މޯލްޑިވްސް ޕޮލިސް ސާވިސް

ގެއެއްގެ ހަތްވަނަ ބުރިން މީހަކު ވެއްޓި ފަރުވާދެނީ

މާލޭގެ އިމާރާތެއްގެ ހަތްވަނަ ފަންގިފިލާއިން މީހަކު ވެއްޓިގެން އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފި އެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 25 އަހަރުގެ ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނަކަށެވެ.

މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހަވީރު 4:39 ހާއިރުއެވެ. އަދި އޭނާ ވެއްޓުނީ މާލޭގެ މައްޗަންގޯޅީގައި ހުރި ގެއެއްގައި އޭސީ ހަރުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް ފުލުހުން ބުނެ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު އަވަސްއަށް ވިދާޅުވީ އަނިޔާވި މީހާއަށް މިހާރު އެ ހޮސްޕިޓަލުގެ އެމަޖެންސީގައި ފަރުވާދެމުން އަންނަ ކަމަށެވެ. ނަމަވެސް، އެމީހާގެ ސިއްހީ ހާލަތާއި ގުޅޭ އިތުރު ތަފްސީލެއް އޭނާ ހާމައެއް ނުކުރެ އެވެ.

ފުލުހުން އަންނަނީ މި މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.