ގަވައިދާ ހިލާފަށް ވޭލް ސަބްމެރިންއަށް ފަޅެއް ދީފައި ނުވާ ކަމަށާއި ފަޅެއް ހޯދުމުގެ މަސައްކަތް ވޭލް ސަބްމެރީނުން ކުރަމުން ދަނީ ގަވައިދާ އެއްގޮތަށް "ލީގަލް ޗެނަލުން" ކަމަށް ވޭލް ސަބްމެރިންގެ ވެރިޔާ އަދި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ގަވާއިދާ ހިލާފަށް ޓޫރިޒަމްގެ ބޭނުމަށް ފިޝަރީޒް މިނިސްޓްރީން ވޭލް ސަބްމެރިން ކުންފުންޏަށް ދޫކޮށްފައިވާ ފަޅެއްގެ މައްސަލަ ބަލައިދިނުމަށް އޭސީސީއަށް ހުށަހެޅި ކަމަށް ބުނާ ހަބަރެއް ފަތުރިފައި ވަނިކޮށް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވީ ވޭލް ސަބްމެރީނަށް ފަޅެއް އަދި ދޫކޮށްފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް ފަޅެއް ދޭނެ ކަމަށް ފިޝަރީޒުން ވޭލް ސަބްމެރިންނަށް އަންގާފައިވާ ކަމަށާއި އެކަމަށް ކުރަންޖޭ ހުރިހާ މަސައްކަތެއް ކޮށްފައި ވަނީ ގަވައިދާ އެއްގޮތަށް ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.
"އެކަން ދިމާވާ ގޮތަކީ ވޭލް ސަބްމެރިން މި އޮންނަނީ މާލެ އާއި ވިލިމާލެއާ ދޭތެރޭގައި. ބްރިޖް އަޅަނީ މާލެއާއި ހުޅުލެއާ ދެމެދު ބްރިޖްގެ އަޅާއިރު ކާގޯ ބޯޓް ފަހަރަށް އެ ޗެނަލް ބަންދުވެ ވޭލް ސަބްމެރިން ޑައިވް ކުރާ މާލެ ވިލިމާލޭ ޗެނަލް ހުޅުވިގެން ދަނީ ބޯޓް ފަހަރަށް. ވީމާ ބްރިޖާއެކީ ބޯޓް ފަހަރަށް އެޗެނަލް ބަންދުވާތީ ވިލިމާލެ އާއި މާލެއާ ދެމެދު އޮންނަ ޗެނަލަށް ބޯޓްތައް މޫވް ކުރުމުން ވޭލް ސަބްމެރިން ޖެހެނީ އެހެން ދިމާއަކަށްދާން،" މިނިސްޓަރު އުމަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ވިލިމާލެ އާއި މާލެއާ ދެމެދުން ބޯޓް ފަހަރު ދަތުރު ކުރަންޖެހޭތީ އެ ސަރަހައްދު ދޫކޮށް ވޭލް ސަބްމެރިން އެހެން ދިމާއަކަށް ދިއުމަށް ޓްރާންސްޕޯޓްއޮތޯރިޓީން އަންގާފައިވާ ކަމަށާއި އެ އެނގުމާ ގުޅިގެން ވޭލް ސަބްމެރިނަށް ދާނެ ފަޅެއް ހޯދައި ދިނުމަށް އެދިފައިވާނެ ކަމަށެވެ.
"އަޅުގަނޑުމެން ފުރަތަމަ އެދުނީ ޓޫރިޒަމްގައި، ނަމަވެސް ޓޫރިޒަމުން ބުނީ އެއީއަކީ އެ މިނިސްޓްރީއާބެހޭ ކަމެއް ނޫނޭ ސަބަބަކީ ސަބްމެރީނަކީ ޓޫރިޒަމް ޕްރޮޑަކްޓަކަށް އަދި ނުވެ އޮތުން. އެހެންވީމާ އަޅުގަނޑުމެން ދެން އެދުނީ ފިޝަރީޒުގައި. ފިޝަރީޒުން މިހާރު އެބައޮތް އަންގާފައި އަޅުގަނޑުމެނަށް ފަޅެއް ދޭނެ ކަމަށް އެ ފަޅަކީ ތިލަފުއްޓާ ކައިރީގައި އޮންނަ ފަޅެއް..." މިިނިސްޓަރު ވިދާޅުވި އެވެ "ހަގީގަތުގައި އެއީ ފަޅެއްވެސް ނޫން ތިލައެއް. އެހެން ނަމަވެސް އެތަނެއް ނުއެއް ލިބޭ އަދިއެއް. އަޅުގަނޑުމެނަކާ ހަވާލެއް ނުކުރޭ ސަބަބަކީ އެ ފަޅަށް އަޅުގަނޑުމެން ޖެހޭ ފަސް މިލިޔަން ރުފިޔާ ދައްކަން އެފައިސާއެއް އަދި އަޅުގަނޑުއަތަކުއެއް ނެތް، މި މައްސަލައާ ގުޅުވައި މިހާރު ފަތުރައިގެން އުޅޭ ހަބަރަކީ ބައެއް ތެދު އެކަމަކު ބޮޑު ބައި ދޮގު ހަބަރެއް، މިކަމުގައި ވޭލްސް ސަބްމެރީން ދަތުރުކޮށްފައިވާނީ ލީގަލް ޗެނަލް އިން،"
މިނިސްޓަރު ވިދާޅުވީ ސިޓީއެއް މީހަކު އޭސީސީއަށް ފޮނުވައި އެ ސިޓީ މީޑީއާއާ ހިއްސާ ކުރުމުން އޭގައި ހުންނަ މައުލޫމާތު ބޭނުން ކުރިޔަސް އެއީ ހަގީގަތަކަށް ނުވާނެ ކަމަށާއި ވޭލް ސަބްމެރީންނާބެހޭ ގޮތުން ފަތުރައިގެން އުޅެނީ އެފަދަ ހަބަރެއް ކަމަށެވެ.