ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ނެޝަލަން ސެކިއުރިޓީ ކައުންސިލާ މަޝްވަރާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަވަހާރަކޮށްލުމަށް ދިން ހަމަލާ އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީއިން ކުރިއަށް ގެންދިޔަ އިންކުއަރީ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް އެރުވުމާއި ގުޅިގެން ނެޝަލަން ސެކިއުރިޓީ ކައުންސިލްގެ މެންބަރުންނާ އެމަނިކުފާނު ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފި އެވެ.

މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައި ވަނީ މި ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންކަން އިތުރަށް ދިރާސާކޮށް މި ކަންކަން އިސްލާހުކުރުމުގައި އަމަލުކުރާނީ ކިހިނެތްތޯ އާއި މި ރިޕޯޓުގައިވާ ރިކޮމެނެޑޭޝަންތައް ތަންފީޒުކުރުމާ ގުޅޭގޮތުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުންޏެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ސެކިއުރިޓީ ދެމުން ދަނިކޮށް މެއި 6 ވަނަ ދުވަހުގެ ރޭ 8:27 ގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ޓެރަރިސްޓް ހަމަލާގައި ސެކިއުރިޓީ ބްރީޗްވި ގޮތް ދެނެގަތުމަށް ހެދި އިންކުއަރީ ރިޕޯޓް ރައީސް ސޯލިހަށް އެރުވީ އާދިއްތަ ދުވަހު އެވެ. ބުރާސްފަތި ދުވަހުގެ ހަވީރު އެ ރިޕޯޓް ވަނީ އާންމުންނަށް ފެންނާނެ ހެން މަޖިލީހުގެ ވެބްސައިޓްގައި އާންމުކޮށްފައެވެ.

ނަޝީދަށް ހަަމަލާ ދިނުމަށް ފުރުސަތު ލިބިފައިވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިހްމާލުވުމުން ކަމަށް ހާމަވާ މައުލޫމާތުތަކެއް މަޖިލީހުގެ އިންކުއަރީ ރިޕޯޓްގައި ފެންމަތިކޮށްފައިވެއެވެ. އެ ދެ ބޭފުޅުންވެސް ސެކިއުރިޓީ ކަައުންސިލްގައި ތިއްބަވައެވެ.

މީގެ އިތުުރުން ވަރަށް ގިނަ ރިކޮމެންޑޭޝަންތަކެއްވެސް ރިޕޯޓްގައި ހިމަނާފައިވެއެވެ.