ހަބަރު

ދެ ރައީސުންނާއެކު ދެ ކެންޑިޑޭޓުން ވޯޓު ލައިފި

May 14, 2022
1

މިއަދު ކުރިއަށްދާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ އިސް ލީޑަރުންގެ އިތުރުން ޗެއާޕާސަން ކަމަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުން ވޯޓު ލައްވައިފި އެވެ.

ވޯޓުލުން ފެށިފައި ވަނީ މިއަދު ހެނދުނު 9:00 ގައެވެ. ހެނދުނު އެމްޑީޕީގެ ލީޑާޝިޕްގެ ގިނަ މެމްބަރުން ވަނީ ވޯޓު ލައްވައިފަ އެވެ.

މި އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވޯޓު ލައްވާފައި ވަނީ ދަރުމަވަންތަ ސުކޫލުގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަށެވެ. އަދި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވޯޓު ލެއްވީ ޖަމާލުއްދީން ސުކޫލުގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަށެވެ.

މި އިންތިހާބުގައި އެންމެ ވާދަވެރިކަން ބޮޑީ ޗެއާޕާސަންގެ މަގާމެވެ. ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ އެވެ.

ދެ ކެންޑީޑޭޓުން ވެސް މިހާރު ވަނީ ވޯޓު ލައްވައިފަ އެވެ. އެގޮތުން މިއަދު 10:00 ގައި ފައްޔާޒު ވޯޓު ލައްވާފައި ވަނީ ޖަމާލުއްދީން ސުކޫލުގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަށެވެ. އަދި 11:00 ގައި އިމްތިޔާޒް ވޯޓު ލެއްވީ ހިރިޔާ ސްކޫލްގައި ބަހައްޓާފައި ހުރި ފޮއްޓަށެވެ.

ދެ ކެންޑީޑޭޓުން ވެސް ވަނީ ޕާޓީގެ ހުރިހާ މެމްބަރުން ނިކުމެ މިއަދުގެ އިންތިހާބުގައި ވޯޓު ލެއްވުމަށް ގޮވައިލައްވަފަ އެވެ.

މި އިންތިހާބުގައި އެމްޑީޕީގެ ޗެއާޕާސަންގެ އިތުރުން އަންހެނުންގެ ރޫހުގެ ރައީސާ ކަމަށާ ޒުވާނުންގެ ހިތްވަރުގެ ރައީސް ކަމަށް މެންބަރަކު އިންތިހާބު ކުރާނެ އެވެ.

ޗެއާޕާސަން ހޮވުމަށް 94،211 މެމްބަރުންނަށް ވޯޓު ލުމުގެ ހައްގު ލިބޭއިރު އަންހެނުންގެ ރޫހުގެ މަގާމުތަކަށް ބޭފުޅުން ހޮވުމަށް 41،027 މެމްބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ. އަދި ޔޫތު ވިންގަށް ބޭފުޅުން ހޮވުމަށް 32،057 މެންބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.