ވާހަކަ

ހީނލާގޮތުން

(10 ޖޫން 2021 އާ ގުޅޭ)

"ކޯއްޗެކޭ ތިކިޔަނީ... އަރީން، ދަރިފުޅު ބުނެބަލަ. ކީކޭ ޑަކްޓަރު ބުނީ. ރަނގަޅުތަ ދެމައިން." ސަބީނާ ހިތްއަވަސްވެފައި ވިއެވެ. އަރީން ބޯޖަހާލުމާއެކު ވާހަކަދެއްކިއެވެ.

"ފިރިހެން ކުއްޖެއް." އަރީން ބުންޏެވެ. ދަރިފުޅުގެ ޖިންސު އެނގުމަކުން އެ މޫނުން އުފާވެރިކަމެއް ނުފެނެއެވެ. ލިބެން އުޅޭ ދަރިފުޅުގެ ހަގީގަތް އެނގޭތީއެވެ. މިދުހަތާއެކު ބޭއްވުނު ނަހަމަ ގުޅުމުން އުފަންވި ނިޝާނެއްވީމައެވެ. އެ ކުށުގެ އިހްސާސް ތާއަބަދަށް އަރީނަށް ކުރެވޭނެކަން ގައިމެވެ.

"އޮށޯވެލަން މިދަނީ. ކުޑަކޮށް ބޮލުގަ ރިއްސަނީ." ނުތަނަވަސްކަން ފޮރުވަމުން އަރީން ބުނެލި އެވެ.

ދަރިފުޅުގެ މޫނުން ހުރިހާ ކަމެއް ސަބީނާ ދެނެގަތެވެ. ބަލިވެ އިންކަން އެނގުނީއްސުރެ އަރީންގެ ހަމަޖެހުން ގެއްލިފައިވާކަން ސަބީނާއަށް ރަނގަޅަށް އެނގެ އެވެ. އަރީންގެ އަތުގައި ފިރުމާލަމުން އޭނާ ބޯ ޖަހާލި އެވެ. އަރާމު ކޮށްލަން ދާށޭ ބުނާ ފަދައިންނެވެ. އެއާއެކު އަރީން ގޮސް ކޮޓަރިއަށް ވަންނަންދެން ބަލަން ސަބީނާ ހުއްޓެވެ. ފިނި ނޭވާއެއް އޭނާ ދޫކޮށްލީ ދެނެވެ. އަރީންގެ ފާފަ ފުއްސަވާ އެ ދަރިފުޅަށް ތެދުމަގު ދެއްކެވުމަށް އޭނާ ކިތައް ރޭ ދުޢާކުރިކަން ﷲ ދެނެވޮޑިގެން ވާނެއެވެ. އެ ދަރިފުޅު ކުރި ނުބައި ފާފައިން އޭނާގެ ހިތް ފުނޑުފުނޑުވިކަން ޔަގީނެވެ. ﷲ އީ އޯގާވަންތަ ރަސްކަލާނގެ އެވެ. ފާފަކުރާ މީހާއަށް ނޫނީ އެކަމުގެ ނުބައިކަމެއް ނުވެއެވެ. ދަރީންނަށް މަގުގެއްލުމުން މައިންބަފައިން އެ ދަރީންނަށް ރަނގަޅު މަގު ދައްކައިދޭން ޖެހެއެވެ. އުމުރުން ކިތަންމެ ބޮޑުވެފައި ހުރިކަމުގައި ވިޔަސް ނަސޭހަތްދީ ދީނުގެ ކަންކަން ހަނދާން ކޮށްދޭން ޖެހޭނެއެވެ. އާއިލާއިން އަރީނަށް އެންމެ ބޮޑު ހިތްވަރެއް ދިން މީހަކީ ނޯޔާކަން ސަބީނާ ވެސް ގަބޫލު ކުރެއެވެ. އޭނާ މަންމައަށް ވިޔަސް އަރީންގެ ފަރާތުން ފެނުނު ހެޔޮ ބަދަލުތައް އައީ ނޯޔާގެ ސަބަބުންނެވެ. އާއިލާގެ ތެރޭގައި އަރީން އިތުރަށް ފަޟީހަތްކޮށް އޭނާ ކުރި ފާފައިގެ ވާހަކަ އަބަދު ނުގޮވުމަށް ސަބީނާ ގާތު ފުރަތަމަ ވެސް ބުނީ ރޫމާ އެވެ. އެފަދައިން ކަންތައް ކޮށްފިނަމަ އަރީންގެ ހިތް މަރުވެ އޭނާ ބަލައިގަންނާނޭ މީހަކު ނެތްކަން އެނގި އިސްލާހުގެ މަގަށްވުރެ އިތުރު މަގުފުރެދުމަކުން ހަލާކުގެ ތެރެއަށް އެ ނަފްސު ގެއްލިދާނޭ ކަމުގައި ބުނެ ވިސްނައި ދިނީ ރޫމާ އެވެ. ނޯޔާގެ ފުށުން ފެނުނީ އޭނާގެ މަންމަގެ ސިފަކަން ޔަގީނެވެ.

"މަންމާ! މިހާރު ތިރޮނީ ކީއްވީ؟" ސަބީނާގެ ކޮނޑުގައި އަތްބާއްވާލަމުން އަސްލަން އަހާލި އެވެ. ލޯ ކައިރި ފުހެލަމުން ސަބީނާ ވާހަކަ ދެއްކި އެވެ.

"ހިތަށް އެރީ މިވެސް ﷲ ގެ ރަހުމަތޭ. މިންވަރުފުޅުގައި އޮތް ގޮތޭ... އަހަރެންގެ އެންމެ އަންހެން ދަރިއަކު ހުރިއިރު، އެކުއްޖާ ރަނގަޅު އަންހެނަކަށްވާން އަބަދުވެސް ބޭނުންވީ. މިއަދު އޭނާގެ ފުށުން ހެޔޮކަންކަން ފެނޭ. އެކަމަކު އެ ބަދަލުވުން އައީ ހީވެސް ނުކުރާ ގޮތަކަށް. ﷲ އޭނާގެ ހިތަށް ހަމަޖެހުން ދެއްވާންދޭވެ."

"އާން! އިރާދައިގަ ވާން އޮތް ކަމެއް، ވާން ލިޔެވިފައި އޮތް ގޮތަށް ނޫނީ ނުވާނެ. މެދުވެރިވީ ކިތަންމެ ދެރަގޮތެއް ވިޔަސް، އެކަމުގެ ސަބަބުން އަރީން ބަދަލުވީތީ އަހަރެމެން އުފާ ކުރަންޖެހޭނެ. އޭނާއަށް އިހްސާސް ކުރެވިއްޖެ ކުރެވުނު ނުބައިކަންތައް." ނޯޔާ ބުންޏެވެ.

"ނުވިހަނީސް ހުކުމް ކުރާނެހެން ހީވަނީ. ޕީޖީއިން މައްސަލަ ފޮނުވީމަ، ކޯޓަށް ދާން ޖެހޭނެ. އަހަރެން އަޑުއެހި ގޮތުގައި މިހާރު ރާއްޖޭގައި ހައްދެއް ނުޖަހާ، އެހެން ހުކުމް ކުރިޔަސް ތަންފީޒެއް ނުކުރޭ. ދެން ގޭ ބަންދު ކޮށްފާނެ. އެކަމަކު އެކަން ވެސް އޮންނަނީ ގާޒީގެ އަތްމަތީގަ. ކޮންމެ ގޮތަކުން ވިޔަސް މި މަރުހަލާތައް ނިމުމުން އަރީން މިނިވަންވީ. ދެން އޮތީ ރަނގަޅު ގޮތުގައި ދެމިހުރުން." އަސްލަން ބުންޏެވެ.

"ނޫން، އެއީ އަދި ނިމުމެއްނޫން. އަރީންގެ ކެތްތެރިކަމާއި އޭނާގެ އިމާންތެރިކަން ހުރިވަރު ﷲ އިމްތިހާނު ކުރެއްވުން އިތުރު ވެގެންދާނެ ދަރިފުޅު އުފަންވުމަށް ފަހު. ކައިވެނީގެ ތަންމައްޗަށް ނުލައްވާ ދަރިއަކު ހުރުމަކީ މުޖުތަމަޢު އެކަން ބަލައިގަންނާނޭ ކަމެއްނޫން. އެކަމުން އެމީހުންނަށް އުނދަގުލެއް ނުފޯރިޔަސް، އަރީންއާ ﷲ އާ އޮތް ގުޅުން ކިތަންމެ ވަރުގަދަވިޔަސް، ﷲ އޭނާގެ ފާފައަށް އަފޫކުރެއްވިޔަސް... ނިކަމެތި އިންސާނުންނަށް މަޢާފުކުރުން ފަސޭހައެއް ނުވާނެ. އަބަދުވެސް އަނެކާގެ ހުންނަ އުނިކަން ނޫނީ އެ ލޯތަކަށް ނުފެނޭ. އެމީހުން އޭނާގެ ތަޤުވާވެރިކަމާމެދު ސުވާލުކުރާނެ. ނުބައި އަންހެނެއްކަމާއި ފާފަތައް ފޮރުވަން އަޅުވެރިއަކަށްވީ ކަމުގައި ބުނެ އެމީހުންގެ ދޫތަކުން އަރީންގެ ހިތްމަރާލަން މަސައްކަތްކުރާނެ. ބައްޕަނެތް ދަރިއަކު ހުރި އަންހެނަކީ ރަނގަޅު އަންހެނެކޭ އެކަކުވެސް ނުބުނާނެ. ދަރިފުޅު ބޮޑުވެ ވިސްނޭވަރުވާއިރަށް އެކުއްޖާއަށް ވެސް އެފަދަ އަޑުތައް އިއްވާނެ. މިހުރިހާ ކަމަކަށް އަރީން ޖެހޭނީ ކެތްތެރިވާން. އެއީ ވަރުގަދަ އިމްތިހާނެއް. ހުރިހާކަމެއް ފުރިހަމަވެފައިވާ އިންސާނަކުނެތް. އަހަރެމެން އެކަކުއަނެކަކަށް ބޭނުންވޭ. އަރީންގެ ކެތްތެރިކަމާއި ހިތްވަރަކީ އަހަރެމެން މަންމާ. އެކަކުނެތަސް އަހަރެމެން އޭނާއާއެކު ހުންނަން ޖެހޭނެ. މީހުން ކޮންމެ އެއްޗެއް ކިޔަސް އަހަރެމެން ނޫނީ އޭނާގެ މައްޗަށް އޯގާތެރިވާނޭ ބަޔަކުނެތް." ނޯޔާގެ މޫނުގައިވަނީ ކަންބޮޑުވުމެވެ. ސަބީނާ ބޯ ޖަހަމުން ނޯޔާގެ ކޯތާފަތުގައި ހިފާލިއެވެ. އެންމެންނަށްވުރެ އުމުރުން ހަގު ވިޔަސް ނޯޔާގެ ބުއްދިއާއި ވިސްނުގެ ކުޅަދާނަކަން ސަބީނާ އަންތަރީސް ކުރުވާކަން ގައިމެވެ. ހިތުގައި އެކުއްޖާގެ މައްޗަށް ހާއްސަ ލޯތްބެއްވަނީ އެހެންވެއެވެ.

މުޖުތަމައު ބުނާ ގޮތާއި އެމީހުން ގަބޫލު ކުރާ ގަބޫލު ކުރުންތަކުން ދީނުގައި އޮންނަ ގޮތެއް ބަދަލެއް ނުވާނެއެވެ. ބުއްދިދެއްވާފައި ވިޔަސް އޭގެ ބޭނުން ކުރަންޖެހޭ ގޮތުގައި ކުރާ އިންސާނުން މަދުވެއްޖެކަން ނޯޔާއަށް އެނގެއެވެ. އަބަދު ފެންނަނީ މީހުންގެ ނެތިމޮށޭ މަންޒަރުތަކާއި އަޑުތަކެވެ. މީހުން ކުރާ ވިޔާނުދާ ޢަމަލުތަކުގެ ވީޑިއޯތައް އާންމުކުރާ ތަނެވެ. މީހުން އިތުރަށް ފަޟީހަތްކޮށް ބަދުނާމުކުރަމުންދާ ތަނެވެ. ހަގީގަތާއި ތެދު އޮޅުންނުފިލިޔަސް ތުންތުން މަތީން އިވޭ ވާހަކަތައް ގަބޫލުކުރާ މަންޒަރެވެ. ދީނުގައި އޮތީ އޭނާގެ އަހާގެ އައިބު ފޮރުވާދިނުމެވެ. ނަސޭހަތްދީ ހެޔޮ މަގަށް އައުމަށް އެހީތެރިވެދިނުމެވެ. ހަވަރަށް ނެރެ އޭނާ ކުރި ކުށުގެ ވާހަކަ އެންމެންނަށް ހާމަކުރުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނޭ ކަމެއްނޫނެވެ.

* * * * *

ދުނިޔެވީ ގަނޫނުގެ މަތިން ދުވަލާއި ރޭގަނޑު ނިމި ދުވަސްތައް މާޒީގެ ސާލުގެ ތެރެއަށް އޮޅާލައެވެ. ގޭތެރޭގައި އެހެންޏާ ނުފެންނަ ގާތްކަމާއި ލޯބި އަސްލަންއާއި ނޯޔާގެ މެދުގައި އޮތްކަން ފެނެއެވެ. އަނބިމީހާ ގާތުގައި ބައިންދައިގެން ދަރީންނާއެކު ވާހަކަ ދައްކަން އިނުން އަސްލަންގެ އާދައަކަށް ވެއްޖެ އެވެ. އޮފީހުން ގެއަށް އައުމާއެކު ދަރީންނާ ސަލާމްކުރާ ފަދައިން ނޯޔާގެ ކޯތާފަތުގައި ނޫނީ ނިތްކުރީ އޭނާ ބޮސްދޭން އިސްކަމެއް ދެއެވެ. ދޭތެރެ ދޭތެރެއިން އެކި ކަހަލަ ހަދިޔާ ގެނެސް ދެއެވެ. ދަރީންނާއި އަނބިމީހާއާއެކު އަންހެން ކޮއްކޮ ވެސް އުޅޭކަން އޭނާ ހަނދާން ނައްތާ ނުލައެވެ. ހަދިޔާ ދިނުމުގައި އޭނާ އަރީން ބާކީއެއް ނުކުރެއެވެ. އަނބިމީހާ ދެކެ އޭނާ ވާ ލޯބި ގިނަގިނައިން ހަނދާންކޮށްދީ ބުނެދީ އުޅެއެވެ. ނޯޔާގެ ހިނިތުންވުމަކީ އަސްލަންގެ ހަމަޖެހުމެވެ. އެ ހިތުގެ ދިރުމެވެ.

ދަރީންގެ މަންމައާ ފަވާދު ވާހަކަ ދެއްކުން އިތުރުވި އެވެ. އެކުދީން ގޮވައިގެން އަންނައިރު އަރީން ހުރެއެވެ. ގިނަ ވާހަކަތަކެއް އަރީން ނުދައްކައެވެ. އެހެންވިޔަސް އެ ބެލުމާއި މޫނުގައިވި އަސަރުތަކުގެ އިތުރުން ފާޅުކޮށްލާ ކުދިކުދި ހަރަކާތްތަކުން އެ ހިތް އޮތް ގޮތް ފަވާދަށް އެނގި ސާފުވެއެވެ. ދަރީންނާ ގުޅިގެން ވިޔަސް ފޯނުން ބަދަލު ކުރެވޭ މެސެޖުތައް އެ ދެމެދުގައި ގިނަވެއްޖެ އެވެ. އެކަކުއަނެކަކުގެ ހާލު އޮޅުންފިލުވެ އެވެ. ދަރީންގެ އަތަށް ދީ އަރީނަށް މޭވާފަދަ އެއްޗެހި ފޮނުވާ ހަދައެވެ. މާބަނޑުވުމުން އަރީން ކައިއުޅުނު އެއްޗެހި ފަވާދު ހަނދާން ހުރިކަން އެ ޢަމަލުން އެނގުނެވެ. އޭނާ އަރީންގެ އެއްވެސް ކަމެއް ހަނދާންނައްތައެއް ނުލައެވެ. ފާއިތުވެގެން ގޮސްފައިވާ ދުވަސްތަކުގައި އުޅެވިފައި ހުރި ގޮތް ހަނދާންވެ އެކަންކަމާ އަރީން ހިތާމަކޮށް ރޮވެނީ ފަވާދުގެ އޯގާތެރިކަން އެނގިއެވެ. ދުރުގައި ހުރެ ވެސް އޭނާގެ އަޅާލުން ލިބޭކަމުގެ އިހްސާސް ކުރެވޭތީއެވެ. އަރީން ދެން ދުވަހަކުވެސް އޭނާގެ ކުރީގެ ފީކަޅާ ދިރިއުޅުމަށް އެނބުރި ނުދާން އަޒުމް ކަނޑައަޅެއެވެ.

"ނޯޔާ..." ފަތިސް ނަމާދުން އައިސް އަސްލަން ކޮޓަރިއަށް ވަންއިރު ނޯޔާ އިނީ އެނދުގެ މަގަތުގައި އިށީނދެލައިގެންނެވެ. ކަމެއްވެފައި އިންހެނެވެ.

"ބޯ އަނބުރާ ގޮތްވަނީ. ހޮޑުލަވާ، އެކަމަކު ހޮޑެއް ނުއެއްލެވޭ. ރޭ ނަމާދަށް ހުރިއިރު ވެސް މިހެންވި." ނިތްކުރީގައި ފިރުމާލަމުން ނޯޔާ ބުންޏެވެ. އަސްލަން އަވަހަށް އައިސް ނޯޔާގެ ގާތުގައި އިށީނެވެ. ބޮލުގައި ފިރުމާލުމާއެކު ނިތް ކުރީގައި ބޮސްދީފި އެވެ.

"ހަމަތެދެއް." އަސްލަން ބުނި ގޮތުން އޭނާއަށް ނޯޔާ ބަލާލި އެވެ.

"އެނގޭ ތިހީކުރީ ކީކޭކަން. ޕޮސިބަލް ވަރަށް ބޮޑަށް... މިމަހު ވަރަށް ބޮޑަށް ޑިލޭ ވެސް ވެއްޖެ." ނޯޔާ ބުންޏެވެ. އަސްލަންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވި އެވެ.

"އަސްލަން ބުނިހެން ކުދީން އެހާ ބޮޑުނުވަނީސް އަހަރެމެން ދަރިއަކު ހޯދުން ރަނގަޅު. ދެން ނުހީ ހިނގާބާ އަވަހަށް ޓެސްޓު ހަދަން." އަސްލަންގެ ހިނިތުންވުން ފުޅާވެލިތަން ނޯޔާ ދުށްޓެވެ.

"އެނގޭތަ އަހަރެން ވަރަށް ލޯބިވާކަން..." ނޯޔާގެ ގައިގާ އަސްލަން ބައްދާލި އެވެ.

"އަހަރެން ވެސް." ނޯޔާ ހިނިތުންވެލި އެވެ.

"މިއަދު އަހަރެން ބްރެކްފަސްޓް ރެޑީ ކުރާނީ. ވީކަންޑްއަކީ އަހަރެންގެ ދުވަސް... ނޯޔާ ނުޖެހޭނެ އެއްކަމެއް ވެސް ކުރާކަށް. އަނުމްއަށް ކާން ދޭނީ ވެސް އަހަރެން." އުފާވެރިކަމުގައި ހިތްއަވަސްވެފައިވާ އަސްލަން ބުންޏެވެ.

"އޯކޭ... އޯކޭ..." ހެވިފައި އިނދެ ނޯޔާ ބުނެލި އެވެ.

"އަނުމް އަދި ނުހޭލާ... އިހަށް ނޯޔާ ރެސްޓް ކޮށްލަންވީނު. ނިދާލެވޭތޯ ބަލަންވީނު. ހޭލަންވާއިރަށް ޓެސްޓް ކިޓެއް ގެނެސްފަ ބާއްވާނަން." އަސްލަން މިހެން ބުނުމުން ނޯޔާ ބޯޖަހާލި އެވެ.

"ކޮފީ ނުބޮންތަ؟" އޮށޯންނަން އުޅެފައި ނޯޔާ އަހާލިއެވެ. ފަތިހުގެ އެ ވަގުތަކީ ދެމަފިރިން އެކުގައި ކޮފީ ބޯން ތިބޭ ގަޑިއެވެ. ދިރިއުޅުމާމެދު ދެމަފިރިން އެކިއެކި މަޝްވަރާތައް ކުރާ ވަގުތެކެވެ. ދުވަހުގެ ކަންކަން ރާވާ ގަޑިއެވެ.

"މިއަދު ނޯޔާއާއެކު އޮށޯވެލަން ބޭނުމީ. ކޮފީއެއް ބޯލަން ބޭނުންވެއްޖެނަމަ އަމިއްލައަށް ގިރާލަފާނަން. ދެން އޮށޯވޭ." އަސްލަން ވެސް ނޯޔާއާއެކު އެނދުގައި އޮށޯވެލީ އެވެ. ގާތުގައި އޮވެ ނޯޔާގެ ބަނޑުގައި އޭނާ ފިރުމާލި އެވެ. ނޯޔާ ބަނޑުބޮޑުވުމަށް އޭނާއަށް ވަރަށް އެދެވެއެވެ.

"ނޯޔާ އަހަންނަށް ކިތައް ދަރީން ދޭނަން." އަސްލަންއަށް އަހާލެވުނެވެ.

"އަސްލަންގެ މިހާރު ވެސް އެބަތިބި ތިން ކުދީން. އަހަންނަށް ލިބިއްޖެއްޔާ ހަތަރެއް ވާނެ... ޓީމެއް ހަމަކުރަންތަ ވިސްނުމުގަ ހުރީ." ނޯޔާ ހީނލި އެވެ. އެހިނދު ދެމިލި ތުންފަތުގައި އަސްލަން ބޮސްދިނެވެ. ހީވީ ނޯޔާއަށް ބުނެވުނީ އަސްލަން ގަޔާވާ ފަދަ ވާހަކައެއް ހެންނެވެ.

އަރީން ކޮޓަރިން ނުކުތް އިރު ވެސް ގޭތެރޭގައިވީ ހިމޭންކަމެވެ. ނޯޔާއާއި އަސްލަން ނުފެނުމުން ހައިރާންވި އެވެ. ޖޫސްތަށްޓަކާއި ރޭގައި ނުކެވި ހުރި އާފަލުކޮޅު ނަގައިގެން އައިސް ކާމޭޒު ދޮށުގައި އަރީން އިށީނެވެ. އަސްލަން ކޮޓަރިން ނުކުތީ އެވަގުތެވެ. އޭނާ އައިސް ކޮފީ ހަދަން އުޅުމުން އަރީން އަވަސް އަވަހަށް ތެދުވި އެވެ.

"ކޯއްޗެއް ހަދައިދޭންވީ. ނޯޔާ ކޮބާ؟" އަރީން ވާހަކަ ދެއްކި އެވެ.

"ރީން އިނދޭ، ކޮފީއެއް ހަދާލަން މިއުޅެނީ. މިއަދު ސައި ހެދުން އޮތީ އަހަންނަށް." އަސްލަން ފަހު ޖުމްލަ އިއްވާލަމުން ދެބުމަ ހިއްލާލި އެވެ. އަރީން ކައިރިއަށް ހިނި އައެވެ. އޭނާގެ ބޭބެއަކީ ބަދިގެ ތެރެއިން ދުވަހަކު ވެސް ފެނުނު ފިރިހެނެއް ނޫންވީމަ އެވެ. މައިރާއާ އިނދެގެން ހުރިއިރު ވެސް އޭނާ ބަދިގެއަށް ވަން ވާހަކައެއް އަޑެއް ނާހަ އެވެ. ކުޑައިރުގައި ވެސް މަންމައަށް ބަދިގެތެރޭ އެހީވުމުގައި އުޅޭނީ ރިދާނެވެ. އަސްލަން އެކަހަލަ ކަމެއް ދުވަހަކު ވެސް ނުކުރެއެވެ.

"ނޯޔާ ގަބޫލު ވިތަ؟" އަރީން އަހާލި އެވެ.

"ނޯޔާ ވަރުބަލިކޮށް އުޅެނީ. ނިދިފަ އޮތީފަ ވެސް. މިއަދު ރީންގެ އެހީ ބޭނުން ވާނެ." އަސްލަން ކޮފީ ހަދަމުން ވާހަކަ ދެއްކި އެވެ.

"ރެޑީ. މިއަދުމީ އަހަރެމެންގެ ދުވަހެއް ދޯ." އަރީން ވެސް އިނީ އަސްލަންއާ އެއްބައިވާން ތައްޔާރަށެވެ. ކޮންމެ ދުވަހަކު ފަތިހު ތެދުވާ ގޮތަށް ނޯޔާ އުޅޭ ގޮތް އަރީނަށް ފެނެ އެވެ. އެ އަންހެންކުއްޖާގެ މުރާލި ކަމެވެ. ކަންކަން ދަސްކުރަން ކުރާ މަސައްކަތެވެ. ރާވާލައިގެން ކުރުމަށް ޓަކައި ވަގުތު ބަހާލައި ތަވާލުކޮށްފައި ހުރެއެވެ. ދަރީންގެ މުހިންމު ކަމެއް އޮވެއްޖެނަމަ އޭނާގެ ފޯނުގައި ރައްކާކޮށްފައި ހުރެއެވެ. އަދި ވަގުތު ޖެހުމުން ހަނދާންކޮށްދިނުމުގެ އެލާމް އަޅާނެއެވެ. އެހާ ފުރިހަމައަށް އޭނާ ކަންކަން ކުރަނީ ކިހިނެއްކަން އަރީނަށް ފެނި އޭނާ އައީ ސިކުނޑީގައި އެކަންކަން ނޯޓު ކުރަމުންނެވެ. އަމިއްލަ ދިރިއުޅުމަށް އެ ފިލާވަޅުތަކުން ފައިދާ ކުރާނެތީ އެވެ.

ދުވަސް ފެށުނުއިރު އަސްލަން ނޫން އެކަކަށް ވެސް ނޯޔާއަށް ވެގެން އުޅޭ ގޮތެއް ނޭނގެ އެވެ. ހަމައެކަނި އެނގެނީ ބަލިކޮށް އުޅޭކަމެވެ. އެހެންވެ މެންދުރުފަހު ނޯޔާ ގޮވައިގެން އަސްލަން ހޮސްޕިޓަލަށް ދިޔަ އެވެ. ލިބުނު އުފާވެރި ޚަބަރު އިތުރަށް ޔަގީން ކުރުމަށެވެ. ދެފަރާތުގެ އާއިލާއަށް އިއުލާން ކުރަން އަސްލަން ބޭނުންވެފައި ވިއެވެ. ނަމަވެސް ނޯޔާ އެދުނީ ދެ ހަފްތާވަރު އަދި މަޑުކޮށްލުމަށެވެ. އޭގެ ފަހުން އެންމެން އެބަޔަށް ގެނެސް އެ އުފާވެރި ޚަބަރު ހިއްސާ ކުރާނީ ކަމުގައެވެ.

ސިއްރު ކުރަން އުޅުނަސް އެންމެ ފުރަތަމަ ނޯޔާގެ ސިއްރު ފަޅާއެރީ އަރީނަށެވެ. ހޮސްޕިޓަލުން ޓެސްޓު ހަދައި ޑަކްޓަރަށް ދައްކާތާ އޭރު ހަފްތާއެއް ވެއްޖެ އެވެ. ގޭތެރޭގައި އުޅޭއިރު ނޯޔާގެ އަމަލުތައް އަރީނަށް ފާހަގަވީ އެވެ. ސުވާލު ކުރުމުން ނޯޔާއަށް ވެސް ދޮގު ހަދާކަށް ނުކެރުނެވެ. އޭނާ އިނީ ބަލިވެކަން ބުނުމުން އަރީން ފުރަތަމަ ވެސް ރޯން ފެށީ އެވެ. ޙަމްދު އެޅި އެވެ. ހުރިހާ ނުބައިކަމެއް ނޯޔާއާއި ލިބެން އުޅޭ ދަރިފުޅާ ދުރު ކުރެއްވުމަށް އޭނާ އެހިނދުން ދުޢާ ކުރި އެވެ. އަދި ދެ ލޯ ފުހެމުން ނޯޔާގެ ގައިގާ ބައްދާލި އެވެ. އޭނާއަށް ރޮވުނީ ގަސްދުގައެއް ނޫނެވެ. އުފާވީ ވަރުން ކަރުނަތައް ނުހިފެއްޓުނީ އެވެ. މިއަދު އެހެން މީހުންނަށް ލިބޭ އުފާވެރި ކަމަށް އުފާވާން އޭނާއަށް ދަސްވެފައި ވެއެވެ. އެ ސިފަ ދަސްކޮށްދިނީ ނޯޔާ އެވެ. އަރީންގެ ހިތުގައި އެއީ އޭނާ އެންމެ ލޯބިވާ ކޮއްކޮ އެވެ. ބޭބެއާ އިނދެގެން ހުއްޓަސް އޭނާ ގަބޫލު ކުރަނީ އެއީ ކޮއްކޮއެއް ކަމުގަ އެވެ. އޭނާ ނޯޔާއަށް ތަހުނިޔާކިޔެވެ. ކުރިން އުޅޭހެން އެކަނިމާއެކަނި ހުރިހާ ކަމެއް ކުރާން ނޫޅެން އަރީން ބުންޏެވެ. އޭނާއާއި ދެމީހުން މަސައްކަތްތައް ބަހާލައިގެން ކުރަން އަރީން އެދުނެވެ. ފުރަތަމަ ދަރިފުޅުވީމަ ވަރަށް ބަލަންވާނޭކަން އަރީން ކިޔާދިނެވެ. އެހުރިހާ ވާހަކައަކަށްފަހު އެންމެން ކައިރީ ނުބުނަންތޯ އަރީން ސުވާލު ކުރި އެވެ. އެންމެން ކައިރީ ބުނަންވީ ކަމުގައި ނޯޔާއަށް ވެސް ވިސްނުނެވެ.

* * * * *

ދޮރުމަތީ ހުރި ނޯޔާ ގާތު ވަނުމަށް ރޫމާ ބުނީ ސަލާމް ބަލައިގަނެފަ އެވެ. މާމަ ދަރިފުޅު އުރާލައިގެން މަންމަ ހުރި ގޮތް ނޯޔާއަށް ބަލާލެވުނެވެ. ދުވަސްކޮޅަކުން އޭނާގެ ދަރިފުޅު ވެސް އެ މަންމަގެ އަތުތެރޭ ވާނޭ ގޮތް ހިތަށް ސިފަ ކުރެވުނެވެ.
"ބައްޕަ ނޫޅޭތަ؟" ނޯޔާ އަހާލި އެވެ.

"ކޮޓަރި ސާފުކުރަން އެބައުޅޭ. އަންނާނަން ގޮވާލާފަ." ރޫމާ ބުންޏެވެ. ބައްޕަ ގޮވައިގެން މަންމަ އަންނަން ވާއިރަށް ނެހާއަށް ނޯޔާ ގުޅިއެވެ.

"ދަރިފުޅުތަ؟ ކޮބާ އެ ކުދީން... ނުގެންނަންތަ؟ އަސްލަން ވެސް ނާދޭ..." އައްޔޫބު ވާހަކަ ދައްކަމުން އައިސް ސޯފާގައި ނޯޔާގެ ވައަތް ފަރާތުން އިށީނެވެ. ކުޑަކުޑަ ނޫމާ އުނގުގައި ބައިންދައިލައިގެން ރޫމާ އިށީނީ ދަރިފުޅުގެ އަރިމަތީ ހުރި ގޮނޑީގަ އެވެ.

"ބަލީތަ؟" ނޯޔާގެ މޫނުން ތަފާތު ކަމެއް ފާހަގަވެ ރޫމާއަށް އަހާލެވުނެވެ. އެހިނދު ނޯޔާއަށް ހިނިތުން ވެވުނީ ބޭއިޚްތިޔާރުގަ އެވެ.

"ކޮންއިރަކު އައީ؟" ގޭތެރެއަށް ވަދެގެން އައި ނެހާ ސުވާލު ކުރި އެވެ.

"އާދެބަލަ ތާތި." ނޯޔާގެ ކަނާއަތް ފަރާތުން ސޯފާގައި އަތް ޖައްސާލަމުން ނޯޔާ ބުންޏެވެ. އާއިލާގެ ކޮންމެ މެންބަރަކަށް ނޯޔާ ވަކިވަކިން ބަލާލި އެވެ.

"ކަމެއްވީތަ؟" އައްޔޫބަށް އަހާލެވުނެވެ. ރޫމާއަށް ވެސް އިނދެވުނީ ދެ ފިކުރެއްގަ އެވެ. އަނެއްކާ އަސްލަންއާއި ނޯޔާއާ ދެމެދު ކަމެއް ހިނގީއޭ ހީވެފަ އެވެ. އެކަމަކު ޔަގީން ނުވަނީ ނޯޔާގެ މޫނުން ފެންނަ ހިނިތުންވުމުގެ ސަބަބުންނެވެ.

"އެއީ ކުޑަކަމެއް ނޫން، ޔަގީނުން ވެސް ބޮޑު ކަމެއްވެއްޖެ ބައްޕާ... މަންމައާއި ބައްޕައަށް އިތުރު ކާފަމާމަ ކިޔާނޭ ދަރިއަކު ﷲ ރަޙުމަތުން އަންނަން އުޅޭކަމުގެ ޚަބަރު ލިބިއްޖެ." ނޯޔާގެ ހިނިތުންވުން ފުންވި އެވެ. ލަދުގެންފައިކަން އިނީ އެ މޫނުން ފާޅުވާ ރަތް ޖަންބުކުލަ ހެކިދެއެވެ.

"ވެއިޓް! ވަޓް!... ސީރިއަސްލީ... މަންމާ!..." ނެހާއަށް ދޭހަވާން އިރުކޮޅެއް ނެގި ކަހަލައެވެ. އޭނާގެ އުފާވެރިކަން ނުހިފެއްޓުނެވެ. ހީވީ ކޮއްކޮގެ ގައިގާ ހިފައިގެންއިރު ކާލަން އުޅުނުހެނެވެ. ނެހާއަށް ހަޅޭލަވައިގަނެވުނެވެ. ދެ ދަރީންގެ ގައިގާ އެކުގައި އައްޔޫބު ހިފާލި އެވެ. އޭނާގެ ގާތަށް ގެނެއެވެ. ހެމުންހެމުން ރޫމާއަށް ރޮވިއްޖެ އެވެ. އޭނާ ދެ ލޯ ފުހެމުން ދަރީންނާއި ފިރިމީހާއަށް ބަލަން އިނީ އަދިވެސް ހިނިއައިސްފައެވެ.

"ސަބީނާއަށް އެނގޭތަ؟" އައްޔޫބު އަހާލި އެވެ.

"އަދި ނޭނގޭނެ. ބައްޕަމެން ކައިރީ ބުނަން މިއައީ. މި ދިރިއުޅުން ހޯދާދިނީ ބައްޕަމެން. ބައްޕައާއި މަންމަ އެދިގެން ވިޔަސް މި ކައިވެނި ކުރެވުނީތީ މިހުރީ އުފަލުން. އަސްލަން ވަރަށް ރަނގަޅު. އެ ތިން ކުދީން އަހަރެންގެ ދަރީންނަށް ވެއްޖެ. ހަމައެކަނި ލިބެން އުޅޭ ދަރިފުޅެއް ނޫން. އެ ތިން ދަރީންނަކީ ވެސް ބައްޕައާއި މަންމަގެ ކާފަދަރީންގެ ގޮތުގައި ދުށުމަށް އެދެނީ."

"ދަރިފުޅާމެދު ބައްޕަ ވަރަށް ފަހްރުވެރިވޭ. ވަރަށް އުފާވެއްޖެ." އައްޔޫބު ބުނެލި އެވެ. ނޯޔާގެ ނިތްކުރީގައި އޭނާ ބޮސްދިނެވެ.

"މަންމައަކަށްވީ ދޯ. އަސްލަން އައިނަމައެއްނު." ނެހާ ދިމާ ކޮށްލި އެވެ.

"އަސްލަން ހުރީ ވަރަށް އުފަލުން، އޭނާއާއި ކުދީންނާއެކު މާދަން ހަވީރު އަންނާނަން." ނޯޔާ ބުނެލި އެވެ.

* * * * *

"މަގޭ ދަރިފުޅު..." ސަބީނާގެ ދެ ލޮލުން މުތީތައް ވިދައިގަތެވެ. އަވަސްއަވަހަށް ނޯޔާ ގެނެސް އޭނާގެ ގާތުގައި ބޭންދި އެވެ. ރިދާން އެ ދެމަފިރިންނަށް ވަކިވަކިން ބަލާލި އެވެ. އެ ދެމެދުގައި އޮތް ގާތްކަމާއި ލޯބި ސިއްރެއް ނުވެއެވެ. މިހާރު ވެސް އަސްލަންގެ ނަޒަރު ހުރީ އޭނާގެ އަނބިމީހާއަށް ހުއްޓިފައެވެ. އަބަދުމެ ސީރިއަސްކަން އެކުލެވިފައި ހުންނަ މޫނުން ފާޅުވަނީ ލުއި ހިނިތުންވުމެކެވެ. އޭނާ އެ ދެމަފިރިންނަށް ހިތުގެ އަޑިން އުފާކުރި އެވެ. އެ ހަމަޖެހުން ދުވަހަކުވެސް ގެއްލިގެން ނުދިއުމަށް ރިދާން އެދެއެވެ. ނޯޔާއާމެދު ހިތުގައި ހާއްސަ ޖަޒުބާތެއް ވީނަމަވެސް ހަގީގަތް އޭނާ ވަނީ ގަބޫލުކޮށްފައެވެ. ހިތުގެ އެދުން ނުބައި ގޮތުގައި ހާސިލު ކުރާހާ އޭނާ ޖާހިލެއްނޫނެވެ. މިއަދު ބޭބެއާއި އޭނާގެ އަނބިމީހާގެ އުފާވެރިކަން ގަބޫލުކޮށް ހިތްހަމަޖައްސައިލައިގެން ހުރީ އެހެންވެއެވެ.

"އަސްލަންބެއާ ޖެހުނީމަ ޖަޕާނު މަހަކަށް ބަދަލުވަނީތަ؟" ރިދާން ބުނެލި އެވެ. އޭނާގެ ކޮނޑުގައި ޖެހިގެން އިން އަރީން ބޮނޑިއެއް އެޅިއެވެ. ނޯޔާ އިންތިހާއަށް ލަދުގަތެވެ.

"ރިދާން ވެސް ދެން އަވަހަށް އިންނާނެ ކުއްޖަކު ގެނެސްބަލަ. ދޯ މަންމާ." އަރީން ބުންޏެވެ.

އަރީންގެ ވާހަކައާ ސަބީނާ އެއްބައިވެލި އެވެ. އެންމެންގެ ތަބީޢަތް ރަނގަޅުވުމަށް އަސްލަންއާއި ނޯޔާއަށް ދަރިއަކު ލިބެން އުޅޭކަމުގެ ޚަބަރު ވިއެވެ. ރޫމާއާއި ސަބީނާ އެކަކުއަނެކަކާ ފޯނުން ގުޅައިގެން ވާހަކަދެއްކިއެވެ. އެމީހުންގެ އުފާވެރިކަން އިންތިހާއެވެ. ހިތަށް ލިބުނު ބުރަކަން ލުއިވެއްޖެކަމުގައި ސަބީނާ ބުންޏެވެ. އަރީންގެ ރަނގަޅުވާހަކަ ރޫމާގެ ގާތުގައި ސަބީނާއަށް ދެއްކުނެވެ. އެ ދަރިފުޅުގެ ދިރިއުޅުން ހަމަޖެހެން އޭނާ އެދޭވަރު އެންމެ ގާތް އެކުވެރިޔާގެ ގާތުގައި ހާމަކުރިއެވެ.

* * * * *

އަރީންގެ ބަނޑަށް އަށް މަހާއި ސާދަ ދުވަސް ވީ ދުވަހަކީ ކްރިމިނަލް ކޯޓަށް ހާޟިރުވާން އެންގި ދުވަހެވެ. އޭނާ އަވަހަށް އަސްލަން ހޯދިއެވެ. ބޭބެއާއި ނޯޔާ ގާތު އެވާހަކަ ހިއްސާކުރިއެވެ. އޭނާ އާދަޔާ ހިލާފަށް ފިނިވިއެވެ. ހިތްބިރުގަތެވެ. އަރީނާއެކު އަސްލަން ހުންނާނޭކަމުގެ ޔަގީންކަން ލިބުނެވެ. ނަމަވެސް ހާސްވެގެން އޭނާ ހުއްޓުން އަރާ ރޮވޭގޮތް ވިޔެވެ. ކަންތައްވާނީ ކިހިނެއްކަން އަސްލަންގެ ފަރާތުން ހިސާބަކަށް އިވިފައި ހުއްޓަސް އެވަގުތު އަރީނަށް ކުރެވުނީ ބަޔާންކުރަން ނޭނގޭ އިހްސާސެކެވެ. ވަގުތު ޖެހިއްޖެކަން އެނގޭތީއެވެ.

ކޯޓަށް ދިއުމުގެ ކުރީން އޭނާ ދެ ރަކުއަތް ނަމާދެއް ކުރިއެވެ. ﷲގެ ރައްކާތެރިކަމަށް އެދި ދެންނެވިއެވެ. ކޮންމެ ގޮތަކަށް ކަންތައް ވިޔަސް ﷲ އޭނާ ދޫކޮށްނުލައްވާނޭކަމުގެ ޔަގީންކަން ހިތުގައި ބޭއްވިއެވެ. އަދި ކުރިމަތިލާން އެދަނީ ތަޢުބާވުމުގެ ތެރެއިންވާ މަރުހަލާއަކާކަން ގަބޫލުކުރިއެވެ. އާދަޔާ ހިލާފަށް ބަނޑުގައި އޮތް ދަރިފުޅުގެ ތޮޅުން އިތުރުވެފައި ވިޔެވެ. އޭނާއަށް ލިބިފައިވާ ހިތް އަވަސްވުމުގެ ސަބަބުން ކަމަށް ވެދާނެއެވެ. ކޮޓަރިން ނުކުތުމުގެ ކުރީން އަރީން ފަވާދަށް ފޯނުކުރިއެވެ. އޭނާ ކޯޓަށް ދަނީކަން ބުންޏެވެ. އަދި މަޢާފުކޮށްދިނުމަށް އެދުނެވެ.

"ރީން... އެނބުރި އައިސް އަހަންނަށް ގުޅާ. މިވަގުތާ ހަމައަށް ކުރި ހިތްވަރު ދޫކޮށް ނުލާތި. ރީންގެ ފޯނުކޯލުގެ އިންތިޒާރުގައި އަހަރެން ހުންނާނަން." އެހެންޏާ ނީވޭފަދަ ގާތްކަމެއް ފަވާދުގެ އަޑުގައިވާތީ އަރީނަށް އިހްސާސް ކުރެވުނެވެ. ދެ ލޯ މަރާލުމާއެކު އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ. އާނއެކޭ ބުނެ އެއްބަސްވެފައި ފޯނުކޯލު ކަނޑާލީ އެވެ. އޭނާ ކޮޓަރިން ނުކުތް އިރު އަސްލަން ހުރީ ތައްޔާރު ވެގެން ނުކުމެވެ. އޭނާގެ މޭގައި ލައްވެލައިގެން ހުރެ ނޯޔާ ރޮނީ އެވެ. ލުއިލުއި ހިނިތުންވުމެއް އަރީންގެ ތުންފަތާ ކުޅެލި އެވެ. އޭނާއަށްވުރެ ނޯޔާ ކަންބޮޑުވެފައިވާކަން އިހްސާސް ކުރެވުނެވެ. ބަނޑުބޮޑުވުމުން ނޯޔާގެ ޖަޒުބާތުތައް ހިފެހެއްޓުންވަނީ ދަތިވެފައެވެ. (ނުނިމޭ)