ލައިފްސްޓައިލް

ކޯމާގައި އޮވެފައި ހޭލިއިރު ލޯބިވެރިޔާ ލަނޑު ދީފި

ކޯމާގައި އެތައް ދުވަހަކު އޮވެފައި ހޭއަރާ ވަގުތު ލޯބިވެރިޔާ ލަނޑުދީފައިވާކަން އެނގުމުން އެމީހަކަށް އިހްސާސް ހީކޮށްލާށެވެ. ބްރީ ޑުވަލް ކިޔާ 25 އަހަރުގެ މި ޒުވާން އަންހެންމީހާ އަށް ކުރެވިފައިވަނީ މިފަދަ ތަޖުރިބާ އެކެވެ.

އޮސްޓްރޭލިޔާ އިން ކެނެޑާ އަށް ބްރީ ދިރިއުޅުން ބަދަލުކޮށް ވަރަށް އުފާވެރި ދިރިއުޅުމެއް އުޅެމުންދިޔަ އެވެ. އޮފީހަކުން ރަނގަޅު ވަޒީފާއެއް ލިބި ރަނގަޅު ލޯބިވެރިޔަކު ލިބި ލޯބިވެރިޔާ އާއެކު ހަތަރު އަހަރު ވަރަށް ހިތްހަމަޖެހުމާއި އުފަލުގައި އޭނާ ހޭދަ ކުރި އެވެ.

ބްރީގެ ދިރިއުޅުން އެފުށް މިފުށަށް ޖެހުނީ މިދިޔަ އަހަރުގެ އޮގަސްޓްމަހު އެވެ. އެކުވެރިންނާއެކު ރޭގަނޑު ބޭރުގައި އުޅެނިކޮށް އިމާރާތްކުރާ ތަނަކުން ޕޭމަންޓަށް ވެއްޓި އޭނާއަށް ވަރަށް ބޮޑަށް އަނިޔާވި އެވެ. ރޭގަނޑު އެހިސާބުގަނޑު އޮތްލެއް އަނދިރިކަމުން އެ ތަން އޮތް ގޮތް ބްރީ އަށް މާ ބޮޑަށް ނޭނގި އެއް ފަރާތަކުން ދަނިކޮށް އަރިއަޅާލައިގެން ވަރަށް އުހުން ޕޭމަންޓަށް ވެއްޓުނީ އެވެ.

ވަގުތުން އޭނާ ވައިގެ މަގުން ޔުނިވަސިޓީ އޮފް އަލްބާޓާ ހޮސްޕިޓަލަށް ގެންގޮސް ވެންޓިލޭޓަރު ގުޅައިގެން ފަރުވާ ދޭން ފެށި އެވެ. އޭނާގެ ސިކުނޑިއަށް ބޮޑެތި އަނިޔާތަކެއް ލިބުމުގެ އިތުރުން ގައިގެ އެތަންމިތަން ބިންދައިގެން ގޮސްފައި ވެއެވެ.

ސިކުނޑިއަށް ލިބުނު އަނިޔާތަކުގެ ބޮޑުކަމުން ކޯމާގައި ބްރީ ހަތަރު ހަފުތާ އޮތެވެ. ބްރީގެ މަންމަ ކައިރީގައި ޑޮކްޓަރުން ބުނީ އޭނާ ރަނގަޅުވުމުގެ އޮތީ 10 ޕަސެންޓް ޗާންސެއް ކަމަށެވެ. އަދި ލައިފް ސަޕޯޓް ކަނޑާލަން ވެސް ހޮސްޕިޓަލުން މަސައްކަތް ކުރި އެވެ. ނަމަވެސް ބްރީގެ މައިންބަފައިން ވަރަށް މަސައްކަތްކޮށްގެން އެކަން ކުރުން ހުއްޓުވީ އެވެ. ބްރީ ކޯމާގައި އޮންނަތާ ތިން ހަފުތާ ފާއިތުވީ ފަހުން މަޑުމަޑުން އޭނާ ހޭއަރާކަމުގެ ނިޝާންތައް ފެންނަން ފެށި އެވެ. އަދި ދުވަސްކޮޅަކުން ރަނގަޅަށް ހޭ އެރި އެވެ.

ހޭ އެރިތާ ކުރީކޮޅު ބްރީގެ ހަނދާންތައް ހުރީ ވަރަށް ބޮޑަށް ގޮއްސަ އެވެ. ނަމަވެސް ގިނަ ދުވަސް ވަމުން ދިޔަ ވަރަކަށް ހަނދާންތައް އަންނަމުން ދިޔަ އެވެ. ބްރީ ތަންކޮޅެއް ރަނގަޅުވުމުން އޭނާގެ ފޯނު އޭނާއާ ހަވާލު ކުރި އެވެ. ނަމަވެސް ފޯނު ހުޅުވާލުމާއެކު ބްރީ އަށް ފުރަތަމައިނުން ވެސް ލިބުނީ ހިތް ހަލާކުވާ ފަދަ ޚަބަރެކެވެ.

ހަތަރު އަހަރު ވަންދެން އޭނާ ރައްޓެހިވެގެން އުޅުނު ލޯބިވެރިޔާ އޭނާއާ ރުޅިވެ ސޯޝަލް މީޑިއާއިން އޭނާ ބްލޮކްކޮށް އެހެން ލޯބިވެރިޔަކާ އެކު އުޅެމުންދާކަމުގެ ޚަބަރެވެ.

އިނގިރޭސިވިލާތުގެ "ދަ މިރާ" ނޫހަށް ބްރީ ކިޔައިދީފައިވާ ގޮތުގައި ރަނގަޅަށް ހޭ އަރައި ހަނދާންތައް އައުމުން އޭނާ އެންމެ ފުރަތަމަ ވެސް ބޭނުންވީ ލޯބިވެރިޔާ އާ ވާހަކަ ދައްކާލާށެވެ. އެއީ އޭނާ ހޮސްޕިޓަލުގައި ބޭއްވި ދުވަހުން ފެށިގެން އެންމެ ފަހަރަކުވެސް ލޯބިވެރިޔާ އޭނާ ދެކިލަން ނާންނަކަން އެނގިފައި އޮތީމަ އެވެ. ނަމަވެސް ފޯނު ފުރަތަމަ ހުޅުވާލުމާއެކު ވެސް އޭނާއަށް ފެނުނީ ލޯބިވެރިޔާ މިހާރު ރައްޓެހިވެގެން އުޅޭ އަންހެންމީހާގެ މެސެޖުތަކެކެވެ. އެ މެސެޖުގައި އެ އަންހެންމީހާ ލިޔެފައިވަނީ ބްރީގެ ލޯބިވެރިޔާ އާއެކު އޭނާ މިހާރު އެއް ގެއެއްގައި ދިރިއުޅޭ ކަމަށާއި އޭނާ އާ ގުޅަން މަސައްކަތް ނުކުރުމަށެވެ.

ބްރީ އަށް މި އެކްސިޑެންޓާ ކުރިމަތިވީ ދުވަސްވަރަކީ އޮސްޓްރޭލިޔާ މުޅިން ލޮކްޑައުންގައި އޮތް ދުވަސްވަރެކެވެ. އެހެންވެ އޮސްޓްރޭލިޔާގައި ދިރިއުޅޭ ބްރީގެ މައިންބަފައިންނަށް ވެސް އޭނާގެ ކައިރިއަށް އާދެވޭނެ ގޮތެއް ނުވި އެވެ. ހޮސްޕިޓަލުގެ ބަލި އެނދުގައި ހަތަރު ހަފުތާ ވަންދެން ބްރީ މަރާ ހަނގުރާމަކުރީ އަދި ހޭ އަރައިގެން ދެން ފާއިތުވީ ދުވަސްތަކުގައި ވެސް އޮންނަން ޖެހުނީ އެކަންޏެވެ. މި ދަނޑިވަޅުގައި އޭނާއަށް ކިރިޔާ ވެސް އެހީތެރިވީ ކެނެޑާގައި ދިރިއުޅޭ އެކުވެރި ކުއްޖަކާއި އެ ކުއްޖާގެ މަންމަ އެވެ.