ގައުމީ ފުޓްބޯޅް ޓީމް

މަހިންދަރާޖަޕަކްސަ ކަޕް: ލަންކާއިން ރާއްޖެ މޮޅުވިޔަ ނުދީ ހިފަހައްޓައިފި

ސްރީލަންކާއިން: އަހުމަދު ހަމީދު އާދަމް
Nov 9, 2021

ޕްރައިމް މިނިސްޓަރު މަހިންދަ ރާޖަޕަކްސަ ޓްރޮފީ 2021 ފުޓްބޯޅަ މުބާރާތް ހުޅުވުމުގެ ގޮތުން ކުޅުނު މެޗުގައި ރާއްޖެ މޮޅުވިޔަ ނުދީ މުބާރާތް އިންތިޒާމު ކުރާ ލަންކާއިން ހިފަހައްޓައިފި އެވެ.

ކޮލަމްބޯގެ ރޭސްކޯސް ސްޓޭޑިއަމްގައި ކުޅުނު މެޗު ނިމުނީ 4-4 އެއްވަރު ވެގެންނެވެ. މެޗުގެ ފުރަތަމަ ހަތަރު ލަނޑު ޖަހާ ލީޑު ނެގީ ލަންކާއިންނެވެ. ނަމަވެސް ލަންކާއިން ވަނީ ދެވަނަ ހާފްގައި ފަހަތުން އަރާ ހަތަރު ލަނޑު ޖަހާ އެއްވަރުކޮށްފައެވެ.

މެޗުގައި ފެނުނު ރާއްޖޭގެ ފުރަތަމަ ދެ ލަނޑުވެސް އައީ ފުރަތަމަ 10 މިނެޓްގެ ތެެރޭގައެވެ. ފުރަތަމަ ގޯލް ހަތް ވަނަ މިނެޓްގައި ޖެހީ ކެޕްޓަން އަކްރަމް އަބްދުލްޣަނީއެވެ. އޭގެ މިނެޓެއް ފަހުން އަލީ ފާސިރު (ސެންޓޭ) ވަނީ ދެވަނަ ގޯލެއް ޖަހާފައެވެ. ހާފް ނިމުމުގެ ކުރީން ރާއްޖެއިން ވަނީ ތިންވަނަ ގޯލެއް ޖަހާ ލީޑު ފުޅާކޮށް އިތުބާރު ބޮޑުކޮށްފައެވެ. 

ތިންވަނަ ލަނޑު މެޗުގެ 35 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އެވެ.

ރާއްޖޭގެ ހަތަރުވަނަ ގޯލް ދެވަނަ ހާފްގައި ޖެހީ އަލީ އަޝްފާގު (ދަނގަޑޭ) އެވެ.

ނަމަވެސް ދެވަނަ ހާފްގައި ލަންކާއިން ވަނީ ކުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށް ރާއްޖެއާ ހަމަހަމަކޮށްފައެވެ. އެ ގައުމުގެ ފުރަތަމަ ދެ ގޯލް ތިން މިނެޓްގެ ތެރޭގައި ޖަހާ 4-2 ގެ ނަތީޖާއަކަށް ފަރަގު ކުޑަކުރިއެވެ. ދެ ގޯލްވެސް ޖެހީ ވަސީމް ރަޒީކް އެވެ. އޭނާ ވަނީ ތިންވަނަ ލަނޑެއް ޖަހާ އޭނާގެ ފުރަތަމަ އިންޓަނޭޝަނަލް ހެޓްރިކްވެސް ހަދާފައެވެ.

އޭގެ ފަހުންވެސް ވަސީމް ރަޒީކްގެ ހަމަލާތަކުން ރާއްޖެ ގޯލަށް ނުރައްކާކުރި އެވެ. ނަތީޖާއެއްގެ ގޮތުން އިތުރު ވަގުތުގެ ތިން މިނެޓް ނިމުމުގެ ކުރީން އޭނާ ވަނީ ހަތަރުވަނަ ގޯލެއް ލަަންކާއަށް ކާމިޔާބުކޮށްދީ މެޗު ހަމަހަމަ ކޮށްފައެވެ.

ލަންކާއިން ބާއްވާ ފޯނޭޝަންސް ކަޕްގައި ބައިވެރިވާނީ ހަތަރު ޓީމެކެވެ. މިފަހަރުގެ މުބާރާތުގައި ވާދަ ކުރާނީ ލަންކާ، ރާއްޖެ، ބަންގްލަދޭޝް އަދި ސީޝެލްސް އެވެ.