އާދަމް ޝަރީފު އުމަރު

ޝަމާލަށް؛ ސިޔާސީ ކަންކަމުގައި އުޅުއްވަން ބޭނުންނަމަ އިސްތިއުފާ ދެއްވާ

ސިޔާސީ ކަންކަމުގައި އުޅުއްވަން ބޭނުންފުޅުނަމަ އަވަހަށް މަގާމުން އިސްތިއުފާ ދެއްވުމަށް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލަށް އިލްތިމާސް ކުރައްވައިފި އެވެ.

އާދަމް، މިކަމަށް ގޮވާލެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ބައްދަލު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، އިއްޔެ މާމިގިއްޔަށް ކުރެއްވި ދަތުރުފުޅުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލު ބައިވެރިވެވަޑައިގަތުމުން ގިނަ ބައެއްގެ ފާޑުކިޔުން ޝަމާލަށް އަމާޒުވެފައިވަނިކޮށެވެ.

އެކަމާއި ގުޅޭގޮތުން އަވަސްގައި ލިޔެފައިވާ ހަބަރަކާއެކު އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ކަންކަމުގައި އުޅުއްވަން ބޭނުންފުޅުނަމަ އަވަހަށް މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. ނޫންނަމަ އެ މަގާމުން ޝަމާލު ވަކިކުރެއްވުމަށް އެދިވަޑައިގަތެވެ. އަދި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި މުޅި ގައުމަށްވެސް އެންމެ ފައިދާ ބޮޑު ގޮތަކީ އެއީ ކަމަށް ވިދާޅުވިއެވެ.

"ސިޔާސީ މީހަކު ޗީފް އޮފް ޑިފެންސް ފޯސް އަކަށް ކަމަކު ނުދާނެ. އޭނާގެ އަމުރު މައުރޫފް ހިންގުމުގައި ބަޔަސްވެ -- ވަކި ފަރާތަކަށް ޖެހި -- އަމިއްލަ އަދި ޕާޓީގެ މަސްލަހަތު އިސްކުރާނެ،" އާދަމް ޝަރީފް ވިދާޅުވިއެވެ.

ރައީސް ސޯލިހްގެ މާމިގިލީ ދަތުރުފުޅުގައި ޗީފް އޮފް ޑިފެންސް ބައިވެރިވެވަޑައިގަތީ ކޮން ހައިސިއްޔަތަކުން ކޮން ބޭނުމެއްގައި ކަމެއް ސާފެއް ނުވެއެވެ. ގާސިމްގެ ވިލާ އެއާ އިން ހިންގާ މާމިގިލީ އިންޓަނޭޝަނަލް އެއާޕޯޓްގެ ލައުންޖްގައި ރައީސް ސޯލިހާއި ގާސިމް އިބްރާހިމް އަދި ދެ ޕާޓީގެ އިސް ބޭފުޅުން ތިއްބަވާ މަންޒަރު ފެންނަ ފޮޓޯގައި ޗީފް އޮފް ޑިފެންސް އަބްދުﷲ ޝަމާލުވެސް އިންނަވަނިކޮށް ފެނެއެވެ.

އެ ފޮޓޯ ވަރަށް ބޮޑަށް ވައިރަލްވެ ރައީސްގެ މިފަދަ ނުރަސްމީ އަދި ސިޔާސީ ބޭނުންފުޅަކަށް ކުރެއްވި ދަތުރުފުޅެއްގައި ޝަމާލު ބައިވެރިވެވަޑައިގެންނެވީ ކީއްވެތޯ ގިނަ ބަޔަކު ދަަނީ ސުވާލު ކުރަމުންނެވެ. އަދި ޝަމާލްގެ މި އަމަލަކީ ސިފައިންގެ މުއައްސަސާ ސިޔާސީ ކޮށްފައިވާ މިންވަރު ހާމަވާ ކަމެއް ކަމަށްވެސް ބައެއް މީހުން ބުނެފައިވެއެވެ. މިފަދަ ދަތުރެއްގައި އެއްވެސް ހައިސިއްޔަތަކުން ޝަމާލު ފަދަ ބޭފުޅަކު ބައިވެރިވެވަޑައިގެން ނުވާނެ ކަމަށްވެސް ބައެއް މީހުން ބުނެފައިވެއެވެ.

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ޝިޔާމް ވިދާޅުވީ އެމްޑީޕީގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސް ސޯލިހް، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާއެކު ކުރިއަށް ގެންދެވި ސިޔާސީ ބައްދަލްވުމެއްގައި ޗީފް އޮފް ޑިފެންސް ޝަމާލު ބައިވެރިވެވަޑައިގަތުމަކީ ދިވެހި ސިފައިންގެ މުޅި މުއައްސަސާއަށް ހުތުރު އަމަލެއް ކަމަށެވެ.

"މުއައްސަސާގެ [އެމްއެންޑީއެފް] ގެ ގަދަރާއި ކަރާމާތް މި މީހުން ނަގާލައިފި،" ޝިޔާމް ވިދާޅުވިއެވެ.