އެޗްޑީސީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދެ މިސްކިތް އަޅަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދެ މިސްކިތް އިމާރާތް ކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުންތަކުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން ސޮއިކުރެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. ސަންފްރަންޓްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރަޝާދު އާދަމެވެ. ވެލިގާ ހާޑްވެއާގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަބޫބަކުރެވެ.

ސަން ފްރަންޓުން ހުޅުމާލޭގައި އަލަށް އިމާރާތްކުރާ މިސްކިތަކީ ޒަމާނީ އަދި އިސްލާމީ ތަރިކަ ރަމްޒު ކޮށްދޭ ފަރުމާއަކަށް އިމާރާތްކުރާ މިސްކިތެކެވެ. މި މިސްކިތް އިމާރާތްކުރަނީ 22،935 އަކަފޫޓުގެ ބިމެއްގަ އެވެ. މިސްކިތުގައި އަންހެނުންނަށް ހާއްސަކޮށް ނަމާދުކުރާނެ ބަޔަކާއި ވުޟޫކުރާނެ ތަނެއް ހަދާނެ އެވެ.

މި މިސްކިތުގައި އެއް ފަހަރާ 2،000 އަށްވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭއިރު މިސްކިތް އިމާރާތްކުރަނީ އިރުގެ ހަކަތަ ބޭނުންކުރެވޭ ގޮތަށެވެ.

ވެލިއާ ހާޑްވެއާއިން އިމާރާތްކުރާ މިސްކިތަކީވެސް ޒަމާނީ ފަރުމާއަކަށް އިމާރާތްކުރާ މިސްކިތެކެވެ. 15،457 އަކަފޫޓުގެ ބިމެއްގައި ދެ ފަންގިފިލާއަށް ބިނާކުރާ މި މިސްކިތަކީވެސް އިރުގެ ހަކަތަ ބޭނުންކުރެވޭ ގޮތަށް އިމާރާތްކުރާ މިސްކިތެކެވެ. މި މިސްކިތުގައި އެއްފަހަރާ 2،200 މީހުންނަށް ނަމާދުކުރެވޭނެ އެވެ.

ސަން ފްރަންޓް ޕްރައިވެޓް ލިމިޓެޑަކީ މީގެ 33 އަހަރު ކުރިން ވިޔަފާރީގެ ދާއިރާއަށް ވަދެ ރައްޔިތުންގެ އިތުބާރާއި ލޯބި ހާސިލުކޮށްފައިވާ މަޝްހޫރު ކުންފުންޏެކެވެ. ފަތުރުވެރިކަމާއި ޑާހޯން ބައިސްކަލުން ފެށިގެން ތަފާތު އެކި ދާއިރާތަކަށް ވިޔަފާރި ފުޅާކޮށް ގިނަ ކާމިޔާބީތައް ހާސިލްކޮށްފައިވާ ސަން ފްރަންޓުން ވަނީ މާލޭގައި ވަރަށް ފަހުންވެސް ހިތްގައިމު މިސްކިތެއް ބިނާކޮށްފަ އެވެ.

ތަފާތު އަދި ޒަމާނީ ވިސްނުމުގައި ރައްޔިތުންގެ އިތުބާރު ހޯދައިފައިވާ ވެލިގާ ހާޑްވެއާ އަކީ މިހާރުވެސް ހުޅުމާލޭގެ ރައްޔިތުންނާއި ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ މުހިއްމު ބައިވެރިއެކެވެ. ވިޔަފާރީގެ ގިނަ ހަރުފަތްތަކެއް ކަޑައްތުކޮށް ގިނަ ކާމިޔާބީތަކެއް ހޯދަމުން އަންނަ ވެލިގާ ހާޑްވެއާގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރެވޭ ފުރަތަމަ މަސައްކަތަކީ ހުޅުމާލޭގައި ބިނާ ކުރުމަށް ހަމަޖެހިފައިވާ ވެލިގާގެ މިސްކިތެވެ.