ސަލްމާން ޚާންގެ "ދަ-ބަންގް"ޓުއާގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ސައޫދީ އަރަބިޔާގެ ރިޔާޒުގައި ހުކުރު ދުވަހު ބޭއްވި ކޮންސެޓު ބަލަން އެތައް ހާސް ބަޔަކު ޖަމާ ވެއްޖެ އެވެ.
ކޮންސެޓަށް ދިޔަ ބައެއް މީހުން ވަނީ އެ ތަނުގެ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ޝެއާ ކޮށްފަ އެވެ.
މި ޝޯގައި ސަލްމާންގެ އިތުރުން ޕްރަބޫ ދޭވާ، ޝިލްޕާ ޝެޓީ، އަޔޫޝް ޝަރުމާ އަދި ސާއީ މަންޖްރޭކަރް ޕާފޯމް ކޮށްފައިވެ އެވެ.
މި ޝޯ އިންތިޒާމްކުރި "ދަ ބޮލިވާޑް ރިޔާޒް"ގެ އޮފިޝަލް ޓުވިޓާ އެކައުންޓުން ވަނީ ސަލްމާން ޕާފޯމްކުރާ މަންޒަރުތައް ފެންނަ ވީޑިއޯއެއް ޝެއާ ކޮށްފަ އެވެ.
"މިއީ އެހެން ރޭތަކާ ތަފާތު ރެއެއް. އަހަރެމެން މިރޭ ހޭދަކޮށްފައިވަނީ ބޮލީވުޑް ތަރި ސަލްމާން ޚާނާއި އޭނާގެ 'ދަ-ބަންގް' ތަރިންނާއެކު... އެމީހުންގެ ލަވަތައް ބަލާލުމުގައި،" މި ވީޑިއޯގެ ކެޕްޝަންގައި ލިޔެފައިވެ އެވެ.
ޝޯ ބަލަން ދިޔަ އެހެން މީހަކު ޝެއާ ކުރި ވީޑިއޯއެއްގައި ބުނެފައިވަނީ އިރާދަކުރެއްވިއްޔާ އަންނަ އަހަރު ވެސް ސައޫދީއަށް އައިސް ޕާފޯމްކުރާނެ ކަމަށް ޝޯ ނިންމާލަމުން ސަލްމާން ވައުދުވީ ކަމަށެވެ.
ސައޫދީ އޮފިޝަލުން ބުނެފައިވާ ގޮތުގައި މި ޝޯ ބަލަން ގާތްގަނޑަކަށް 80،000 މީހުން އެއްވި އެވެ. އަދި މިއީ ގަލްފުގެ ގައުމުތަކުގައި ސަލްމާންގެ މަޝްހޫރުކަން އޮތް މިންވަރު އަންގައިދިން ޝޯއެއް ކަމަށް ވެސް އޮފިޝަލުން ބުނެފައިވެ އެވެ.
ސައޫދީގެ ކޮންސެޓަށް ފަހު ގަލްފުގެ އިތުރު ގައުމުތަކެއްގައި ސަލްމާންގެ ޝޯ ކުރިއަށް ގެންދަން ވަނީ ހަމަޖެހިފަ އެވެ.