ޕިކްނިކް އައިލެންޑް

ސްކޫލު ކުދިންނަށް ހާއްސަ ރަށެއް ކުޑަގިރި ކައިރީގައި ހަދަނީ

މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށްޓަކައި ތަރައްގީކުރި ކުޑަގިރި ކައިރީގައި ސްކޫލު ދަރިވަރުންނަށް ހާއްސަ ރަށެއް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ކުޑަގިރި ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް މިއަދު ވިދާޅުވީ އަލަށް ތަރައްގީކުރާ ރަށަކީ ސްކޫލު ކުދިންނަށް ކޭމްޕްކުރެވޭ ގޮތަށް ތަރައްގީކުރާ ރަށެއް ކަމަށެވެ.

"މި ރަށް (ކުޑަގިރި) އަޅުގަނޑުމެން ޑިވެލޮޕް ކުރަމުން އައިއިރުގައި، މި ރަށާ ޖެހިގެން އަދި ކުޑަރަށެއް ޑިވެލޮޕް ކުރާނެ ވާހަކަ އަޅުގަނޑު ވާނީ އިއުލާނު ކޮށްފަ. އެއީ އެޑިޔުކޭޝަން ދާއިރާގައި، ތައުލީމު އުނގެނެމުންދާ ކުދިން ދަތުރު އައިސް، ކޭމްޕްކޮށް، ސްކައުޓުންނާއި ގާލްގައިޑުންނަށް އެ ހިދުމަތް އެ ފަރާތްތަކަށް ލިބޭ ގޮތަށް ތައްޔާރުކުރެވޭ ރަށެއް. އެޗްޑީސީ.އާ އަޅުގަނޑުމެން ކުޑަގިރި ހަވާލުކުރި ދުވަހު، އެ ބައްދަލުވުމުގައި އަޅުގަނޑު ވާނެ އެކަން ޝަރުތުކޮށްފައި. އެޗްޑީސީ އިން މިތަން ހުޅުވައިގެން، ހިދުމަތް ދޭއިރުގައި، އެ ރަށް ޖެހޭނެއޭ މިތަނުގައި އޮންނަން." ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވަނީ އެޑިއުކޭޝަން މިނިސްޓްރީ އާއި ދަރިވަރުންނަށް ލަސްނުކޮށް އެ ހިދުމަތް ފޯރުކޮށްދެވޭނެ ގޮތެއް ހޯދައިދިނުމަށް އެޗްޑީސީއަށް އިލްތިމާސްކުރައްވާފަ އެވެ.

ކުޑަގިރި ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހް ވިދާޅުވީ ދިވެހިންގެ ދިރިއުޅުމާ ލާމެހިފައިވާ އެއްކަމަކީ ޖަޒީރާ ވަންތަ ދިރިއުޅުން ކަމަށެވެ.

ކުޑަބަނޑޮހަށް ދިވެހިންނަށް ނުދެވޭ ގޮތް މީގެ 10 ވަރަކަށް އަހަރު ކުރިން އޭރުގެ ސަރުކާރުން ހަދާފައިވާކަން ރައީސް ސޯލިހް ފާހަގަކުރެއްވި އެވެ. އެއީ މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް މި ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ކުރިމަތިވެފައި އޮތް ވަރަށްބޮޑު ކަންބޮޑުވުމެއް ކަމުގައި ރައީސް ސޯލިހް ވިދާޅުވި އެވެ.

ކުޑަގިރިއަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ރަށެއްކަން ފާހަގަކުރައްވައި އެރަށަށް ކުޑަކުދިންނާ މުސްކުޅިންނާ ނުކުޅެދޭ ފަރާތްތަކާއި އަދި އާއިލާއެއްގައި ހިމެނޭ ހުރިހާ ފަރާތްތަކުންވެސް އަންނާނެ ކަމަށާއި ދަތުރު އަންނަ ހުރިހާ ފަރާތްތަކުން އެކަކު އަނެކަކަށް އިހްތިރާމުކޮށް އެ ރަށަކީ އެންމެންނަށް ވެސް ހިތްފަސޭހަ ރަށެއްގެ ގޮތުގައި ދެމެހެއްޓުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވި އެވެ. ހަމަ އެހެންމެ އެމަނިކުފާނު ވަނީ ކުޑަގިރިއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތަޖުރިބާއަށް ބެލުމަށްފަހު އެޗްޑީސީ އިން އެރަށުގެ ހިދުމަތްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްވެސް އެދިވަޑައިގެންފަ އެވެ.

ކުޑަގިރިއަށް ދަތުރުދާ މީހުން ހަފްތާގެ ރަސްމީ ދުވަސްތަކުގައި ދަތުރުދާނަމަ ފެރީ ޓިކެޓަށް ބޮލަަކަށް ދެކޮޅަށް 25 ރުފިޔާ ދައްކަން ޖެހެ އެވެ. އުމުރުން 12 އަހަރުން ދަށުގެ ކުދިންނަށް ނަގާނީ މި އަގުތަކުގެ ދެބައިކޮށްފަ އެއްބަ އެވެ. މީގެ އިތުރުން ދެ އަހަރުން ދަށުގެ ކުޑަކުދިންނަށް އެއްވެސް ފީ އެއް ނުނަގާނެ އެވެ. އަދި ހަފްތާ ބަންދުގައި ކުޑަގިރިއަށް ދިއުމަށް އެއްވެސް ފައިސާއެއް ދައްކާކަށް ނުޖެހެ އެވެ.

ކުޑަގިރީގައި އާންމުން ބޭނުންކުރުމަށް ޑޭ ޔޫސް ރޫމްގެ ގޮތުގައި 12 ރޫމް ވަނީ ކަނޑައަޅާފަ އެވެ. އަދި އާންމުން ބޭނުންކުރުމަށް 13 ކުޑަ އަށި އަދި 4 ބޮޑު އަށި ހަދާފައިވެ އެވެ. ކުޑަގިރީގައި ގާއިމުކޮށްފައިވާ ކުޅިވަރުގެ ވަސީލަތްތަކުގެ ތެރޭގައި ވޮލީބޯޅަ ކޯޓު، ބާސްކެޓްބޯޅަ ކޯޓު، އައުޓްޑޯ މިނީ ފުޓްބޯޅަ ކޯޓު، ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ޕްލޭގްރައުންޑް، ޑައިވް ސެންޓަރު އަދި ވޯޓާ ސްޕޯޓްސް ސެންޓަރު ހިމެނެ އެވެ.

މީގެއިތުރުން އެޑްމިން ބިލްޑިން އަކާއި، ފްރަންޓް އޮފީހެއްގެ އިތުރުން ސެކިއުރިޓީ ބެލެހެއްޓުމަށް ސެކިއުރިޓީ އޮފީހަކާއި 44 ސީސީޓީވީ ކެމެރާ މި ރަށުގެ އެކި ސަރަހައްދުގައި ގާއިމުކޮށްފައިވެ އެވެ.

ކުޑަގިރިއަށް ދަތުރުދާން ބޭނުންވާ މީހުންނަށް މާލެ އާއި ހުޅުމާލެއިން ޓިކެޓް ދޫކުރުމުގެ އިންތިޒާމްތައްވެސް ހަމަޖެހިފައިވެ އެވެ.