މާފުށީ ޖަލު

ޖަލު އަނިޔާގެ މައުލޫމާތު ދޭން ބޭނުންވާ މީހުންނަށް އިތުރު ފުރުސަތެއް

ޖަލުތަކުގައި ހިނގާފައިވާ އިންސާނީ ހައްގުތަކާ ހިލާފު އަމަލުތަކާއި، ލާއިންސާނީ ދަށުދަރަޖައިގެ އަމަލުތަކާއި އަނިޔާތަކުގެ މައްސަލަތަކާ ގުޅޭ ސިއްރުކޮށްގެން ބާއްވާ އަޑުއެހުންތަކުގައި ބަޔާން ދިނުމަށް އެދި ނަން ނޯޓުކުރުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން މިއަދު އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ މިފަދަ މައްސަލަތަކުގެ ތެރެއިން ބަޔާން ދެވޭނީ ޖަލުތަކުގައި ޖެނުއަރީ 1، 1953 އިން ނޮވެމްބަރު 17، 2018ގެ ނިޔަލަށް ހިނގަފައިވާ މައްސަލަ ތަކުގައި އެކަނި ކަމަށެވެ.

ބަޔާން ދިނުމަށް ބޭނުންވާ މީހުން އެ މީހެއްގެ ފުރިހަމަ ނަމާއި، އައިޑީ ކާޑު ނަންބަރާއި، ފޯން ނަންބަރާއި، ދާއިމީ އެޑުރެހާއި، މިހާރު ދިރިއުޅޭ އެޑްރެސް އަދި މިކަމާ ގުޅޭ މައުލޫމާތު ދޭ ހައިސިއްޔަތު ނުވަތަ މައުލޫމާތު އެނގޭ ގޮތް ހިއްސާކޮށްދިނުމަށްވެސް އެދިފައިވެ އެވެ.

ނަން ނޯޓު ކުރުމަށް މުއްދަތު މިހާރު އިތުރުކޮށްފައިވަނީ އަންނަ މަހުގެ އައްވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށެވެ.

އިންތިގާލީ އިންސާފުގެ އޮފީހުގެ މައިގަނޑު މަސައްކަތަކީ ރައީސް މުހައްމަދު އަމީންގެ ވެރިކަމުން ފެށިގެން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ހަމައަށް ނިޒާމީ ގޮތެއްގައި ރޭވިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ އެތަނުގެ ވެރިޔަކު މީހެއްގެ އިންސާނީ ހައްގަށް އަރައިގެންފައިވާނަމަ، އެ މައްސަލައެއް ބެލުމެވެ.