އެމްޑީޕީ

އެމްޑީޕީ އިންތިހާބު: އިނގުރައިދޫ ދާއިރާގެ ހުރިހާ ވޯޓެއް ގުނަނީ

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު 2021 ގައި އިނގުރައިދޫ ދާއިރާގައި ބެހެއްޓުނު ހުރިހާ ވޯޓު ފޮށްޓެއް އަލުން ގުނުމަށް ނިންމައިފި އެވެ.

މިދިޔަ މަހުގެ 25 ވަނަ ދުވަހު ބޭއްވި އިންތިހާބުގެ ރަސްމީ ނަތީޖާ އިއްޔެ ވަނީ އިއުލާނު ކޮށްފައެވެ. ނަމަވެސް އެ ޕާޓީން ބުނި ގޮތުގައި ރަސްމީ ނަތީޖާގައި އިނގުރައިދޫ ދާއިރާގެ ނަތީޖާ ހިމަނާފައެއް ނުވާނެ އެވެ. އެއީ އިނގުރައިދޫ ދާއިރާގެ ބައެއް ވޯޓުފޮށި ގުނި ގޮތާމެދު ހުށަހެޅިފައިވާ ޝަކުވާތައް ބެލުމަށްފަހު ޝަކުވާ ބަލާ ކޮމިޓީން އެ ދާއިރާގެ ހުރިހާ ވޯޓު ފޮށްޓެއް އަލުން ގުނުމަށް ނިންމާފައިވާތީ އެވެ.

މީގެ އިތުރުން ކޮވިޑް19 ގެ ހާލަތަށް ބަލައި ތ. ދިޔަމިގިލީގައި ވޯޓުލުން ކުރިއަށް ގެންގޮސްފައި ނުވާތީ ތ. ގުރައިދޫ ދާއިރާގެ ރަސްމީ ނަތީޖާވެސް ހިމަނާފައެއް ނުވެއެވެ. ތ. ގުރައިދޫ ދާއިރާގެ ވަކި މަގާމަކަށް ހޮވޭ މީހުންނާއި އެ މީހުންނާ ވިދިގެން އެންމެ ގިނަ ވޯޓު ލިބުނު ކެންޑިޑޭޓާއި ދެމެދު އޮތް ފަރަގަކީ ތ.ދިޔަމިގިލީގައި ވޯޓުލީނަމަ، ނަތީޖާއަށް ބަދަލު އަންނާނެ ފަރަގެއް ކަމުގައިވާ ނަމަ ތ. ދިޔަމިގިލީގައި އޮތް ކޮވިޑްގެ ހާލަތު ފިލުމުން، އެ ރަށުގައި އަދި މާލޭ-ދިޔަމިގިލި މެންބަރުންގެ ވޯޓު ނެގުން، ފަހުގެ ތާރީހުގައި އޮންނާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

މި ގޮތުން ތ. ގުރައިދޫ ދާއިރާގެ ގުރައިދޫ އާއި ގާދިއްފުއްޓާއި އަދި އެ ދާއިރާގެ މާލޭ ފޮށީގެ ޖުމްލަ ނަތީޖާއަށް ބަލާއިރު ތ. ދިޔަމިގިލީގައި ސެޕްޓެމްބަރު 25 ގައި ވޯޓުލީނަމަ އާހިރު ނަތީޖާއަށް ބަދަލު އަންނާނެ ވަރަށް ދެ ކެންޑިޑޭޓުންގެ ދެމެދުގައި ހުރި ފަރަގު ހަނިވެފައިވާތީ އެ ވޯޓް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށްވެސް އެމްޑީޕީން ބުންޏެވެ.