ފިނިޕޭޖް

މިއީ ވަރަށް މަޝްހޫރު އެކްޓަރެއް، ކާކުކަން އެނގޭތަ؟

މިއީ ޑައިރެކްޓަރު މާޓިން ސްކޯސޭސީގެ އާ ފިލްމު "ސައިލެންސް" ގައި ލީޑް ރޯލު ކުޅޭ އެކްޓަރުގެ ފުރަތަމަ ފެނިލުމެވެ. އެކަމަކު މިއީ އާންމުކޮށް ސްކޯސޭސީގެ ފިލްމުތަކުން ފެންނަ މަޝްހޫރު މޫނު، ލިއަނާޑޯ ޑިކެޕްރިއޯއެއް ނޫނެވެ.

އެހެންވީމަ މިއީ ކާކުކަން އެނގޭ ހެއްޔެވެ؟ މިއީ އެކްޝަން ތަރިއެއްގެ ގޮތުގައި މިފަހުން މަޝްހޫރުކަން ހޯދާފައިވާ ލިއަމް ނީސަން އެވެ.

ފިލްމުގައި ކުޅެން ޖެހޭ ރޯލަށް އޭނާ އެ ވަނީ ނުވަ ކިލޯ ހިއްކައި ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. ފިލްމުގައި އޭނާ ކުޅެނީ ނަސޯރާ ދީން ފެތުރުމަށް ޖަޕާނަށް ދަތުރުކޮށް އެގައުމުގައި އަނިޔާ ލިބޭ ފާދިރީއެއްގެ ރޯލެވެ.

މި ފިލްމަކީ ހިސްޓޯރިކް ޑްރާމާ އެކެވެ. ފިލްމުގެ އަސްލު ކަމަށްވާ ވާހަކަ "ސައިލެންސް" އަކީ 1966 ވަނަ އަހަރު ނެރެފައިވާ ވާހަކާ އެވެ. ބުނެވޭ ގޮތުގައި މިއީ 20 ވަނަ ގަރުނުގެ އެންމެ މޮޅު ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ.

މި ވާހަކައިގެ އަސްލަށް އުފައްދާ ފިލްމުގެ ރޯލު ކުޅެން ހަށިގަނޑަށް ގެންނަން ޖެހުނު ބަދަލުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަމުން 63 އަހަރުގެ ނީސަން ބުނެފައި ވަނީ ސްކޯސޭސީ އަކީ އޭނާގެ ފިލްމުތަކުގައި އޭނާގެ އެކްޓަރުންގެ ކިބައިން މި ފެންވަރުގެ ތައްޔާރީ އަށް އަބަދުވެސް އެދޭ ޑައިރެކްޓަރެއް ކަމަށެވެ.

ސްކޯސޭސީގެ އާދަޔާހިލާފު ވާހަކަތައް ކިޔައިދެމުން ނީސަން ބުނެފައި ވަނީ މި ފިލްމުގެ މަސައްކަތަކީ ވެސް އާދަޔާހިލާފު ތަޖުރިބާއެއް ކަމަށާއި އެކަމަކު އެއަށް ވުރެ އާދަޔާހިލާފީ ސްކޯސޭސީއާ އެކު މަސައްކަތްކުރުން ކަމަށެވެ.

"އޭނާ އަކީ ފިލްމު ޝޫޓްކުރާއިރު އިތުރު އެއްވެސް އަޑެއް އިވެން ބޭނުންވާ ޑައިރެކްޓަރެއް ނޫން. އެންމެ ދުރުގައި ހުންނަ މީހާ ވެސް ޖެހޭނީ އޭނާގެ މަސައްކަތް ހުއްޓާލަން. އެހެންވީމަ އޭނަ ބުނާ ގޮތަށް އެންމެން ވެސް ހަދާނެ،" ނީސަން ބުނެފައިވެ އެވެ.

އަންނަ އަހަރު ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވާ "ސައިލެންސް" އަކީ އޭގައި ދެން ތިބި އެހެން އެކްޓަރުންގެ ފަރާތުން ވެސް އާދަޔާހިލާފުކަމެއް ފެނިގެންދާ ފިލްމެކެވެ. އެގޮތުން ފިލްމުގައި މުހިންމު ރޯލެއް ކުޅޭ ޒުވާން އެކްޓަރު އެންޑްރޫ ގާފީލްޑްގެ އިތުރު އެހެން ބައެއް އެކްޓަރުން ވެސް ވަނީ އެމީހުންގެ ރޯލުތަކަށް ބަރުދަން ހިއްކައިފަ އެވެ.

"ސައިލެންސް" ގެ މަސައްކަތް ސްކޯސޭސީ ފެށީ 2009 ވަނަ އަހަރު އެވެ. ނަމަވެސް އެ މަސައްކަތް ހުއްޓާލުމަށް ފަހު އަލުން އޭގެ މަސައްކަތަށް އޭނާ އެބުރި ދިޔައީ ތިން ފިލްމެއް ބެލުންތެރިންނާ ހަމަ އަށް ގެނެސްދިނުމަށް ފަހު އެވެ. އެއީ "ޝަޓާ އައިލެންޑް" އާއި "ހިއުގޯ" އަދި އެންމެ ފަހުން ޑައިރެކްޓްކުރި "ދަ ވުލްފް އޮފް ވޯލް ސްޓްރީޓް" އެވެ.