އެމްޑީޕީގެ ކޯޅުން

އެމްޑީޕީގެ ކޮންޓްރޯލް އޮތީ ކޮން ބޭފުޅަކަށް؟

ދިވެހި ޖުމްހޫރިއްޔާގެ ބާނީ، ރައީސް މުހައްމަދު އަމީނު ދިވެހިންގެ ތެރޭގައި މަޝްހޫރުވެ ވަޑައިގެންނެވީ "ގައުމުގެ އަމީން" ގެ ނަމުގަ އެވެ. އެއީ މުޅި ދިވެހި ރައްޔަތް އެންމެ ލޯބިފުޅުވި ރައީސެވެ. ދިވެހީންގެ އެންމެ ބޮޑު ތާއީދަކާއެކު ވެރިކަމަށް ވަޑައިގެންނެވި ޒައީމެވެ. ނަމަވެސް އެކަންކަން ބަދަލުވާން ނެގީ ދުވަސް ކޮޅެކެވެ. ދިވެހިންގެ ތެރެއިން ބައެއްގެ އަނިޔާވެރި ހަމަލާތަކުގައި ވަރަށް ބޮޑަށް ޒަހަމުވެވަޑައިގެން އާލާސްކަންފުޅުގައި އޮންނަވާ ގާފަރަށް އަރުވާލެވި، އަވަހާރަވެވަޑައިގަތުމާއި ހަމައަށް އޮންނެވީ ފަޅުރަށް، ވިހަމަނާފުށީގައި މުޅީން އެކަހެރިކޮށެވެ. އެމަނިކުފާނު "ގައުމުގެ އަމީން" އަވަހާރަވެވަޑައިގަތްތާ އަހަރުވެގެން އަހަރުމަތިފުޅަށް މަގުބަރާއި އެމަނިކުފާނަށް އިސްތިގުބާލު ކުރެއްވީ އޭރު "އުންމަތުގެ އަމީނު" ކަމަށް ގޮވަ ގޮވާ އޮތް ދިވެހި އާބާދީގެ 82،000 މީހުންގެ ތެރެއިން އެންމެ ހަތަރު ބޭފުޅެކެވެ. އަދި އެއީވެސް ސިއްރިޔާތުގައި ވިހަމަނާފުއްޓަށް ވަޑައިގެނެވެ. އެއީ ދިވެހިން އެ ބޭފުޅަކު ދެކެ އެންމެ ލޯބިފުޅުވީ ޒައީމްގެ ވާހަކައެވެ.

ރާއްޖެ ޒަމާނީ ޑިމޮކްރަސީގެ މަގަށް ފެށި ދަތުރުގެ އެންމެ ބޮޑު ހިއްސާއެއް އޮތީ އެމްޑީޕީ އަށެވެ. އެއީ އެ ދަތުރުގެ ފުރަތަމަ ސިޔާސީ ހަރަކާތެވެ. އެ ހަރަކާތުން ދިވެހިންގެ ލޯބި އެންމެ މައްޗަށް ހޯއްދެވި ބޭފުޅަކީ ގިނަ ޕާޓީތަކުން ކެންޑިޑޭޓުން ވާދަކުރާ ގޮތަށް ރާއްޖޭގައި ފުރަތަމަ ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ރައީސް މުހައްމަދު ނަޝީދެވެ. އެމަނިކުފާނަކީ އެމްޑީޕީގެ "ހިތެ" ވެ. ކޮންމެ މެންބަރަކާއި ވެސް އެމަނިކުފާނާއި އޮތީ "ހިތާ ހިތުގެ ގުޅުމެ" ކެވެ. އެހާވެސް ބޮޑު ލޯތްބަކާއި ތާއީދެއް އެމްޑީޕީގެ އާންމު މެންބަރުންގެ މެދުގައި އޮތެވެ. ދިވެހި ރައްޔިތުންގެ ބޮޑު ޕަސެންޓެއް އެ މަނިކުފާނަށްޓަކައި ޖާނާމާލެެވެ.

އެހެނެއް ކަމަކު މިހާރު ފެންނަމުން ނިއުޅެމުން ދާ މަންޒަރާއި ކަން ކަން ހިނގައިދާ ގޮތާއި މިރާއްޖޭގެ ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ބައެއް ބޭފުޅުން ވިދާޅުވެ ދެއްވާ އެނަލިސިސްތަކަށް ބަލާއިރު އަދި ހާއްސަކޮށް އެމްޑީޕީގެ ގިނަ އިސް ބޭފުޅުންނާއި ބައެއް އާންމު މެންބަރުންގެ ނަޒަރުގައި ރައީސް ނަޝީދުގެ ޕޮޕިއުލަރިޓީ ބޮޑުތަނުން ތިރިއަށް ސޮއްސާލައިފި އެވެ. ހައިޕްރޮފައިލް ބޭފުޅެއް އަދި ވެރިއެއް ކަމުގައި ވެވަޑައިގެންނެވި ނަމަވެސް މިހާރު އެއީ އެހާ މަގުބޫލު ބޭފުޅެއް ނޫނެވެ. އެކަން މާޒީއާ އެކުގެން ހިނގައްޖެ އެވެ.

ރައީސް އަމީނަށް އޮތް ލޯބި ދިވެހިންގެ ހިތްތަކުން ފިލައި ދިޔަފަދައިން ރައީސް ނަޝީދަށް އޮތް ލޯތްބާއި ތާއީދުވެސް އޮތީ ކުރީން އޮތްގޮތަކަށް ނޫނެވެ. މި ބަހުސް މިގޮތަށް ކުރެވޭތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އެމްޑީޕީގެ އިސް ލީޑަރު ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ގުޅުން ގޯސްވެ ޕާޓީތެރޭގައި ފެކްޝަން އުފެދެން ފެށި ކަމުގެ އިޝާރާތާއެކު ބަހުސް އޮތީ ހުޅުވިފަ އެވެ. މިހާތަނަށް އައިއިރު ދެ ބޭފުޅުންގެ ގުޅުން ގޯސްވެ ކިތަންމެ ވާހަކައެއް ބޭރަށް އަތުވެއްޖެ އެވެ. އަދި ރަައީސް ނަޝީދު އިސްވެ "ސިޔާސީ ގޮތުން ރައީސް ސޯލިހާއެކު ދެން ހުރެވެން ނެތް" ކަމަށް އިއުލާން ކުރައްވައިފި އެވެ.

ބައެއް ފަރާތްތަކުގެ ނަޒަރުގައި އެމްޑީޕީގެ ފުރިހަމަ ކޮންޓްރޯލް އޮތީ ރައީސް ސޯލިހަށެވެ. އެހެން ބުނަން ޖެހޭ ގިނަ ސަބަބުތަކެއް އެ ފަރާތްތަކުން ދައްކަ އެވެ. ފުރަތަމަ ކަމަކީ މަޖިލީހުގެ ރައީސަކަށް ބޭފުޅަކު ގެންނެވުމުގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގައި ރައީސް ސޯލިހްގެ ކެންޑިޑޭޓް ކުރި ހޯއްދެވުމެވެ. ޕާޓީ ސަލާމަތް ކުރަން އެ ފަހަރު ޖެހުނީ ޑްރާމާއެއް ކުޅެ މަޖިލީހުގެ ރައީސަކަށް ނަޝީދު ވަޑައިގެން އެކަން ނިންމަވާލައްވާށެވެ. ދެން އައީ ބާރު ގަދަ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް މަގާމުން ދުރުކުރުގެ މަސައްކަތެވެ. ވަރަށް ފަސޭހައިން ނަޝީދުގެ މައްޗަށް ރައީސް ސޯލިހް ކުރި ހޯއްދަވާ އެކަން ހުއްޓުވި އެވެ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި އެމްޑީޕީގެ ގައުމީ މަޖިލީސްތެރެއިން ނަޝީދު ބޭނުންފުޅުވެ ވަޑައިގެންނެވި އެއްވެސް ކަމެއް ކުރެއްވިޔަ ނުދެއްވާ "ބޮލުގައި" ޖައްސަވާ އެކަން ނިންމަވާލެއްވީ އެވެ. މިކަހަލަ ވެސް ބައިވަރު ހާލަތު އައިސްފައި ވެއެވެ.

އެކަން އެހެން އޮއްވާ އަނެއްކާވެސް ބަހުސް ފުޅާވެ ބޮޑުވެއްޖެ އެވެ؛ މިފަހަރު ބަހުސް ފެށުނީ މިދިއަ އާދީއްތަ ދުވަހުގެ ރޭ އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ނުކުތް ނަތީޖާއާއެކު އެވެ. އެއީ ރައީސް ނަޝީދުގެ އެދިވަޑައިގަތުމަކަށް ބޭއްވެވި ކުއްލި ބައްދަލްވުމެކެވެ. ބައްދަލްވުމަކަށް އެމަނިކުފާނު އެދިވަޑައިގެންނެވީ "ހައެއް ފަހެއް" ގެ ހަމަލާގެ މައްޗަށް އެންމެ ފަހުން ފުލުހުން ހާމަކުރި މައުލޫމާތުތަކާއި ގުޅިގެން ވަގުތުން ވަގުތަށް ސަރުކާރުން އަޅަން ޖެހޭ ފިޔަވަޅުތަކެއްވާ ކަމަށް އެމަނިކުފާނަށް ގަބޫލުފުޅު ކުރެއްވިގެނެވެ. އަދި އެމްޑީޕީން ނިންމުންތަކެއް ނިންމާ ސަރުކާރާ ހަމައަށް ގެންދާށެވެ.

ހުށަހެޅުމަކީ ދެތިން މަސް ދުވަހަށް ދިވެހި ރާއްޖެ ސްޓޭޓް އޮފް އިމާޖެންސީއެއްގައި ބާއްވާށެވެ. އަދި އަވަސް ފިޔަވަޅުތަކެއްގައި ހަރުކަށި ފިކުރުގެ ހުރިހާ އެންމެން ހައްޔަރު ކުރާށެވެ. ކުއްލި ނުރައްކަލުގެ ހާލަތު ގެންނަނީ ރައީސް ނަޝީދު ބޭނުންފުޅުވެ ވަޑައިގަންނަވާ މީހުން "އީދުރޯދައަށް ކުޅު ހިފާހެން" ހިފައި ހައްޔަރު ކުރާން ފުލުހުންނަށް އެ މަގު ފަހިކޮށް ދޭށެވެ.

ގައުމީ މަޖިލީހަށް ގަރާރު ހުށައެޅުއްވުމުގެ ކުރީން އެކަން ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ގުރޫޕްގައި ވެސް ނަޝީދު ހިއްސާ ކުރެއްވިއެވެ. ރައީސް ސޯލިހް ވެސް އިންނަވާ އެ ގުރޫޕްގައި އެމަނިކުފާނު ލިޔުއްވާ މެސެޖްތައް ރައީސް ނުބައްލަވާތީ މެންބަރު މުހައްމަދު ރަޝީދު (ބިގޭ) މެދުވެރިކޮށް ރައީސަށް ރައްދު ކުރެއްވޭތޯ ވެސް މަސައްކަތް ކުރެއްވި އެވެ. ގައުމީ މަޖިލީހަށް މައްސަލަ ގެންނެވީ އޭގެ ފަހުންނެވެ.

ގައުމީ މަޖިލީހުގެ އެ ބައްދަލްވުމުގައި ބައިވެރިވީ އެ މަޖިލީހުގެ 35 ޕަސެންޓް މެންބަރުންނެވެ. އެއީ 139 މެންބަރުން ތިއްބަވާ މަޖިލީހުގެ 41 މެންބަރުންނެވެ. ދެން ތިއްބެވީ ސެކްރެޓޭރިއޭޓް ދެ ބޭފުޅެކެވެ. ނަޝީދު ގަރާރަށް ބަހުސް ކުރެއްވީ ވިއްސަކަށް މެންބަރުންނެވެ. ވޯޓަށް އެހުމުން ގަރާރު ފާސް ކުރެއްވުމަށް ވޯޓް ދެއްވީ 39 މެންބަރުންނެވެ. ވޯޓް ނުދެއްވާ ދެ މެންބަރަކު ތިއްބެވި އެވެ. އެއް މެންބަރަކީ އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމެވެ. އާޒިމް ވަނީ ގަރާރުގެ ބަހުސްގައި ކުއްލި ހާލަތު އިއުލާނު ކުރުމަކީ ރައީސަށް އޮތް ބާރެއް ކަމުން އެކަން ހިމަނައިގެން ގަރާރު ފާސް ކުރެއްވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެ ވޯޓް ދެއްވަން ދެކޮޅު ހައްދަވާފަ އެވެ.

ރައީސް ސޯލިހްގެ ވަފާތެރި މެންބަރުންގެ ނަޒަރުގައި އާދީއްތަ ދުވަހުގެ ރޭ އޮތް ގައުމީ މަޖިލީހުގެ ބައްދަލުވުމަކީ އެމްޑީޕީ މިހާރު އޮތްގޮތް ސާފުކޮށް ދިން ބައްދަލްވުމެކެވެ. އެކަން ރައީސް ނަޝީދަށް ވެސް އެނގިވަޑައިގަންނަވާނެ އެވެ.

މި ސަރުކާރުގެ މިނިސްޓަރަކު ވިދާޅުވި ގޮތުގައި ގައުމީ މަޖިލީހުގެ ބައްދަލްވުމަށް ކޯރަމް ހަމަވީވެސް ކިރިއާ އެވެ. އެވެސް ލައްކަ މަސައްކަތުންނެވެ. ގައުމީ މަޖިލީހުގެ ކޯރަމަކީ 37 އެވެ. ރައީސް ނަޝީދުގެ ވަފާތެރި މެންބަރުން ވަނީ އެތައް މެންބަރުންނަކަށް ގުޅުއްވާ ބައްދަލްވުމުގައި ބައިވެރިވެވަޑައިގެން ގަރާރަށް ވަރުގަދައަށް ތާއީދު ކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ. އަދި ރަނގަޅު އަޣުލަބިއްޔަތަކުން ގަރާރު ފާސްކޮށް އެމްޑީޕީ އޮތް ގޮތް ރައީސް ސޯލިހަށް ދައްކަވަން ނަޝީދު ބޭނުންފުޅުވެ ވަޑައިގަތެވެ.

"އެކަން އެހެން ނުވީ ރައީސް ސޯލިހަށް ގައުމީ މަޖިލީހުގެ އަޣުލަބިއްޔަތު އޮތުމުން. އެ ރޭގެ ބައްދަލްވުމަށް ވަރަށް ގިނަ މެންބަރުންނަށް ސެކްރެޓޭރިއޭޓުން ވެސް ގުޅި. ރައީސް ނަޝީދުގެ ވަފާތެރިން ގުޅުއްވި. ނަމަވެސް އެއްވެސް ވަޒީރަކު އަދި މަޖިލީހުގެ ގިނަ މެންބަރުން ވެސް ބައިވެރި ނުވެސް ވޭ. އޮންލައިން ނުވެ އެތައް މެންބަރުންނެއް ތިއްބެވި ކްލަބް ހައުސްގައި ވެސް،" ނަން ހާމަ ނުކުރަން އެދިވަޑައިގެން ވާހަކަ ދެއްކެވި މިނިސްޓަރު ވިދާޅުވި އެވެ.

ގައުމީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީސް މެންބަރަކު ވިދާޅުވި ގޮތުގައި ގައުމީ މަޖިލީހުގެ ބައްދަލްވުމުން ސާފުވީ އެ މަޖިލީހުގެ އަޣުލަބިއްޔަތު އެކަނި ރަައީސް ސޯލިހަށް އޮތް ކަމެއް ނޫނެވެ. އެއީ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ވެސް އޮތުމެވެ.

އާދިއްތައިގެ ބައްދަލްވުމަށް އޮންލައިން ކުރެއްވީ ނުވަ މެންބަރުންނެވެ. އެއީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އާއި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދާއި މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާނާއި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފާއި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ހަސަނާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރެވެ.

އޭގެ ތެރެއިން އަލީ އާޒިމް ދެކޮޅު ހައްދަވާފައިވާއިރު އޭނާ ވަނީ ރައީސް ސޯލިހާއެކު ރޭ މުލިއާގޭގައި ބައްދަލު ވެސް ކުރައްވާފަ އެވެ. އެއީވެސް ގައުމީ މަޖިލީހުގެ ބައްދަލްވުމަށް ފަހު ރައީސް ސޯލިހްގެ ފަރާތްޕުޅުން ދައްކަވާލެއްވި ބާރުގަދަ މެސެޖަކަށްވިއެވެ.

"މިވަގުތު މިގޮތަށް ކޮމެންޓް ކުރި ނަމަވެސް ފާޅުގައި މެންބަރުން ނުކުންނަވާ ރައީސް ސޯލިހަށް އޮތް ބޮޑު ތާއީދު ހާމަކޮށްދޭން ދެން އޮތީ މަދު ދުވަސްކޮޅެއް. އޭރުން ޔަގީން ވާނެ ހުރިހާ ދިވެހިންނަށް މި ދައްކާ ވާހަކަތަކުގެ ހަގީގަތް. ނަމަވެސް މިހާރު ވެސް ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ މިއީކަން އޮތް ގޮތަކީ. އެމްޑީޕީގެ މެންބަރުންނަށްވެސް ސާފުވާނެ،" ދެކުނުގެ ސިޓީއަކަށް ނިސްބަތްވާ މަޖިލީސް މެންބަރު ވިދާޅުވި އެވެ.

ނަމަވެސް މި ވާހަކަތައް ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން ދޮގު ކުރައްވަ އެވެ. މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވި ގޮތުގައި އާދިއްތަ ދުވަހުގެ ރޭގެ ބައްދަލްވުމުގެ ނަންބަރަކީ ޕާޓީގައި ނަޝީދުގެ "ސައިޒު" ބުނެދިން ކަމެއް ނޫނެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެރޭ އޮތް ކުއްލި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން މެންބަރުންގެ އަދަދު މަދުވީ ވަރަށް ގިނަ ސަބަބުތަކެއް ހުރުމުންނެވެ.

"އެއް ކަމަކީ ވަރަށް ކުރު ނޯޓިސްއެއްގައި ބޭއްވި ބައްދަލްވުމެއް އެއީ. އަޅުގަނޑަށް ވެސް އެނގިގެން ބައްދަލްވުމަށް ޖޮއިން ކުރެވުނީ ދިހަ މިނެޓް ފަހުން. އެހެން ނޫންނަމަ އަޅުގަނޑަށް އެހެން ނުވާނެ ދެއްތޯ. އަނެއްކޮޅުން އެތައް މެންބަރުނެއް ތިއްބެވީ އެކި ބޭނުންތަކުގައި ބޭރުގައި. ބައެއް މެންބަރުން ތިއްބެވީ ދާއިރާގައި އެކި މަސައްކަތްތަކުގައި. އެންމެ ގަޑިއިރަކުން ކޯރަމް ހަމަކޮށްލެވުމުން އެ ފެންނަނީ ރައީސް ނަޝީދުގެ ސައިޒް. އެއީ ވަރަށް ބޮޑުވަރެއް އިނގޭތޯ،"

ގައުމީ މަޖިލީހުގެ ބައްދަލުވުމާއި ގުޅޭގޮތުން ހަގީގަތެއް ނެތް ވާހަކަތައް ބޭރަށް ނެރެ މީޑިއާ ސުރުހީތަކަށް ގެނައީ ބޮންޑެ ވިދާޅުވި ގޮތުގައި ސަރުކާރުންނެވެ. ގައުމީ މަޖިލީހުގައި މެންބަރުން ގަސްތުގައި ބައިވެރި ނުވެ ބޮއިޓް ކުރީ ކަމަށް ދައްކާ އެ ވާހަކަތައް ސަރުކާރަށް ތާއީދު ކުރާ މީޑިއާތަކުގައި ޖެއްސުވީ ހަގީގަތް ފޮރުވާށެވެ. އޭނާ ގަބޫލު ކުރައްވާ ގޮތުގައި އެއީ ބިރު ދެއްކުމެކެވެ.

"ރައީސް [ނަޝީދު] ބޭނުންފުޅުވީ އެ ގަރާރު ފާސްކުރެއްވުމަށް. އެމަނިކުފާނު ބޭނުންފުޅުވީ ސާފު އަގުލަބިއްޔަތު ދައްކަވާކަން ނޫން. އެމަނިކުފާނު ފޯކަސް އެ ކުރައްވަނީ މައްސަލައަށް. ބޭނުންފުޅުވަނީ މައްސަލަ ހައްލު ކުރެއްވުމަށް،" އޭނާ ވިދާޅުވި އެވެ.

ރައީސް ނަޝީދަށް ވަފާތެރި އެހެން މެންބަރަކު ވެސް ބޮންޑެގެ ވާހަކަތަކަށް ތާއީދު ކުރެއްވިއެވެ. މާލޭގެ ދާއިރާއެއް ތަމްސީލު ކުރައްވާ މަޖިލީސް އެ މެންބަރަކު ވިދާޅުވި ގޮތުގައި އެމްޑީޕީގައި ނުފޫޒު ގަދަ އަދި ތާއީދު ބޮޑު ބޭފުޅަކު ބެއްލެވުމަކީ އުނދަގޫ ކަމެއް ނޫނެވެ. އަދި އެއީ މާބޮޑު މަސައްކަތެއް ނެތި އެނގެން އޮތް ކަމެކެވެ.

އެމްޑީޕީގައި ނަޝީދަށް އޮތް ތާއީދު ގައުމީ މަޖިލީހުގެ ބައްދަލްވުމެއްގެ ވޯޓެއްގެ ނަތީޖާއިން ނިންމޭނެ ގޮތެއް ވިސްނިވަޑައިނުގަންނަވާ ކަަމަށް އެ މެންބަރު ވިދާޅު ވެއެވެ. އަދި އެކަން ކުރައްވަން ބޭނުންފުޅު ނަމަ ރައީސް ނަޝީދު ވަަރަށް ފަސޭހަކޮށް އެކަން ކުރައްވާނެ އެވެ. ނަމަވެސް ނަޝީދު ބޭނުންފުޅު ވަނީ އެ މަންޒަރު ދައްކަވާކަށް ނޫނެވެ. ބޭނުންފުޅުވަނީ މިހާރު އޮތް ނުރައްކާ ބޮޑު މައްސަލައަށް ހައްލެއް ހޯއްދަވާށެވެ.

"އެންމެ ރަނގަޅު، ރައީސް ސޯލިހް ނުވަތަ އެމަނިކުފާނުގެ ވަފާތެރިން ނުކުންނަވާ ގްރާސްރޫޓް އޮތް ގޮތެއް ޕަބްލިކަށް ދައްކަވަ ބައްލަވާ. ކެރިވަޑައެއް ނުގަންނަވާނެ. އެނގިވަޑައިގަންނަވާނެ އެމްޑީޕީއަކީ ރައީސް ނަޝީދުކަން. ދެވަނަ މިސާލެއް ވެސް ދީފާނަން. ކީއްވެގެންތޯ ރައީސް ސޯލިހް ހަނުހުންނަވާ ރީކޯ މޫސަމެން އަލްހާން ފަހުމީމެން ލައްވާ ރައީސް ނަޝީދަށް ރައްދުދީ ފުރައްސާރަ އެ ކުރައްވަނީ. ފާޅުގައި ނުކުންނަވަން ވީނުންތޯ. ނަޝީދު އެ ގެންދަވަނީ އެމަނިކުފާނު ބޭނުންފުޅުވެވަޑައިގަންނަވާ ކޮންމެ ވާހަކައެއް ފާޅުގައި ދައްކަވަމުން. އެއީ އެމްޑީޕީގެ އިތުބާރު އެމަނިކުފާނަށް އޮތީމަ. ތިޔަ ފެންނަނީ ކޮންފިޑެންސް އޮތް ޕާޓީގެ ރައީސަކާއި ކޮންފިޑެންސް ނެތް އިސް ލީޑަރެއް،"

ބޮންޑެ ވިދާޅުވާ ގޮތުގައި ގައުމީ މަޖިލީހަކީ އެމްޑީޕީގެ އެންމެ އިސް ނުވަތަ އެންމެ ބާރުގަދަ ގުނަވަނެއް ނޫނެވެ. އެމްޑީޕީ އޮތް ގޮތް ނިންމޭނެ އަދި ޕާޓީގެ އެންމެ ބާރުގަދައީ ކޮންގްރެސް އެވެ. އެއީ އެމްޑީޕީގެ އެތައް ސަތޭކަ ގޮތްޕެއްގެ ރައީސުންނާއި ނާއިބު ރައީސުން ހިމެނިވަޑައިގަންނަވާ މުޅި ޕާޓީ ތަމްސީލުވާ ހަމައެކަނި ގުނަވަނެވެ.

"އަޅުގަނޑު ވަރަށް ސާފުކޮށް މި ދަންނަވަނީ ކޮންގްރެސްގެ ބާރު ވަަރަށް ސާފުކޮށް އޮތީ ރައީސް ނަޝީދުގެ އަތްޕުޅުގައި. ގްރާސްރޫޓް އެ އޮތީ އެމަނިކުފާނާއެކު. ކޮންގްރެސް އެއީ މުޅި ޕާޓީ ތަމްސީލުވާ އެންމެ ބާރުގަދަ ގުނަން. މުހިންމު ހުރިހާ ނިންމުންތަކެއް އަންނާނީ ކޮންގްރެސްއިން،"

ބޮންޑެ ވިދާޅުވި ގޮތުގައި ގައުމީ މަޖިލީހަކީ ދާއިމީ މަޖިލީހެއް ނޫނެވެ. ކޮންމެ ދައުރަކު މެންބަރުން ބަދަލުވާނެ އެވެ. މިހާރު ވެސް ގައުމީ މަޖިލީސްގެ މުއްދަތު ކުރީން އޮތް ގޮތުންނަމަ އޮތީ ހަމަވެފަ އެވެ. ނަމަވެސް ކޮވިޑާއެކު މުއްދަތު އިތުރުވެފައި އޮތީއެވެ. ކޮންގްރެސް އެހެން ނުވެއެވެ. ގޮފިތަކުގެ ވެރިން ބަދަލުވާނީ ވަރަށް މަދު ހާލަތެއްގައެވެ. އެހެންވީމަ ހަގީގީ އެމްޑީޕީ އެގޮތުގައި ބަދަލެއް ނުވެ އެބައޮތެވެ.

"މިހާރުވެސް ސާވޭއެއް ކޮށްލައްވާ. ވަރަށް ސާފުކޮށް މި މަންޒަރު ފެންނާނެ،" އެމްޑީޕީގައި އުފެއްދި އެންމެ ފުރަތަމަ ގޮފިތަކުގެ ތެރެއިން ގޮތްޕެއްގެ މެންބަރެއްގެ ގޮތުގައި ހުންނެވި ބޮންޑެ ވިދާޅުވިއެވެ.

ބޮންޑެ ވިދާޅުވި ގޮތުގައި ގައުމީ މަޖިލީހުގައި ވަޒީފާގެ ބިރަށްޓަކަައި ބައިވެރިނުވެވޭ މެންބަރުން އެބަތިއްބެވެ. އަދި ނުފޫޒުގެ ތެރެއިން ބައިވެރިވުމަށް ފަސްޖެހޭ މެންބަރުންތަކެއްވެސް އެބަ ތިއްބެވެ. އެ ހުރިހާ ކަމެއް ހުރިއިރު ބައްދަލްވުމެއްގައި ނެގުނު ވޯޓަކުން އެމްޑީޕީގެ ކޮންޓްރޯލް އޮތް ލީޑަރެއް ނުނިންމޭނެ އެވެ.

އެމްޑީޕީގެ ކޮންޓްރޯލް އޮތީ އިސް ލީޑަރަށްތޯ ނުވަތަ ޕާޓީގެ ރައީސަށްތޯ ބަހުސް އަދި އޮތީ ކުރިއަށެވެ. އެ ބަހުސްގެ ނަތީޖާ ސާފުވާނެ ވަގުތު އަންނާނެ އެވެ. އެއް ކަމަކީ ފަސް ކޮށްފައިވާ ގައުމީ މަޖިލީހުގެ އިންތިހާބުގެ ނަތީޖާ ސާފުވުމެވެ. އިންތިހާބުގައި ވޯޓްލާން ތިބީ ޕާޓީގެ އާންމު މެންބަރުންނެވެ. ގްރާސްރޫޓެވެ. އެ އިންތިހާބަށް ދެ ފެކްޝަނުން ކެންޑިޑޭޓުން ތައްޔާރުކޮށް ކެންޕެއިން ފަށަން ތައްޔާރުވެފައި ވަނިކޮށް ޓެރަރިސްޓް ހަމަލާ ކުރިމަތިވީ އެވެ. އެހެން ކަމުން އިންތިހާބު ސެޕްޓެންބަރަށް ފަސްކުރަން ޖެހުނީ އެވެ. މިއީ ޕާޓީގެ ކޮންޓްރޯލް އޮތް ލީޑަރެއް ސާފުވާނެ ފުރަތަމަ އިމްތިހާނެވެ. އޭގެ ފަހަށް އަދި 2023 ގެ ރިޔާސީ ޓިކެޓް ދޭނެ ބޭފުޅެއް ނިންމުމުގެ މައްސަލަ އަންނާނެ އެވެ.

އެކަން ދެގޮތަކަށް ނިމުމުގެ ފުރުސަތު އެބައޮތެވެ. އެއް ގޮތަކީ ގައުމީ މަޖިލީހުން ކުރީން ނިންމާފައިވާ ނިންމުމާއި އެއްގޮތަށް ރައީސް ސޯލިހަށް ޕްރައިމަރީއެއް ނެތި ދެވަނަ ދައުރަކަށް ޓިކެޓް އެރުވުމެވެ. އެގޮތަށް ނަޝީދު މިހާރުވެސް ދެކޮޅެވެ. ނަމަވެސް ސެޕްޓެންބަރުގެ އިންތިހާބަށް ފަހު ގައުމީ މަޖިލީސްގެ ނަންބަރު އެތުރޭ ގޮތަކުން އެ ނިންމުން ދެމެހެއްޓުމުގެ ފުރުސަތު އެބައޮތެވެ. ނޫނީ ދެން އޮތީ ދެ ރައީސުން ޕްރައިމަރީއަށް ނިކުންނެވުމެވެ. އެހެން އެކަން ވެއްޖެނަމަ ނަތީޖާއިން ހުރިހާ ކަމެއް ޔަގީންވެ ބޮޑު މަންޒަރު ސާފުވީ އެވެ. އެހެންވީމަ ބަހުސަށް އަދި ވަގުތުކޮޅެއް އެބަ އޮތެވެ. ހޫނުކޮށް ކުރިއަށް ގެންދަވާށެވެ.