އެމްޑަބްލިއުއެސްސީ

އެމްޑަބްލިޔުއެސްސީން ބިއްލޫރި ފުޅީގައި ފެން ނެރެނީ

މާލޭ ވޯޓަ އެންޑް ސުވަރޭޖް ކޮމްޕެނީން (އެމްޑަބްލިޔުއެސްސީ) "އާރޯ"ގެ ނަމުގައި ބިއްލޫރި ފުޅީގައި މުޅިން އަލަށް ބާޒާރަށް ފެން ނެރެން ފަށައިފި އެވެ.

ކްރޮސްރޯޑްސް މޯލްޑިވްސް ގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އާރޯ ބްރޭންޑް ތައާރަފް ކޮށްދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތް ނަހުލާ އެވެ.

އާރޯ ބްރޭންޑްގެ ފެނަކީ މައިގަނޑު ގޮތެއްގައި ފަތުރުވެރިންނަށް ހާއްސަކޮށް ތައާރަފްކުރި ފެނެއް ކަމަށާއި މިއީ ރާއްޖޭގެ ފުރަތަމަ ޕްރިމިއަމް ބްރޭންޑްގެ ފެން ކަމަށް އެމްޑަބްލިޔުއެސްސީން ބުނެ އެވެ.

އާރޯ ބްރޭންޑް ތައާރަފް ކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުންދާއިރު މި ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނީ ދިވެހި އަމިއްލަ އުފެއްދުންތައް ފަތުރުވެރިކަމުގެ ބާޒާރަށް ތައާރަފް ކޮށްގެން ކަމަށެވެ.

އާރޯ ބްރޭންޑްގެ ފެން ބާޒާރަށް ނެރެނީ އެއް ލީޓަރާއި 500 އެމްއެލްގެ ބިއްލޫރި ފުޅީގަ އެވެ. ފުޅިތައް ފަރުމާކޮށްފައިވާނީ ރާއްޖޭގެ ގުދުރަތީ ރީތިކަން ސިފަވާ ދިވެހި ކުރެހުންތެރިންގެ ކުރެހުންތަކުން ކަމަށް އެމްޑަބްލިޔުއެސްސީން ބުނެ އެވެ.

އެމްޑަބްލިޔުއެސްސީން ބުނީ އާރޯ ބްރޭންޑް ތައާރަފް ވެގެން ދިއުމަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކަށް ބަރޯސާވާ މިންވަރު މަދުކޮށް ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ކުރުމަށް މި ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިއަށް ވާސިލްވުމަށްޓަކައި އެޅުނު ފިޔަވަޅެއް ކަމަށެވެ.

އެމްޑަބްލިޔުއެސްސީން އަންނަނީ އާރޯ ބްރޭންޑްގެ އިތުރު އުފެއްދުންތައް ބާޒާރަށްނެރެ ތައާރަފް ކުރުމަށް ތައްޔާރު ވަމުންނެވެ.

އެކުންފުނީގެ އަމާޒަކީ ކުންފުނީގެ އޮޕަރޭޝަންތަކާއި ހިދުމަތްތަކުގައި ތިމާވެއްޓާ ރައްޓެހި ގޮތްތައް ހޯދާ ހިޔާރު ކުރުން ކަމަށްވެސް ބުނެފައިވެ އެވެ.