ހައްދުފަނައެޅުން

ހަރުކަށި ފިކުރު ހުއްޓުވުމަށް މަޝްވަރާކޮށްފި

Dec 17, 2021
2

ހައްދުފަހަނައަޅާ ދިއުމާއި ހަރުކަށި ފިކުރު ހުއްޓުވުމަށް ރާއްޖޭގައި ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ ގޮތުން ކަމާ ގުޅޭ އިދާރާތަކުގެ މެދުގައި މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފި އެވެ.

މިބައްދަލުވުންތައް އިންތިޒާމު ކުރީ ރާއްޖޭގައި ހުންނަ އދ.ގެ އޮފީހާއި ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) ގުޅިގެންނެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގައި ހަތަރު ދުވަހުގެ ބައްދަލުވުންތައް ކުރިއަށް ގެންދިޔައީ ހައި-ލެވެލް ފޯރަމް އޮން ސޯޝަލް ރެޒިލިއެންސް އިން ދި މޯލްޑިވްސްގެ ނަމުގަ އެވެ.

އެންސީޓީސީން ބުނީ ފާހަގަކުރެވޭ މައްސަލަތައް ބައްދަލުވުންތަކަށް ހުށަހަޅައި، މުސްތަގްބަލުގައި އެފަދަ މައްސަލަތަކުގައި މަސައްކަތްކުރާނެ މުއައްސަސާތަކެއްގެ މަސައްކަތްތައް ރާވާ ބައްޓަންކުރާނެ ގޮތްތަކާ މެދު ބައްދަލުވުންތަކުގައި މަޝްވަރާކުރެވުނު ކަމަށެވެ.

ހައްދުފަހަނައަޅާ ދިއުމާއި ހަރުކަށި ފިކުރު ހުއްޓުވުމަށް ރާއްޖޭގައި މަސައްކަތްކުރާ ފަރާތްތައް އެއް މޭޒެއްގެ ދަށަށް ގެނެވި މިހާރު ކުރެވޭ މަސައްކަތްތަކާއި، ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ދެނެގަތުމާއި، މަސައްކަތުގައި ހުރިހާ އެންމެން ގުޅިގެން ކުރެވިދާނެ ކަންކަން ފާހަގަކޮށް ނެޝަނަލް އެކްޝަން ޕްލޭން އޮން ޕްރިވެންޓިން އެންޑް ކައުންޓަރިން ވަޔަލަންޓް އެކްސްޓްރީމިޒަމްގައިވާ ކަންކަން ހާސިލްކުރުމަށް މަގުޗާޓެއް އެކުލަވާލެވުނު ކަމަށްވެސް ބުނެފައިވެ އެވެ.

ބައްދަލުވުންތައް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންސީޓީސީގެ ޑައިރެކްޓާ ޖެނެރަލް ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ އެކްޝަން ޕްލޭން ކާމިޔާބު ވާނީ މިކަމުގައި ޝާމިލްވާ އެންމެންގެ ފުރިހަމަ އެއްބާރުލުން ލިބިގެން ކަމަށެވެ. އެހެންވެ ހުރިހާ އިދާރާތަކެއް ގުޅިގެން މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންނެވި އެވެ.

މި ބައްދަލުވުންތައް ފެށުމުގެ ރަސްމިއްޔާތުގައި ޝަރަފުވެރި މެހްމާން އަދި ލޯކަލް ގަވަރުމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ފާތިމަތު އަފްޝަން ލަތީފް ވިދާޅުވީ ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ ބައިނަލްއަގްވާމީ މައްސަލައެއް ކަމަށެވެ. އެ މައްސަލަތަކަށް ދިވެހިރާއްޖޭގެ މާހައުލާއި ގުޅޭ ގޮތަށް ހައްލުތައް ހޯދުމަށްޓަކައި މުޖުތަމައުގެ ބައިވެރިވުން އޮންނަން ޖެހޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

މި ބައްދަލުވުންތަކުގައި ސަރުކާރުގެ 17 އިދާރާއަކުންނާއި ދެ މަދަނީ ޖަމިއްޔާ އަކުން 23 ބޭފުޅުން ބައިވެރިވެފައިވެ އެވެ.