އަހުމަދު މަހްލޫފު

އެފްއޭއެމްއަށް ފައިސާ ނުދީއެއް ނޯންނާނެ: މަހްލޫފް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ޔޫތު މިނިސްޓްރީން ދޭންޖެހޭ ފައިސާއެއް ނުދީ ނޯންނާނެ ކަމަށް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް މިނިސްޓަރު އަހްމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މަހްލޫފް ވިދާޅުވީ މިނިސްޓްރީން އެސޯސިއޭޝަނަށް ފައިސާ ނުދެވިގެން އެސޯސިއޭޝަނުން އެހެން ބަޔަކަށް ފައިސާ ނުދެވި ނޯންނާނެ ކަމަށެވެ.

"އެއުޅެނީ ސީދާ އެސޯސިއޭޝަނުން ކޮށްފައިވާ މަސައްކަތެއް ނޫން ނަމަ ހަދަން ޖެހޭ ޕޭމަންޓްތަކެއް ނެހެދިގެން އުޅޭ މައްސަލަ،" މަހްލޫފް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ގައުމީ އެސޯސިއޭޝަންތަކަކީ އެ އެސޯސިއޭޝަންތަކުން އަމިއްލައަށް ދަރަންޏަށް ޒިންމާވާ ގޮތަށް އުފައްދާފައިވާ ތަންތަން ކަމަށެވެ. އެ ދަރަންޏާމެދު މިނިސްޓްރީން ނަގަންޖެހޭ ޒިންމާއެއް ނޯންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.

އެފްއޭއެމްގެ މައްސަލައިގައި ކަންބޮޑުވުން އެބައޮތް ކަމަށާއި އެކަންކަން ހައްލުކުރެވޭނެ ގޮތްތައް ބަލަމުންދާ ކަމަށްވެސް ވިދާޅުވި އެވެ. ފައިސާގެ ކަންކަން ވަރަށް އަވަހަށް ނިންމާނެ ކަމުގެ ޔަގީންކަން އެސޯސިއޭޝަނުން ވަރަށްފަހުން ދިން ކަމަށްވެސް ވިދާޅުވި އެވެ.

ސްޓެލްކޯއަށް އެފްއޭއެމް އިން ދައްކަން ޖެހޭ 6.5 މިލިއަން ރުފިޔާ ނުދައްކާ އޮތުމުން އެފްއޭއެމް ހައުސް އިން ވަނީ މިދިޔަ އޮކްޓޫބަރު މަހު ކަރަންޓު ކަނޑާލާފަ އެވެ. އަދި އޭޑީކޭ އަށް ވެސް އެތައް މިލިއަން ރުފިޔާއެއް ދެއްކުމަށް އެފްއޭއެމް އަށް އަންގާފައިވެ އެވެ.

އެފްއޭއެމް އިން އެތައް ކުންފުންޏަކަށް ފައިސާ ނުދައްކާ އޮތް އިރު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިންނަށް ވެސް އަދި ބައެއް ކުލަބްތަކަށް ވެސް ދޭންޖެހޭ ފައިސާ އެފްއޭއެމް އިން ނުދޭ ކަމަށް ބުނާ މައްސަލަތަކެއްވެސް ފެންމަތިވެފައި އެބަހުއްޓެވެ.