- އާ ލަވައިގައި ވެސް ކިޔައިދޭނީ ލޯބިވެރިއެއްގެ ވާހަކަ
- ޔާމީން އަކީ ވަރަށް ވަރަށް ހާއްސަ މީހެއް
- ސިންގަލް ލައިފް އެންޖޯއިކުރާ ކަމަށް ބުނި
މީރާ މުހައްމަދު މާޖިދަކީ އިތުރު ތައާރަފަކަށް ބޭނުންވާ ލަވަކިޔުންތެރިއެއް ނޫނެވެ. އެއަށް ވުރެ މާ މަޝްހޫރު، މާ މަގްބޫލު، މާ ހުނަރުވެރި އަދި އެތައް ހާސްބައެއްގެ ހިތުގެ އެންމެ ފުންމިނުން ޖާގަ ހޯދާފައިވާ ފަންނާނެކެވެ. އުމުރުން އެންމެ 22 އަހަރުގައި ރާއްޖޭގެ މިއުޒީ އުދަރެހަށް އަރައި އެންމެ ހުނަރުވެރި އަދި އެންމެ ތަޖުރިބާކާރު ލަވަކިޔުންތެރިންނަށް ގޮންޖަހާލެވޭ ވަރުގެ ޕާފޯމެންސްތަކެއް މީރާ ދައްކަމުން ދިއުމަކީ ފާހަގަނުކޮށް ދޫކޮށްލާ ވަރަށް ވުރެ ބޮޑު ކާމިޔާބީ އެކެވެ.
މިފަދަ އިންޓަވިއުއެއްގެ މުހިންމުކަން ވެސް ބޮޑުވެގެން ދަނީ މި ހުރިހާ ސަބަބުތަކަކާ ލައިގެންނެވެ.
ބައްޕަ އަދި ލެޖެންޑަރީ ލަވަކިޔުންތެރިޔާ މެޒޯ މޯޑްގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު ކަމުގައިވާ މީރާ ގަވާއިދެއްގެ މަތިން ލަވަކިޔުމުގެ ތެރެއަށް ވަނީ ސްކޫލް ކުދިންގެ ލަވަމުބާރާތުގެ ތެރެއިން 1998 ވަނަ އަހަރު އެވެ. އެކަމަކު މީރާ އަކީ ހަގީގަތުގައި އެ ލަވަމުބާރާތުގައި ފާހަގަކޮށްލެވޭ ވަރުގެ ބޮޑު ކާމިޔާބީތަކެއް ލިބުނު ލަވަކިޔުންތެރިއެއް ނޫނެވެ.
އިންޓަ ސްކޫލް ލަވަ މުބާރާތުގެ ކާމިޔާބީތަކަށް ބަލާއިރު 2006 ވަނަ އަހަރުގެ މުބާރާތުގެ ދެ ވަނަ ލިބުނެވެ. އެއަށް ފަހު މީރާގެ މަގްބޫލުކަން އާންމުންގެ ތެރޭގައި ކުއްލިއަކަށް ބޮޑުވެ ގޭތެރޭގައި ހިފައިގެންގުޅޭ ނަމަކަށް "މީރާ" ބަދަލުކޮށްލީ ޓީވީއެމްގެ ކާމިޔާބު އެހަނދާނުގައި ޝޯތަކެވެ. މޯލްޑިވިއަން އައިޑޮލްގެ މިހާރުގެ ޖަޖު އައްމަޑޭއާ އެކު މީރާ ރިކޯޑްކުރި "އަދު މިހާލާތު" ވެގެން ގޮސްފައި ވަނީ އިންސްޓެންޓް ހިޓަކަށެވެ.
އެހަނދާނުގައިގެ އެޕިސޯޑްތަކުން ދިވެހިންގެ ހިތަށް ތިރިކުރި މީރާ ލަވަކިޔުންތެރިއެއްގެ ގޮތުގައި ހަމަޖެހިލީ ކުރީގެ ލޯބިވެރިޔާ އަދި ޒުވާން ލަވަކިޔުންތެރިޔާ ޔާމީން ރަޝީދުއާ އެކު ރިކޯޑްކޮށް އާންމުކުރަން ފެށި ކަވާ ސޯންގްތަކަކުންނެވެ. މިއީ ދިވެހި ލަވައިގެ ޕޮޕްސްޓާރަކަށް މީރާ ބަދަލުކޮށްލި ހިސާބެވެ.
މިއަދު އޭނާ އަކީ އެންމެ ގިނަ ބަޔަކު އެ ލަވަކިޔުންތެރިއަކާ ބެހޭ ގޮތުން ވާހަކަ ދައްކާ އެ ލަވަކިޔުންތެރިއެއްގެ ހުނަރަށް ތައުރީފު އޮއްސާ އަދި އެއްވެސް ފޫހިކަމެއް ނެތި އެ ލަވަކިޔުންތެރިއެއްގެ ލަވަތައް އަޑުއަހަމުން އަންނަ ކުޅަދާނަ ހުނަރުވެރިއެކެވެ.
ތިރީގައި މި އޮތީ އަވަސްގެ ވީކެންޑަށް މިދިޔަ ހޯމަ ދުވަހު މީރާ ދިން އިންޓަވިއުއެކެވެ.
ސ. އަބަދުވެސް އިވޭނީ މީރާގެ ކޮންމެވެސް އާ ލަވައެއް ނެރެން އުޅޭ އަޑު. މިހާރު ވެސް ތިދަނީ އާ ލަވައެއްގެ މަސައްކަތްކުރަމުން، އަހަރެމެންނަށް ކުޑަކޮށް ކިޔާލަ ދީ ބަލަ މި އާ ލަވައިގެ ވާހަކަ؟
ޖ. "ކުރިއަށް ދެން ރިލީޒްކުރަން ހަމަޖެހިފައިވާ ވެލެންޓައިންސް ޑޭގެ ހާއްސަ ލަވަ އަކީ ހަގީގަތުގައި ކުރިން ނެރުނު ލޯތްބަކީ ލަވައިގެ ކޮންޓިނުއޭޝަންއެއް. މިއީ ކުރިން ވެސް ރާވާފައި އޮތް ގޮތް މި ލަވަ ނެރެން. ވެލެންޓައިންސް ޑޭގައި ލަވަ ނެރެން ނިންމީ މިއީ ލޯބީގެ ލަވައަކަށްވީމަ. އެކަމަކު ލަވައިގެ މާ ބޮޑު އިތުރު ތަފްސީލެއް ދޭކަށް ބޭނުމެއް ނުވޭ މި ވަގުތު."
ސ. ވަރަށް ގިނަ މީހުން ބުނޭ ރާއްޖޭގެ އެންމެ މަގްބޫލު ލަވަކިޔުންތެރިޔަކީ މިހާރު މީރާއޭ. މީރާ އެ ވާހަކަ ގަބޫލުކުރަންތަ؟ އެހެން ބުނާ އަޑު އިވުނީމަ ކީކޭ ހިތަށް އަރަނީ، ކޮން ކަހަލަ އިހްސާސްތަކެއް ކުރެވެނީ؟
ޖ. "މީރާ އަކީ އެންމެ މަގްބޫލު ލަވަކިޔުންތެރިޔާއެކޭ ނުބުނާނަން. ހަމަ ގައިމުވެސް ކިޑީ (މަރިޔަމް އުނޫޝާ) ރާފީމެން (ރާފިޔަތު ރަމީޒާ) އަދި އެހެން ބައިވަރު ލަވަކިޔުންތެރިން ވެސް އެބަތިބި މީރާ އަށް ވުރެ މާ އެކްސްޕީރިއަންސްޑް އަދި މާ ސީނިއާ. ހަމަގައިމުވެސް އެމީހުންނާ އެއް ލެވެލްއަކަށް މީރާއަކަށް އަދި ނާދެވޭ. އިރާދަކުރެއްވިއްޔާ އެކަމަކު އަންނާނަން."
"އެންމެ މަގްބޫލު ލަވަކިޔުންތެރިޔާއޭ ބުނާތީ ވަރަށް އުފާވޭ. ރާއްޖޭގައި މީރާގެ މިއުޒިކް، އާޓިސްޓިކް ބައި އެޕްރެޝިއޭޓްކުރާތީ ވަރަށް އުފާވޭ."
ސ. އެންމެ މަގްބޫލު ލަވަކިޔުންތެރިޔާ އަދި އެންމެ މޮޅު ލަވަކިޔުންތެރިޔާ އަށް ނުވެދާނެ. މީރާ ގަބޫލުލުރަންތަ އެއީ ތެދެއް ކަމަށް؟ ކޮބައިތަ މޮޅު ލަވަކިޔުންތެރިޔަކަށް ވެވޭ ގޮތަކީ އަދި އެ މީހެއްގެ ގައިގައި ހުންނަން ޖެހޭ ސިފަތަކަކީ؟
ޖ. "ޕޮޕިއުލާ ލަވަކިޔުންތެރިޔަކު މޮޅު ލަވަކިޔުންތެރިޔަކަށް ނުވެދާނެއޭ ބުނާ ވާހަކަ ގަބޫލުކުރެވޭ އެއްބައި ފަހަރަށް. މިސާލަކަށް މީރާ އަށް ވުރެ މާ މޮޅަށް ލަވަކިޔާ ކުދިން އެބަތިބި އަދި ނުފެނިވެސް. އެކަމަކު މީހެއްގެ ޕޮޕިއުލާރިޓީ ހިފަހައްޓާނީ އައިޑެންޓިޓީ އާއި އެޓިޓިއުޑާއި ޕާސަނާލިޓީ އާއި ހުރިހާ ކަމެއް ވެސް އެކުލެވިގެންތާ."
"އެހެންވީމަ އެގޮތަށް ބަލައިފިއްޔާމު އެންމެ މޮޅު ލަވަކިޔުންތެރިޔާ ނުވެދާނެ އެންމެ ޕޮޕިއުލާ ލަވަކިޔުންތެރިޔާ އަށް ވެސް."
"މޮޅު ލަވަކިޔުންތެރިޔަކަށް ވާން ބޭނުން ނަމަ އެންމެ ފުރަތަމަ ކަމަކަށް ޑިސިޕްލިން. އެއީ މީރާގެ ބައްޕަ ވެސް މީރާ އަށް ދަސްކޮށްދިން ގޮތަކީ. އެހެން އާޓިސްޓުންނަށް ކުރާ ރެސްޕެކްޓް ވަރަށް މުހިންމު. ދެން ޕާސަނާލިޓީ އަށް ފަހު ޓެލެންޓް."
ސ. މޯލްޑިވިއަން އައިޑޮލް ކުރިއަށްދާއިރު ވަރަށް ބޮޑަށް ފާހަގަކުރެވޭ މީރާގެ ސަބަބުން މިފަހުން ބޮޑު މަޝްހޫރުކަމެއް ލިބިފައިވާ ގިނަ ލަވަތަކެއް، ހާއްސަކޮށް އަލީ ރަމީޒްގެ ލަވަތަކަށް އޮޑިޝަންގެ ބައިވެރިގެ މެދުގައި މަގްބޫލުކަމެއް ލިބިފައިވާކަން. މީރާ ގަބޫލުކުރާ ގޮތުގައި މި ލަވަތަކުގެ މަގްބޫލުކަން އޮޑިޝަންގެ ބައިވެރިންގެ މެދުގައި ބޮޑުވެފައި ވަނީ ކީއްވެ؟ އެއީ މީރާގެ ރެންޑިޝަން މޮޅުވީމަ ކަމަށް ވެދާނެތަ؟
ޖ. "މިފަހަކަށް އައިސް މޯލްޑިވިއަން އައިޑޮލްގެ ބައިވެރިންގެ މެދުގައި އެހާ ބޮޑު މަގްބޫލުކަމެއް ލިބިގެން އައި އަލީ ރަމީޒުގެ ލަވަތަކަކީ އަސްލު ކުރީގައި ވެސް ވަރަށް ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިފައި ހުރި ލަވަތަކެއް. ދެން އެއްޗެހި އަޅުގަނޑާއި ޔާމީން ކަވާކުރީ ކޮންމެވެސް ވަރަކަށް ފޮރުވިފައި ހުއްޓައި ކަމަށް ގަބޫލުކުރަނީ. ފަހުން އެ ލަވަތަކަށް އެހާ ބޮޑު މަޝްހޫރުކަމެއް ލިބުމުގައި މީރާ އާއި ޔާމީންގެ ކެމިސްޓްރީގެ ހިއްސާވެސް އެބައޮތްހެން."
ސ. މީރާގެ ކެރިއަރުގެ ކާމީޔާބީގައި އަލީ ރަމީޒަކީ ކިހާ ވަރެއްގެ ނުފޫޒެއްތަ؟ އެއީ މިފަހުން މީރާ އަށް ކުއްލިއަކަށް ލިބުނު މަގްބޫލުކަމުގެ ފަހަތުގައި އަލީ ރަމީޒުގެ ލަވަ އާއި އޭނާގެ ވަފާތެރި ސަޕޯޓަރުންގެ ދައުރު ފާހަގަކޮށްލެވޭ.
ޖ. "އަލީ ރަމީޒުގެ ނުފޫޒު ވަރަށް ބޮޑުވާނެ. ބޮޑަށް ކަވާކުރެވިފައި ހުރީ ވެސް އަލީ ރަމީޒުގެ ލަވަތައް. ފެށުނީއްސުރެ އަލީ ރަމީޒު ކިޔާފައި ހުރި ލަވަތަކަކީ މީރާ އަށް ވަރަށް ވަރަށް ރީތި ލަވަތަކެއް."
ސ. ކީއްވެގެންތަ މީރާގެ ބައްޕަ، މެޒޯ މޯޑްގެ ލަވަތަކެއް ކަވާ ނުކުރަނީ؟ ދެ މީހުންގެ މިއުޒިކްގެ ޓޭސްޓް އެހާ ނުގުޅެނީތަ؟ މީރާ އަހަރެމެންނަށް އަބަދުވެސް މި ފެންނަނީ ކޮންމެވެސް ލޯބީގެ ލަވައެއްގައި ހިފައިގެން އުޅޭތަން. އެންމެފަހުން ވެސް ނެރުނު ލަވަ އަށް ކިޔަނީ "ލޯތްބަކީ".
ޖ. "ބައްޕަގެ އެންމެ ލަވައެއް މިހާތަނަށް ކިޔާފައިވާނީ. ބައްޕަގެ ލަވަތައް ކަވާނުކުރާ މައިގަނޑު ސަބަބަކީ، މީރާ ގަބޫލުކުރާ ގޮތުގައި ބައްޕަ ހަދާފައި ހުރި ލަވަތަކަކީ ދެ ވަނަ ފަހަރަށް މީހަކު ކަވާކޮށްގެން އެއަށް ވުރެ މޮޅަށް ނުކިޔޭނެ ލަވަތަކެއް. ކަވާކޮށްގެން ބައްޕަގެ ލަވައެއް ހަޑިވެދާނެތީ އެކަން ކުރަން ބޭނުމެއް ނުވޭ."
"މީރާގެ ބައްޕަ އާއި މީރާގެ މިއުޒިކް ޓޭސްޓް އަސްލު ދިމާވާނެ. އެކަމަކު ބައްޕަ ކުރި އަރައިގެން އައި ޒަމާނާއި މި ޒަމާން ތަންކޮޅެއް ތަފާތުވީމަ ކަމަށް ވެދާނެ ކޮންމެވެސް ވަރެއްގެ ތަފާތެއް އެ ދައްކަނީ."
ސ. މިހާތަނަށް މީރާއާ އެކު ޑުއެޓްކުރި އެންމެ ހިތްގައިމު އަޑަކީ އަދި އެންމެ މަޝްހޫރުވީ ވެސް ޔާމީން. ތި ދެ މީހުންގެ މަޝްހޫރުކަން ބޮޑުވެ ވަރަށް ގިނަ ބަޔަކަށް ވެސް ކަމުދިޔަ. އެކަމަކު މިހާރު އެ ވަނީ ދެ މީހުންގެ ފަހު ލަވައެއް އާންމުކޮށް އެ ސިލްސިލާ ނިންމާލާފައި. މީރާގެ މިއުޒިކް ކެރިއަރުގައި ޔާމީން ކިހާ ވަރަކަށް މިސްވޭތަ؟
ޖ. "މީރާގެ މިއުޒިކް ކެރިއަރުގައި ޔާމީން އަކީ ހަމަ ގައިމު ވެސް ވަރަށް ބޮޑު ރޯލެއް އަދާކުރި މީހެއް. އެއީ މީރާގެ ޕޮޕިއުލާރިޓީ ވެސް އަސްލު އަރައިގެން އައީ ދެ މީހުން އެކުގައި ލަވަކިޔަން ފެށި ފަހުން. އެހާ ބޮޑަށް. ޔާމީންއާ އެކު އެކު ކުރިން ލަވަތައް ކީ ގޮތަށް ނުކިޔޭތީވެ ވަރަށް މިސްވެސްވޭ. ވަރަށް ދެރަވެސް ވޭ. ވަރަށް ބޮޑަށް ޔާމީންއާ އެކު ލަވަކިޔަން ބޭނުންވެސްވޭ."
ސ. ފާހަގަކޮށްލެވޭ ޔާމީންއާ އެކު މީރާ ރިކޯޑްކުރި ކަވާލަވަތަކުގެ މަގްބޫލުކަން ވަކިން އެހެން ލަވަތަކަށް ވުރެ ބޮޑުކަން. އަދި ފަހުން ރިކޯޑްކުރި މީރާގެ ލަވަތަކަށް އެ ވަރުގެ މަގްބޫލުކަމެއް ނުވަތަ ތަރުހީބެއް ވެސް ނުލިބޭކަން. މީރާ ވެސް އެކަން ގަބޫލުކުރާނެހެން ހީވަނީ. އެހެންވީމަ މީރާގެ އެ ކަވާ ލަވަތަކުގެ މޮޅުކަމުގެ ސިއްރަކީ ޔާމީންތަ އަނެއްކާ؟
ޖ. "އޭގެ އެންމެ ބޮޑު ސަބަބަކީ ޔާމީން ކަމަށް މީރާ އަށް ވަރަށް ބޮޑަށް ގަބޫލުކުރެވޭ. އެއީ މީރާ އާއި ޔާމީންގެ ކެމިސްޓްރީ ވެސް ވަރަށް ދިމާވޭ. ޔާމީންއާ އެކު މީރާ އަށް ލަވަކިޔަން އެހާ ފަސޭހަވީމަ އެ ވަރަށް ލަވަތައް މަޝްހޫރުވެގެން ދިޔައީ."
ސ. މީރާގެ ފަހުގެ ލަވަތަކަށް ކީއްވެގެންތަ އެ ވަރުގެ ތަރުހީބެއް ނުލިބިގެން މި އުޅެނީ؟ މައްސަލައަކީ ކޮބައިހެން ހީވަނީ؟ ކަވާ ސޯންގްތަކެއް އެހާ ގިނައިން ގެނެސްދީފައި އަމިއްލަ ރާގުތަކެއް މިހާރު ގެނެސްދޭތީތަ؟
ޖ. "އަބަދުވެސް ބުނާ ވާހަކައެއް، ހުރިހާ އެންމެނަކަށް އަމިއްލަ ރާގެއް ކަމަކުނުދާނެ. މި ބުނީ އަލަށް ނެރޭ އެއްޗެއް އެންމެންނަކަށް ކަމުނުގޮސްފާނެ. އެކަމަކު ކުރިން އެންމެނަށް ވެސް ރީތިވެފައި އޮތް ލަވައެއް ކަވާކުރަންޏާ އެ ލަވައެއްގެ ރީތި ކަވާއެއް ހަމަ އެންމެނަށް ވެސް ރީތިވާނެތާ."
"ވެދާނެ ފަހަރެއްގައި އަމިއްލަ ރާގަކަށްވާތީ އެހާ ބޮޑު ޕޮޕިއުލާރިޓީއެއް ނުލިބެނީ ކަމަށް ވެސް."
ސ. ބައެއް މީހުން މީރާ އަކީ ރާއްޖޭގެ އެންމެ މޮޅު ލަވަކިޔުންތެރިޔާގެ މަގާމުގައި ކޮންމެވެސް ދުވަހަކުން ހުންނާނެ ކުއްޖެކޭ. އެއީތަ އަމާޒަކީ؟
ޖ. "ހަމަގައިމު ވެސް އަޅުގަނޑުގެ ޑްރީމަކީ ވެސް، ޓާގެޓަކީ ވެސް ދިވެހި ރާއްޖޭގައި ހުރި އެންމެ ޓޮޕް ލެވެލް ފީމެއިލް އާޓިސްޓަށްވުން."
ސ. މީރާ އާއި އުނޫޝާގެ ވާދަވެރިކަން، ހާއްސަކޮށް ދެ މީހުންގެ ފޭނުންގެ މެދުގައި ބޮޑު. މި ވާދަވެރިކަން މީރާ ސިފަކުރާނީ ކިހިނެތް؟ މީރާ ގަބޫލުކުރަންތަ ތިޔައީ އުނޫޝާއާ އަޅާ ކިޔާލެވޭ ފެންވަރުގެ ލަވަކިޔުންތެރިއެއް ކަމަށް؟
ޖ. "މީރާ ގަބޫލުކުރާ ގޮތުގައި އަދި މީރާ އަކީ އުނޫޝާއާ އެއް ފެންވަރެއްގައި އަޅާކިޔޭނެ ލަވަކިޔުންތެރިއެއް ނޫން. އަދި! އެކަމަކު އިރާދަކުރެއްވިޔާ އަދި އެހިސާބަށް ފޯރާނެ. ކިޑީ އަކީ މީރާގެ ޓީޗާއެއް. އަދި އެ ލެވެލްއަކަށް ނާދެވޭ."
"ދެން އަޅުގަނޑު ނުބާއްވަން ވާދަވެރިކަމެއް. ކިޑީ އަކާ ވެސް އަދި އެއްވެސް އާޓިސްޓަކާ ވެސް ވާދައެއް ނުކުރަން. އެންމެންނަކީ ވެސް އެމީހުންގެ އަމިއްލަ ގޮތުގައި ޓެލެންޓެޑް މީހުން."
ސ. އުނޫޝާގެ ލަވަކިޔުމުގެ ފެންވަރު މީރާ ސިފަކުރާނީ ކިހިނެތް؟
ޖ. "އުނޫޝާ އަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ޓޮޕް ފީމެއިލް އާޓިސްޓް. އަޅުގަނޑުމެން އެންމެން ލުކް އަޕް ކުރަން ޖެހޭ ފެންވަރުގެ ލަވަކިޔުންތެރިއެއް އޭނާ އަކީ."
ސ. މޯލްޑިވިއަން އައިޑޮލްގައި އުނޫޝާ ދައްކާ ޕާފޯމެންސްއާ މެދު ކީކޭ ބުނެލާނީ. މިސާލަކަށް އެ މަގާމު މީރާ އަށް ލިބުނު ނަމަ އެ އަށް ވުރެ ރަނގަޅު ޕާފޯމެންސެއް ޖަޖެއްގެ ގޮތުގައި ދައްކުވައިދޭނަންތަ؟ ބައެއް މީހުން ބުނޭ ޖަޖުންގެ ޕެނަލުން އެންމެ ކަމުނުދަނީ އުނޫޝާ ކަމަށް.
ޖ. "މީރާ ބެލި އެޕިސޯޑްތަކުގައި ހަމަގައިމު ވެސް އުނޫޝާގެ ޖަޖިން، ޝީ ޑެލިވާޑް އިޓް ވެރީ ވެލް. ވަރަށް ވަރަށް ރަނގަޅަށް ޕާފޯމެންސާ އެއްޗެހި ޑެލިވާކުރީ. ބައެއް މީހުންގެ ނޭދެވޭ ކޮމެންޓް އޭނާ އަށް އަމާޒުވިޔަސް އައި ތިންކު އޭޒް އަ ޕްރޮފެޝަނަލް އާޓިސްޓް ވަރަށް ރަނގަޅަށޭ އޭނަ ޑެލިވާކުރީ."
ސ. ދެން މީރާގެ ޕާސަނަލް ލައިފަށް ޖެހިލަމާ ހިނގާ. މިހާރު ތިޔަ ހުރީ ސިންގަލްކޮށްތަ؟ ކިހާ ދުވަހެއް ވެއްޖެ؟
ޖ. "މިހާރު މި އުޅެނީ ސިންގަލްކޮށް. މާ ދުވަހެއް ނުވޭ. އަދި ތްރީ ވަރަކަށް މަންތުސްވީ."
ސ. ތިޔައީ ގެޓްއޯވާ ވުމުގެ މައްސަލަ ހުންނަ މީހެއްތަ؟
ޖ. "ވަރަށް ވަރަށް ފަސޭހަ. (ހެމުން ހެމުން) ވަރަށް ފަސޭހައިން ގެޓް އޯވާ ވެވިއްޖެ."
ސ. މީރާ އާއި ޖުމައިހްގެ ލޯތްބަކީ މިފަހުން ނިކަން ބޮޑު ސަމާލުކަމެއް ލިބިގެން ދިޔަ ވާހަކައެއް. ކިހާ ދުވަހެއްތަ ދެ މީހުންގެ ލޯތްބަށް؟ އަދި އެއީ ކިހާ ވަރަކަށް ސީރިއަސް ލޯތްބެއްތަ؟
ޖ. "ދެ މީހުންނަށް އެކުގައި އުޅެވުނުކަން ނޭނގެ ވަން އިޔާ ވަންދެން. އެ ރިލޭޝަން ޝިޕް ސިފަކުރާނީ ސީރިސް، ޑެޑިކޭޓެޑް، ފަން، ހެޕީ ވިތު ބޭޑް ޓައިމްސް އެކްސްޕީރިއަންސެއްގެ ގޮތުގައި."
ސ. ޖުމާ ދެކެ މީރާ އަށް ވެވުނީ ހަގީގީ ލޯބި ކަމަށް ގަބޫލުކުރަންތަ؟ ކިހިނެތް ދެ މީހުންގެ އެ ގުޅުން ސިފަކުރާނީ އަދި ހަޔާތަށް އައި ލޯބިވެރިއެއްގެ ގޮތުގައި ޖުމާ ސިފަކުރާނީ؟
ޖ. "ނޯ. އެއީކީ ހަގީގީ ލޯތްބެއް ނޫން އަދި. (މިހެން ބުނެފައި މީރާ ހިނިގަނޑަކަށް ބިންދައިގެން ދިޔައީ އެވެ.)
"ޖުމާ އަކީ ޖުމާގެ ގޮތުގައި ވަރަށް ރަނގަޅު މީހެއް. އެވަރު މީރާ އަށް ބުނެވޭނީ."
ސ. މީރާ އާއި ޔާމީންގެ ލޯބީގެ ވާހަކަ އަކީ ވެސް ވަރަށް ހައި ޕްރޮފައިލް ވާހަކައެއް. މީރާގެ ހަޔާތަށް އައި އެންމެ މުހިންމު މީހަކީ ޔާމީނަށް ވެދާނެތަ؟ ދެ މީހުން ވަރަށް ލޯބިން އުޅުނުތަން ފެނުނީ. ސަޕޯޓަރުންނަށް ވެސް ދެ މީހުންގެ ޖޯޑު ވަރަށް ކަމުދިޔަ.
ޖ. "ޔާމީން، އެޒް އަ ޕާސަން ވެސް، އެޒް އަށް ފިގާ ވެސް، އޭޒް އޭން އާޓިސްޓް ވެސް ޔާމީނަކީ މީރާގެ ލައިފަށް އައި ވަރަށް މުހިންމު، އެކަމަކު އެންމެ މުހިންމެއް ނޫން. ވަރަށް ވަރަށް މުހިންމު މީހެއް."
ސ. މީރާގެ މި އާ ލަވައަކީ ވެސް ކޮންމެވެސް ކުރީގެ ލޯބިވެރިޔަކަށް ދޭ ޓްރިބިއުޓެއް ކަމަށް ވަނީ. އަނެއްކާ މި ލަވަތަކުގައި ކިޔައި މި ދެނީ ޔާމީންގެ ވާހަކަތަ؟
ޖ. "ތި ސުވާލަށް ޖަވާބު ދޭން ބޭނުމެއް ނޫން."
ސ. ކިހިނެތްވީ މީރާ އާއި ޖުމާ އެންމެފަހުން ރުޅިވާން ދިމާވީ؟
ޖ. "ދެ މީހުން ދުރުވާން ޖެހުނީ އެކުގައި ނޫޅެވިގެން. ސިމްޕްލީ ހަމަ ނޫޅެވުނީމަ."
ޔާމީންއާ އެކު ވެސް މާ ގިނަ ދުވަހަކު މީރާއަކަށް ނޫޅެވުނު؟ ރިލޭޝަން ޝިޕެއްގައި އެންމެ ގިނަ ދުވަސްވީ ކޮން އިރަކު ކާކާއެކު؟
ޖ. "މިހާތަނަށް ރިލޭޝަންޝިޕެއްގައި އެންމެ ގިނަ ދުވަސްވީ ފައިވް އިޔާސް."
ސ. މި ރިލޭޝަންތަކުގައި އެހާ ގިނަ ދުވަހު ނޫޅެވެނީ މީރާ ގަބޫލުކުރާ ގޮތުން ކާކުގެ މައްސަލަަކާ ހެދި. ސަވައިވް ނުވުމުގެ ސަބަބަކީ މީރާތަ؟
ޖ، "އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރިލޭޝަންޝިޕެއްގައި އެންމެ މުހިންމުވާނީ ޓްރަސްޓާއި އޮނެސްޓީ އާއި އަންޑަސްޓޭޑިން. އޭތި ތިނެތި އިނދެއްޖެއްޔާމު ވަރަށް ހެޕީކޮށް ކުރިއަށް ދެވޭނެ ކޮންމެ ރިލޭޝަންޝިޕެއްގައި ވެސް މީރާ ގަބޫލުކުރާ ގޮތުން."
"ދެން އައި ގެސް އެއި ކޮންމެވެސް އެކައްޗެއް މަދުވާތީކަން ނޭނގެ ކޮންމެ މީހަކާ އެކު ވެސް ނޫޅެވެނީ."
ސ. ޒަވާޖީ ހަޔާތެއް ފަށަން އެންމެ މުހިންމު އުމުރަކީ ކޮބާހެން ހީވަނީ؟ މީރާ ތަންކޮޅެއް ކުރިން ކައިވެންޏަށް ވެސް ތައްޔާރުވި؟ އްޓެހިވެގެން އުޅޭތާ ކިހާ ދުވަހެއްކޮށްފައި ކަމަށް ގަބޫލުކުރަނީ ކައިވެންޏާ ހަމަ އަށް ދާން ޖެހެނީ؟
ޖ. "ދެން 16، 17 އަހަރެއް ނޫން. އެކަމަކު އަނެއްހެން ބުނާ ނަމަ ދެން ވަކި އުމުރެއް ނެތްކަން ނޭނގެ. ލައިފެއް އެގޮތަށް ފައްޓާކަށް. ޑިޕެންޑްސް އޮން ޔުއާ ޕާޓްނާ. އިފް ޔޫ ބިލީވް ޔޫ ކޭން ބީ ޓުގެދާ، އެއްވެސް ސަބަބެއް ނެތްތާ ދެ މީހުން ދުރުގައި އުޅޭކަށް."
ސ. މީރާގެ މިހާރުގެ އާ ވީޑިއޯ ލަވައިގައި އެކުގައި ފެންނަ ފިރިހެން ކުއްޖާ އަމަން އަކީ މީރާ މިހާރު ޑޭޓްކުރާ ކުއްޖާ ކަމަށް ވަރަށް ގިނަ މީހުން ބުނޭ. ދެ މީހުންނަށް އަނެއްކާ ލޯބިވެވުނީތަ؟
ޖ. ")ލަވައިގައި ފެންނަ( އިއްމި އަކީ މީރާގެ ވަރަށް ކްލޯޒް ފްރެންޑެއް. މީރާ ވަރަށް އެޕްރެޝިއޭޓްކުރާ، ވަރަށް ލޯބިވާ، ވަރަށް ވަރަށް ކްލޯޒް ފްރެންޑެއް. ގެއްލެން ބޭނުން ނުވާ ވަރުގެ ފްރެންޑެއް. އެކަމަކު ބޯއިފްރެންޑެއް ނޫން."
ސ. މިފަހުން މީރާ އަށް ލިބުނު މިއުޒިކީ ގިނަ ކާމިޔާބީތަކުގައި ސަރުކާރުގެ ބޮޑު ހިއްސާއެއް އޮތްކަން ފާހަގަކޮށްލެވޭ. ވަކި މީހަކަށް މީރާ ކަމުގޮސްގެން ޕްރޮމޯޓްކުރަން މަސައްކަތްކުރަނީއޭ ވެސް ބައެއް މީހުން ބުނޭ. ކީކޭ ބުނާނީ މިއަށް؟
ޖ. "ހަގީގަތުގައި މީރާ ގަބޫލުކުރާ ގޮތުގައި މި ސަރުކާރާ ހެދި ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެން އައި. ވަކި ބައެއްގެ ވަކި ގޮތެކޭ ބުނާކަށް ނޭނގޭ. ގައިމު ވެސް ރައީސް ޔާމީން އާއި މެޑަމް ފާތުންގެ ވަރަށް ބޮޑު އެހީއެއް އަޅުގަނޑުގެ މި ކެރިއަރުގައި ކުރިއަށް ދާން ލިބިގެން ދިޔަ."
"އެހެންވީމަ މި ފުރުސަތުގައި ބޭނުންވޭ އެކަމަށް ޝުކުރު އަދާކޮށްލަންވެސް."
"އަޅުގަނޑަށް ނުފެނޭ ސަރުކާރުން ވަކި މިއުޒީޝަނުންތަކަކަށް ފޭވާކުރާތަނެއް. އެއީ އަޅުގަނޑުގެ ޖޮބަކީ ވެސް އާޓިސްޓުން ޕްރޮމޯޓްކުރުން. ފުރުސަތުތައް ވަނީ އެންމެނަށް ވެސް ހުޅުވާލާފައޭ ބުނެވޭނީ."
ސ. މީރާ ތިއީ ލޯބިވެރިންނަށް ނިކަން އަގުބޮޑު ހަދިޔާ ދޭ މީހެއް ކަމަށް ފާހަގަކޮށްލެވޭ. އެގޮތަށް ދެވުނު އެންމެ އަގުބޮޑު ހަދިޔާއަކީ ކޮބާ؟
ޖ. "އެގޮތަށް ދެވުނު އެންމެ އަގުބޮޑު ހަދިޔާގެ ވާހަކަ މިހާރު ދެށްކޭކަށް ނެތް. އެއަށް ފަހު މީހަކަށް ދިން އެންމެ އަގުބޮޑު ހަދިޔާއަކީ މެކް ލެޕްޓޮޕެއް."
ސ. ސިންގަލްކޮށް ހުރީމަތަ ބޮލަށް ފަސޭހައީ ނުވަތަ ލޯބިވެރިޔަކާ އެކީގައި އުޅުނީމަތަ ހިތަށް ފަސޭހައީ. މީރާ ޕްރިފާކުރާނީ ކޮން ގޮތެއް؟
ޖ. "ޑިޕެންޑްސް އޮން ދަ ޕާޓްނާ. އެއްބައި މީހުން، ވަރަށް އެންޖޯއިކުރެވުނު ރިލޭޝަންޝިޕް ވެސް އެބަހުރި. އެކަމަކު މި ދަނޑިވަޅުގައި ގައިމު ވެސް ސިންގަލް ލައިފް އެބަ އެންޖޯއިކުރަން ވަރަށް ބޮޑަށް."
ސ. ސަނަމް ބޭންޑާ އެކު އިތުރު ލަވައެއް ރިކޯޑްކުރުމުގެ ފުރުސަތެއް ނުލިބޭތަ؟
ޖ. "އެގޮތަށް ވާހަކަ ދެކެވުނު. އެމީހުންނާ އެކު މަސައްކަތްކުރި ދުވަސްކޮޅު އެފަދަ ވާހަކަތަކެއް ދެކެވުނު. އިތުރު ކޮލާބްރޭޝަނެއްގެ ވާހަކަ އާއި އެކުގައި އަދިވެސް ލަވައެއް ކިޔާލަން ޖެހޭނެ ކަމަށް ބުނި. އެކަމަކު އަދި އެފަދަ ކަމެއް ރޭވިފައެއް ނެތް."
އެޑިޓަރުގެ ނޯޓް:
- މި ހާއްސަ އިންޓަވިއުގެ ފޮޓޯގްރާފަރަކީ އަލީ ނިޝާން ނުވަތަ އޭނާގެ ބްރޭންޑް ނަމުން ނަމަ މިލްޒީރޯ އެވެ. ފޮޓޯގްރެފީގެ ދާއިރާގައި 10 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާ ނިޝާނަކީ އިންޓަނޭޝަނަލް ސޮސައިޓީ އޮފް ޕްރޮފެޝަނަލް ވެޑިން ފޮޓޯގްރާފާސް (އައިއެސްޕީޑަބްލިއުޕީ) ގެ މެމްބަރުކަން އޮތް ފޮޓޯގްރާފަރެއްވެސްމެ އެވެ.
- ސްޓައިލިސްޓް: ނޯނި ނުވަތަ އަސްލު ނަމުން ނަމަ އައިޝަތު ހަޒްމަތު.