އާދަމް ޝަރީފު އުމަރު

ޕްރައިމަރީގައި ޔާމީނާ ވާދަ ކުރާނެ މީހަކު ނެތް: އާދަމް ޝަރީފް

އިދިކޮޅު ދެ ޕާޓީގެ ރިޔާސީ ޓިކެޓް ދޭނެ ބޭފުޅަކު ކަނޑައެޅުމަށް ޕްރައިމަރީއެއް ބޭއްވި ނަމަވެސް ރައީސް އަބްދުﷲ ޔާމީނާއި ވާދަކުރައްވާނެ ބޭފުޅަކު ނެތް ކަމަށް ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ 2023 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމް އާއި ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދިނުމަށް ނިންމާފައިވާ ނިންމުމާއި ގުޅޭގޮތުން އަމާޒުވާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުންނެވެ. ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދިނުމަށް ނިންމުމުން ރައީސް ޔާމީން ވަނީ އެކަން ގަބޫލު ކުރައްވާފައެވެ.

ޕްރައިމަރީއެއް ނެތި ރައީސް ޔާމީނަށް ޓިކެޓް ދިނުމާއި ގުޅިގެން އަމާޒުވާ ފާޑުކިޔުންތައް ދިފާއު ކުރައްވާ އެމަނިކުފާނުގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި އާދަމް ޝަރީފް ވިދާޅުވީ ޕީޕީއެމް އާއި ޕީއެންސީގެ ހުރިހާ ސަޕޯޓަރުންނާއި ގައުމު ދެކެ ލޯބިވާ އެންމެވެސް ބޭނުންވަނީ ރައީސް ޔާމީން ވެެރިކަމަށް ގެނައުމަށް ކަމަށެވެ.

އެހެން ކަމުން ބޮޑު ހަރަދުތަކެއް ކޮށްގެން ޕްރައިމަރީއެއް ބޭއްވުމުގެ ބޭނުމެއް ނެތް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"ޕްރައިމަރީއެއް ބޭއްވިޔަސް ރަަައީސް ޔާމީންއާ ވާދަކުރަން ބޭނުންވާ އެކަކުވެސް ޕީޕީއެމް އާއި ޕީއެންސީ އަކު ނުހުންނާނެ،" އާދަމް ޝަރީފް ވިދާޅުވިއެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް އަރުވާފައިވާއިރު އެމަނިކުފާނުގެ މައްޗަށް ކުރީން އޮތް ހުކުމް ސުޕްރީމް ކޯޓުން ބާތިލު ކުރުމުން އިންތިހާބުގައި ވާދަކުރުމަށް އޮތް ހުރަސް ވަނީ ނެތިގެން ގޮސްފައެެވެ. ނަމަވެސް އަދިވެސް ދަށު ކޯޓްގައި އެމަނިކުފާނުގެ މައްޗަށް ދެ މައްސަލައެއްގެ ޝަރީއަތް އެބަ ހިނގައެވެ. އެއިން ދައުވާއެއް ސާބިތުވެއްޖެނަމަ އިންތިހާބުގައި ވާދަ ކުރުމުގެ ފުުރުސަތު ގެއްލޭނެ އެވެ. ނަމަވެސް އިދިކޮޅު ދެ ޕާޓީގެ ވެރީން ވަނީ ރައީސް ޔާމީނަށް ރިޔާސީ ރޭހުން ދެން ފުރުސަތު ގެއްލުވާ ނުލެވޭނެ ކަމަށެވެ.

އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ރިޔާސީ ޓިކެޓް، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ގަބޫލު ކުރައްވައިފައި މި ވަނީ މިއަދު ހެނދުނު ކުއްލި ގޮތަކަށް ކުރީން އެމަނިކުފާނާއެކު މަސައްކަތް ކުރެއްވި ލީޑަރުންނަށް ވަރުގަދަ ރައްދެއް ދެއްވާފައި ވަނިކޮށެވެ.

ރައީސް ޔާމީން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމު މިއަދު ވައްޓާލާފައި އޮތް ހާލަތުން އެއްފަރާތްވެ ނާޒިމާއި ގާސިމު ދުރަށް ޖެހިވަޑައިގަންނަވަން އުޅުއްވި ނަމަވެސް އެ ދެ ބޭފުޅުންނަކީ ވެސް ޣައްދާރުން ކަމަށެވެ.

އަދާލަތު ޕާޓީއަށް ނިސްބަތްވާ ޝައިހުން ވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ތެރެއިން ސަލާމަތާއި ރައްކާތެރިކަން ހޯއްދަވާފައިވާ ކަމަށްވެސް ޔާމީން ތުހުމަތުކުރައްވާފައިވެ އެވެ.

ގާސިމް އިބްރާހިމް އާއި ކާނަލް ނާޒިމް 2013 ގައި ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި ބޭފުޅުންނެވެ. އަދާލަތު ޕާޓީވެސް އޮތީ އެމަނިކުފާނާ އެކުގައެވެ. ނަމަވެސް 2018 ގައި އެ ބޭފުޅުން ތިއްބެވީ އެމަނިކުފާނާ ދެކޮޅަށެވެ.