ފިނިޕޭޖް

ލޯބިވާ އަންބެއް ލިބުނީ "ޝޭރްޝާހް"ގެ ސަބަބުން: ސިދާރްތު

އިންޑިޔާގައި ކުރެވުނު ހަނގުރާމައެއްގައި ބައިވެރިވި އެ ގައުމުގެ ސިފައިންގެ މީހަކު އޭނާގެ ފުރާނައިން ވީ ގުރުބާނީގެ ވާހަކަ ކިޔައިދިން "ޝޭރްޝާހް" ކުޅެން ސޮއިކުރިއިރު ފިލްމު ބަތަލު ސިދާޜްތު މަލްހޯތުރާ އާއި ބަތަލާ ކިއާރާ އަދުވާނީ އަކަށް މި ފިލްމަކީ އެމީހުންގެ މުޅި ދިރިއުޅުން ބަދަލުކޮށްލާނެ ފިލްމަކަށް ވެދާނެ ކަމަކަށް ހީކުރެވިފައެއް ނެތެވެ. އެމީހުންގެ އަމިއްލަ ހަޔާތުގެ ލޯބީގެ ވާހަކަ ވެސް މި ފިލްމުގެ ސްކްރިޕްޓާ ގުޅި ލާމެހިފައިވާ ކަމަކަށް އެމީހުން ހިތަށް ވެސް ނާރަ އެވެ. އެކަމަކު މީގެ މަހެއްހާ ދުވަސް ކުރިން ސިދާރްތު އާއި ކިއާރާ ވަނީ ކައިވެނިކޮށްފަ އެވެ.

ކައިވެންޏަށްފަހު ދިން އިންޓަވިއު އެއްގައި ސިދާރްތު ބުނި ގޮތުގައި ކިއާރާ އާއި އޭނާ ގުޅުވައިދިނީ ތަގްދީރެވެ. ކައިވެންޏަށްފަހު ފަހު އެމީހުންނަށް އިހްސާސްވީ "ޝޭރްޝާހް"ގައި ދައްކާފައިވަނީ ވިކްރަމް އާއި ޑިމްޕަލް އަކީ ޚުދް އެމީހުން ކަމަށެވެ. އަދި ފިލްމުގައި އެމީހުންނަށް ލޯބި ހާސިލު ނުވިޔަސް ހަގީގަތުގައި ލޯބި ހާސިލުވެއްޖެ ކަމުގެ އިހްސާސް ކުރެވުނު ކަމަށް ސިދާރްތު ބުންޏެވެ.

އޭނާއަށް ކިއާރާ އާ ގުޅުމުގެ ފުރުސަތު ލިބުމުގެ ހުރިހާ ވެސް ކްރެޑިޓެއް ސިދާރްތު ދެނީ "ޝޭރްޝާހް" އަށެވެ. ފިލްމުގެ ކާމިޔާބުން އޭނާގެ ކެރިއަރަށް ލިބުނު ކުރިއެރުމުގެ އިތުރުން ކިއާރާ ވެސް އަންބެއްގެ ގޮތުގައި ލިބުނީތީ އެވެ.

ސިދާރްތު ބުނި ގޮތުގައި އޭނާގެ ކައިވެނި އޮތީ މާ ކުރިއްސުރެ ތަގްދީރުގައި ލިޔެވިފަ އެވެ. ވީމާ ވާން އޮތް ކަމެއް ވާނޭ ބުނާ އުސޫލުން އެ ކައިވެނި ވެސް ވީކަމަށެވެ.

މި ކައިވެނީގައި "ޝޭރްޝާހް"ގައި ދެއްކި އަސްލު އޮފިސަރު ވިކްރަމް ބަޓްރާގެ އެއްމާބާނޑު ކޮއްކޮ ވިޝާލް ބައިވެރިވި އެވެ. އަދި ސިދާރްތު އާއި ކިއާރާގެ ކައިވެނި ފެނިފައި ވިޝާލް އަށް ވަރަށް އަސަރުކޮށް ރޮވުނެވެ. އޭނާގެ ކޮއްކޮ އަށް މި ދުނިޔެއިން އޭނާގެ ލޯބިވާ ޑިމްޕަލް ނުލިބުނަސް ކޮއްކޮގެ ރޯލު ކުޅުނު ސިދާރްތު އަށް އެ ފުރުސަތު ލިބުނީމަ ލިބުނު އުފަލެއްގެ ބޮޑުކަމުންނެވެ.

ކިއާރާ ބުނި ގޮތުގައި ކައިވެންޏަށްފަހު އޭނާ ހޭދަކުރަމުންދަނީ ވަރަށް އުފާވެރި ދުވަސް ތަކެކެވެ.