ހިޔާލު

އަދިވެސް އޮތީ ބޭސްފަރުވާގެ ސަލާންޖެހުން

ކުރިއާ އަޅާބަލައިރު މިހާރު ގިނަ ބަލިތަކަށް ބޭސް ފަރުވާ ރާއްޖޭން ލިބެން ހުރެވެ. ކުރިން އެހެން ގައުމުތަކަށް ގޮސް ބޭސް ފަރުވާ ކޮށް އުޅުން ޒަމާނެއް ނެތެވެ. މިހާރު އެ ވަސީލަތްތައް ރާއްޖޭން ލިބެން ހުރުމުން ކުރިން ބޮޑު ހަރަ ދުކޮށްގެން ކުރި ދަތުރުރައް މިހާރު ބަދަލު ކޮށްފައި ވަނީ މާލެ ސަރަހައްދަށެވެ. ނަމަވެސް މިކަމުގައި ވެސް ގިނަ ގޮންޖެހުންތަކެއް ވެއެވެ.

އެއް ކޮށްފައި ހުންނަ ފައިސާކޮޅު ހިފައިގެން މާލޭގެ ގެސްޓް ހައުސް ތަކުގައި ހަފުތާއެއް ހޭދަ ކޮށްލަން ޖެހުނަސް މަހު ކުލީގައި އެޕާޓްމަންޓެއް ހިފައި އުޅުމާ އެއްފަދައެވެ. ކުރަން ޖެހޭ ބޭސް ފަރުވާގެ ބައެއް ކަންތައް ފުރިހަމަ ނުކޮށް އަނބުރާ ރަށަށް ދާން ޖެހުމުން މާޔޫސް ވެއެވެ. މަސްދުވަހުގެ ބޭސް ހިފައިން ފުރުން ވަނީ ތަކުލީފަކަށެވެ.

ކޮންމެ ދުވަހެއްގައި ކާންޖެހޭ ބާރުދަގަ ބޭސްތައް ކައިގެން ނުޖެހެން ހުންނަ ބައލިތަކަށް ވާސިލް ވަނީ ވެސް ލޯ ކުރިމަތީގަ އެވެ. ހަށިގަނޑަށް އަންނަ ބަދަލުން މީހާ ހިތްގޯސްވެ ނަފްސާނީ ވާތަން ވެސް ފެނެއެވެ.

ރާއްޖެގެ އާބާދީގެ ނިސްބަތުން ބެލި ކަމުގައިވި ނަމަވެސް ދަރިމައިވުމުގެ ބަލިތަކަށް ފަރުވާ ކުރަމުން އަންނަ ދެމަފިރިން މިހާރު ކުރިއާ އަޅާބަލާއިރު ގިނަކަން ފާހަގަ ވެއެވެ. އެކަމުގައި ބޭސް ކުރަމުން 13 އަހަރުވެފައިވާ ދެމަފިރިއަކު ބުނި ގޮތުގައި ކުއްޖަކު ހޯދުމުގެ އުންމީދުގައި އަމިއްލަ ހަރަދުގައި އެކި ގައުމުތަކަށް ކުރާ ދިގު ދަތުރުތަކާއެކު ވެސް އަލިމަގެއް ނުފެނެ އެވެ. ފާއިތުވެދިޔަ 13 އަހަރުތެރޭ އެ ދެމަފިރިން އެކަމަށް ކުރި ހަރަދުން އަމިއްލަ ބިމެއް މާލެ ސަރަހައްދުން ގަނެވޭ ވަރަށް ހަރަދުވެފައި ވެއެވެ. ދަރިޔަކު ހޯދުމުގެ އުންމީދުގައި އެކި ފަރުވާ ކޮށްފައިވެ އެވެ.

އެފަދަ އެކަކު ބުނި ގޮތުގައި ދަރިމައިވުމުގެ ކަންތަކަށް އިންޝުއަރަންސް ލިބެނީ އަދާކުރާ ވަޒީފާގެ ގޮތުންނެވެ. ބައެއް ޓެސްޓްތަކަށް 800 ރ. ހޭދަވައިރު އާސަންދައިން ކަވަ ކުރަނީ 300 ރުފިޔާ އެވެ. ޕޮލިސް އެމްއެންޑީއެފް ކަހަލަ ތަނެއްގައި ނޫޅޭނަމަ އާދައިގެ މީހެއް އަތުން މިކަމަށް ދާނެ ވަރު އަންދާޒާ ކޮށްލުމަކީ ދަތިކަމެކެވެ. ހުޅުމާލެ ހޮސްޕިޓަލް އަދި އައިޖީއެމްއެޗްގެ ކިއު ދިގު ކަމުން ޓެސްޓްތައް ހަދަން ހުންނަ ދުވަސް ފާއިތު ވާއިރު ވެސް ޓެސްޓް ނެހެދި އަމިއްލަ ޖީބުން ބޮޑު ހަރަދު ކޮށްގެން މަލޭގައި ހުންނަ އަމިއްލަ ކްލިނިކް ތަންތަނުން ބޭސް ފަރުވާ ކުރަންވީމަ ދިރިއުޅުމުގައި ކުރަން ހުންނަ އެހެން ކަންތަކަށް ބުރޫ އަރަ އެވެ.

އެހެން މީހަކު ބުނި ގޮތުގައި ބޭސް ކުރާތާ އެތައް އަހަރެއް ވެގެން ދިޔައިރު ވެސް އެދެވޭ ނަތީޖާއެއް ފެނިފައެއް ނުވެ އެވެ. ޓްރީޓޮޕްގައި ވެސް ދަރިމައިވުމުގެ މައްސަލަތައް ކަވަރެއް ނުކުރެ އެވެ.

އޭނާ ބުނި ގޮތުގައި މަހަކު އެއްފަހަރު ހަދަންޖެހޭ ޓެސްޓް ތަކަށް އެކަނި ވެސް މަދުވެގެން 4000 ރުފިޔާ ހޭދަވެ އެވެ. އަދި އެންމެ ޓެސްޓެއް ހެދުމަށްވެސް 500 ރުފިޔާ ހަރަދުވާއިރު އާސަންދައިން ކަވަރު ކުރަނީ 250 ރުފިޔާ އެވެ. މިގޮތަށް ކުރާ ހަރަދުން އެދެވޭ ނަތީޖާއެއް ނުލިބުމުން ޑޮކްޓަރުގެ ސިޓީއެއް ވެސް ރާއްޖެން ބޭރަށް ގޮސް ފަރުވާ ކުރެވޭ ކަހަލަގޮތަކަށް ނުލިބެ އެވެ.

ރާއްޖެން ކުރެވެން ހުންނަ ފަރުވާތަކުން ޑޮކްޓަރު ސިޓީ ނުލިބޭތީ އެކަން ނުވަނީއެވެ. ވިސްނާލަން ޖެހޭ ކަމަކީ އެތައް އަހަރު ތަކަކުން ރާއްޖޭން ލިބުން ބޭސް ފަރުވާއިން އަލިމަގެއް ނުލިބުމުން ދެން މަޔޫސްވާންވީތޯ އެވެ. ކަރުއެލުވައިލަފައި ގޮސް އެކި މީހުންކައިރީ ބޭސްފަރުވާއަށް ސަލާންޖަހާއުސޫލު ނެތޭނީ ކޮން އިރަކުން ހެއްޔެވެ؟