ބޮލީވުޑް

ބިގް ބޮސް 16: މި ހަފުތާގައި ކެޓީ ސުމްބުލް؟

ރިއަލިޓީ ޝޯ "ބިގް ބޮސް 16"ގެ ފައިނަލަށް ދާ ބައިވެރިން ހޮވަމުންދާއިރު މި ހަފުތާގައި ބިގް ބޮސްގެ ގެއިން ނުކުންނަން ނޮމިނޭޓް ވެފައިވަނީ ޝިވް ތާކަރޭ އާއި ސުމްބުލް ތައުގީރެވެ. އަދި ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި ޝޯ އިން މި ހަފުތާގައި ވަކިވާން ޖެހިފައިވަނީ ވެސް ސުމްބުލް އަށެވެ.

ސުމްބުލް އަކީ ޓީވީ ބަތަލާއަކަށް ވެފައި ބިގް ބޮސްގެ ގޭގައި އޭނާ ހޭދަކުރި ދުވަސްތަކުގައި އެތައް ހާސް ފޭނުންނެއްގެ ހިތް އަތުލާފައިވާތީ ސުމްބުލް ކެޓި ވާހަކައަކީ އޭނާގެ ފޭނުން ވަރަށް ހިތްހަމަނުޖެހުނު ވާހަކައަށްވެ މި ޚަބަރު ސޯޝަލް މީޑިއާގައި ވައިރަލް ވެފައި ވެއެވެ.

އަދި ޓުވިޓާގައި މިހާރު "ވެލްކަމް ހޯމް ސުމްބުލް" ވަނީ ޓްރެންޑް ވާން ފަށާފަ އެވެ. މަޝްހޫރު ސިލްސިލާ "އިމްލީ"ގެ ލީޑް ރޯލު ކުރިން ކުޅުނު ސުމްބުލް ފައިނަލަށް ނުގޮސް ކެޓުމުން އޭނާގެ ފޭނުން ބުނެފައިވަނީ ސުމްބުލް ކެޓިޔަސް އޭނާއާ މެދު ފަޚުރުވެރިވާ ކަމަށެވެ. ސުމްބުލް އަށް ހިތްވަރުދީ އެތައް ހާސް ބަޔަކު ތަފާތު ކޮމެންޓްތައް ކޮށްފައި ވެއެވެ.

ހުކުރު ދުވަހުގެ ރޭ ދެއްކި އެޕިސޯޑުގައި ޝޯގެ އަސްލު ހޯސްޓް ސަލްމާން ޚާންގެ ބަދަލުގައި ޝޯ ހޯސްޓްކޮށްފައިވަނީ ޑައިރެކްޓަރު ކަރަން ޖޯހަރް އެވެ. އަދި މި އެޕިސޯޑު ނިމުމާއެކު ދެއްކި ޕްރޮމޯގައި ޝިވް ތާކަރީ ރޮމުން ރޮމުން ބިގް ބޮސްގެ ލިވިން ރޫމުން ނުކުމެގެން ދާތަން ފެނިފައި ވެއެވެ. ނަމަވެސް ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި މިއީ ބެލުންތެރިންނަށް އޮޅުވާލަން ދެއްކި ޕްރޮމޯ އެކެވެ. ހަގީގަތުގައި ޝޯ އިން ބޭރަށް ދާން ޖެހެނީ ސުމްބުލް އަށެވެ.

މިރޭ ދައްކާ އެޕިސޯޑުގައި ސުމްބުލް ބޭރުވެއްޖެނަމަ ދެން ގްރޭންޑް ފިނާލޭގައި ވާދަކުރަން ބާކީ ތިބޭނީ ނިމްރިތު ކޯރު އަހްލޫވާލިއާ އާއި ޕްރިޔަންކާ ޗާހަރް ޗައުދަރީ، ޝާލިން ބަނޮޓް، ޝިވް ތާކަރޭ އަދި އެމްސީ ސްޓެން އެވެ.