ލައިފްސްޓައިލް

ބުދެއްގެ ސިފަ ޖެހެން މީހަކު މަސައްކަތް ކުރަނީ

ޕްލާސްޓިކް ސާޖަރީ ހަދާހިތްވާ އިނގިރެސި ވިލާތުގެ ފިރިހެނަކު "ފިރިހެން ބުދަކަށް" ވާން މަސައްކަތް ފަށައިފި އެވެ. އޭނާ ބޭނުން ވަނީ ބާބީ ޑޯލްގެ ތެރޭގައި ހިމެނޭ ކެން ނަމަކަށް ކިޔާ ފިރިހެން ބުދު ގޮތަކަށް އޭނާގެ ސިފަ ބަދަލު ކޮށްލާށެވެ.

ކެން ޑޯލްގެ ސިފައަށް ބަދަލުވުމަށް މިހާތަނަށް މި މީހާ 14،000 ޑޮލަރު ހޭދަ ކޮށްފައި ވެއެވެ.

ކެން ޑޯލްގެ ސިފަ ޖެހެން ވެގެން ޖިމީ ފެދާސްޓޯން، 22، މިހާތަނަށް ހެދި ސާޖަރީ ތަކުގެ ތެރޭގައި ތުންފަތް ބޮޑުކުރާ ސާޖަރީ އަކާއި ޗީކް އިންޕްލާންޓްސް ހިމެނެ އެވެ. އަދި ބޮޓޮކްސް ވެސް ޖަހާފައި ވެއެވެ. ދެން އޮތީ ނޭފަތުގެ މަސައްކަތް ކަމަށާއި ވަރަށް އަވަހަށް އެ ސާޖަރީ ވެސް ހަދާނެ ކަމަށް ޖިމީ ބުންޏެވެ. ޖިމީ ބުނަނީ މިއީ އަދި ފެށުމެއް ކަމަށާއި އަދި ގިނަ ސާޖަރީތަކެއް ހަދަން އެބަހުރި ކަމަށެވެ.

އިންގްލެންޑްގެ އިރު ހުޅަނގުގައި އޮންނަ ކުޑަ ޓައުނެއް ކަމަށްވާ ހަލް ގައި ދިރިއުޅޭ ޖިމީއަކީ އޭނާގެ އެކުވެރިއެއްގެ ބުޓީކެއްގައި ޑައިރެކްޓަރެއްގެ ވަޒީފާ އަދާކުރާ މީހެކެވެ. އުމުރުން 16 އަހަރުގައި އޭނާ ކިޔެވުން ހުއްޓާލީ ފައިސާ ހޯދައިގެން އަވަހަށް "ކެން ޑޯލް" އަށް ބަދަލުވުމުގެ މަސައްކަތް ފަށާށެވެ.

ވަޒީފާ އަދާ ކޮށްގެން މިހާތަނަށް ޖިމީއަށް ލިބުނު ހުރިހާ ފައިސާއެއް ހަރަދުކުރީ ކެން ބުދަށް ވާން ހަދާ ސާޖަރީ ތަކަށާއި އެކަމާ ގުޅޭ ކަންކަމަށެވެ.