ކޮމަންޑޫ

ކުލަގަދަ ކެމްޕޭން ނިމިއްޖެ، ގޮނޑި ކޮން ކުލަޔަކަށް؟

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓް ނެގުން މާދަމާ އޮންނާނެ އެވެ. ހެނދުނު އަށަކުން ހަވީރު ހަތަރަކަށް ވޯޓްލުން ކުރިއަށް ދާއިރު މި އިންތިހާބާ ދިމާކޮށް ހަތް ވޯޓް ފޮއްޓެއް ބަހައްޓާނެ އެވެ. މާލޭގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ދެ ވޯޓް ފޮށިވެސް ހުންނާނީ އިސްކަންދަރު ސުކޫލުގަ އެވެ. މިއީ މި ފަހުން ރާއްޖޭގައި ބޭއްވޭ އެންމެ ފޯރިގަދަ ބައި އިލެކްޝަނަށް ވާނެ އެވެ. ކޮމަންޑޫ ދާއިރާގެ ގޮނޑި ހޯދުމަށް މި އިންތިހާބުގައި ވާދަކުރާ ތިން ޕާޓީންވެސް ވަނީ ވަރުގަދަ ކެންޕެއިނެއް ހިންގާފައެވެ. ކެންޕެއިނަށް ޕާޓީތަކުން ވަނީ އެތައް ފައިސާއެއް ހަރަދުކޮށްފައެވެ. އެތައް ވަގުތެއް ހޭދަކޮށްފައެވެ. ދާއިރާގެ ތިން ރަށް ކަމަށްވާ ކޮމަންޑޫ އާއި ފޯކައިދޫ އަދި މަރޮށީގެ ހުރިހާ ގޭގެއަށް ޒިޔާރަތްކޮށް ދޮރުން ދޮރަށް ވަނީ ހިނގާފަ އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަ ކުރައްވަނީ އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދާއި ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާއި އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސް އެވެ. ކޮމަންޑޫ ދާއިރާގެ ތިން ރަށް ކަމަށްވާ ކޮމަންޑޫ، މަރޮށި، ފޯކައިދޫގައި ހިންގުނު ފޯރިގަދަ ކެންޕެއިން ހަރަކާތް މިއަދު އިރުއޮއްސި ހައެއް ޖެހުމާއެކު ވަނީ ނިމިގެން ގޮސްފަ އެވެ.

އިންތިހާބާ ބެހޭ ގަވާއިދު ބުނާ ގޮތުން ވޯޓް ނެގުމުގެ ކުރީ ދުވަހުގެ އިރުއޮއްސި ހައެއް ޖެހުމާއެކު ކެމްޕެއިންގެ ހުރިހާ ކަމެއް ހުއްޓާލަން ޖެހެއެވެ. އެ ވަގުތުން ފެށިގެން އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނުކޮށް ނިމެންދެން ކެންޑިޑޭޓަކަށް ތާއީދު ހޯދުމުގެ ގޮތުން އެއްވެސް ކަމެއް ކުރުމަކީ ގާނޫނީ ގޮތުން ކުށެކެވެ. މަނާ ކަމެކެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވަނީ ކެމްޕެއިން މަނާ ގަޑި ފެށުމާއެކު ކެމްޕެއިންގެ ހުރިހާ ހަރަކާތްތަކެއް ހުއްޓާލުމަށް އެދިވަޑައިގެންފައެވެ.

"އަޅުގަނޑުމެންގެ ވަރަށް ބޮޑު އިލްތިމާސެއް މިއީ. މިހާރު މި އޮތީ ކެމްޕެއިންގެ ވަގުތު ހަމަވެފައި. އެހެންވީމަ ގާނޫނާއި ގަވާއިދާ ހިލާފު އަދި އާންމު މަސްލަހަތު ގެއްލޭނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ހުރިހާ ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކަށް އިލްތިމާސް ކުރަން. އެފަދަ ކަންކަން ހިންގާނަމަ ރިޕޯޓް ކުރުމަށްވެސް އެދެން. އެެކަންކަން އަޅުގަނޑުމެން ބަލާނަން،" ފުއާދު ވިދާޅުވިއެވެ.

ނިމިގެންދިޔައީ އެންމެ ފޯރިގަދަ ކެމްޕެއިން

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ އެ ދާއިރާގެ މެންބަރެއްގެ ގޮތުގައި ހުންނެވި ހުސައިން ވަހީދު މިދިޔަ ޑިސެންބަރު މަހުގެ 14 ވަނަ ދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ.

ޖެހިގެން އައި ދުވަހު ބައި އިލެކްޝަން އިއުލާނު ކުރުމާއެކު މި އިންތިހާބަށް އެމްޑީޕީ އާއި ޕީޕީއެމް އަދި އެމްއެންޕީން ކެންޑިޑޭޓުން ނެރުނެވެ. ތިން ކެންޑިޑޭޓުން ވެސް ނިސްބަތް ވަނީ ށ. އަތޮޅަށެވެ. މި ފަހަރުގެ މި އިންތިހާބުގެ ކެމްޕެއިނަކީ ކޮމަންޑޫ ދާއިރާ މީން ދުވަހަކުވެސް ދެކެފައިނުވާ ފަދަ ފޯރިގަދަ ކެމްޕެއިނަކަށްވިއެވެ.

ސިޔާސީ ލީޑަރުންނާއި ސިޔާސީ ޕާޓީތަކުގެ މާ ބޮޑު ޝައުގުވެރިކަމެއް މީގެ ކުރީން ހުއްޓިފައި ނެތް ކޮމަންޑޫ އާއި ފޯކައިދޫ އަދި މަރޮއްޓަށް ސިޔާސީ ވަފުދުތައް ވަޑައިގަންނަވަނީ ފުލުފުލުގައެވެ.

އިންތިހާބާ ދިމާކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެ ދާއިރާގެ ރަށްތަކަށް ދެ ފަހަރު ވަޑައިގެންފި އެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ދެ ފަހަރު ވަޑަައިގަތެވެ. ބައެއް ވަޒީރުން މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ހައެއްކަ ފަހަރު ވަޑައިގެންފައިވެއެވެ. ބައެއް ވަޒީރުން ދިހަ ބާރަ ދުވަސްވަންދެން އެ ތިން ރަށަށް ދަތުރުކުރެއްވުމުގައި ތިއްބެވިއެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުވެސް މި ކެމްޕެއިންގައި ބައިވެރިވެވަޑައިގަތުމަށް ކޮމަންޑޫ ދާއިރާގެ ތިން ރަށަށް ވަޑަައިގެންނެވިއެވެ. ނާއިބު ރައީސް ފައިސަލް ނަސީމްވެސް ސަރުކާރުގެ އިސް ވަފުދަކާއެކު ވަޑައިގެން ކެމްޕެއިން ހިންގެވިއެވެ.

ކޯލިޝަން ޕާޓްނަރުންގެ ތެރެއިން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމަގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްވެސް ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ވަޑައިގެންނެވި ގޮތަށް އަދިވެސް ހުންނެވީ އެ ދާއިރާގައެވެ. މިދިޔަ ހަފްތާއެއްހާ ދުވަހު ހުންނެވީ އެ އަތޮޅުގައެވެ. ކޮންމެ ދުވަހަކު ރަށަކަށް ވަޑައިގެން އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ހޯއްދެވުމަށް އެކި ވާހަކަތައް ދައްކަވައެވެ. ޖަލްސާތަކާއި އެއްވުންތައް ބާއްވަވައެވެ.

އަދި އަދާލަތު ޕާޓީގެ ރައީސް މި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲވެސް ވަނީ އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ހޯއްދެވުމަށް އެ ދާއިރާއަށް ވަޑައިގެން ކެމްޕެއިން ކުރައްވާފައެވެ.

ޕީޕީއެމްވެސް އެފަދަ އެވެ. އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ވެސް ވަނީ ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ވަޑައިގެން އެ ޕާޓީގެ ކެންޑިޑޭޓަށް ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރައްވާފައެވެ. ޕީޕީއެމް އާއި ޕީއެންސީއަށް ނިސްބަތްވާ މަޖިލީސް މެންބަރުން މިދިޔަ ހަފްތާއެއްހާ ދުވަހު އުޅުއްވީ އެ ދާއިރާގައެވެ. ދެ ޕާޓީގެ އެޑްވައިޒަރުންނާއި ލީޑާޝިޕްގެ ބޭފުޅުން ތިއްބެވީ އެ ދާއިރާގައެވެ. އެނބުރި ވަޑައިގަތުން އޮތީ މި މަހުގެ ހަތްވަނަ ދުވަހު އެވެ.

އަލަށް އުފެދުނު އެމްއެންޕީން ވެސް ވަނީ އެ ޕާޓީގެ ކެންޑިޑޭޓަށް ތާއީދު ހޯދުމަށް ވަރުގަދަ ކެމްޕެއިނެއް ހިންގާފައެވެ. އެމްއެންޕީގެ ލީޑަރު ކާނަލް މުހައްމަދު ނާޒިމް އާއި ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން ހަތަރު ފަހަރެއްގެ މަތިން ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ވަޑައިގަތެވެ. ނާޒިމް އާއި އެ ޕާޓީގެ އިސް ބައެއް ބޭފުޅުން އަދިވެސް ތިއްބެވީ އެ ދާއިރާގައެވެ.

މާލެ އާއި ހުޅުމާލޭގައި ޖަގަހަތައް ހުޅުވާ ކެމްޕެއިން އިވެންޓްތައް ކުރިއަށް ގެންދިޔައެވެ. ބައެއް ދުވަސް ދުވަހު ހިނގާލުންތަކާއި އެއްވުންތައްވެސް ބާއްވާފައެވެ.

ޖުމްލަކޮށް މި ފަހަރުގެ އިންތިހާބަށް މި ތިން ޕާޓީންވެސް ވަނީ ވަރުގަދަ ހަރަކާތްތަކެއް ހިންގާފައެވެ. އެކަމަށް ވަރަށް ގިނަ އަދަދަކަށް ފައިސާ ހަރަދުކޮށްފައިވާނެ ކަމަށްވެސް ބެލެވެއެވެ.

އިންތިހާބާ ދިމާކޮށް ބޮޑެތި ޕްރޮޖެކްޓްތަކެއް

މި އިންތިހާބުން މޮޅުވާން ސަރުކާރުން ނުކުރާ އަދި މިހާތަނަށް ނުކުރާނެ ހަމަ އެއްވެސް ކަމެއް ނެތެވެ. ކޮމަންޑޫ ދާއިރާގެ ތިން ރަށުގައި އެތައް މަޝްރޫއެއް ކުއްލިއަކަށް ފެށިއްޖެ އެވެ. ދަށްކޮމަންޑޫ އާއި މަތި ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ފެށުމަށް ނެގީ ހިނދުކޮޅެވެ. މީން ޒަމާނަކު ގޯތި ދޫކޮށްފައި ނެތް ރަށްރަށުން ގޯތި ދޫކުރަން އިއުލާނު ކޮށްފި އެވެ. އެމްބިއުލާންސްއެއް ލިބޭނެ ކަމުގެ އުންމީދެއް ނެތި ތިއްބާ ކުއްލިއަކަށް އެމްބިއުލާންސް ލިބިއްޖެ އެވެ.

ތިން ރަށުގައި ނުހެދި ހުރި ފުޓްބޯޅަ ދަނޑުތަކާއި މަގުތަކާއި އެ ނޫންވެސް އެތައް ކަމެއް ކުއްލިއަކަށް ސަރުކާރަށް ފެނިއްޖެ އެވެ. ހަމަ ފެނުމާއެކު އެ ހުރިހާ ކަމެއްގެ މަަސައްކަތް ފަށައިފިވެސް މެއެވެ.

ޖުމްލަ 300 މިލިއަން ރުފިޔާގެ މަސައްކަތް މިހާރުވެސް އެ ދާއިރާގެ ރަށްތަކުގައި އެބަ ހިނގައެވެ. މިއީ ސަރުކާރުން ދިން ނަންބަރު ތަކުން ފެންނަ އަދަދެވެ. މީގެ އިތުރުން ފެށިފައިވާ މަަސައްކަތްތައް ކުރިއަށް ދާނީވެސް އެމްޑީޕީގެ ކެންޑިޑޭޓް ހޮވައިގެން ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ. ހުދު ރައީސް ސޯލިހްވެސް އެ މޭރުމުން ވާހަކަފުޅު ދައްކަވާފައެވެ. އެއަށްވުރެ މާ ސާފުކޮށް އަދި މާ ފާޅުކޮށް ކޯލިޝަން ލީޑަރު ގާސިމް އިބްރާހިމް ވަނީ ވާހަކަ ދައްކަވާފައެވެ.

އިންތިހާބާ ދިމާކޮށް އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންވެސް ވަނީ ވައުދުތަކެއް ވެވަޑައިގެންފައެވެ. ށ އަތޮޅަށް އެއާޕޯޓެއްގެ ވައުދާއި އެ ދާއިރާގެ ރަށްތަކަށް ބޭނުންވާ އެހެން ކަންކަން ދެން އަންނަ ޕީޕީއެމްގެ ވެރިކަމެއްގައި ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

އެމްއެންޕީންވެސް ވަނީ އެ ޕާޓީގެ ކެންޑިޑޭޓްގެ ވައުދުތައް ހިމެނޭ ބޮޑު ލިސްޓެއް ނެރެފައެވެ.

ގާނޫނާ ހިލާފު ކަންކަމަށް ކޮމިޝަން ހަމަހިމޭނުން

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިން ތެރެއިން ގާނޫނާއި ހިލާފު ވަރަށް ގިނަ ކަންކަން ހިނގަމުންދާ ކަމަށް ވާހަކަ ދެކެވެއެވެ. އިންތިހާބުތަކާއި ބެހޭ ގާނޫނު ބުނާ ގޮތުން އިންތިހާބުތަކާއި ދިމާކޮށް ވަކި މަސައްކަތްތަކެއް ފެށުން އަދި ވޯޓަށް ނުފޫޒު ފޯރުވިދާނެ ފަދަ އެއްވެސް ކަމެއް ކުރުމަކީ ކުށެކެވެ.

ނަމަވެސް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އިންތިހާބަށް ނުފޫޒު ފޯރުވިދާނެ ފަދަ އެތައް ކަމެއް ފާޅުގައި ދަނީ ހިނގަމުންނެވެ. މިހާރު ހިނގަމުންދާ މަަސައްކަތުގެ އަގު 300 މިލިއަންގައި ހުރިިއިރު މިއަހަރު ފާސްކުރި ބަޖެޓްގައި އެއިން މަސައްކަތްތަކަށް 100 މިލިއަނެއްހާ ރުފިޔާވެސް ހިމަނާފައެއް ނެތެވެ.

ނަމަވެސް މިފަދަ އެއްވެސް ކަމަކަށް ކޮމިޝަނުން މާ ބޮޑު ސަމާލު ކަމެއް ދީފައެއް ނުވެއެވެ. 

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި ގުޅިގެން މިހާތަނަށް ތިން ޝަކުވާއެއް ހުށައަޅާފައިވާ ކަމަށް ފުއާދު ވިދާޅުވި އެވެ. ފުއާދު ވިދާޅުވި ގޮތުގައި އެ ޝަކުވާތަކަށް ކޮމްޕެލެއިންސް ބިއުރޯއިން ޖަވާބުދީ ނިންމައިފި ކަމަށެވެ.

މާދަމާ ވޯޓްލުން ކުރިއަށްދާ ވަގުތު ވެސް އެއްވެސް ޝަކުވާއެއް އޮތްނަމަ ޝަކުވާ ހުށައެޅުމުގެ ފުުރުސަތު އޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ. އެ ގޮތުން ވޯޓް ފޮށީގެ ވެރިޔާއަށް ނުވަތަ ފޯކަލް ޕޮއިންޓަށް އަދި ބިއުރޯއަށްވެސް ޝަކުވާ ހުށައެޅޭނެ އެވެ. އެ ޝަކުވާތަކަށް ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ޖަވާބު ދެމުން ގެންދާނެ އެވެ.

"އަޅުގަނޑުމެންްގެ ވަރަށް ބޮޑު އިލްތިމާސްއެއް އެއީ، ޝަކުވާއެއް އޮތްނަމަ އުސޫލުގެ ތެރެއިން ހުށައެޅުއްވުން. އަޅުގަނޑުމެން ދޭން އޮތް ޔަގީން ކަމަކީ އެއިން ކޮންމެ ޝަކުވާއަކަށް ކޮމިޝަނުން އެޓެންޑް ކުރާނެ ކަމުގެ ޔަގީންކަން،" ފުއާދު ވިދާޅުވި އެވެ.

އިންތިހާބަށް ތައްޔާރު

އިންތިހާބުގެ ތައްޔާރީތަކާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު އަވަސްއަށް މިއަދު ވިދާޅުވި ގޮތުގައި އިންތިހާބަށް ވާންޖެހޭ މައިގަނޑު ހުރިހާ ތައްޔާރީތަކެއް ވަނީ ނިމިފައެވެ. ކޮމަންޑޫ ދާއިރާގެ ތިން ރަށަށް އޮފިޝަލުންނާއި ވޯޓް ކަރުދާސް އަދި ވޯޓް ފޮއްޓާއި ވޯޓްލުމުގައި ބޭނުން ކުރާ ހުރިހާ ސާމާނެއް އިއްޔެގެ ނިޔަލަށް ވަނީ ފޮނުވާ ނިިންމާފައެވެ.

މި އިންތިހާބުގައި އޮފިޝަލުންގެ ގޮތުގައި ގިނައިން ހަރަކާތްތެރި ވާނީ އިލެކްޝަންސް ކޮމިޝަންގެ ދާއިމީ މުވައްޒިފުންނެވެ. އަދި ހަތް ވޯޓް ފޮށީގެ ވެރިންގެ ގޮތުގަ އާއި އެ މީހުންގެ ނައިބުންގެ ގޮތުގައި ތިބޭނީ ވެސް ކޮމިޝަންގެ މުވައްޒިފުންނެވެ.

ފުއާދު ވިދާޅުވި ގޮތުގައި ވޯޓްލާ މަރުކަޒުތައް ތައްޔާރު ކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.

"އެހެންވީމަ ޖުމްލަކޮށް އިންތިހާބަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު މި ވަނީ ނިމިފައި. މާދަމާގެ އިންތިހާބުގައި ބޭނުން ކުރާ ވޯޓް ކަރުދާސްތައް ޕާޗު ކުރެވިފައިވަނީ ސެކިއުރިޓީ ފީޗާސްތަކާއެކު. އިންތިހާބުގެ މިނިވަންކަމާއި އިތުބާރު ރައްޔިތުންނަށް ދިނުމަށްޓަކައި އެހެން އިންތިހާބުތަކެކޭ އެއްގޮތަށް ވަރަށް ފުރިހަމައަށް ކަންކަން ވާނީ އިންތިޒާމް ކުރެވިފައި،" ފުއާދު ވިދާޅުވިއެވެ.

އިލްތިމާސަކީ ތިނެއްގެ ކުރީން ވޯޓްލާން ދިއުން

މާދަމާގެ އިންތިހާބު ކުރިއަށް ގެންދަން ނިންމާފައިވަނީ ހެނދުނު އަށަކުން ހަވީރު ހަތަރަކަށެވެ.

އޭގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވް މީހުންނަށް ވޯޓްލާން ހަމަޖެހިފައިވާ ގަޑިއަކީ ތިނަކުން ހަތަރަކަށެވެ. ފުއާދު ވިދާޅުވީ އެ ކޮމިޝަންގެ އިލްތިމާސަކީ ބަލީގެ އަލާމަތް ނެތް އަދި ބައްޔަށް ޕޮޒިޓިވް ނޫން ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ އެންމެން ހަވީރު ތިނެއްގެ ކުރީން ވޯޓް ދިނުމެވެ.

ނަމަވެސް ކޮވިޑަށް ޕޮޒިޓިވް މީހުންނަށް ހާއްސަ ވަގުތުވެސް ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ ކޮންމެ މީހަކަށް ވޯޓް ދިނުމުގެ ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވިއެވެ. އަދި ޔުނީފޯމް ބޮޑީސްތަކުގައި މަސައްކަތް ކުރާ މުވައްޒިފުންްނަށް ޔުނީފޯމްގައި ވަޑަައިގަތުމުން ކިއުގައި ނުޖެހި ވޯޓް ދެވޭނެ އިންތިހާބު ހަމަޖެހޭނެ އެވެ.

"އަޅުގަނޑުމެންގެ އިލްތިމާސްއަކީ ވީހާވެސް ގިނަ ބަޔަކު ވޯޓްލާން ނިކުތުން. ވޯޓަކީ ވަރަށް ބޮޑު އަމާނާތެއް. އަދި ރައްޔިތުންގެ ނިންމުން ހާމަކުރަން ލިބޭ އެންމެ މުހިންމު ފުރުސަތު. އެހެންވީމަ ވޯޓްގެ ހައްގު އޮތް ކޮންމެ ރައްޔިތަކު ފަރުދީ ޒިންމާ އަދާކުރުމަށް އަޅުގަނޑު އިލްތިމާސް ކުރަން. އަދި ހުރިހާ ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކަށް ގާނޫނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތާ މަސްލަހަތު ހިފެހެއްޓުމަށް އިލްތިމާސް ކުރަން،" ފުއާދު ވިދާޅުވިއެވެ

ތިން ޕާޓީންވެސް އުންމީދުގައި

މާދަމާގެ އިންތިހާބުން ކާމިޔާބު ހޯދުމަށް އެމްޑީޕީ އާއި ޕީޕީއެމް އަދި އެމްއެންޕީވެސް އޮތީ ބޮޑު އުންމީދެއް ގައެވެ.

ތިން ޕާޓީންވެސް ވަނީ އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް ބުނެފައެވެ. އެއީ ސިޔާސީ ގޮތުން ބުނާ ވާހަކައެއް ނަމަވެސް މަންޒަރު ފެންނަ ގޮތުން ތިން ކެންޑިޑޭޓުންނަށްވެސް އެކަށީގެންވާ ތާއީދެއް އެބައޮތެވެ.

ތިން ރަށުގައި ޕާޓީތަކުން ހިންގި ކެމްޕެއިނުން ފެނުނު މަންޒަރަކީ އިންތިހާބުން މޮޅުވާ ކެންޑިޑޭޓަކު މޮޅުވާނީ ވަރަށް ހަނި ނަތީޖާއަކުން ކަމެވެ. އެހެން ކަމުން މިފަހަރުގެ "ރަން ގޮނޑި" ލިބޭ ޕާޓީއެއް ބަލަން މާދަމާ ރެއާ ހަމައަށް އޮތީ އިންތިޒާރު ކުރުމެވެ.