ކުޅުދުއްފުށި

އަނެއްކާވެސް ކުޅުދުއްފުށި މޮނިޓަރިން އަށް

Jun 10, 2021
1

އުތުރުގައި އޮތް ހަމައެކެނި ސިޓީ، ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ ފުލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން ކުޅުދުއްފުށި އަނެއްކާ ވެސް މޮނިޓަރިން އަށް ގެންގޮސްފި އެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ ޕޮޒިޓިވްވި މީހަކީ ކުޅުދުއްފުށްޓާއި މާލެއާއި ދެމެދު ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިއެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މީހާ ފުލޫ ކްލިނިކަށް ދެއްކީ ބަލީގެ އަލާމާތްތަކެއް ހުރިކަން ފާހަގަ ކުރެވިގެން ކަމަށާއި ކޮންޓެކްޓް ވެފައިވާ މީހުން ހޯދައި އެމީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ރަށް މޮނިޓަރިން އަށް ލާން ޖެހުނީ ބޯޓެއްގައި އުޅެފައި ހުރި މީހެއް ވީމާ އެހެން މީހުންނާ ކޮންޓެކްޓްވެފައި ހުރި ގޮތުން އިތުރަށް ހާލަތު ގޯސްވިޔަ ނުދިނުމަށް.. މިހާތަނަށް 27 މީހަކު ވަނީ ކޮންޓެކްޓުންގެ ގޮތުގައި ރެކޯޑް ކުރެވިފައި،"

އިތުރަށް ވިދާޅުވީ ކޮންޓެކްޓްވީ މީހުންގެ ތެރެއިން 24 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށާއި މިއަދު އިރުއޮއްސޭއިރު އެ މީހުންގެ ނަތީޖާ ލިބޭނެ ކަމަށެވެ.

މި ކޭސްއާ ގުޅިގެން ކުޅުދުއްފުށީގެ 13 ގެއެއް މިހާރު ވަނީ ކަރަންޓީނުގަ އެވެ.

ކުޅުދުއްފުށި މޮނިޓަރިން އަށް ގެންގޮސްފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. އުތުރުން އެންމެ ގިނަ ބަޔަކު ތަފާތު ހިދުމަތްތައް ހޯދަން ވަކިން ހާއްސަކޮށް ސިއްހީ ހޯދުމަށްދާ ރަށަށް ދެން އެރޭނީ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. ކުޅުދުއްފުށި ވަނީ މިދިޔަ މަހުގެ ތެރޭގައި ވެސް މޮނިޓަރިން އަށް ގެންގޮސްފަ އެވެ. ކުޅުދުއްފުށިން ކޮވިޑް ކޭސްތައް ދޭތެރެދޭތެރެއިން ފެނުނު ނަމަވެސް އެރަށުގައި ސަރުކާރުގެ ރަސްމީ ކޮވިޑް ފެސިލިޓީ އެއް އަދި ގާއިމުކޮށްފައެއް ނުވެ އެވެ.