ރައްޔިތުންގެ މަޖިލިސް

މުރައިދޫގެ ހަވާލެއް ނުކުރެ: މަޖިލިސް އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވަން މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން އައި މ. މުރައިދޫގޭގެ މަަސައްކަތްތައް ނިންމުމަށް ފަހު އެ އިމާރާތް މަޖިލީހުގެ އިދާރާއާ ހަވާލުކުރި ކަމަށް ސަރުކާރުން ބުނާ ބުނުން އެ އިދާރާއިން ދޮގު ކޮށްފި އެވެ.

މަޖިލީހުގެ އިދާރާއިން ބުނީ މުރައިދޫގެ މަޖިލީހާއި ރަސްމީކޮށް އަދި ހަވާލު ނުކުރާ ކަމަށެވެ.

މަޖިލީހުގެ އިދާރާއިން އެހެން ބުނި ނަމަވެސް މުރައިދޫގެ މަޖިލީހުގެ އިދާރާއާ އިއްޔެ ހަވާލު ކޮށްފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވަނީ ވިދާޅުވެފަ އެވެ. އަކްރަމް ވިދާޅުވީ އެ ގެ ހަވާލު ކުރި ނަމަވެސް އަދި އެއްކޮށް ގެ ނުނިމޭ ކަމަށާއި އެތަނުގައި އަދިވެސް ކުރަންޖެހޭ ކުދިކުދި ކަންކަން އެބަހުރި ކަމަށެވެ.

މުރައިދޫގެ މަރާމާތު ކުރުމުގެ މަސައްކަތް ކުރީ ސިފައިންގެ ކުންފުނި، ސިފްކޯ އިންނެވެ. ޕްލޭނިން މިނިސްޓްރީން ކުރިން މަސައްކަތް ކުރީ މިދިޔަ މަހުގެ ނިޔަލަށް މުރައިދޫގޭގެ މަސައްކަތް ނިންމާށެވެ.

މުރައިދޫގޭގެ މަރާމާތުގެ މަސައްކަތް ނިންމިއިރު އެގޭގެ ފުރަގަހުން އޮންނަ ހައިކޯޓުގެ ޕާކިން ޒޯންގެ ބައެއް ނަގައި، މުރައިދޫގޭގެ ވަލުދޮރޯށި ވަނީ އެ ދިމާލަށް ކަނޑާފަ އެވެ. މުރައިދޫގޭގެ ކުރިމަތިން މަގުމަތީގައި ރަތް ރޮނގު ދަމާ އެ ސަރަހައްދުގައި މަޑުކުރުމާއި ޕާކް ކުރުން ވެސްފުލުހުން ވަނީ މަނާކޮށްފަ އެވެ.