ވިޔަފާރި

ޕޫމާ އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިހާރައެއް ހުޅުވައިފި

ކުޅިވަރު ސާމާނު ވިއްކަން ދުނިޔެ އަށް މަޝްހޫރު ޕޫމާ އިން ރާއްޖޭގެ ސޮނީ ސްޕޯޓްއާ ގުޅިގެން ފުރަތަމަ ފަހަރަށް ފިހާރައެއް ހުޅުވައިފި އެވެ.


ދުނިޔޭގެ މަގުބޫލު ސްޕޯޓްސްވެއާ ބްރޭންޑް، ޕޫމާގެ ފުރަތަމަ ފިހާރަ ރާއްޖޭގައި ހުޅުވާފައިވަނީ މަޖީދީމަގުގަ އެވެ.

ޕޫމާ އިން ރާއްޖޭގެ މާކެޓަށް ވަދެފައި މިވަނީ، ރާއްޖޭގެ ކުރިއަރަމުން އަންނަ ފުޓްބޯޅަ ކުޅުންތެރިންނާއި ފުޓްސަލް ކުޅުންތެރިންގެ މުޖުތަމައަށް ހިދުމަތް ކޮށްދިނުމާ އެކު، ރާއްޖެ ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އެ ބްރޭންޑުގެ އުފެއްދުންތަކާ އެކު އިތުރުކުރުމުގެ މަގްސަދުގަ އެވެ. މި ފިހާރަ ހުޅުވާފައިވަނީ ރާއްޖޭގެ ސޮނީ ސްޕޯޓްސްއާ ގުޅިގެންނެވެ.

ވިޔަފާރިކުރާ ފަރާތްތަކުގެ މެދުގައި އެންމެ މަގުބޫލު މަގު، މަޖީދީ މަގުގައި ދެ ފަންގިފިލާ އަށް ހަދާފައިވާ މި ފިހާރަ އޕޫމާ ބްރޭންޑުގެ އުފެއްދުންތަކަށް ހާއްސަކޮށްފައި ވާއިރު، މި ތަން ފަރުމާކޮށްފައި ވަނީ ކުޅިވަރާއި ސްޓައިލް އަށް ލޯބި ކުރާ ފަރާތްތަކަށް ހުރިހާ އެއްޗެއް އެއް ތަނަކުން ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ގޮތަށެވެ. ވިޔަފާރިކުރާ ފަރާތްތަކަށް ތަފާތު ޝޮޕިން ތަޖުރިބާއަކާއި ތަފާތު ގޮތަކަށް އުފެއްދުންތައް ބަލައިލެވޭ މި ފިހާރައިން ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިންނަށް ކުޅިވަރާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޭނުންވާ ބޫޓާއި ހެދުމާ އަދި އެކްސެސަރީޒްގެ ބޮޑު ކޮލެކްޝަނެއް ލިބިގެންދާނެ އެވެ.

މި ފިހާރައާ ބެހޭ ގޮތުން ޕޫމާގެ އެގްޒެކެޓިވް ޑިރެކްޓަރު ސޭލްސް އެންޑް އޮޕަރޭޝަންސް، އަތުލް ބަޖާޖް ވިދާޅުވީ ރާއްޖެއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން، ހާއްސަކޮށް ކޮވިޑުގެ ބަލިމަޑުކަމަށް ފަހު ޗުއްޓީ ހޭދަކޮށްލުމަށް އަންނަ ފަތުރުވެރިންނަށް ޗުއްޓީ ހޭދަކޮށްލުމުގެ މަންޒިލެއްގެ ގޮތުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މަންޒިލެއް ކަމަަށާ، އަދި ފުޓުބޯޅަ އާއި ފުޓްސަލް ކުޅުންތެރިން ގިނަ އަދަދަކަށް އުޅޭ ރާއްޖެ އަކީ ކުޅިވަރަށް ހަގީގީ ޝައުގުވެރިކަމެއް އޮތް ގައުމެއް ކަމަށެވެ.

ޕޫމާ އާއި ސޮނީގެ މި މި ޕާޓްނަޝިޕާ ގުޅޭ ގޮތުން ސޮނީ ސްޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ކަލީމް ވިދާޅުވީ ސޮނީ ސްޕޯޓްސްގެ އަމާޒަކީ ކަސްޓަމަރުންނަށް މެދުކެނޑުމެއްނެތި ބޮޑެތި އަދި ވަރުގަދަ ބްރޭންޑްތައް ފޯރުކޮށްދިނުމެވެ.

" ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އަދި އެންމެ ބާރަށް ކުރިއަރަމުން އަންނަ ކުޅިވަރު ބްރޭންޑްތަކުގެ ތެރޭގައި ހިމެނޭ ޕޫމާ ރާއްޖެއަށް ތައާރަފްކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެންގެ އަމާޒު އަދިވެސް ހުރީ ކުޅިވަރު ކުޅޭ މީހުންނާއި ފިޓްނަސް އަށް ލޯބިކުރާ މީހުންގެ ދިރިއުޅުން ދަނޑުމަތީގަ އާއި ދަނޑުން ބޭރުގައި ރަނގަޅު ކުރުމަށް ކަމަށްވާތީ، ޕޫމާ އަކީ މި އަމާޒަށް ވާސިލްވުމުގައި އެންމެ އެކަށޭނަ އެއް ބައިވެރިޔާކަން ޔަގީން،" ކަލީމް ވިދާޅުވި އެވެ.

މި ޕާޓްނަޝިޕާ އެކު ރާއްޖެ ވެފައި މި ވަނީ، ސިންގަޕޫރާއި އިންޑޮނޭޝިއާ އަދި މެލޭޝިއާ އާއި ތައިލެންޑް އަދި ވިއެޓްނާމްގެ އިތުރުން ފިލިޕީންސް ހިމެނޭ ގޮތަށް 19 ގައުމެއް ހިމެނޭ ޕޫމާ އިންޑިއާގެ ސިންޑިކޭޓްއާ އެންމެ ފަހުން ގުޅުނު މާކެޓަށެވެ. މިދިޔަ އަހަރުގެ ޕޫމާ އިންޑިއާގެ ކުޅިވަރާއި ލައިފްސްޓައިލް މާކެޓުގެ އެންމެ މަތިން ޖާގަ ކަށަވަރުކޮށް ބޮޑު އާމްދަނީއެއް ހޯދި އެވެ