ފަރެސް މާތޮޑާ

ފަރެސްމާތޮޑާ އެއާޕޯޓް އަންނަމަހު ނިމޭނެ: އާޒިމް

ގދ. ފަރެސްމާތޮޑާގައި ތަރައްގީކުރަމުން އަންނަ އެއާޕޯޓުގެ މަސައްކަތް އަންނަ މަހު ނިންމުމަށް މަސައްކަތް ކުރަމުންދާ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އަވަސްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އާޒިމް ވިދާޅުވީ ފަރެސްމާތޮޑާ އެއާޕޯޓުގައި މިހާރު ކުރިއަށްދަނީ ރަންވޭއާއި ޓާމިނަލް ނިންމުމުގެ މަސައްކަތް ކަމަށެވެ. އަދި މިއަހަރު ފަހުކޮޅު މަސައްކަތް ނިމި އަންނަ އަހަރު ކުރީކޮޅު އެއާޕޯޓު ހުޅުވޭ ވަރުވާނެ ކަމަށެވެ.

އާޒިމް ވިދާޅުވި ގޮތުގައި މަސައްކަތް ލަސްވަމުންދަނީ ލޮޖިސްޓިކްސްގެ ދަތިތަކެއް ހުރުމުންނެވެ.

"ބައެއް ތަކެތި ލިބުމުގައި ލަސްތަކެއް އުޅޭތީ، ތަކެތި ލީބޭހާ އަވަހަކަށް ނިންމަމުން ދަނީ،" އާޒިމް ވިދާޅުވި އެވެ.

ފަރެސްމާތޮޑާ އެއާޕޯޓުގެ އިތުރުން ރ. އަލިފުއްޓާއި މ. މުލި އަދި ފ. މަގޫދޫގައި ވެސް އެއާޕޯޓެއް އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ އެވެ. މި ތިން އެއާޕޯޓުގެ މަސައްކަތްވެސް އެކި މަރުހަލާތަކުގައި ކުރިއަށްދާ ކަމަށް އާޒިމް ވިދާޅުވި އެވެ.

ފަރެސްމާތޮޑާ އެއާޕޯޓް އެޅުމަށް އެމްޓީސީސީއާ ހަވާލުކުރީ ނޮވެމްބަރު 2020 ގައެވެ. މިމަޝްރޫއަށް 145 މިލިއަން ރުފިޔާ ހޭދަކުރާއިރު މަސައްކަތް ނިންމުމަށް ދީފައިވަނީ އެއް އަހަރާ އަށް މަސް ދުވަހެވެ.

ފަރެސްމާތޮޑާ އެއާޕޯޓަކީ ގދ. އަތޮޅުގައި ހަދާ ތިންވަނަ އެއާޕޯޓެވެ. މި އެއާޕޯޓުގައި 1200 މީޓަރުގެ ރަންވޭ އަކާއި، އޭޕްރަންއާއި، ޓެކްސީވޭއާއި، ޓާމިނަލާއި ސާވިސް ރޯޑު އިމާރާތެއް ހެދުމުގެ އިތުރުން ޑޮމެސްޓިކް އެއާޕޯޓަކަށް ކޮންމެހެން ބޭނުންވާނެ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.