އުމަރު ނަސީރު

ރިލްވާންގެ އާއިލާއިން ކޯޓަށް ދާންވީ، ބަހުގައި ސާބިތުވެ ހުންނާނަން: އުމަރު

ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ އާއިލާ އިން އޭނާއާ ދެކޮޅަށް ކޯޓަށް ދިޔަ ނަމަވެސް ޖެހިލުންވެވަޑައި ނުގަންނަވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު މިހެން ވިދާޅުވީ ރިލްވާނަކީ ކުރިން ހަރުކަށި ފިކުރުގެ މީހެއް ކަމަށް އޭނާ ސަންގު ޓީވީގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެން އުމަރުގެ މައްޗަށް ދައުވާކުރަން ރިލްވާންގެ އާއިލާއިން ނިންމާފައިވަނީ ކޮށެވެ.

އުމަރު އަވަސްއަށް މިއަދު ވިދާޅުވީ ރިލުވާންގެ އާއިލާއާ މެދު ހިތްބަރުކަމެއް ނެތް ކަމަށާއި ނަމަވެސް އޭނާ ވިދާޅުވި ބަހުގައި ސާބިތުވެ ހުންނަވާނެ ކަމަށެވެ. އަދި ކޯޓަށް ގޮސްފިނަމަ ވެސް އޭނާ ދެއްކެވި ވާހަކަތައް ސާބިތުކޮށްދެއްވާނެ ކަމަށެވެ.

"އަޅުގަނޑަށް އެނގޭ، އަޅުގަނޑަށް އިހްސާސް ކުރެވޭ ރިލްވާންގެ އާއިލާއިން ތަހަައްމަލުކުރާ ހާލަތު. އެކަމަކުވެސް އަޅުގަނޑު ހަމަ ބުނެލަން އޮތީ ރިލްވާން އަކީ ކުރިން ހަރުކަށި ފިކުރުގެ ތެރޭގައި އުޅެފައި މަޑުކަށި ފިކުރަށް ދިޔަ މީހެކޭ. އެކެން އެނގޭނެ ފުލުހުންގެ ރެކޯޑްތަކުންވެސް،" އުމަރު ވިދާޅުވި އެވެ.

އުމަރު ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވިދާޅުވީ ރިލްވާން ކުރިން އުޅުނީ ހަރުކަށި ފިކުރުގެ މީހުން ހިމެނޭ "ޑޮޓް" ގްރޫޕްގައި ކަމަށެވެ. ނަމަވެސް ރިލްވާންގެ ދައްތަ ފާތިމަތު ޝެހެނާޒް ބުނީ އުމަރު ދައްކަނީ ހަގީގަތާ ހިލާފުވާހަކަތަކެއް ކަމަށާއި އެގޮތަށް އެ ވާހަކަ ދައްކަން ފުރުސަތު ނުދޭނެ ކަމަށެވެ. އަދި އުމަރާ ދެކޮޅަށް ދައުވާ ކުރާނެ ކަމުގައިވެސް ބުނެފައިވެ އެވެ.

ރިލްވާން ވަގަށް ނެގިތާ ހަތް އަހަރުވެފައިވާ އިރު އަދިވެސް އެ މައްސަލައިގެ ތަހުގީގު ނުނިމެ އެވެ. އަދި އެ މައްސަލަ ބަލަމުންދާ މަރު ކޮމިޝަންގެ ތަހުގީގަށް ވެސް މާބޮޑު ކުރިއެރުމެއް ނުލިބެ އެވެ.

ގިނަ ދުވަސްތަކަކަށް ފަހު އާ އެއްވެސް މައުލޫމާތަކާ ނުލައި މަރު ކޮމިޝަނުން މިދިޔަ މަހުގެ އެއްވަނަ ދުވަހު އާންމު ކުރި ވީޑިއޯގައި ރިލްވާން ގެއްލުނު ރޭ މާލޭ ތެރޭގައި ހަރަކާތްތެރިވި މަންޒަރުގެ ސީސީޓީވީ ފުޓޭޖު ބައިތައް ދައްކަ އެވެ.

އޭނާ އެރޭ ބައިބަލާ މެޗް ބަލަން ދިޔަ ތަނާއި މެޗް ނިމުމުން ހުޅުމާލޭ ފެރީ ޓާމިނަލްއަށް ދިޔަ މަންޒަރު ވެސް ދައްކަ އެވެ. އޭނާގެ ފަހަތުން ފާރަލަމުން ދިޔަ މީހުންގެ މަންޒަރު ވެސް ވީޑިއޯގައި ދައްކަ އެވެ.

ގެއްލުވާލާފައިވާ މީހުންނާއި މަރާލައިފައިވާ މީހުނަށް އިންސާފު ހޯދައި ދިނުމަކީ މިސަރުކާރުގެ ވައުދެކެވެ. ނަމަވެސް ބައެއް މީހުން ގަބޫލުކުރާ ގޮތުގައި މި ސަރުކާރު ވަނީ އެ ވައުދު ފުއްދުމުގައި ފެއިލްވެފަ އެވެ.