ޕީޕީއެމް

އެމްޑީޕީގެ ޕްރައިމަރީއަށް ޝައުގެއް ނެތް: އިދިކޮޅު ކޯލިޝަން

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ މައި ޕާޓީ -- އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ޝައުގުވެރިކަން ނެތް ކަމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބާ މެދު އިދިކޮޅު ކޯލިޝަނުން އެއްވެސް ވަރަކަށް ނުވިސްނާ ކަމަށެވެ. އަދި އެއީ އެ ކޯލިޝަނުން ކަންބޮޑުވާންޖެހޭ ފަދަ ކަމެއް ކަމުގައި ނުދެކޭ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކޯލިޝަނުގެ އެއްވެސް ޝައުގެއް ނެތް އެމްޑީޕީގެ އެތެރޭގެ އިންތިހަބާކަށް. އެއަށް ވުރެން މާމުހިއްމު ކަންތައް އެބަހުރި ދެއްތޯ އަޅުގަނޑުމެން ކުރަންޖެހޭ،" ހީނާ ފާހަގަކުރެއްވި އެވެ.

މިގޮތުން މިވަގުތު އެ ކޯލިޝަނުން އެންމެ މުހިއްމު މަސައްކަތެއްގެ ގޮތުގައި ދެކެނީ ޕީޕީއެމްގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުން މިނިވަން ކުރުން ކަމުގައި ހީނާ ވިދާޅުވި އެވެ. އަދި އެމަނިކުފާނުގެ ކެމްޕޭންގެ މަސައްކަތައް ފެށުމަށް ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ތައްޔާރީތައް ވަމުންދާ ކަމުގައި ވިދާޅުވި އެވެ.

"މިވަގުތު އަޅުގަނޑުމެން އެންމެ ބޮޑަށް ސަމާލުކަން ދެނީ ޖަލުގައި އޮތް އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން މިނިވަން ކުރުމަށް. މިހާރު އަޅުގަނޑުމެން މިދަނީ ރިޔާސީ އިންތިހާބަށް އެމަނިކުފާނުގެ ކެމްޕޭން ފެށުމުގެ މަސައްކަތް ވެސް ކުރަމުން،" ހީނާ ވިދާޅުވި އެވެ.

ހީނާ އިތުރަށް ވިދާޅުވީ އެ ކޯލިޝަނުން ކުރާ މުޒާހަރާތަކުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ބޭފުޅުން ބައިވެރިވާކަން އެނގިފައި ނުވާ ކަމަށެވެ. އިދިކޮޅުން ކުރާ މުޒާހަރާތަކުގެ މަގުސަދަކީ ރައީސް ޔާމީން މިނިވަންކޮށް، ރައީސް ސޯލިހްގެ ކެމްޕޭނަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކުރަމުން ދާތީ އެކަމާ ދެކޮޅަށް އަޑުއުފުލުން ކަމުގައިވެސް ވިދާޅުވި އެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް އިއްޔެ އއ. މާޅޮހަށް ވަޑައިގެން ރައީސް ސޯލިހު ވަނީ އެ ޕާޓީގެ ޕްރައިމަރީގެ ތެރޭގައި އެހެން ކުލަތައް ޖެހެމުންދާ ކަމަށާއި އެ ބޭފުޅުންގެ މަގުސަދަކީ ޕްރައިމަރީ ގަޑުބަޑު ކުރުން ކަމުގައި ވިދާޅުވެފަ އެވެ.

އެމަނިކުފާނު ވިދާޅުވީ އިދިކޮޅުން އެމްޑީޕީގެ ޕްރައިމަރީއާއި ދިމާކޮށް އަމަލުތަކެއް ހިންގުމުގެ މަގުސަދަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެބޭފުޅުންނަށް ވާދަކުރެވެން އޮތް ހަމައެކަނި ގޮތަކީ އެމްޑީޕީގެ ޕަރައިމަރީގެ ތެރެއަށް ވަދެ ގަޑުބަޑުކޮށްގެން ކަމަށް ފެންނަ ފެނުން ކަމަށެވެ.

އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ވަނީ ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމަށް މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން އެއީ "ހަރާމް ހުކުމެއް" ކަމަށް ބުނެ މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ފަށާފަ އެވެ. މީގެ އިތުރުން ރައީސް ސޯލިހު ކެމްޕޭނަށް ރަށްތަކަށް ވަޑައިގަންނަވާއިރު ވެސް އެ ކޯލިޝަނުން ގެންދަނީ އެ ރަށްތަކުގައި ވެސް އިހުތިޖާޖުކޮށް އަޑު އުފުލަމުންނެވެ.