ދާންދޫ

ދާންދޫ ކައުންސިލްގެ ރައީސް އަށް ދައުވާ ނުކުރަން ނިންމައިފި

Jan 25, 2022

ގއ. ދާންދޫގައި ފުލުހުން ކުރިއަށް ގެންދަން އުޅުނު މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ މައުލޫމާތުތަކެއް ލީކްކޮށްލި މައްސަލައިގެ ތުހުމަތުގައި ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފްގެ މައްސަލަ ތަހުގީގު ކުރުމަށްފަހު އޭނާގެ މައްޗަށް ދައުވާކުރަން މައްސަލަ ނުފޮނުވުމަށް ފުލުހުން ނިންމައިފި އެވެ.

އާސިފަށް ތުހުމަތުކުރުމަށްފަހު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ މިދިޔަ އޯގަސްޓް މަހުގެ 10 ދުވަހުގެ ރޭ އޭނާގެ ފޯން އަތުލާފަ އެވެ.

ފުލުހުން ކުރިއަށް ގެންދަން އުޅުނު މަސްތުވާތަކެތީގެ އޮޕަރޭޝަންގައި ބަލައި ފާސްކުރަން އުޅުނީ އާސިފްގެ އާއިލީ މީހެއްގެ ގެ އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި އޮޕަރޭޝަންގެ މައުލޫމާތު ލީކް ކޮށްލުމާ ގުޅިގެން ފުލުހުންނަށް އެއްވެސް އެއްޗެއް ހޯދިފައެއް ނުވެ އެވެ.

އާސިފަށް ތުހުމަތުކުރި މައްސަލަ ތަހުގީގުކުރުމަށްފަހު ފުލުހުންގެ އިދާރާ އިން މިމަހުގެ 20 ވަނަ ދުވަހު އޭނާ އަށް ފޮނުވި މައްސަލަ ނިންމި ގޮތުގެ ލިޔުމުގައި ބުނެފައިވަނީ ތުހުމަތުކުރެވުނު މައްސަލާގައި ދައުވާ ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާތީ މައްސަލަ ފައިލްކޮށްފައިވާ ކަމަށެވެ.

އާސިފްގެ ވަކީލެއްގެ ގޮތުގައި މިމައްސަލައިގައި މަސައްކަތް ކުރެއްވީ ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް އަދި ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ މުހުތާޒު މުހުސިން އެވެ.

މުހުތާޒު މިއަދު ވިދާޅުވީ ދާންދޫ ދާއިރާގެ ސިޔާސީ ބާރުގަދަ ފަރާތެއްގެ ނުފޫޒު ފޯރުވުމާ އެކު ދާންދޫ ރައީސްގެ މައްޗަށް ކުރީ އަސާސެއް ނެތް ތުހުމަތެއް ކަމަށެވެ. ރައްޔިތުން އިންތިހާބު ކޮށްފައިވާ ބޭފުޅަކާ ދޭތެރޭ އަމަލުކުރީ ބަލައިގަންނަން ދަތި ގޮތަކަށް ކަމަށްވެސް ވިދާޅުވި އެވެ.

އާސިފް މިއަދު އަވަސް އަށް ވިދާޅުވީ ހައްގު ގޮތުގައި ހުންނަ މީހަކަށް އަބަދުވެސް ނަސްރު ލިބޭނެ ކަމަށެވެ. ފުލުހުން ތުހުމަތުކުރި ފަދަ ކުށެއް އޭނާ ނުކުރާ ކަމަށާއި މިހާރު އެކަން އިތުރަށް ޔަގީންވެއްޖެ ކަމަށްވެސް ވިދާޅުވި އެވެ.