މިނިސްޓްރީ އޮފް އެޑިއުކޭޝަން

ދަރިވަރުންނާ ބައްދަލުވާނެ އެންމެނަށް ލައިސެންސް ދެނީ

ސްކޫލުތަކުގައި ދަރިވަރުންނާ ބައްދަލުވާ އެންމެނަށް ވެސް ލައިސެންސް ދޭން މަސައްކަތް ކުރަމުންދާ ކަަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި މިނިސްޓަރު ވިދާޅުވީ ޖިންސީ ގޯނާއިން ދަރިވަރުން ރައްކާތެރިކުރުމުގެ ގޮތުންނާއި އަދި އެފަދަ ކަންކަން ނުހިނގާނެ ގޮތަށް ކަންކަން ތަރުތީބު ކުރަން މިހާރު މަސައްކަތް ކުރާ ކަމަށާއި އެކަަން ކަށަވަރުކުރުމަށް އިތުރަށް އެެޅެން ހުރި ފިޔަވަޅުތައް ވެސް ބަލަމުން އަންނަ ކަމަށެވެ.

"ތައުލީމީ ގާނޫނުގެ ތެރެއިން މިހާރު ޓީޗާ ލައިސެންސިން އަޅުގަނޑުމެން ދޭން މަޖުބޫރު ވެފަ މިއޮތީ. ޓީޗާ ލައިސެންސިންނާ އެކުއެކީގައި ދަރިވަރުންނާ ދިމާވާނެ އެހެނިހެން ފަރާތްތަކަށް ވެސް މިކަހަލަ ލައިސެންސިން ނިޒާމެއް ގާއިމުކުރުމުގެ ކަންތައްތައް މިނިސްޓްރީން އެބަ ކުރިއަށް ގެންދޭ،" މިނިސްޓަރު ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ އެފަދަ ނިޒާމެއް ގާއިމު ކުރުމުން ދަރިވަރުންނާ ބައްދަލުވާ ހުރިހާ މުވައްޒަފުން ސްކްރީން ކުރުން ފަދަ ކަންކަން އިތުރަށް ހަރުދަނާ ވެގެންދާނެ ކަަމަށެވެ.

މިދިޔަ އަހަރު ފާސްކުރި ތައުލީމުގެ ގާނޫނުގެ ދަށުން 2023 ވަނަ އަހަރުގެ ދިރާސީ އަހަރުން ފެށިގެން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެވޭނީ ހާއްަސަ ލައިސަންސެއް ލިބިގެނެވެ. އެ ގާނޫނުގައި ވާގޮތުން ލައިސަންސް ދޭނެ އުސޫލު އެކުލަވައިލުމުގެ މަސައްކަތް ކުރާނީ ޓީޗާސް ރަޖިސްޓްރޭޝަން ބޯޑުން ނެވެ.

ގަލޮޅު މަދަރުސާގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ހޫނުވި އިރު އެ މައްސަލަިގައި މީހަކު ހައްޔަރު ކުރުން ލަސްވުމުން ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވި އެވެ.

ޖިންސީ ގޯނާ ލިބުނު ކުއްޖާގެ އާއިލާއިން ބުނާ ގޮތުގައި ދަރިވަރަށް ޖިންސީ ގޯނާއާ ކުރިމަތިވީ ސްކޫލުގައި ދަރިވަރު ފާހާނާއަށް ގެންދިޔަ މަސައްކަތު މީހާގެ ފަރާތުން ނެވެ. އެކަން ކުރި މީހެއް ދެނެނުގަނެވިގެން ހައްޔަރު ނުކުރެވި ލަސްވި ނަމަވެސް ރޭ ވަނީ 63 އަހަރުގެ އަންހެނަކު ތުހަމަތުގައި ހައްޔަރުކޮށްފަ އެވެ.