްކަން ދީގެނެވެ.

  • އެކިއުރެސީ | ހަގީގަތް ހާމަ ކުރުން
  • ފެއާނެސް | އިންސާފުވެރިވުން
  • އިންޑަޕެންޑެންޓް | ނުފޫޒެއްގެ ދަށުގައި ނުވުން

މި ތިން އަސާސަށް ވާސިލުމަށްޓަކައި އަންނަނިވި ކަންކަން ފުރިހަމަ ކުރާން އަވަސް އޮންލައިންގެ ހުރިހާ ނޫސްވެރިން އެއްބަސްވާނެ އެވެ. އަދި އެ މަގުގައި ދެމި ތިބުމަށް އަބަދުމެ މަސައްކަތް ކުރާނެ އެވެ.

ފުރަތަމަ: ހަބަރާއި މައުލޫމާތު ފެތުރުމުގައި މާތް ވެގެންވާ އިސްލާމް ދީނާއި ދިވެހި ގައުމުގެ ޝަފަރާއި ދިވެހިންގެ އާދަކާދަ އާއި ސަގަފާތާއި ދިވެހި ބަހާއި، އިޖުތިމާއީ ގޮތުންނާއި އަހުލާގީ ގޮތުން އަގު ކުރާ އުސޫލުތަކަށް އެންމެ މަތީން ކަމޭ ހިތުން

ދެވަނަ : ހަބަރާއި މައުލޫމާތު ފަތުރާނީ ކަމާ ގުޅޭ ފަރާތްތަކުގެ ޒާތީ މަސްލަހަތުތަކަށް ރިއާޔަތްކޮށް އާންމު ރައްޔިތުންނަށް ލިބިގެންވާ މައުލޫމާތު ލިބިގަތުމުގެ ހައްގަށް އިސްކަން ދީގެން

ތިން ވަނަ : ކުށެއް ލިޔެވިއްޖެކަން އެނގުމާއެކު ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި އެ ކުށެއް އިސްލާހު ކުރާނެ، އަދި މާފަށް އެދެން ޖެހިއްޖެ ހާލަތުގަ ފަސް ނުޖެހި މާފަށް އެދޭނެ

ނޫސްވެރިކަމުގައި އަހަރެމެން އެއް ބަސްވާ ހަމަ

  1. ވީޑިއޯ އާއި ފޮޓޯ އާއި އެހެނިހެން އެފަދަ މައުލޫމާތު ހޯދާނީ އޮޅުވާލުމެއް ނެތި މިއީ އަވަސް އޮންލައިންގެ ނޫސްވެރިންކަން އެނގޭ ގޮތަށެވެ. ގައުމުގެ މަސްލަހަތެއް، އަދި ދޭދެ ގައުމުތަކުގެ މަސްލަހަތެއް ހިފެހެއްޓުމަށްޓަކައި ކޮންމެހެން މަޖުބޫރު ވެއްޖެ ހިނދެއްގައި މެނުވީ ފޮރުވިގެން ތިބެ ނޫސްވެރި ކަމުގެ މަސައްކަތެއް ނުކުރާނަމެވެ.
  2. ހަމަ އެއްވެސް މީހަކަށް މެދުވެރިވާ ހިތާމަވެރި ކަމެއްގެ މައުލޫމާތު ހޯދައި އެއްކުރުމުގައި ވަގުތާއި ހާލަތަށާއި އިހުސާސްތަކަށް ފަރުވާތެރިވެ އިހުތިރާމް ކުރާނަމެވެ.
  3. އަވަސް އޮންލައިން މަސައްކަތް ކުރާނީ ނޫސްވެރި ކަމުގެ އެންމެ މަތީ މަސްލަހަތާއި ޕްރޮފެޝަން ދެމެހެއްޓުމަށެވެ. މަސައްކަތް ކުރާ ތަނާއި އަހަރެމެންގެ ގަދަރާއި އިތްޒަތަށް އުނި ކަމެއް އަތުވެދާނެ ކަންކަމުން ދުރުހެލިވުމަށް އަބަދުވެސް މަސައްކަތް ކުރާނަމެވެ.
  4. ދިވެހި ދައުލަތާއި ރައްޔިތުންގެ ފަރާތުން، ނޫސްވެރިއެއްގެ ގޮތުގައި ލިބިދީފައިވާ އިމްތިޔާޒުތަކާއި އިހުތިޔާރުތަކުގެ ފައިދާ ނަހަމަ ގޮތުގައި ނުހިފާނަމެވެ. އަދި ނޫސްވެރިކަން ކުރުމުގައި ޒާތީ މަންފާ އާއި ފައިދާއަށް އިސްކަމެއް ނުދޭނަމެވެ.
  5. އެހެން މީހެއް، އެހެން ބައެއްގެ އުފެއްދުމެއް އަމިއްލަ އެއްޗެއް ގޮތުގައި ބޭނުމެއް ނުކުރާނަމެވެ. އަދި އެހެން މީހެއްގެ ނުވަތަ ތަނެއްގެ އުފެއްދުމެއް ބޭނުން ކުރާނަމަ އެ މީހަކަށް ނުވަތަ އެތަނަކަށް ދޭންޖެހޭ ހަވާލާ އާއި އެކަށީގެންވާ ކްރެޑިޓް ދޭނަމެވެ.
  6. ނޫސްވެރި ކަމުގެ އެންމެހާ ވާޖިބުތައް އަދާ ކުރުމުގައި އެއްވެސް ކަހަލަ ނުފޫޒަކަށް ތަނެއް ނުދޭނަމަވެ.
  7. ނޫސްވެރި ކަމުގައި ވަކި ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އެއްވެސް މީހަކު، ނުވަތަ އެއްވެސް ފަރާތަކުން ދޭ ރިޝްވަތެއް ނުވަތަ ހަދިޔާއެއް ބޭނުމެއް ނުކުރާނަމެވެ. އަދި އެފަދަ ނުފޫޒެއް ފޯރުވަން އުޅޭ މީހެއްގެ މައުލޫމާތު ހާމަ ކުރަންޖެހޭ ފަދަ ހާލަތެއްގައި ފަސް ނުޖެހި ހާމަ ކުރާނަމެވެ.
  8. ފޮޓޯއެއް ނުވަތަ މަންޒަރެއްގައި ފެންނަ އެއްޗެއް އޮޅޭ ފަދަ ގޮތަކަށް ފޮޓޯއަށް ނުވަތަ މަންޒަރަށް ބަދަލު ގެނެސް ފުރޮޅައެއް ނުހަދާނަމެވެ. އަޑާއި ލިޔުން އެޑިޓް ކުރުމުގައި ވެސް މާނަ އޮޅޭ ގޮތަށް ބަދަލުކޮށް ފުރޮޅައި ނުހަދާނަމެވެ. އެފަދަ އެއްޗަކަށް ބަދަލެއް ގެނެސްފައި ވާނަމަ އޮޅުން ނާރާނެ ގޮތަކަށް އެ ބަދަލު ގެނައިކަން ހާމަ ކުރާނަމެވެ.
  9. ކޮންމެހެން ސިއްރު ކުރަން ޖެހިއްޖެ ހާލަތެއްގައި މެނުވީ މައުލޫމާތު ދޭ މީހާ ނުވަތަ ފަރާތުގެ ނަން ހާމަ ކުރާނަމެވެ. މައުލޫމާތު ދޭ މީސް މީހުނާއި ފަރާތްތަކުގެ ނަން ސިއްރު ކުރަން ޖެހިއްޖެ ހިނދެއްގައި ގާނޫނުގެ އިމާއި ދާއިރާގައި ދެވޭނެ އެންމެ ފުޅާ ހިމާޔަތް އެ މީހަކަށް ނުވަތަ އެފަރާތަކަށް ދޭނަމަވެ.
  10. ވަކި ދީނަކަށް، ނަސްލަކަށް، ދަރިކޮޅަކަށް، ޖިންސަކަށް، އަދި އުމުރަކަށް ނިސްބަތް ވާތީ ނުވަތަ ޖިސްމާނީ ގޮތުން ނުވަތަ ނަފުސާނީ ގޮތުން އުނި ކަމެއް ލިބިފައިވާ މީހަކަށް ވާތީ އެ މީހަކަށް ނުހައްގު އުނި ކަމެއް ލިބިދާ ފަދަ ތަފާތު ކުރުމެއް ނުގެންގުޅޭނަމެވެ.
  11. މީހަކު ނުވަތަ ބަޔަކު ގެންގުޅޭ ސިޔާސީ ވިސްނުމެއް އަދި ފިކުރެއްގެ ސަބަބުން ނުވަތަ ތާއީދު ކުރާ ސިޔާސީ ޕާޓީއެއް ނުވަތަ ޖަމާއަތެއްގެ ސަބަބުން އެ މީހަކާއި އެ ބަޔަކާމެދު ނުހައްގު ތަފާތު ކުރުމެއް ނުގެންގުޅޭނަމެވެ.
  12. ކުޑަކުދިންނާ ބެހޭ މައުލޫމާތު ހާމަ ކުރާއިރު އެ ކުދިންގެ ކަރާމާތަށް އުނިކަން ލިބޭފަދަށް މައުލޫމާތެއް ވީޑިއޯ އައި އޯޑިއޯ އަދި ފޮޓޯ އާއި ކުރެހުން ނުހިމަނާނަމެވެ.
  13. ހިނގަ ހިނގާ އޮންނަ ޝަރީއަތްތަކާއި ގުޅޭ ކަންކަމާއި ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަންކަމުގައި އަބަދުވެސް ގައުމުގެ އެންމެ މަތީ މަސްލަހަތުތަކަށް އިސްކަން ދޭނަމެވެ.
  14. ޒާތީވުމާއެކު ވިޔަފާރިތަކާއި ހުނަރާއި މަސައްކަތާއި މީހުންގެ އަގު ވައްޓައެއް ނުލާނަމެވެ.
  15. ދޭދޭ ގައުމުތަކާއި ދިވެހި ދައުލަތާއި ދެމެދު އޮންނަ ގުޅުމަށް ބުރޫއަރާފާނެ ގޮތަކަށް ވާހަކަ އީޖާދެއް ނުކުރާ ނަމެވެ. އިސްލާމް ދީނާއި ހިލާފު ނުވާނެ ގޮތެއްގެ މަތީން ބައިނަލްއަގުވާމީ މުއާހަދާތާކާއި ޖަމިއްޔާ ޖަމާއަތްތައް އަގު ކުރުމާއެކު އިންސާނީ ހަގުތަކަށް ހުރުމަތްތެރިކޮށް ހިތާ ނަމެވެ. އަދި ހަރުކަށި ހައްދު ފަހަނަ އަޅާފައިވާ މީހުންނާއި ބޭ ދީނީ ކަންކަމާއި އެފަދަ މީހުނާއި ފަރާތްތަކާއި ޓެރަރިޒަމަށް ވާގިވެރިވާ އެއްވެސް ކަމެއް ވެސް އަދި ފަރާތެއް ވެސް ޕްރޮމޯޓެއް ނުކުރާނަމެވެ.