ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ތަރައްގީ ގެނެސްދެވޭނީ އަޅުގަނޑަށް: ރައީސް

ރާއްޖޭގެ އެކި ސަރަހައްދުގައި ފަށާފައިވާ އަދި ނިންމާފައިވާ މަޝްރޫތަކުން އެނގިގެން ދަނީ ރާއްޖެއަށް ތަރައްގީ ގެނެވޭނީ އެމަނިކުފާނަށް ކަމުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި މިރޭ މާލޭގެ އާޓިފިޝަލް ބީޗުގައި އޮތް ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ ފަސް އަހަރު ދުވަހުގެ ތެރޭގައި އެއްވެސް ސަރުކާރަކުން ރާއްޖެގައި ނުހިންގާހާ ގިނަ މަޝްރޫއުތައް މިދައުރުގައި ފަށައިގެން ކުރިއަށްދާ ކަމަށެވެ. ރައީސް ވަނީ އެމަނިކުފާނުގެ ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޮށްފައިވާ ބައެއް މަސައްކަތްތައް އަދަދުތަކުން ހިއްސާކުރައްވާފަ އެވެ.

އެގޮތުން ރައީސް ވިދާޅުވީ ފެނާއި ނަރުދަމާގެ 141 މަޝްރޫއާއި ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް 47 މަޝްރޫއެއް ނިމި ތައުލީމީ ދާއިރާއިން 1،578 ކްލާސްރޫމު ވެސް އަޅާ ނިމިފައިވާ ކަމަށެވެ. މީގެ އިތުރުން 17 މިސްކިތް، 57 ފުޓުބޯޅަ ދަނޑު، 61 ފުޓްސަލް ދަނޑު، 47 ޖިމް އަދި 144 ރަށަކަށް 313 ޖަނެރޭޓަރު ފޮނުވާފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.

"މިދެންނެވި ކަންކަމާއެކު، ތަރައްގީގެ މަގުގައި ކުރިއަށް ދާނީތޯ ނުަވަތަ ދާގޮތަށް ގޮސް ވަރުބަލި ވާނީތޯ؟ 28 ޖެނުއަރީގައި މިލާ ވޯޓަކީ މިކަމަށް އެމްޑީޕީން ގޮތެއް ނިންމާ ދުވަސް،" ރައީސް ވިދާޅުވި އެވެ.

ދައުލަތުގެ ބަޖެޓުން ހޭދަކުރާނީ ތަރައްގީގެ މަޝްރޫއުތަކަށްތޯ ނުވަތަ ޕެޕަސްޕްރޭއާއި ކަރަންޓު މުގުރާއި އަސޭމިރުސް އާވި ގަންނަންތޯ ނިންމާނީވެސް ރައްޔިތުން ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ޔާމީނަށް ރައީސް ނަޝީދު ތައުރީފްކޮށް ވާހަކަ ދެއްކެވުމުން އެކަމަށް ރައީސް ސޯލިހު ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ރައީސް ސޯލިހު ވިދާޅުވީ ރައީސް ޔާމީން އޯކޭ ނޫން ކަމަށާއި ރައީސް ޔާމީނާއެކު ކުރާނެ މަސައްކަތެއް ނޯންނާނެ ކަމަށެވެ.

މީގެ އިތުރުން މާލޭގެ ރައްޔިތުންނަށް ބިން ކަނޑާ އިން ވަކިކޮށް ގޯތި ދޭނީ މި ސަރުކާރުން ކަމަށް ރައީސް ވިދާޅުވި އެވެ.

"ދައުރެއްގެ ތެރޭގައި ފުރަތަމަ ފަހަރަށް މާލޭގައި ބިންގަލުން ފަށާ ނިންމާ ފްލެޓުގެ ތަޅުދަނޑި އަތަށް ދޭނީ އަޅުގަނޑު،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ތަރައްގީކުރަމުންދާ ފްލެޓުތަކުގެ ވާހަކަ ރައީސް ވަނީ މިޖަލްސާގައި ވިދާޅުވެފަ އެވެ. އެގޮތުން ރައީސް ވިދާޅުވީ އެ ފްލެޓުތައް ތަފާތުވާނެ ކަމަށާއި ބަލާލުމުން އެކަން އެނގިގެންދާނެ ކަމަށެވެ.

ހުރިހާ ރަށެއްގެ ފެނާއި ކަރަންޓާއި މަގާއި ލަފާ ފުރުމުގެ ދަތިކަންތައް ހައްލުކުރަމުންދާ ކަން ފާހަގަކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއް އާރްޓީއެލް ފެރީގެ ނިޒާމުން ގުޅުވާލާނެ ކަމަށެވެ. އެއް އެއާޕޯޓުން އަނެއް އެއާޕޯޓަށް 20 ނުވަތަ 30 މިނަޓުތެރޭ ދަތުރުކުރެވޭ ކައިރިމިނުގައި އެއާޕޯޓުތައް އަޅާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"ހަނިމާދޫގެ ވައިގެ ބަނދަރު ފަދައިން ރާއްޖޭގެ ދެކުނުވެސް ބައިނަލްއަގުވާމީ ކުރާނަން. ގަން އިންޓަނޭޝަނަލް އެއާޕޯޓް ވެގެން ދާނީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ އެއާޕޯޓަކަށް،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ހޯރަފުށީ އެއާޕޯޓް ތަރައްގީކޮށް ނިންމާ ބޭނުން ކުރަން ފަށާފައިވާ ކަމަށާއި ފަރެސްމާތޮޑާ އެއާޕޯޓުވެސް ނިމިފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި ރ. އަލިފުށި އެއާޕޯޓާއި، މ. މުލީ އެއާޕޯޓާއި، ފ. މަގޫދޫ އެއާޕޯޓްގެ މަސައްކަތް ފަށާފައިވާ ކަމަށާއި ހދ. މަކުނުދޫ، ށ. ބިލަތްފަހި، ބ. ތުޅާދޫ އަދި ތ. ވިލުފުށީ އެއާޕޯޓު ބަޔަކާ ހަވާލުކުރުމަށް ތައްޔާރުވަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ މި މަހުގެ 28 ވަނަ ދުވަހު އެވެ. ވޯޓުލުން ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00ގެ ނިޔަލަށެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓް އެ ޕާޓީން ވަނީ އާންމުކޮށްފަ އެވެ. ދާއިމީ ލިސްޓުގައިވާ ގޮތުން 57،255 މީހުންނަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ލެވޭނެ އެވެ.