ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކޯލިޝަން ހެދުމުގެ ބާރު ރައީސްއަށް ދެނީ

Feb 15, 2023

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކޯލިޝަނެއް ހެދުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ބޭނުންވާނަމަ އެކަމުގައި ގޮތެއް ނިންމެވުމުގެ ބާރު އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ގޮތް ހެދުމަށް އެމްޑީޕީގެ ގައުމީ މަޖިލިސް އެއްވުމަށް ނިންމައިފި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް މެންބަރުން އަވަސް އަށް ވިދާޅުވީ މިރޭ 8:30 ގައި އިއްޒުއްދީން ސްކޫލުގައި ބާއްވާ ގައުމީ މަޖިލީހުގެ ބައްދަލުވުމަށް އެޖެންޑާ ކޮށްފައިވާ މައިގަނޑު މަސައްކަތަކީ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމުގެ ބާރު ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ދިނުމާ މެދު ގޮތެއް ނިންމުމެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ގައުމީ މަޖިލީހުގެ ވިސްނުންވެސް މިކަމުގައި ހުރި ގޮތް ބަލާލަން. އެހެންވެ މިރޭ ކޯލިޝަން ހެދުމަށް ރައީސް އަށް ބާރު ދިނުމާ މެދު ގޮތް ނިންމާނެ،" ގައުމީ މަޖިލީހުގެ މެންބަރަކު ވިދާޅުވި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތީ ވެސް އެމްޑީޕީ އިސްވެ އޮވެ ޖޭޕީ، އަދާލަތު އަދި އެމްއާރްއެމްއާ އެކު ހަދާފައިވާ ކޯލިޝަނެއްގެ ތެރެއިންނެވެ.

މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީއަށް އަމަލުކުރަން ފެށި ފަހުން ވެރިކަމަށް ވަޑައިގެންނެވި ކޮންމެ ބޭފުޅަކު ވެސް ވެރިކަމާ ހަވާލުވެވަޑައިގަތީ ކޯލިޝަނާ އެކު އެވެ. އެކަމަކު ރައީސް ސޯލިހަށް ނޫން ބޭފުޅަކަށް ވެރިކަން ދެމެހެއްޓޭ ގޮތެއް ނުވެ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ ވެސް ވީހާވެސް ބޮޑު ކޯލިޝަނެއް ހަދައިގެން ކުރިއަށްދާ ބަޔަކަށް ކަމަށްވާތީ ކޯލިޝަނެއް ހައްދަވާނެ ކަަމަށް ރައީސް ސޯލިހް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ނަމަވެސް ރައީސް ސޯލިހާ އެކު ކޯލިޝަނެއް ހަދައިގެން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ނިކުންނާނެ ކަމަކަށް އަދި އެއްވެސް ޕާޓީއަކުން ހާމައެއް ނުކުރެ އެވެ.

ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމުގެ ބާރު ރައީސް ސޯލިހަށް ދިނުމަށްޓަކައި ގޮތެއް ނިންމުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް މިރޭ ބާއްވާއިރު އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ސޯލިހާ ރަސްމީކޮށް ހަވާލުކުރުމަށް އަންނަ ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ހާއްސަ ޖަލްސާއެއް ބޭއްވުމަށްވެސް އެމްޑީޕީން ވަނީ ނިންމާފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހަށް 61 ޕަސަންޓް -- 24،572 ވޯޓު ލިބިވަޑައިގެންނެވި އެވެ. ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގަތީ 15،631 ވޯޓު -- 39 ޕަސަންޓެވެ.

ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށްފަހު ރައީސް ސޯލިހް ވަނީ ތަފާތު ހިޔާލުތައް އެއް ފަރާތްކޮށް މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރަން އެންމެން އެކުގައި މަސައްކަތް ކުރުމަށްވެސް ގޮވާލައްވާފަ އެވެ.