ދައުލަތުގެ ދަރަނި

ބަޖެޓު ފޫބައްދަށް ސީއެފްއެސްއައިޓީ އިން 100 މިލިއަން ޑޮލަރުގެ ލޯނެއް

ސަރުކާރުގެ ހަރަދުތައް ފޫބައްދަން އެންމެ ފަހުން ލޯނެއް ގޮތުގައި ނަގާފައިވަނީ އެމެރިކާގެ ޕްރައިވެޓް ކްރެޑިޓާއަކުން 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ލޯނެކެވެ.

ފިނޭންސް މިނިސްޓްރީގެ ދަރަނީގެ މައުލޫމާތުތައް ދައްކާ ގޮތުން މިދިޔަ މާޗް މަހު އެއްބަސްވުމެއްގައި ސޮއިކޮށް 100 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފައިވަނީ އެމެރިކާގެ ކާގިލް ފައިނޭޝަލް ސާވިސް އިންޓަނޭޝަނަލް (ސީއެފްއެސްއައިޓީ) ކިޔާ ޕްރައިވެޓް ކްރެޑިޓާއެއް ނުވަތަ ދަރަންޏަށް ފައިސާ ދޫކުރާ އެޖެންސީ އަކުންނެވެ.

ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ސީއެފްއެސްއައިޓީ އިންކްއަކީ އެމެރިކާ އަށް ނިސްބަތްވާ މަލްޓިނޭޝަނަލް ކްރެޑިޓާއެކެވެ. ނަމަވެސް ސަރުކާރުން ނެގި މި ބޮޑު ލޯނު ދައްކަން ޖެހޭ މުއްދަތާއި ލޯނުގެ އިންޓަރެސްޓް ރޭޓް އަދި މި ނޫން ވެސް މައުލޫމާތު ފިނޭންސުގެ އޮފިޝަލް ވިދާޅެއް ނުވެ އެވެ. ވިދާޅުވީ "ޓާމް ނޮޓް ޑިސް ކްލޯޒް" އެވެ.

ނަމަވެސް، ސަރުކާރުން މި ލޯނު ނެގުމުގެ ކުރިން މި ހުރިހާ އެ މައުލޫމާތެއް ވަނީ ރައްޔިތުން މަޖިލީހާ ހިއްސާކޮށްފަ އެވެ. އަދި އެ މައުލޫމާތުތައް އަވަސް އަށް ވަނީ ލިބިފަ އެވެ.

މި މައުލޫމާތު ތަކުން އެނގޭ ގޮތުން ސީއެފްއެސްއައިޓީ އިންކް އިން ބަޖެޓު ސަޕޯޓެއްގެ ގޮތުގައި 100 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނު ނަގާފައިވަނީ ހަތަރު އެއްބަސްވުމެއްގެ ގޮތުގަ އެވެ. މިގޮތުން ކޮންމެ އެއްބަސްވުމެއްގެ ދަށުން 25 އެމެރިކާ ޑޮލަރު ދީފައިވެ އެވެ. މި އެއްބަސްވުންތަކުގައި ސަރުކާރުގެ ފަރާތުން ސޮއިކުރީ މި އަހަރުގެ މާޗު 24 ވަނަ ދުވަހު އެވެ. އަދި މި މައުލޫމާތު މަޖިލީހަށް ހިއްސާކުރީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ.

މި ލޯނު އަނބުރާ ދައްކަން ޖެހެނީ ތިން އަހަރުގެ މުއްދަތުގަ އެވެ. މި ލޯނުގެ އިންޓަރެސްޓު ރޭޓަކީ 7.15 ޕަސެންޓެވެ. އަދި ޕްލަސް އެސްއޯއެފްއާރު އެހެނިހެން ހަރަދުތަކަށް 1.5 މިލިއަން ޑޮލަރު ހޭދަވާނެ އެވެ. އަދި އެރޭންޖުމަންޓް ފީއަކީ 1.5 ޕަސެންނެވެ. އެހެންވެ މި ލޯނުގެ އިންޓަރެސްޓުގެ ގޮތުގައި ހިނގާނެ ކަމަށް ބެލެވެނީ 24.5 މިލިއަން ޑޮލަރެވެ. އަދި ލޯނު ސާވިސް ކުރަން ނުވަތަ ދައްކާ ނިމޭއިރު ހިނގާނެ ކަމަށް ބެލެވެނީ 126 މިލިއަން ޑޮލަރެވެ. މި ލޯނު ދައްކާ ނިމޭނެ ކަމަށް ބެލެވެނީ 24، މާޗް 2025 ގަ އެވެ.

ސީއެފްއެސްއައިޓީ ލޯނު ކުރުކޮށް

  • ލޯނުގެ އަދަދު 100 މިލިއަން ޑޮލަރު
  • ތިން އަހަރުން ދައްކަން ޖެހޭ
  • އިންޓްރެސްޓް ރޭޓް 7.15 ޕަސެންޓް
  • ލޯނުގެ އެރޭންޖުމަންޓް ފީ 1.5 ޕަސެންޓް
  • ލޯނު ދައްކާ ނިމޭއިރު 126 މިލިއަން ޑޮލަރު ދާނެ
  • ލޯނު ދައްކާ ނިމޭނީ 2025 ވަނަ އަހަރު

ފިނޭންސުގެ މައުލޫމާތުތަކުން އެނގޭ ގޮތުން ވޭތުވެދިޔަ ހަތަރު އަހަރުތެރޭގައި ސަރުކާރުން ނެގި ލޯނުގެ އަދަދު ވަނީ 37 ބިލިއަން ރުފިޔާ ފަހަނަ އަޅާފަ އެވެ.