އެމްއެމްޕީއާރްސީ

ރާއްޖެ އިޝްތިހާރުކުރަން ވެބިނާއެއް

ނޯޑިކް ސަރަހައްދުގައި ރާއްޖެ އިޝްތިހާރު ކުރަން، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، (އެމްއެމްޕީއާރުސީން) ވެބިނާއެއް ބާއްވައިފި އެވެ.

ވެބިނާގައި ރާއްޖެއިން ފަތުރުވެރިންނަށް ލިބޭ ތަފާތު ތަޖުރިބާތައް ނޯޑިކް ސަރަހައްދުގެ ޓްރެވަލް ޓްރޭޑާއެކު ހިއްސާކޮށްފައިވެއެވެ.

އެމްއެމްޕީއާރްސީން ބުނީ މިއީ ނޯޑިކް މާކެޓުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށް ކުރިއަށް ގެންދާ ވެބިނާ ސިލްސިލާއެއްގެ ދެ ވަނަ ސެޝަންކަމަށެވެ.

ވެބިނާގެ މަގުސަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ފަހުގެ މައުލޫމާތު ނޯޑިކް މާކެޓުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ ފަރާތްތަކާއި ފަތުރުވެރިންނަށް ފޯރުކޮށްދިނުން ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެ އެވެ.

އެމްއެމްޕީއާރުސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ތައްޔިބު މުހައްމަދު ވިދާޅުވީ ރާއްޖެއަކީ ރައްކާތެރި އަދި ތަފާތު ތަޖުރިބާތައް ފަތުރުވެރިންނަށް ފޯރުކޮށްދޭ މަންޒިލެއް ކަމަށެވެ.

އެމްއެމްޕީއާރްސީން ބުނީ ވެނިބާ މި ސެޝަން ބާއްވާފައިވަނީ "މޯލްޑިވްސް، އަ ސޭފް ހޭވަން ވިތް ޔުނީކް އެކްސްޕީރިއަންސަސް" ތީމްގެ ދަށުންނެވެ. ވެބިނާގެ ފުރަތަމަ ސެޝަން ބާއްވާފައިވަނީ މިދިޔަ ސެޕްޓެމްބަރުމަހުގެތެރޭގައެވެ. އެ ސެޝަން ހާއްސަކޮށްފައިވަނީ "ކަނެކްޓް ވިތް މޯލްޑިވްސް – ޔޯ ސޭފް ހޭވަން" ތީމަށެވެ.