މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

މާފުށީ ޖަލުގައި ފެށި ޓެރަރިޒަމް އޮޕަރޭޝަން އަދިވެސް ކުރިއަށް

ޓެރަރިޒަމް އާއި ސްކޭމް ކުރުމަށް މަގުފަހިވާ އަމަލުތަކެއް ހިންގާ ކަމުގެ ތުހުމަތުގައި ސަލާމަތީ ބާރުތަކުން ކ. މާފުށީ ޖަލުގައި އޮޕަރޭޝަނެއް ފަށައިފި އެވެ.

އޮޕަރޭޝަން ފަށާފައިވަނީ ރޭ އެވެ. މި އޮޕަރޭޝަންގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އާއި ފުލުހުންނާއި ކަަރެކްޝަނަލް ސާވިސް ބައިވެރިވެ އެވެ.

ކަރެކްޝަނަލް ސާވިސް އިން ބުނި ގޮތުގައި އެ އޮޕަރޭޝަން ފެށީ ޖަލަށް މަނާ ތަކެތި ވައްދައިގެން ސްކޭމް ކުރުމާއި ޓެރަރިޒަމަށް މަގުފަހިވާ އަމަލުތައް ހިންގާ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު އަވަސް އަށް ވިދާޅުވީ އޮޕަރޭޝަން މިހާރުވެސް ކުރިއަށްދާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމަ ކޮށްފައިނުވެ އެވެ.

ރާއްޖޭގައި ސްކޭމް ކޯލްގެ މައްސަލަތައް އިތުރުވެފައިވާއިރު ފުލުހުންނަށް މިއަހަރުގެ މިހާތަނަށް ސްކޭމްގެ 998 މައްސަލަ ހުށަހެޅިފައިވާއިރު ސްކޭމްތަކުގައި 23 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ މިމަހުގެ ފަސް ވަނަ ދުވަހު ވިދާޅުވެފަ އެވެ.