ހުސައިން ޝަމީމް

މަހުލޫފް ވީމަ ދައުވާކުރަން ބިރެއް ނުގަނޭ: ޕީޖީ

އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލާގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަޕް ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް ފޮނުވާފައިވާ މައްސަލާގައި ދައުވާ ނުކުރަން ނޫޅޭ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ތަހުގީގަށްފަހު މަހްލޫފްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އޭސީސީން ޕީޖީ އޮފީހަށް މައްސަލަ ފޮނުވި ނަމަވެސް ފުރިހަމަކުރަން ޖެހޭ ބައެއް ކަންކަން ހުރުމުން އެކަންކަން ފުރިހަމަ ކުރުމަށް އެ އޮފީހުން ވަނީ އޭސީސީގައި އެދިފަ އެވެ.

ޝަމީމް ވިދާޅުވީ އޭގެ މާނައަކީ މިނިސްޓަރު މަހްލޫފަށް ވާތީ ދައުވާ ނުކުރުން ނޫން ކަމަށާއި ކޯޓަށް ހުށަހެޅުމުގެ ކުރިން މައްސަލައިގެ އިދާރީ ކަންކަމާއި އެހެން ހުރި ހުރިހާ ކަމެއް ފުރިހަމަވުން މުހިންމު ކަމަށެވެ. ދައުވާ ކުރަން ފޮނުވާ ހިސާބުން އެމީހެއްގެ ސިޔާސީ ކެރިއަރު ނިމުނީ ކަމަށާއި އަދި ޕީޖީ އޮފީހުގެ ކުށަކުން އެ ދައުވާ ސާބިތު ނުވެއްޖެނަމަ އެއީ ވެސް ބައެއް މީހުން ކަންބޮޑުވުން އޮންނަ ކަމެއް ކަމަށެވެ. އެހެންކަމުން ގޮތެއް ނިންމާއިރު ހުރިހާ ކަމެއް ޔަގީންވެފައި އޮތްތޯ ބަލަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"ބައެއް ބޭފުޅުން ބުނޭ އަޅުގަނޑު ބިރު ގަންނަނީއޭ. އަޅުގަނޑު ކޮންކަމަކާތޯ ބިރު ގަންނަންވީ؟ މި ސަރުކާރުގެ ސްޓޭޓް މިނިސްޓަރުންނަށް ވެސް ދައުވާކޮށްފަ ހުންނާނީ. ކުރީގެ ރައީސަކަށް ދައުވާކުރުމަށް ފުރުސަތު ލިބުނު. ދައުވާ ކޮށްފަ ހުންނާނީ. އެ ދައުވާ އަނބުރާ ގެންނަން ޖެހުނީމާ ގެނައިން. އެހެންވީމަ އަޅުގަނޑު ބިރުގަންނަން ޖެހޭ އެއްވެސް ކަމެއް ނެތް." ޝަމީމް ވިދާޅުވި އެވެ.

މިނިސްޓަރު މަހުލޫފުގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވި މިއީ ދެވަނަ ފަހަރެވެ. ކުރިން ވެސް މަހުލޫފު ވަނީ ސަސްޕެންޑްކޮށްފަ އެވެ. މިފަހަރު ވެސް ދައުވާކުރަން ފޮނުވި ހިސާބުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަހުލޫފު މަގާމުން އެކަހެރި ކުރައްވާފަ އެވެ.

އެކަމަށް އިޝާރާތް ކުރައްވަމުން ޝަމީމް ވިދާޅުވީ ސަރުކާރުން މިފަދަ ކަންކަމުގައި އަމަލުކުރާނެ ގޮތް އެނގިވަޑައިނުގަންނަވާ ކަމަށާއި ސަސްޕެންޑް ކުރުމާއި ފިޔަވަޅު އެޅުމަކީ ޕީޖީގެ ކަމެއް ނޫން ކަމަށެވެ. އަދި މިފަދަ މައްސަލައެއް ބޯމަތީގައި އޮތުމުން މިނިސްޓަރަށް ދަތިފުޅުވާނެކަން ގަބޫލުކުރައްވާ ކަމަށާއި ވީހާވެސް އަވަހަށް މައްސަލަ ނިންމާނެ ކަމަށެވެ.

އިތުރަށް ވިދާޅުވީ އިދާރީ ކަންކަން ފުރިހަމަ ނުވެގެން މައްސަލައެއް އަނބުރާ ފޮނުވި މިއީ ފުރަތަމަ މައްސަލަ ނޫން ކަމަށެވެ. އެކިކަންކަން ސާފުކުރުމަށް ކޮންމެ ދުވަހަކުވެސް މިފަދަ ކަންކަން ހިނގާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު މަހްލޫފްގެ މައްޗަށް ދައުވާކުރަން މިމަހުގެ ނުވަވަނަ ދުވަހު ފޮނުވާފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ހިޔާނާތާއި، މަނީ ލޯންޑްރިންގެ މައްސަލަތައް ބެލުމަށް ފުލުހުންނާއި، އެސެޓް ރިކަވަރީ ކޮމިޝަނާއި އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަހުގީގުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަހްލޫފަށް ލިބިފައިވާ ކަމަށް ފާހަގަކުރެވިފައިވާތީ އެމައްސަލަ ތަހުގީގު ކުރުމަށްފަހު އެވެ.

މަހްލޫފްގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވުމަށްފަހު އޭސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން މަހްލޫފަށް 33،000 އެމެރިކާ ޑޮލަރު ލިބިފައިވާ ކަމަށެވެ. އަދި އެއީ ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތެއް ކަމަށް ދެއްކުމަށް މަހްލޫފް މަސައްކަތްތަކެއް ކުރެއްވި ކަމަަށާއި ނަމަވެސް ތަހުގީގަށް ލިބިފައިވާ ހެއްކާއި ގަރީނާ އަށް ބަލާއިރު އެއީ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް އަތުން ހޯއްދަވާފައިވާ ރިޝްވަތުގެ ފައިސާ ކަން އެނގޭ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އޭސީސީން ބުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލް ފާސްކުރުމަށް މަޖިލީހުގައި ނެގުނު ވޯޓުގައި އޭރު މަޖިލިސް މެންބަރަކަށް ހުންނަވައިގެން މަހްލޫފް ވޯޓު ދެއްވާފައިވާ ކަމަށާއި އޭނާއަށް 33،000 އެމެރިކާ ޑޮލަރު ލިބުނީ އެކަމުގެ މުގާބިލުގައި ކަމަށެވެ. ވޯޓު ދެއްވުމަށް މަހްލޫފް މަޖިލީހަށް ވަޑައިގެންނެވީ މެލޭޝިއާގައި ހުންނެވުމަށްފަހު ކަމަށްވެސް ފާހަގަކޮށްފައިވެ އެެވެ.